އެއްވެސް ބަޔަކު ތަފާތުނުކޮށް، އިންޞާފުވެރިކަމާއެކީގައި، ކޮންމެ ޕާޓީއެއްގެ މީހަކަށްވިޔަސް، ކޮންމެ ކުލައެއްގެ މީހަކަށްވިޔަސް، ކޮންމެ ރަށެއްގެ މީހަކަށްވިޔަސް، ހަމަހަމަކަމާއެކީގައި، މި ސަރުކާރުން ކަންތައް ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ، އައްޑޫސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހުޅުމީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެން ހުންނެވީ ހަމަ އެންމެ މަޤްޞަދެއްގައި ކަމަށާއި، އެ މަޤްސަދަކީ، ދިވެހި ޤައުމު އެއްބައިވަންތަކޮށް، ދިވެހި ޤައުމު ކުރިއަށް ގެންގޮސް، އަޅުގަނޑުމެންގެ މުސްތަޤްބަލަށްޓަކައި އަމާން، އޮމާން، ރާސްތާއެއް ޤާއިމްކުރެއްވުމަށްޓަކައި ކަމުގައި ވިދާޅުވިއެވެ. އަދި، މިކަމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަން ބޭނުންފުޅުވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޢަދުލު އިންޞާފް ޤާއިމް ކުރުމަށް ހުރަހެއް އެޅުއްވުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ. "އަޅުގަނޑު ތިޔަބޭފުޅުންނަށް ވަޢުދުވަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ އަޅުގަނޑުވެސް، އަޅުގަނޑުމެންގެ ސަރުކާރުގެ އެއްވެސް ބޭފުޅަކުވެސް ޤާނޫނުއަސާސީއަކާ ޚިލާފެއް ނުވާނަން. އަދި ޤާނޫނުތައް ދަމަހައްޓައި، ޢަދުލު އިންޞާފް ޤާއިމް ކުރުމަށްޓަކައި އަޅުގަނޑުމެން ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ،

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޤައުމަށް މިހާރު އައިސްފައިމިވާ ބަދަލު އައުމާ ގުޅިގެން، ރައްޔިތުންނަށްޓަކައި ރޭވިފައިވާ، ރައްޔިތުންނަށް ފައިދާހުރި މަޝްރޫޢުތައް، ކުރިއަށް ގެންދަވާނެ ކަމަށާއި، ސަރުކާރުގެ ފަރާތުން މިހާރު ދެއްވަމުން ގެންދަވާ ޢިނާޔަތްތައްވެސް މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ހުޅުމީދުއަށް ރައީސުލްޖުމްހޫރިއްޔާ މިކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ޞިއްޙީ މަރުކަޒު ބައްލަވާލެއްވިއެވެ. އަދި ހުޅުމީދޫ ކޯޓު ބަޔަކު އަންދާލާފައިވާތީ، އެ ސަރަޙައްދަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވިއެވެ.
ހުޅުމީދޫއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީ ފޭދޫއަށެވެ. ފޭދޫ ކޯޓު އަންދާލާފައިވާ ސަރަޙައްދުވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.