ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހެނދުނު ފުވައްމުލަކަށް ވަޑައިގެންފިއެވެ. ފުވައްމުލަކުން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވީ، ވަރަށް ހޫނު މަރްޙަބާއެކެވެ. ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކަށް ފައިބާވަޑައިގެންނެވިއިރު، ފުވައްމުލަކު ކައުންސިލްތަކުގެ މެންބަރުންނާއި، ފުވައްމުލަކުގައި ހިނގަމުންދާ އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި، ވަރަށްގިނަ ޢަދަދެއްގެ ރައްޔިތުން، އެމަނިކުފާނުގެ އިސްތިޤްބާލުގައި ތިއްބެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފުރަތަމަ އެމަނިކުފާނު ޒިޔާރަތް ކުރެއްވީ، ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށެވެ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، ހޮސްޕިޓަލްގެ އިސްވެރިންނާ ބައްދަލުކުރައްވައި، ހޮސްޕިޓަލުންދޭ ޚިދްމަތްތަކާ ބެހޭގޮތުންނާއި، އެ ޚިދްމަތްތައް ފުޅާކުރުމަށް ކުރެވެންހުރި މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ފުވައްމުލަކު ކައުންސިލްތަކާވެސް ބައްދަލުކުރައްވާނެއެވެ. އަދި ފުވައްމުލަކު ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.