އިސްލާމްދީނަކީ ތަރައްޤީއަށް ހުރަސްއަޅާ ދީނެއް ނޫން ކަމަށާއި، އިސްލާމްދީނަކީ ތަރައްޤީއާއި ތަހުޒީބަށް ދަޢުވަތުދޭ، އުފެއްދުންތެރިކަމާއި ހޯދުންތަކަށް ޖާގަދީފައިވާ ދީނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިންތިޒާމް ކުރައްވައިގެން، މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އިސްލާމްދީނަކީ، އެވަގުތަކާއި ޒަމާނަށް ފެތޭގޮތަށް، ސައެންސާއި ޓެކްނޮލޮޖީގައި ރަންވަނަތަކެއް ހޯދާފައިވާ، ފަޚުރުވެރި މާޒީއެއް އޮތް އަގުހުރި ދީނެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިސްލާމްދީނުގެ އަލިކަން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދިޔަކަން އެއީ، މާތްﷲ ލެއްވި ވަރަށްބޮޑު ނިޢުމަތެއް އަދި ވަރަށްބޮޑު ރަޙުމަތެއް ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ނިޢުމަތް އަޅުގަނޑުމެންގެ އަތުން ގެއްލިގެން ދިޔުމަށް އެދިއެދި ތިބި ބަޔަކު ތިބިކަން އަބަދުވެސް ހަނދާން ކުރަންވާނެއެވެ. ދިވެހިންނަކީ އިސްލާމްދީންދެކެ ލޯބިވާ ބަޔަކަށްވެގެން މެނުވީ، ޙަޤީޤަތުގައި އެންމެ ފުރިހަމައަށް މި ދީން ރައްކާތެރި ނުކުރެވޭނެއެވެ.

އިސްލާމްދީނާމެދު ބައެއް ފަރާތްތަކުން ވަރަށް ބޮޑެތި ކުށްހީތައްކޮށް، ގިނަ ބަދުނާމުތަކެއް އަޅުވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އިސްލާމްދީނުގެ ޙަޤީޤަތާމެދު ފުންކޮށް ވިސްނާލުމުން، އިސްލާމްދީނަކީ ކޮންމެ ޒަމާނަކާއި ކޮންމެ ތަނަކަށް، ތަނަވަސްވެގެންވާ ދީނެއްކަން ކީރިތި ޤުރުއާނާއި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ސުންނަތުން އެނގި ކަށަވަރުވެގެންދާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާ ފާހަގަކުރަމުންދާ އުފާވެރި މިދަނޑިވަޅުގައި، ޤައުމުގެ މިއަދުގެ ޙާލަތާމެދު ވިސްނާލުމަކީ، ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޒަމާނުއްސުރެ ދިވެހިން ފަޚުރުވެރިވާ ދިވެހި ދީބުގެ އަމާންކަން، ނާމާންކަމަށް، ކޮންމެވެސްވަރަކަށް ބަދަލުވަމުންދާކަމާއި، އިސްލާމީ ފޭރާން ވީދި ހަލާކުވަމުންދާކަން ހިތާމައާއެކު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި މާރާމާރީ ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން އިތުރުވަމުން ދިޔުމާއި، މައިންބަފައިންނާއި، ދުވަސްވީ މީހުންނަށް އިޙްތިރާމް ކުޑަކުރާތަން، މަދުންނަމަވެސް ފެންނަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ޤައުމަށް އައިސްފައިވާ ބަދަލުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މި ބަދަލަކީ، މާތްﷲގެ ރަޙުމަތްފުޅުން އައި ބަދަލެއް ކަމަށާއި، ބަޔަކު މީހުން ރާވައިގެން ގެނައި ބަދަލެއް ނޫން ކަމުގައި ވިދާޅުވިއެވެ. ކުރީގެ ސަރުކާރުގެ ބައެއް ޢަމަލުތައް ހުރިގޮތުންނާއި، ރައްޔިތުންގެ މެދުގައި ތަފާތު ކުރުންތަކެއް ގެންގުޅުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ނުކުމެ، ކުރީގެ ސަރުކާރާ ދެކޮޅަށް އިޙްތިޖާޖު ކުރަމުން ގެންދިޔަ ގެންދިޔުމުގައި، މިފަދަ ބަދަލެއް ގެނައުމުގެ އެއްވެސް މަޤްޞަދެއް ނެތްކަން ގަބޫލުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި އިޙްތިޖާޖުތަކުގައި ޤައުމުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަމަށް އިސްކަންދީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބާރު ނެގެހެއްޓުމުގެ ގޮތުން ހިތްވަރުގަދަ ދިވެހި ދަރިންތަކެއް، ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ރައްޔިތުންނަކީ ޞުލްޙަމަސަލަސްކަމަށް ލޯބިކުރާ، މާތްވެގެންވާ އިސްލާމްދީނުގެ ވަހުދަތު ހަރުދަނާކޮށް ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރާ، މާތް އަޚުލާޤެއްގެ ވެރި ބައެއްކަން އަބަދުވެސް ގަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިޤައުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޤައުމެވެ. މިއީ، ވަކިބައެއްގެ ޤައުމެއް ނޫނެވެ. އަދި ވަކި ކުލައަކަށް ތަބަޢަވާ ބައެއްގެ ޤައުމެއްވެސް ނޫނެވެ. މި ޤައުމުދެކެ ލޯބިވަނީވެސް ވަކި ބައެއް ނޫނެވެ. އަޅުގަނޑުމެން އެންމެންވެސް މި ޤައުމުދެކެ ލޯބިވަމެވެ. އެހެންކަމުން، މިޤައުމުގެ ހަމަޖެހުމާއި، އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި އަދި މިޤައުމުގެ މުސްތަޤްބަލަށްޓަކައި މަސައްކަތް ކުރުމަކީ، ޤައުމުދެކެ ލޯބިވާ ކޮންމެ ދިވެހި ދަރިއަކު އަދާކުރަންޖެހޭ ދީނީ އަދި ޤައުމީ ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައިވެސް، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ޔަޤީންކޮށްދީފައިވާ ދައުލަތުގެ ތިންބާރު ހަރުދަނާކޮށް، ޖުޑީޝަރީއާއި ޝަރުޢީ ކޯޓުތަކަކީ، ދިވެހި ރައްޔިތުންގެ ޤަދަރާއި އިޙްތިރާމް ލިބިގެންވާ ތަންތަން ކަމުގައި ހެދުމަށް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ. މި މަޤުޞަދު ޙާޞިލު ކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ހުއްޓުމެއްނެތި ކުރައްވަމުން ގެންދަވާ ކަމަށާއި، މިކަން މިގޮތަށް ކުރެއްވުމަށްޓަކައި ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލެއްވުން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހި ޤައުމުގެ އިޖުތިމާޢީ ފޭރާން ވީދިފައިވާ މިދަނޑިވަޅުގައި ޤައުމަށް ޞުލްޙަމަސަލަސްކަން ގެނެސް، މިޤައުމުގެ އަމަންއަމާންކަމާއި އިޖްތިމާޢީ ރައްކާތެރިކަމާއި، ދުޅަހެޔޮކަން ޤާއިމު ކުރުމަށްޓަކައި، ޤައުމުގެ ކަމުވޮށިވެގެންވާ މީހުންނާއި، ހަރުމީހުންނާއި ފުދުންތެރިންނާއި، ތަފާތު ގޮތްގޮތުން ޤައުމަށް ޚިދުމަތް ކޮށްދެއްވާފައިވާ އެންމެހައި ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންފުޅުވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހި ޤައުމުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރަމުން މިގެންދާ ބުރަ މަސައްކަތުގައި، ރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު ސަރުކާރަށް ލިބިގެން ދިޔުމަކީ، މިޤައުމު، އަމާން ބަނދަރަކަށް ގެންދިޔުމަށްޓަކައި މިކުރާ ދަތުރުގައި، ހަރުދަނާކަމާ އެކުގައި ދެމިތިބުމަށް ވަރަށް ބޭނުންތެރި ކަމެއްކަން، ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ. އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އާހިތްވަރަކާއި އާ ޢަޒުމަކާއެކު، މިޤައުމު އަމާންކަމުގެ އައްސޭރިއަށް ގެންދިޔުމަށް ފަށާފައިވާ މިދަތުރުގައި ސާބިތުވެ ތިއްބެވުމަށް، ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ޤައުމުގައި ސިޔާސީގޮތުން ޚިޔާލު ތަފާތުވާ ކޮންމެ ވަގުތަކު، މަގުމައްޗަށް ނުކުމެ، މާރާމާރީ ހިންގުމަށާއި، ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދީ، އަލިފާން ރޯކޮށް، މިބާވަތުގެ ޣައިރު ޤާނޫނީ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ކޮށް، މިބާވަތުގެ ޢަމަލުތައް ހިންގުމަށް ހިތްވަރުދީގެން ނުވާނެކަމަށް ވިދާޅުވިއެވެ. އަދި މިބާވަތުގެ ޖަރީމާތައް ހިންގުމަށް، އެއްވެސް ޖާގައެއް ނުދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް، ރާއްޖޭގެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.