بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އާދެ! މިވޭތުވެދިޔަ ދެދުވަހެއްގެ ތެރޭގައި، މިހާރު މާލޭގައި ހިނގަމުންމިދާ މައްސަލަތަކާ ބެހޭގޮތުން އަޅުގަނޑު ވާނީ އެއްޗެއް ދަންނަވާފައި. އަޅުގަނޑު ދެންނެވި އެއްޗެއް ދަންނަވާފައިވާނީ، ވަރަށް އިޚްލާޞްތެރިކަމާ އެކީގައި. މިވަގުތު ޤައުމަށް ހެޔޮއެދޭ މީހެއްގެ ޙައިޘިއްޔަތުން. އަޅުގަނޑު ހުރި މަގާމުގެ ގޮތުން، ވަކިފަރާތަކަށް ނުޖެހި. ދެން އެކަމާ ބައެއް ބޭފުޅުން ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަމަށްވާނަމަ، މަޢާފް ކުރެއްވުން އެދެން. އަޅުގަނޑުގެ ޚިޔާލަކީ އެއީ. އަޅުގަނޑުގެ މަގާމުގައި ހުންނަ މީހަކު މިއަދު ދޭންޖެހޭ ޚިޔާލެއް. އަޅުގަނޑު އެވާހަކަ ދަންނަވާފައިވާނީ، ހަމަ އިޚްލާޞްތެރިކަމާއި ލޯތްބާ އެކީގައި.

އާދެ1 މިހާރު އަޅުގަނޑަށް ދިމާވެގެން އުޅޭ މައްސަލައަކީ، ދިވެހި ރައްޔިތަކު ޤާނޫނުގެ އިމުގެ ބޭރުން ބަންދުކުރެވިފައިވާ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވިގެން އުޅޭ މައްސަލަ. އެކަމާ ބެހޭގޮތުން އަޅުގަނޑަށް ފެންނަ އެއްޗެއް ދެންނެވީ. މި މައްސަލަ ކޮންމެވެސްވަރަކަށް މިހާރުވަނީ ހޫނުވެފައި. އާދެ! އެކަމުގެ ސަބަބުން މާލޭގައި ހަމަނުޖެހުންތަކެއް ހިނގާ ހިސާބަށް ގޮސްފައި. އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ، ދިމާވާ ކަންކަން ޞުލްޙަވެރިކަމާއެކު ޙައްލު ކުރެވޭނެ ކަމަށް. މިހާރު ރަށުތެރޭގައި ހިނގަމުންމިދާ ހަމަނުޖެހުންތަކަށް ފިނިކަމެއް ގެނައުމަށްޓަކައި، ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރަން އެބަޖެހޭ. އެގޮތުން، އެންމެ ފުރަތަމަ ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ، އެއްބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި ހޫނު ބަސްތަކުން މުޢާމަލާތުކޮށް، ހޫނު ބަސްތައް ބަދަލުކުރުން ހުއްޓުވާލުން. އަޅުގަނޑު ދެކޭގޮތުގައި އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑަށް ފެންނަނީ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ހަމަޖެހިލައިގެން ކަންކަމާމެދު ވިސްނާލުން ކަމަށް. އިއްޔެ، [މިއަދު] ނޫހުގައި ކަނީރު ޢަބްދުއްރަޙީމް ލިޔުއްވާފައި އޮތް ހުސްވުމުގެ މުހިންމުކަމާ ދޭތެރޭގައި. އަޅުގަނޑަށް ހީވަނީ މިހާރު ހުސްވުމުގެ ވަގުތުކޮޅެއް އަޅުގަނޑުމެންވެސް މިއޮތީ ގެންނަން ޖެހިފައިހެން. ކަންކަމާމެދު ރަނގަޅަށް ވިސްނާލުމަށްޓަކައި.

