މިދިޔަ ތިންއަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ޑިމޮކްރަސީއަށް ކުރިމަތިވީ ވަރަށް ނުރައްކާތެރި ގޮންޖެހުންތަކެއް ކަމަށާއި، އަޅުގަނޑުމެން މިހާރު މިތިބީ، އެ ގޮންޖެހުންތައް ފިލުވާލަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އައްޑޫސިޓީއަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އައްޑުއަތޮޅު ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އަޅުގަނޑުމެން މިއުޅެނީކީ، ޑިމޮކްރަސީގެ ގަޑި ފަހަތަށް އަނބުރާލާކަށް ނޫނެވެ. އަޅުގަނޑުމެން މިއުޅެނީ ޑިމޮކްރަސީއާގެން ކުރިއަށްދާށެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މީހުން ރޭގަނޑު ނިދާފައި ތިއްބައި، ދަންވަރު ވަގަށް ނަގައިގެން ގެންގޮސް ގެއްލުވާލުން އެއީ، ޑިމޮކްރަސީ ކަމަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ ކަމަށް ވިދާޅުވިއެވެ. "ޑިމޮކްރަސީ ރާއްޖެއަށް ގެނައުމަށްޓަކައި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެން އެންމެ ބޮޑަށް އަގުކުރި އެއްކަމަކީ، ބިރުން ސަލާމަތްވުން. ބިރުން މިނިވަންވުން. ވާހަކައަކީ އަޅުގަނޑުމެން ނިދާފައި ތިއްބާ، ނަގައިގަނެގެން ގެންގޮސް، ޖަލަށްނުލާނެ ކަމުގެ ޔަޤީންކަން ލިބުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، އެންމެފަހުން އައިސް، ރައީސް ނަޝީދުގެ ވެރިކަމުގައި، އެ މިނިވަންކަން، އެ ޙައްޤު، އެ ޔަޤީންކަން އަޅުގަނޑުމެންނަށް ގެއްލިގެންދިޔައީކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އައްޑުއަތޮޅަށް ދީފައިވާ ގެއްލުންތައް ވަރަށް ބޮޑަށް ކުށްވެރިކުރެއްވިއެވެ. އަދި އައްޑުއަތޮޅުން އަންދާލާފައި ހުރި ރައްޔިތުންގެ ޢިމާރާތްތަކުން މިއަދު ފެނިގެން މިދަނީ ދިވެހިރާއްޖޭގައި ދުވަހަކުވެސް އަދި މިހާތަނަށް ފެނިފައިނުވާ މަންޒަރެއް ކަމަށާއި، ދިވެހިރާއްޖޭގައި އޮތް އެންމެބޮޑު ދެވަނަ އާބާދީގެ އެންމެންގެ ޙައްޤުތައް މިވަނީ އަންދާލާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މުޅި އާބާދީއެއްގެ ޙައްޤުތައް އެގޮތަށް ނަގާލައި، އެގޮތަށް އަންދާލުމަކީ، އެއީ އެންމެ ފަރުދަކަށް، ދެމީހަކަށް، ޢާއިލާއަކަށް ކުރެވުނު ޖަރީމާއެއް ނޫން ކަމަށާއި، އެ ޖަރީމާއަކީ މުޅި އާބާދީއަކަށް ކުރެވުނު ޖަރީމާއެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންވީމާ، އެއީ، އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާއެއް ކަމަށާއި، އެކަމަށް އޯޑަރު ދިން ފަރާތްތަކަށް ދަޢުވާ ކުރަންޖެހޭނީ، މުޅި އިންސާނިއްޔަތަށް ޖަރީމާ ހިންގި ބައެއްގެ ގޮތުގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެ ޢިމާރާތްތަކަށް ގެއްލުންދީ ހުޅުޖަހައި ހެދި މީހުންނާމެދު ދަޢުވާ ނުކުރުމަށް އެމްޑީޕީން އެދެމުންދިޔަ ކަމުގައިވިޔަސް، ކޮންމެ މީހަކު ކޮންމެ އެއްޗެއްކިޔަސް، ކޮންމެ ޤައުމަކުން އައިސް، ކޮންމެ އެއްޗެއް ބުންޏަސް، އައްޑޫ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގެން، ޖަރީމާ ހިންގާފައި ތިބި ހުރިހާ އެންމެންނާ މެދުގައި ޝަރީޢަތް ހިންގުމަށްޓަކައި އެޅުއްވެންއޮތް ހުރިހާ ބާރެއް އަޅުއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ، މާގިނަ ދުވަސްތަކެއް ނުކޮށް، އައްޑޫގެ ޢިމާރާތްތައް އަލުން އާބާދުކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް އައްޑޫ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިއަދު ދިވެހިރާއްޖެއަށް ބޭނުންވަނީކީ ބައިބައިކުރުމެއް ނޫންކަމަށް ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައިވަނީ ވަރަށް ފުން ވަޅުގަނޑުތަކެއް އުފެދިފައި ކަމަށެވެ. އެހެންކަމުން، އަޅުގަނޑުމެން މިއަދު މިޖެހެނީ، މި ވަޅުގަނޑުތައް ބައްދައި އޮމާންކޮށްގެން ކުރިއަށް ގޮސް، އިންޞާފްވެރި، ހަމަހަމަ އިންތިޚާބެއް ބާއްވައިގެން، އަނެއްކާވެސް ކުރިއަށްދާށެވެ. "އަޅުގަނޑުމެން ޑިމޮކްރަސީ ފަހަތަކަށް ނުޖައްސާނަން. ކޮންމެ މީހަކު ކޮންމެ އެއްޗެއްކިޔަސް، ޑިމޮކްރަސީ ފަހަތަށް ޖެއްސުމެއް ނެތް. ޑިމޮކްރަސީގެ މަސައްކަތުގައި އުޅެއުޅެ، އަޅުގަނޑުމެން މިވަރުވެފައި މިތިބީ. މިޤައުމުގެ ޑިމޮކްރަސީގެ ބައްޕައަކީ ނަޝީދެއް ނޫން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެންމެންނާ ދޭތެރޭގައި ޢަމަލުކުރައްވާނީ ހަމަހަމަކޮށް ކަމަށާއި، އެމީހަކު ނިސްބަތްވާ ޕާޓީއަކަށް، ކުލައަކަށް ނުބައްލަވާނެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި އެންމެން އެއްބައިވެގެން، މިޤައުމު ސަލާމަތުގެ އައްސޭރިއަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.