ފުވައްމުލަކުގައި ޤާއިމްކުރި އައުޓްޕޭޝަންޓް ރީހެބިލިޓޭޝަން ސެންޓަރ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހަވީރު ހުޅުއްވައިދެއްވައިފިއެވެ. މިކަމަށްޓަކައި އެ މަރްކަޒުގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މަސްތުވާތަކެތީގެ އަސަރު ކޮށްފައިވާ ކުދިންނަށް އެހީތެރިވެދިނުމަށްޓަކައި، އެފަދަ މަރްކަޒެއް ފުވައްމުލަކުގައި ޤާއިމްކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ސަރުކާރުން އިސްނަންގަވައިގެން، މިކަން ކުރެއްވުމުގެ މާކުރިން، ފުވައްމުލަކުގައި މިކަމުގެ އެހީތެރިކަމަށް ބޭނުންވާ ކުދިން އަމިއްލައަށް އިސްނަގައިގެން، [އޯޕަން ހޭންޑްސް]ގެ ނަމުގައި އަމިއްލަ ޖަމާޢަތެއް އުފައްދައިގެން، މަސައްކަތް ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެ ޖަމާޢަތުން އެކުރާ މަސައްކަތް، ސަރުކާރުން ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ބަލައިގަންނަ ކަމަށް ވިދާޅުވިއެވެ. އަދި މިގޮތުން ކުރެވޭ މަސައްކަތްތަކަށް ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވުމަކީ، ސަރުކާރުގެ ވާޖިބެއް ކަމަށާއި، އެހެންކަމުން، މިފަދަ މަރްކަޒެއް ޤާއިމްކުރެއްވީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއަދު އެގްރީމަންޓް ކުރެވުނު ފަދައިން، އެހީއަށް ބޭނުންވާ ކުދިން، އޯޕަން ހޭންޑްސްގެ ފަރާތުން މި މަރްކަޒަށް ގެނެސް، އެކުދިންނަށް ދޭންޖެހޭ އެހީތެރިކަން ދެމުން ގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިންނަށް، އެކަމުގެ މަސްތުން ސަލާމަތްވެ، ޢާންމު ދިރިއުޅުމަށް، މުޖްތަމަޢުގެ ތެރެއަށް ނުކުމެ އުޅެވޭނެ މަގު، މުސްތަޤްބަލުގައި ފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.