އާދެ! މިގޮތުން، އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މިބައްދަލުކޮށްލީ، މިހާރު މިދިމާވެގެން އުޅޭ މައްސަލަ ހަމަޖެއްސުމަށް އަޅުގަނޑަށް ފެންނަ ބައެއް ކަންތައްތައް ދަންނަވާލުމަށްޓަކައި. އެގޮތުން، އަޅުގަނޑަށް ފެންނަ އެންމެ ފުރަތަމަ ކަމަކީ، މި ހަމަނުޖެހުމާ ދޭތެރޭގައި، އެކަން ފިނިކުރުމަށްޓަކައި މަސައްކަތެއް ކުރުން. އެނގިވަޑައިގަންނަވާނެ، މިވޭތުވެދިޔަ މިހާރު ހައެއްކަރޭކަންނޭނގެ މިވަނީ. ހަމަ ކޮންމެ ރެޔަކުވެސް މާލެތެރޭގައި ހަލަބޮލިވެ، ވަރަށް ބޮޑެތި ގެއްލުންތައް ލިބެމުން އެބަދޭ އެކިފަރާތްތަކަށް. ވީމާ، އަޅުގަނޑު ފުރަތަމަ މިދަންނަވާލަނީ، މަދަނީ އިއްތިހާދުގެ ބޭފުޅުންނަށް، ތިޔަބޭފުޅުން ރާއްވަވައިގެން ހިންގަވާ ސިލްސިލާ މުޒާހަރާތައް ހުއްޓުމަކަށް ގެނެސްދެއްވާށޭ. އަދި ޤާނޫނީ ގޮތުންނާއި ސިޔާސީ ގޮތުން މަސައްކަތްތަކެއް ކުރުމަށްޓަކައި ހުސް ވަގުތުކޮޅުގެ ފުރްޞަތެއް ދެއްވާށޭ.

ދެވަނަ ކަމަކަށް އަޅުގަނޑު މިހުށަހަޅަނީ، ޤައުމީ ދިފާޢީ ބާރުގެ ބެއްލެވުމުގެ ދަށުގައި މިހާރު ހައްޔަރު ކުރެވިފައިވާ ރައްޔިތު މީހާ ޢަބްދުﷲ މުޙަންމަދު މިނިވަން ކުރެއްވުމަށް.

އަދި އަޅުގަނޑުގެ ތިންވަނަ ހުށަހެޅުމަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އަޅުގަނޑު ދަންނަވާ ދެންނެވުމެއް. ހަމަ މިއަދުވެސް ތިޔަބޭފުޅުން ބައްދަލުކުރައްވައި، ޢަބްދުﷲ މުޙަންމަދު ޤާޒީ، އޭނައާމެދު ހުރި ހުރިހާ މައްސަލަތަކެއް ނިމެންދެން، ކޯޓްގެ ބެންޗްގައި އޭނާއަށް ނުއިންނެވޭގޮތް ހަމަޖެއްސެވުމާއެކު، އޭނާގެ މައްސަލަ އަވަހަށް ނިންމަވައިދެއްވުން.

އާދެ! މިކަމުގެ އެންމެބޮޑު ޒިންމާއެއް އަޅަންޖެހޭ ފަރާތަކީ އަޅުގަނޑު ދެކޭގޮތުގައި، ޖޭ.އެސް.ސީ. ޖޭ.އެސް.ސީ ގައި ތިއްބެވީ، ކަމަށް ޤާބިލް، މޮޅު ބޭފުޅުން. ރާއްޖޭގައި މިވަގުތު ހަމަ ނެގެން ތިބި އެންމެ ތަޢްލީމީ، އެންމެ ރަނގަޅު ބައެއް ބޭފުޅުން، އެ ކޮމިޝަންގައި އެބަތިއްބެވި. އެހެންވީމާ، އަޅުގަނޑުގެ ޔަޤީންކަން އެބައޮތް. ޤައުމަށް އެންމެ ރަނގަޅު ގޮތަށް، އެބޭފުޅުން ކަންކަން އަވަހަށް ނިންމަވަމުން ގެންދަވާނެ ކަމަށް.

