ދިވެހިރާއްޖޭގެ ތަޢްލީމުގެ ޤައުމީ މަންހަޖުގެ އާ އޮނިގަނޑާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ. މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، މި އޮނިގަނޑާބެހޭ އިތުރު މަޢްލޫމާތު، މަޖިލީހަށް ދެއްވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޞިފާ މުޙަންމަދެވެ.

ދިވެހިރާއްޖޭގެ ތަޢްލީމުގެ ޤައުމީ މަންހަޖުގެ އާ އޮނިގަނޑު އިސްލާޙު ކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވަނީ 2009 ވަނަ އަހަރުއެވެ. މިކަމަށްޓަކައި ދިވެހި ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު، ފުޅާ ދާއިރާއެއްގައިވަނީ ހޯއްދަވާފައެވެ. އަދި ދުނިޔޭގައި ތަޢްލީމީގޮތުން ކުރިއަރާފައިވާ ޤައުމުތަކާއި، ކުދި ޤައުމުތަކާއި އިސްލާމީ ޤައުމުތަކުގެ މަންހަޖު ރޭވިފައިވާ ގޮތް ބައްލަވައި ދިރާސާތައްވަނީ ކުރައްވާފައެވެ. މީގެއިތުރުން، ރާއްޖޭގެ މިހާރުގެ ޙާލަތާއި، މުސްތަޤްބަލުގައި ރާއްޖެއަށާއި ދުނިޔެއަށް އަތުވެދާނޭ ބަދަލުތަކާމެދުވެސް ތަފާތު ގޮތްގޮތުން މަޢްލޫމާތު ހޯއްދަވާފައިވެއެވެ.

ކުރެއްވި ދިރާސާތަކާއި އެއްކުރެއްވި މަޢްލޫމާތުތަކުގެ އަލީގައި މަންހަޖުގެ އޮނިގަނޑު އެކުލަވާލެއްވުމަށްފަހު، އޮނިގަނޑުގައި ހުރި އެކިއެކި ނިންމުންތަކާމެދު މުޖުތަމަޢުގެ ތަފާތު ފަންތީގެ ބޭފުޅުންގެ މަޝްވަރާ ހޯއްދަވާފައިވެއެވެ. އަދި މަންހަޖުގެ އޮނިގަނޑު އިޞްލާޙް ކުރައްވައި ނިންމަވާފައިވަނީ، މިފަރާތްތަކުން ލިބުނު ތަފާތު ޚިޔާލުތަކާއި ތަޢުލީމީ ތަފާތު ނަޒަރިއްޔާތުތަކަށް ބެއްލެވުމަށްފަހުގައެވެ. މިމަސައްކަތް ކުރިއަށް ގެންދެވުމުގައި ބައިނަލްއަޤްވާމީ ފަންނީ މާހިރުންގެ ލަފާވެސް ހޯއްދަވާފައިވެއެވެ.

މިހާރު ރާއްޖޭގައި ޢަމަލުކުރަމުންދާ ތަޢްލީމީ މަންހަޖަކީ 2000 ވަނަ އަހަރު އިސްލާޙު ކުރެވިފައިވާ މަންހަޖެކެވެ. އޭގެފަހުން، ތަފާތު އެކިފަހަރުމަތިން ވަކިވަކި މާއްދާތަކުގެ މުޤައްރަރުތަކަށްވަނީ އެކިވަރުގެ ބަދަލު ގެނެވިފައެވެ. ނަމަވެސް މުޅި ތަޢްލީމީ ނިޒާމު ހިމެނޭގޮތުން މަންހަޖަށް ބޮޑު ބަދަލެއް ގެނެވިފައެއް ނުވެއެވެ.