މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރްޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައްވައިފިއެވެ.

މިފުރްޞަތު ހުޅުއްވާލައްވައި، އެ އޮފީހުން މިއަދު ނެރުއްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައިވާ އިޢްލާނުގައިވާ ގޮތުން، މި ފުރްޞަތު ހުޅުއްވާލައްވާފައިވަނީ، މިއަދުން ފެށިގެން އޭޕްރިލް މަހުގެ 8ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަކީ، އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ޤާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން ހޯދުމާއި ލިބިގަތުމާއި، މިލްކު ކުރުމާއި، އަމިއްލަ ނަމުގައި މުޢާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ ތަނެކެވެ.

ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާނީ 7 (ހަތެއް) މެންބަރުންގެ މައްޗަށް ކަމަށެވެ. އަދި މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ޢައްޔަނު ކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިޤްރާރު ދޫކުރުމާއި، ފޯމާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު، ހެނދުނު 8:30 އިން މެންދުރުފަހު 2:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ، www.presidencymaldives.gov.mv އެވެ.