ރާއްޖޭގެ ރަށްރަށުގައި ފިތުނަފަސާދަ އުފައްދަން އުޅޭ މީހުންނަށް އެ ފުރުޞަތު ނުދެއްވުމަށާއި އެހީތެރިކަން ނުދެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ފުވައްމުލަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވަ ދަތުރުފުޅުގައި، ފުވައްމުލަކު ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށާއި، މިއީ އެއްގޮތަކަށްވެސް ހިނގައިގެންވާނެ ކަންކަމެއްނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ޤައުމަކީ އެއްވެސް އިރެއްގައި ދާޚިލީ ތަޅާފޮޅުންތަކެއް ހިނގާފައިވާ ޤައުމެއް ނޫންކަން ފާހަގަކުރައްވަމުން، ސިޔާސީ ކޯޅުންގަނޑަކީ މުޅި ޤައުމަށް އެކަމުން ފައިދާކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޚިޔާލު ތަފާތުވުންތައް ފުވައްމުލަކުގައިވެސް އެބަހުރި ކަމަށާއި، އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެންނަމުންދަނީ ސުލްހަވެރިކަމާއެކު ކަންކަން ނިންމަމުން ގެންދާތަން ކަމުގައި ވިދާޅުވިއެވެ. ދިވެހި ޤައުމަކީ، ހަލާކާއި ނުރައްކަލާ ކުރިމަތިވާ ވަރަށްވުރެ މާ އެއްބައިވަންތަ ޤައުމެއް ކަމަށާއި، އެހެންކަމުން، ފިތުނަ ފަސާދަ އުފައްދައި މީހުންނެއް ރައްޔިތުން ގަބޫލެއް ނުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ގެއްލުންދީފައި އަނިޔާކޮށްފައި ސަލާމަތުން ތިބެވޭނެ ކަމަށް އެއްވެސް ރައްޔިތަކު ހީކޮށްގެން ނުވާނެ ކަމަށާއި، އެފަދަ ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުވައްމުލަކުގެ ތަރައްޤީއަށްޓަކައި ކުރިއަށް އޮތްތާނގައި މި ސަރުކާރުންވެސް ކަންތައްތައް ކުރައްވަމުން ގެންދަވާނެކަން ހާމަކުރެއްވިއެވެ. މިގޮތުން، ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ރަނގަޅު ބޯޅަދަނޑުތައް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ޒުވާނުންނަށް ވަޒީފާ ލިބޭނެ މަޝްރޫޢުތައްވެސް ހިންގަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ފުވައްމުލަކުން މަތީ ތަޢްލީމު ޙާޞިލު ކުރުމުގެ ފުރުޞަތުވެސް ތަނަވަސްކޮށްދެއްވާނެ ކަމަށާއި، ފުވައްމުލަކު އެއަރޕޯޓް މިހާރަށްވުރެ ރަނގަޅަށް ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފުވައްމުލަކު ގިރަމުންދާތީ، އެކަންވެސް ޙައްލުކުރުމަށް ގޮތްތަކެއް ނެރުއްވައި، އެކަން ޙައްލުކޮށްދެއްވާނެ ކަމަށާއި، ބޯފެނާއި ނަރުދަނާގެ ޚިދްމަތްވެސް ކުރިއަށް އޮތް ތާނގައި ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޢިނާޔަތްތައް ހުއްޓުމެއްނެތި ދެއްވަމުން ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ޤައުމު ފުންވަޅުގަނޑަކަށް ވެއްޓުނަ ނުދެއްވާނެ ކަމަށާއި، ސަރުކާރުން ފަށްޓަވާފައިވާ ދަތުރު ސާބިތުކަމާއެކު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޤާނޫނުއަސާސީ ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް ލިބިދިނުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދިވެހި ރައްޔިތުން ސަރުކާރާ ދެކޮޅަށް ތެދުވަން ޖެހުނީ ޑިމޮކްރަސީއަށް ގޮންޖެހީމައެވެ.