بســم اللّـه الرّحمـن الرّحيــم

ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް އަލްފާޟިލް މުޙަންމަދު ނަޝީދު، ސްކައުޓް ކޮމިޝަނަރ އަލްފާޟިލް އަޙްމަދު ޢަލިމަނިކު، ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކައުންސިލް މެންބަރުންނާއި، އެގްޒެކެޓިވް ކައުންސިލްގެ ބޭފުޅުން، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހިރާއްޖޭގެ ސްކޫލްތަކުން ތަޢުލީމު ޙާޞިލްކޮށްގެން ނުކުތް ގިނަ ކުދިންތަކަކީ، އެކުދިންގެ ޙަޔާތުގައި ކޮންމެވެސްއިރެއްގައި، ސްކައުޓްގެ ތަޖްރިބާ ލިބިފައިވާ ކުދިން. އަދި އޭގެ ސަބަބުން، އެކުދިންނަށް ލިބުނު ތަޢުލީމު، ލިބުނު އެކަޑަމިކް ތަޢުލީމުގެ އިތުރުން، ދިރިއުޅުމުގައި ބޭނުންވާ ކިތަންމެ ހުނަރުތަކަކާއި ކަންތައްތަކެއް ދަސްވެފައިވާ ކުދިން.

އާދެ! ސްކައުޓް ޙަރަކާތުގެ އެންމެބޮޑު އެއް ބޭނުމަކީ، ސްކައުޓްގައި އުޅޭ ކުދިންނަކީ، އިސްލާމްދީނަށާއި ޤައުމަށް ވަފާތެރި އަދި އެހެން މީހުންނަށް އެހީތެރިވާ، ސްކައުޓްގެ ޤަވާޢިދުތަކަށް ބޯލަނބާ ކުއްޖަކަށްވުން. އެނގިވަޑައިގަންނަވާނެ ފަދައިން، ސްކައުޓްގެ ޤަވާޢިދުތަކަކީ، ބޮޑުވަމުން އަންނަ ކުދިންގެ އަޚްލާޤާއި، ދިރިއުޅުމުގެ ހުނަރުތައް ކުރިއެރުވުމަށްޓަކައި ހެދިފައިވާ ޤަވާޢިދުތަކެއް. މިގޮތުން، ތިމާއަކީ އެހެން މީހުންނަށް އިތުބާރު ކުރެވޭ މީހަކަށްވުމާއި، އެހެން މީހުންނަށް ވަފާތެރި މީހަކަށްވުމާއި، އެހީތެރިއަކަށްވުމާއި، އަދި އެކަކު އަނެކަކަށް އިޙްތިރާމްކުރާ މީހަކަށްވުމާއި، ޤާނޫނާއި ޤަވާޢިދުތަކަށް ބޯލަނބާ މީހަކަށްވުން. ޚަރަދުކުޑަ، ސާފު ސާދާ ދިރިއުޅުމެއް އުޅޭ މީހަކަށްވުން. މިހެންގޮސް، ރިވެތި އަޚްލާޤުގެ ކިތަންމެ ކަންކަމެއް، ކުދިންގައި އަށަގެންނެވުމަށްޓަކައި މަސައްކަތްކުރާ ޙަރަކާތެއް، ސްކައުޓް މޫވްމަންޓަކީ.