އާދެ! މިދެންނެވި ތިންކަންތައް، ވީ އެންމެ އަވަހަކަށް ކޮށްދެއްވުން އެދި އެކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު ގޮވާލަން. އަޅުގަނޑު އެދެނީ، އަޅުގަނޑުމެން އެންމެންނަށް މާތްﷲ ކެތްތެރިކަމާއި އީމާންކަން ދެއްވުން. އަޅުގަނޑުމެންގެ ޤައުމަށް ހަމަޖެހުމާއި، ޞުލްޙައާއި މަސަލަސްކަން، ފާގަތިކަން އިރާދަކުރެއްވުން.

والسّـلام عليـكم.

ޙުސައިން ފިޔާޒް – ހަވީރު ނޫސް:

މަނިކުފާނުގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައި އޮތް އާޓިކަލް ކުޑަކޮށް ކިޔާލިން. ދެން އޭގެ އެންމެފަހު ޕެރެގްރާފްގައި އެބައޮތް، މިކަންތައްތަކާ ލަދުވެތިވެވަޑައިގަންނަވާ ކަމަށް. އެކަހަލަ ޢިބާރާތަކުން ފާހަގަކުރައްވާފައި. މަނިކުފާނު ސިޔާސީ ގޮތުން ވަކި ފިކުރެއްގެ ބޭފުޅެއް ކަމުގައިވިޔަސް، ސަރުކާރުގައި ހުންނެވިއިރުގައި، އަޅުގަނޑުމެން ސުވާލު އުފެދޭ، އެމް.ޑީ.ޕީ އަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ވަކިކަމަކަށް ލަފާއެރުވުން ނުވަތަ ވަކިކަމަކަށް، ތި ވިދާޅުވި ތިންކަމުގެ ތެރޭގައި، އެމް.ޑީ.ޕީ އަށް ނުވަތަ ސަރުކާރަށް އެއްވެސް ކަމަކަށް ބާރުއަޅުއްވާލައްވާފައި ނެތީމަ. ކީއްވެގެންތޯ އެގޮތަށް؟

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑު މިހާރު ހަމަ ހުރިހާ ފަރާތްތަކަށްވެސް މިގޮވާލީ ދޮއެއްތޯ، ހޫނު ޢިބާރާތްތައް ބޭނުން ނުކުރުމަށް. ހޫނު ބަސްތައް، އެއްބަޔަކު އަނެއް ބަޔަކަށް ރައްދު ނުކުރުމަށް. އެހެންވީމާ، އޭގެތެރޭގައި ސިޔާސީ ޕާޓީތައްވެސް ހިމެނޭ. ކޮންމެހެން އެމް.ޑީ.ޕީ މީގައި އަމާޒުކުރަންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ.

މުޙަންމަދު ޙަސަން – ސަން މީޑިއާ ގްރޫޕް:

މަނިކުފާނު، ސުޕްރީމް ކޯޓު ޙުކުމާ އެއްގޮތަށް ޢަބްދުﷲ ޤާޒީ ދޫކޮށްލެއްވުމަށް އެދިލެއްވުމުން، ސަރުކާރުން ޕްރެސް ސެކްރެޓަރީ ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުން ކުރައްވާފައިވާ އަމުރަކީ، ޢާންމު އެންގެވުމެއް ކަމަށާއި، އަމުރުގައި ބަޔާންކުރައްވާފަދަ ޙާލަތްތަކަށް މޭރުންވާ ގޮތަކަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނޯންނާނެ ކަމަށް. ދެން ހަމަ އެޔާއެކު، މަނިކުފާނު އެހެން ވިދާޅުވީ، ވާދަވެރި ކަމުގައި އޮޅިވަޑައިގަތުމެއް އޮންނާތީ ކަމަށް ޒުހައިރު ވިދާޅުވެފައިވޭ. އެއީ ރަނގަޅު ވާހަކަފުޅެއްތޯ؟

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު:

