ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމަށް ހެންވޭރު ނީލްވިލާ ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިން މިއަދު ޢައްޔަން ކުރައްވައި، އެމަނިކުފާނަށް އެކަމުގެ ލިޔުން ދެއްވައިފިއެވެ. ލިޔުން ދެއްވުން އޮތީ، މިކަމަށްޓަކައި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިން، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކުރައްވާފައިވާ ޚިދްމަތްތައް ފާހަގަކުރައްވަމުން، އެމަނިކުފާނުގެ ތަޖްރިބާ، ޤައުމީ ޔުނިވަރސިޓީގެ ކުރިއެރުމަށްޓަކައި ލިބިވަޑައިގަންނަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނަކީ، ރާއްޖޭގެ ތަޢުލީމީ ވަޒީރުކަން 11 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ކުރައްވާފައިވާ އަދި ތަޢުލީމީ ދާއިރާއަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ރާއްޖޭގެ ތަޢުލީމީ ޙާލަތު ރަނގަޅު ކުރައްވައި، ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި އެމަނިކުފާނު ވަނީ ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނަކީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމުގެ މަގާމުގެ އިތުރުން، މިނިސްޓަރ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސް ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ޕްރެޒިޑެންޓް ކަމާއި، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރ ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.