މިއިން ކޮންމެ ކަމަކީވެސް ހެދިބޮޑުވަމުން އަންނަ ކުއްޖަކަށް ދަސްކޮށްދީ އަދި ޢަމަލީގޮތުން ތަޖްރިބާ ލިބެންޖެހޭ ކަންކަން. އެކުއްޖަކީ ފުރިހަމަ މުވާޠިނަކަށް ހެދުމަށްޓަކައި ކޮންމެހެން ބޭނުން ކަންކަން. އާދެ! ދިވެހިރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ އެންމެބޮޑު ޖަމާޢަތެއްގެ ގޮތުން، ރާއްޖޭގައި ސްކައުޓްގެ ޙަރަކާތް، މެދުކެނޑުމެއްނެތި ހިނގަމުންދާތާ މިހާރު 56 އަހަރު މިވަނީ. ޝައްކެއްނެތް، ވަރަށްގިނަ ބައެއްގެ މިންނެތް މަސައްކަތުން މިހާބޮޑު މަސައްކަތެއް، މިހާ ގިނަދުވަހު މި ދެމިއޮތީ. އެކަމަށްޓަކައި މިއަދުވެސް އަޅުގަނޑުމެން، އެހުރިހާ ފަރާތްތަކަށް، ސްކައުޓް ދިވެހިރާއްޖޭގައި އާލާކޮށް، ސްކައުޓްގެ ޙަރަކާތް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ޝުކުރުވެރިވާންޖެހޭ.

އަދި ހަމައެހެން، ސްކައުޓް ކުރިއެރުވުމަށްޓަކައި މިހާރު ގިނަ މަސައްކަތްތަކެއް ހުރީ ކުރަން ޖެހިފައި. އެގޮތުން، އެންމެ ފުރަތަމަ އަޅުގަނޑުމެން ކުރަންޖެހޭ އެއް މަސައްކަތަކީ، މި ބޭނުންތެރި ޙަރަކާތުގައި ބައިވެރިވާ ކުދިންގެ ޢަދަދު އިތުރުކުރުން. މިކަމަށްޓަކައި މިހާރު ޚާއްޞަކޮށް، ސްކޫލްގެ ކިޔަވައިދިނުމުގެ ކަންތައް އިންތިޒާމް ކުރެވެމުންދާގޮތުން، އެއްދަންފަޅިއަށް ގިނަ ސްކޫލްތަކެއް ބަދަލުވުމާ އެކުގައި، ސްކޫލް ކުދިންނަށް މި ޙަރަކާތުގެ ބޭނުންތެރިކަން، ގިނަ ބަޔަކަށް ލިބިދިނުމަކީ އެއީ، އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް. އެގޮތުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މި އެހީފުޅަށް އަޅުގަނޑު އެދެން. އަދި އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގެ ފަރާތުން މިކަމާބެހޭ އިންތިޒާމްތައް ކުރައްވަމުން ގެންދަވަނީ.

އާދެ! ދެވަނަ ކަމަކަށް އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ކަމަށް ވިސްނެނީ، މިހާރު ސްކޫލް ނިމިގެން ވަރަށްގިނަ ޢަދަދެއްގެ ކުދިން އެބަ ނުކުމޭ. ޢުމުރުން 16 އަހަރުގައި. އެހެންވީމާ، 16 އަހަރާއި 18 އަހަރާ ދެމެދުގެ ސްކޫލް ނިމޭ ކުދިންނަށްވެސް، ސްކައުޓްގައި އުޅެވޭނެ ގޮތެއް، އަޅުގަނޑުމެން އެބަޖެހޭ ހޯދަން. އަޅުގަނޑަށް ޔަޤީންކުރެވޭ ގޮތުގައި، މި ޢުމުރުފުރާގެ ކުދިންނަށް، ސްކައުޓްގައި ޙަރަކާތްތެރިވެ، ސްކައުޓްގެ ތަޖްރިބާތައް ލިބުމުގައި ޤާއިމްވެ ތިބުމަކީ، އެއީ އެކުދިންގެ ޙަޔާތަށް ވަރަށް އެދެވޭ ބަދަލުތަކެއް އަންނާނެ ކަމެއް.