ތިޔަކަށް އަޅުގަނޑު އެއްޗެއް ދަންނަވާކަށްނެތިން. ވާދަވެރިކަމެއް ނެތް. ރައީސުލްޖުމްހޫރިއްޔާއާއި އަޅުގަނޑާ ދޭތެރޭގައި އެއްވެސް މައްސަލައެއް ނެތް. މިއީ، ސަރުކާރުގެ ސިޔާސަތާބެހޭ މައްސަލައެއްގައި، އަޅުގަނޑު ޤަބޫލުކުރާގޮތް، ބައެއް އެހެން ބޭފުޅުން ޤަބޫލުފުޅު ކުރައްވާގޮތާ ތަފާތުވީ. އެއީ ވެދާނެ ކަމެއް. ހުރިހާ އެންމެން ވިސްނަނީކީ އެއް ސިކުނޑިއަކުންނެއް ނޫން. އެހެންވީމާ، އަޅުގަނޑަށް ވިސްނުނު އެއްޗެއް އަޅުގަނޑު ދެންނެވީ. އެއީކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ތެރޭގައި މައްސަލައެއް އުޅޭތީކީއެއް ނޫން.

މިޞްބާޙް ޢައްބާސް – ދި ޓީ.ވީ:

މަނިކުފާނު ތިންކަމެއް ފާހަގަކުރައްވައިފި އިދިކޮޅު ފަރާތްތަކާއި ސަރުކާރުން ފިޔަވަޅު އަޅަންޖެހޭ. ދެން މިކަންތައްތައް ފާހަގަކުރެއްވިއިރު، މިއީ އިއްޔެ ފެށިގެން އުޅޭ ކަމެއް ނޫން. އޭގެކުރިންވެސް އަޅުގަނޑުމެންނަށް ފެނިފައި މިއޮތީ، އިދިކޮޅު ފަރާތްތަކާއި ސަރުކާރާދެމެދު މިހެން އުފެދޭ ކަންކަމުގައި، ވާހަކަ ދައްކައިގެން ޙައްލުކުރުން މިއީ އުނދަގޫ ކަމަކަށްވެފައި މިއޮންނަނީ. ކިހިނެއްތޯ، މަނިކުފާނު މިހާރު އިސްނަންގަވައިގެން ބައެއް ކަންތައްތައް ފާހަގަކުރައްވާފައި ތިހިރީ. މީޑިއޭޓަރެއްގެ ދައުރު އަދާކުރެއްވުމާމެދު އެއްވެސް އެކަހަލަ ޚިޔާލުފުޅެއް އެބަހުރިތޯ؟

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑުގެ ކިބައިން އެދިވަޑައިގެންފިއްޔާ، އޭގެ ކޮންމެ ފަރާތަކުން އެދިވަޑައިގަތަސް، އަޅުގަނޑު މިހިރީ އަޅުގަނޑަށް ވެވުނު އެހީއެއް ވެދެން. އަޅުގަނޑުގެ ވާޖިބެއް އެއީ. އެހެން ނަމަވެސް، އެބޭފުޅުންގެ އަތްޕުޅުގައި އޮތް ކަމެއް އެކަމަކީ. އަޅުގަނޑުގެ އުޞޫލަކީ އަބަދުވެސް ހަމަ ވާހަކަ ދައްކައިގެން ކަންކަން ހަމަޖެއްސުން. ހަމަޖެއްސޭނެ ގޮތްތައް ހުރޭ. ކޮންފްލިކްޓް ރިޒޮލިއުޝަނަކީ އެއީކީ އާކަމެއް ނޫން. ދުނިޔޭގެ އެތަން މިތާނގައި، ޔުނިވަރސިޓީތަކުގައިވެސް ކިޔަވައިދޭ ކަމެއް، ކޮންފްލިކްޓް ރިޒޯވް ކުރުން. އެކަން ކުރުމަށްޓަކައި، އެކަން ދަސްކޮށްގެން ތިބި މީސްމީހުންވެސް އެބަތިބި. އެހެންވީމާ، ކަމެއްޖެހޭ ހަމަ ކޮންމެ ފަހަރަކު ނުޖެހޭ، މަގުމައްޗަށް ނުކުމެ، އެއްބަޔަކު އަނެއް ބަޔަކަށް ގޯނާކޮށް، އެއްބަޔަކު ނުކުމެ ވަޒީރުންގެ ގޭގެ ދޮރުތައް ތަޅާލައި، އަނެއް ބަޔަކު ނުކުމެ، އަނެއް ބަޔެއްގެ ކަރުގައި އަލިފާންޖައްސާ، މިކަހަލަ ކަންތައް ކުރާކަށް ނުޖެހޭ.

