މި އާ އަހަރު ފެށިގެން މިދިޔައީ، ދިވެހިންނަށް ވަރަށް އުންމީދީ ބާއްޖަވެރި އަހަރެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ އަސާސީ ބާވަތްތަކުން ސަރުކާރަށް ނެންގެވި ޑިއުޓީ ނެންގެވުން ހުއްޓަވާލެއްވުމާއި، [އާސަންދަ]އިގެ ނަމުގައި ދިވެހި ކޮންމެ ރައްޔިތަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރެވޭނެ ނިޒާމް ޤާއިމް ކުރެއްވުމާ ގުޅިގެން، އެކަންކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބޭސް ސިޓީއަށް ސަލާންޖެހުމުން އަރައިގަނެވިފައިވާ ރައްޔިތަކަށް، ކޮންމެ ދިވެހި ރައްޔިތަކުވުމުން، ދެން ލިބޭނެ ނުހަނު ގިނަ އެހެނިހެން ފައިދާތައް ހުންނާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އަނބިންނާއި ފިރިން އަދި ދަރިންނާއި މައިންބަފައިންގެ ބޭސްފަރުވާގެ ހާސްކަން ފިލައިދިޔުމަކީ، ހިތާއި ނަފްސަށް ފިނިކަން ލިބި، އެންމެންގެވެސް ޖީބަށް ލިބޭނޭ ވަރަށްބޮޑު ލުޔެއް ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި އާ ނިޒާމްގެ ސަބަބުން ތިމާގެ އާމްދަނީ، ތިމާގެ ޖީބުގައި ހިފެހެއްޓި، އެ އާމްދަނީ އިތުރުވެގެން ދިޔުމަކީ، އެކަމުގެ ހެޔޮ އަސަރު، ޢާއިލާއާއި އަދި ވަށައިގެންވާ މާޙައުލުން ފެނިގެންދާނެ ކަމެކެވެ. ކުރިންނުވެހުރި އެތައް ކަމެއް ކުރެވި، ޙަޔާތުގެ އާބާތުރަ ފިލުވައިލުމަށް، މި ނިޒާމް އެހީތެރިވާނެއެވެ.


ޞިއްޙީ ޚިދްމަތްދޭ ފަރާތްތަކުގެ ބިލްތަކަށް ފައިސާ ލިބޭނޭ ނިޒާމް ސަރުކާރުން ހިންގަވަން ފެށްޓެވުމުން، ފެންވަރު ރަނގަޅު އަދި ބަލިމީހުންނަށް އޯގާތެރި ޚިދްމަތެއް، ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްވެސް އެ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ އިޤްތިޞާދީ ނިޒާމް، މުޅިން އެހެން މިޞްރާބެއްގައި، ޒަމާނާ އެއްގޮތަށް ބައްޓަން ކުރުމުގެ ހެޔޮ ނަތީޖާ އިރާދަކުރެއްވިއްޔާ، މިއަހަރު އެތައް ރޮނގަކުން ފެންނަމުންދާނެކަންވެސް ބަޔާންކުރެއްވިއެވެ. މުދަލުގެ ޑިއުޓީ ކުޑަކުރެވިފައިވުމުން، އައި ބަދަލުތަކުގެ މައްޗަށް ބައްލަވައިލައްވަމުން، މުދަލާއި ޚިދްމަތުގެ އަގު، އަތްފޯރާ އަގަށް ގެނައުމުގެ އަގު، ވަށާޖެހެމުންމިދާ އިޤްތިޞާދީ ޒަމާނީ ނިޒާމުގެ ތެރެއިން އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް ކަށަވަރުކޮށްދެވޭނެ ކަމުގެ ޔަޤީންކަން ސަރުކާރަށްވަނީ ލިބިވަޑައިގެންފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަންނަ އާދީއްތަ ދުވަހަކީ، މިއަހަރުގެ ދިރާސީ އާ އަހަރު ފެށޭ ދުވަސް ކަމަށްވުމާއެކު، މިމުނާސަބަތުގައި ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި، މުދައްރިސުންނަށާއި، މައިންބަފައިންނަށާއި، ބެލެނިވެރިންނަށާއި، ތަޢުލީމީ ދާއިރާގެ އެންމެހާ ހިންގުންތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވިއެވެ. ދިރާސީ އަހަރު ފެށޭއިރު ޖުމްލަ 121 ސްކޫލެއްވަނީ އެއްދަންފަޅިއަށް ބަދަލުކުރެވިފައި ކަމަށާއި، އިރާދަކުރެއްވިއްޔާ، އަލަށް ޢިމާރާތް ކުރަމުންދާ ކްލާސްތައް ނިމެމުންދިޔަވަރަކަށް، އަހަރުގެ މެދުތެރެއިން ފެށިގެން އިތުރު ސްކޫލްތައްވެސް އެއްދަންފަޅިއަށް ބަދަލުވަމުންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަލަށް އެކުލަވައިލެވޭ ދިވެހިރާއްޖޭގެ ދިރާސީ މަންހަޖު، މާލެސިޓީއާއި، އައްޑޫސިޓީއާއި، ކުޅުދުއްފުށި ހިމެނޭގޮތުން މުޅި ރާއްޖޭގެ 6 ސްކޫލަކަށް މިއަހަރު ތަޢާރުފް ކުރެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އިރާދަކުރެއްވިއްޔާ، މި މަންހަޖު މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި، އަންނަ އަހަރު ފެށޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ސްކޫލްތަކުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުންނަށް ނުރަނގަޅު ކިތަންމެ ޙާދިޘާތަކެއް މިދިޔަ އަހަރުގެ ތެރޭގައިވެސް ދިމާވެފައި އެބަހުރިކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ބައެއްފަހަރަށް ވަރަށް ކަންބޮޑުވާ މިންވަރުގެ ޖިނާއީ މައްސަލަތައް ޓީޗަރުންނަށް ކުރިމަތިކުރުމާއި، ޓީޗަރުންނާ ގުޅޭގޮތުން މާރާމާރީ ހިންގުމާއި އަދި ޖިންސީ ހާނިއްކަ ދިނުމާ، މިބާވަތުގެ ކަންތައްތައް ހިމެނޭ ކަމުގައި ވިދާޅުވެ، މިފަދަ ބައެއް ޙާދިޘާތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އެ ބާވަތުގެ ކަންކަމަކީ، ރާއްޖެއަށް އަންނަ ވަރަށްގިނަ ޓީޗަރުން، އަޅުގަނޑުމެންގެ ދަރިންނަށް ތަޢްލީމު ދިނުމުގައި، ހީވާގިކަމާއެކީ ކުރާ މަސައްކަތަށް ހީނަރުކަން އަންނާނެ ބާވަތުގެ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ބާވަތުގެ ކަންކަން މިއަހަރުގެ ތެރޭގައި މަދުވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ބިދޭސީ ޓީޗަރުންނަށްވެސް އަދި ދިވެހި ޓީޗަރުންނަށްވެސް ދޭންޖެހޭ ޤަދަރާއި ޢިއްޒަތާއި އިޙްތިރާމް އަޅުގަނޑުމެން ދޭންޖެހޭނެއެވެ. ޓީޗަރުންގެ މަސައްކަތަކީ ވަރަށްބުރަ މަސައްކަތެކެވެ. ޙަޤީޤަތުގައި ޓީޗަރުންނަކީ އަޅުގަނޑުމެންގެ ދަރިންގެ ދެވަނަ ބެލެނިވެރިންނެވެ.