ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އ.ދ.ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އޮސްކާ ފެނާންޑޭޒް-ޓަރަންކޯއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީގެ ވަގުތެއްގައި ހިލާލީގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙަށް މިހާރު ކުރިމަތިވެފައިވާ ހަލަބޮލިކަމާއި، އެމައްސަލަތައް ޙައްލުކުރެއްވުމަށްޓަކައި އެމަނިކުފާނު އަމަލުކުރައްވަމުން ގެންދަވާ ގޮތުގެ މަޢުލޫމާތު އ.ދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލަށް ދެއްވިއެވެ. އަދި ރާއްޖޭގެ ޤާނޫނާއި ގަވާއިދުތައް ހިމާޔަތްކުރެއްވުމާއެކު، ޤައުމުގައި އުފެދިފައިވާ ހަމަނުޖެހުންތައް ނައްތާލައްވައި އަމާން މާޙައުލެއް ޤާއިމްކުރެއްވުމަކީ އެންމެ މުހިންމު މަސްއޫލިއްޔަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރެއްވުމުގައި އ.ދ.އިން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް މަރްޙަބާ ވިދާޅުވިއެވެ.