Eleanor Johnstone, Minivan News:

First of all I apologise if I’m repeating anybody’s question. Given that previously the civil court has ruled against the JSC’s investigation on the judge, how can the country and the political arena be confident that the JSC will now be able to independently investigate the judges you suggested.

 

Vice President:

I believe JSC is the right authority to deal with the disciplinary issues of the judges not the courts. So JSC should decide. And until they decide they should also take measures to make sure that the judge in question is not allowed to sit on the bench because you can see that it has created more destruction than we all bargained for.


އިބްރާހީމް ވަޙީދު – ހާމަ ނޫސް:

އާދެ! މަނިކުފާނު ފާހަގަކުރައްވައިފި، މަގުމަތީގެ ޙަރަކާތްތަކުގެ ސަބަބުން ކުރިއެރުމެއްވެސް ނުލިބޭނެއޭ. އެހެންވީމާ، އެކަންތައް ހުއްޓާލުމަށް. އެހެން ވިދާޅުވިއިރު، ރޭގައި އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ނައިބު ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީންވެސް މުޒާހަރާގައި ބައިވެރިވެ އަޑު އުފުލިތަން، ސަރުކާރާ ދެކޮޅަށް. އެހެންވީމާ، ކިހިނެއްތޯއޭ މިކަމާމެދު ދެކެވަޑައިގަންނަވަނީ؟ ކުރިއަށް އޮތް ރޭތަކުގައި، މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީން، މުޒާހަރާތައް ކުރިއަށްދިޔަ ނަމަވެސް، މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީން، މި މުޒާހަރާތަކުގައި ބައިވެރިވާނެތޯ؟ އެއީ ފުރަތަމަ ސުވާލު.

ދެން ދެވަނަ ސުވާލެއްގެ ގޮތުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، މިކަމުގައި ރައީސް ނަޝީދާ އެއްވެސްވަރަކަށް، ނައިބު ރައީސްގެ ޙައިޘިއްޔަތުން އެއްވެސްވަރަކަށް ލަފައެއް ނޫނީ މަޝްވަރާއެއް، މަނިކުފާނު ދެއްވިންތޯ؟ ދެން ބައެއް އެމް.ޑީ.ޕީ ބޭފުޅުން އެބަ ވިދާޅުވޭ. ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ، ނައިބު ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުން ބޭރުން ކަމަށް. އެއީ ނައިބު ރައީސްގެ މަސްއޫލިއްޔަތަކީ، ރައީސުލްޖުމްހޫރިއްޔާއަށް އެއްބާރުލުން ދެއްވުން ކަމަށް. އެހެންވީމާ، ކިހިނެއްތޯއޭ މިކަމުގައި ދެކެވަޑައިގަންނަވަނީ؟