އާދެ! ތިންވަނަ ކަމެއްގެ ގޮތުން، އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ސްކައުޓް މޫވްމަންޓްގައި އެބަޖެހޭ، ރާއްޖޭގެ މާޙައުލުގައި ބޭނުންތެރި ކަންކަން ދަސްކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއްދޭން. އެގޮތުން، މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވަމުން އަންނަ ތިމާވެށީގެ މައްސަލަތައް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް އަންނަ ބަދަލުތަކާއި އަދި ދުނިޔޭގެ ފެންވަރުގައިވެސް މިހާރު ދިމާވަމުން އަންނަ ޤުދްރަތީ އަދި އެހެނިހެން ކާރިޘާތަކާއި، ބަލިމަޑުކަންފަދަ ކަންކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުވުމާއި އަދި މިކަމުގައި ސްކައުޓްގެ އެހީތެރިކަން ކުރިއެރުވޭނެ ގޮތެއް އަޅުގަނޑުމެން އެބަ ވިސްނައި، އެކަމުގައި މަސައްކަތްތަކެއް ކުރަންޖެހޭ.

އަޅުގަނޑުގެ އުންމީދަކީ، ސްކައުޓް ކައުންސިލަކީވެސް ޙަރަކާތްތެރި ކައުންސިލަކަށްވުން. އަދި އެގްޒެކެޓިވް ކައުންސިލްގެ މެންބަރުންގެ އެހީއާ އެކީގައި، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ސްކައުޓް މޫވްމަންޓް، މިހާރަށްވުރެ ވަރުގަދަވެ، ފުރިހަމަވެ، ކުރިއަރަމުން ދިޔުން. އަދި މިފުރްޞަތުގައި އަޅުގަނޑު ސްކައުޓް ކައުންސިލްގެ ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް، މި ކައުންސިލްގެ މެންބަރުކަން ޤަބޫލު ކުރެއްވީތީ، ލައިފްޓައިމް މެންބަރެއްގެ ގޮތުން، އަލްފާޟިލް މުޙަންމަދު އިބްރާހީމް، މިކަން ޤަބޫލު ކުރެއްވީތީ، އަޅުގަނޑު، މުޙަންމަދު އިބްރާހީމަށް ޝުކުރު ދަންނަވަން. އަދި ހަމައެހެން، ޕްރޮމިނެންޓް މެންބަރުންގެ ގޮތުގައި، އައްނަބީލް މުޙަންމަދު ވަޙީދުއްދީނާއި، އަލްފާޟިލް ޞަލާޙް ޝިހާބް، މެންބަރޝިޕް ޤަބޫލު ކުރެއްވީތީ، އެދެބޭފުޅުންނަށްވެސް އަޅުގަނޑު ނިހާޔަތަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ އުންމީދާއި، އަޅުގަނޑުގެ ޔަޤީންކަން ވަރަށްބޮޑު. މިހާރު ހެދިފައިވާ ކައުންސިލް، ޚާއްޞަކޮށް، މި އަޅުގަނޑުމެންގެ ސްކައުޓް ކޮމިޝަނަރ އަލްފާޟިލް އަޙްމަދު ޢަލިމަނިކާއި، ޑެޕިއުޓީ ކޮމިޝަނަރާއި، އެހެން ބޭފުޅުންގެ އެހީއާ އެކުގައި، އަޅުގަނޑުމެންނަށް ކުރިއަށް އޮތް ދުވަސްތަކުގައި، ސްކައުޓުންގެ މަސައްކަތް ވަރަށްބޮޑުތަން ކުރިއަރައިގެންދާނެކަން.

މިއަދުގެ ޙަފްލާއަށް ރައީސުލްޖުމްހޫރިއްޔާ، ޗީފް ސްކައުޓް ވަޑައިގެންދެއްވައި، އަޅުގަނޑުމެންނަށް ވޮރަންޓް ޙަވާލުކޮށްދެއްވީތީ، މަނިކުފާނަށް އަޅުގަނޑުމެން ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، މި ރާއްޖޭގެ ހުރިހާ ކުދިންނަކީވެސް އިސްލާމްދީނަށާއި، ދިވެހި ޤައުމަށް ވަފާތެރި އަދި ދިރިއުޅުމަށް ބޭނުންވާ މުހިންމު ހުނަރުތައް އެނގޭ، ބޭނުންތެރި، ޤައުމަށް ޚިދްމަތްކުރާ މުޥާޠިނުންތަކަކަށްވުން.

والســّلام عليــكم