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑު ދެންނެވީ އެންމެ ސުވާލެކޭ ކުރައްވަންވާނީ. އެހާ ގިނަ ސުވާލަށް އެއްފަހަރާ. ދެން އިނގޭތޯ އަޅުގަނޑު އަދި އެއްޗެއް ދަންނަވާލާނަން. މިހާރު ޤައުމީ އިއްތިހާދު ޕާޓީގެ ފަރާތުން ރޭގައި ކުއްޖަކު ވާހަކަ ދެއްކިކަން އަޅުގަނޑަށް ފަހުން އެނގިފައި އޮތީ. އެހެން ނަމަވެސް، އެއީކީ ޤައުމީ އިއްތިހާދު ޕާޓީގެ ކައުންސިލުން ނިންމައިގެން ކޮށްފައި އޮތް ކަމެއް ނޫން. އެނގިވަޑައިގަންނަވާނެ ފަދައިން، ޤައުމީ އިއްތިހާދު ޕާޓީއަކީ، މިހާރު ސަރުކާރު ކޯލިޝަންގެ ތެރޭގައި ހިމެނޭ ޕާޓީއެއް ނޫން. އެހެންވީމާ، އެ ޕާޓީގެ ފަރާތުން ބައެއްފަހަރު އެހެން ޕާޓީތަކާ އެކީގައި މަސައްކަތް ނުކުރާނެއެކޭ، އަޅުގަނޑަކަށް ޔަޤީންކޮށް ދަންނަވާކަން ނޭނގެ. އެހެން ނަމަވެސް، މިދެންނެވީވެސް ހަމަ ސިޔާސީގޮތުން އަޅުގަނޑުމެން ހަމަ ވިސްނަންޖެހޭ ކަންތައްތައް. ރަނގަޅު ކުރެވިދާނެ ކަންތައްވެސް މީގެތެރޭގައި އެބަހުރި.

ދެން އަޅުގަނޑު ބުނަން ބޭނުންވާ އެއްޗެއް އަޅުގަނޑަށްވެސް ބުނެވޭނެ ދޮއެއްތޯ. އަޅުގަނޑަކީ ދިވެހި ރައްޔިތެއް. އަދި ހަމަ އެހެން، މި ޤައުމުގެ ނައިބު ރައީސް. އެއީ ދެން ޤާނޫނުއަސާސީގައި، ރައީސް ވިދާޅުވާ ކަމެއް ކުރަން ހުންނަ ގޮތަށް އަޅުގަނޑު މިހުންނަނީ. އެހެން ނަމަވެސް، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ރައީސް އަޅުގަނޑަށްވެސް ހަމަ ފުރިހަމަ އިތުބާރު ކުރައްވާފައި، ޙަވާލުކުރައްވާފައި ހުރި ކަންތައްތައްވެސް އެބަހުރި. ދެން އަނެއްކާ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުންވެސް އަޅުގަނޑަށް ދަންނަވަންޖެހޭ ވާހަކަވެސް ރައީސަށް ދަންނަވަމުން ގެންދަނީވެސް. އެހެންވީމާ، އެއީކީ މައްސަލައެއް ނޫން. ދެން އަޅުގަނޑު ޔަޤީން ކުރަން، އަޅުގަނޑު ދަންނަވާ ދެންނެވުންތައް ރައީސްވެސް ޤަބޫލުފުޅު ކުރައްވާނެ ކަމަށް.

ޢަލީ ރިޟުވާން – އެމް.އެން.ބީ.ސީ. ވަން:

އަޅުގަނޑުމެންނަށް މި ފެންނަ މަންޒަރުތަކަށް ބަލާއިރުގައި، ނައިބު ރައީސް ހުށަހަޅުއްވައިފި ކަންތައްތަކެއް. އެހެން ނަމަވެސް، އެއްބަޔަކުވެސް މިތިބީ ގޮތްދޫކުރާކަހަލަ ގޮތަކަށް ނޫން. އެއްބަޔަކުވެސް ކުރިން ގޮތްދޫކުރާކަށް ބޭނުމެއްނުވޭ. އެހެންވީމާ، މި ޤައުމު މި ޙާލަތަށް ގޮސްފައިވާއިރުގައި، އަދި އިތުރަށް މިކަންތައްތައް ހޫނުވެގެންގޮސް، އިސްތިޢުފާދޭންޖެހޭފަދަ ދަނޑިވަޅެއް އަތުވެދާނެ ކަމަށް ގަބޫލުފުޅު ކުރެއްވޭތޯ؟ ވިދާޅުވެއްޖެ، ކޮންމެވެސްވަރަކަށް ޕްރެޝަރތަކެއް ކުރިމަތިވަމުންދާ ވާހަކަ. އެހެންވީމާ، އެފަދަ ދަނޑިވަޅެއް އައިސްދާނެތޯ؟ އެފަދަ ދަނޑިވަޅެއް އަތުވެއްޖެނަމަ، ޢަމަލު ކުރައްވާނީ ކިހިނެއްތޯ؟

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު:

ތިކަމަކާ ދޭތެރޭގައި އަޅުގަނޑު ނުވިސްނަން އެއްގޮތަކަށްވެސް. އަޅުގަނޑު މިއީ ރައްޔިތުން އިންތިޚާބުކޮށްފައި، ހަމަ ރައީސުލްޖުމްހޫރިއްޔާއާ އެކީގައި، އެއް ޓިކެޓެއްގައި އިންތިޚާބުކޮށްފައި ބަހައްޓާފައި ހުރި މީހެއް. އެހެންވީމާ، އަޅުގަނޑު އިރާދަކުރެއްވިއްޔާ، މިމަގާމުގައި ދެމިހުންނާނަން. އަދި އަޅުގަނޑަށް ވެވުނު އެންމެ ރަނގަޅަކަށް އަޅުގަނޑުމެން ޚިދްމަތް ކުރަމުން ގެންދާނީ. ދެން އަޅުގަނޑު ކުރިން ދެންނެވިހެން، ބައެއް ބޭފުޅުން ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަހަލަ އެއްޗެއް ދެންނެވިޔަސް، ގަބޫލު ކުރައްވާށޭ، އަޅުގަނޑު މިދަންނަވާ އެއްޗެއް މިދަންނަވަނީ ހަމަ ވަރަށް އިޚްލާޞްތެރިކަމާ އެކީގައޭ. އެއްވެސް ބަޔަކަށް އަޅުގަނޑުގެ ހިތުގައި ހިތްބުރަކަމެއް ނެތީމައޭ.

ޒައިދުﷲ ޝަބީން - ރާއްޖެ ޓީ.ވީ:

މިހާރު މި ޤައުމުގައި ހިނގައިމިދާ ކަންތައްތަކާ ބެހޭގޮތުން މަނިކުފާނު ރައީސަށް އެއްވެސްކަހަލަ ލަފާފުޅެއް އަރުވާފައިވާނެތޯ؟

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑު ކުރިން ތީގެ ޖަވާބު ދަންނަވައިފިން. ދެން އަޅުގަނޑުމެން ދެމީހުންގެ ދޭތެރޭގައި ދެކެވޭ ވާހަކައެއް އަޅުގަނޑަކަށް މިތާކު ނުދެއްކޭނެ. އެހެން ނަމަވެސް، އަޅުގަނޑު ކުރިން ދެންނެވިހެން، ނައިބު ރައީސްގެ ޙައިޘިއްޔަތުންނާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން އަޅުގަނޑު ދަންނަވަންޖެހޭ ވާހަކަ ރައީސަށް ދަންނަވަމުން މިގެންދަނީ.

ވަރަށް ބޮޑަށް ޝުކުރިއްޔާ! ހުރިހާ ބޭފުޅުން ވަޑައިގެންދެއްވި ކަމަށްޓަކައި އިނގޭތޯ. ދެން އަޅުގަނޑުމެންގެ އުންމީދަކީ، ހަމަ ތިޔަބޭފުޅުންގެ ކަވަރޭޖްވެސް ހަމަ ވީހާވެސް އިންޑިޕެންޑެންޓްކޮށް، ނިއުޓްރަލް ގޮތަކަށް، ޤައުމުގެ މަޞްލަހަތާއި ކަންކަމަށް ވިސްނާވަޑައިގަންނަވައިގެން، ތިޔަބޭފުޅުންގެ މަސައްކަތް ތިޔަބޭފުޅުން ބަރާބަރަށް އަދާކުރައްވަމުން ގެންދަވާނެ ކަމަށް.

ވަރަށް ބޮޑަށް ޝުކުރިއްޔާ!