بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ އާމިނަތު ޖަމީލް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދި މިޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ޢާއިލާތައް، އެންމެހާ ކުޑަކުދިން، މަންމައިންނާއި ބައްޕައިން.

السّـلام عليـكم

2008 ވަނަ އަހަރު ސަރުކާރު ހިންގުމާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ޙައިޘިއްޔަތުން އަޅުގަނޑު ހަވާލުވިއިރު، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން އެކަމާ ހަވާލުވީ، އޭގެކުރީގައި އިންތިޚާބަށް ދިޔައިރު އަޅުގަނޑުމެން ވަކި ޚާއްޞަ ކަންތައްތައްތަކެއް ވަކި ގޮތަކަށް ކުރުމަށް ނިޔަތްގަނެ ހިތުއަޅައި، އެކަންކަމަކީ، އަޅުގަނޑުމެންގެ މެނިފެސްޓޯއެއްގެ ގޮތުގައި، މުޅި ރާއްޖެއަށް ޢާންމުކުރެވި، އެ މެނިފެސްޓޯގައިވާ ކަންކަން ކުރުމަކީ، އަޅުގަނޑުމެންގެ އަމާޒެއްގެ ގޮތުގައި ހަދާނެ ކަމަށް ރައްޔިތުންނަށް ޔަޤީންކަން ދެމުން.

އެއިރު އަދި މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި ދިމާވެފައި އޮތް އެންމެދަތި އެއްކަމަކީ، ހަމަކަށަވަރުންވެސް ހެޔޮގޮތުގައި އަދި އަތްފޯރާ އަގުގައި ރަނގަޅު ޞިއްޙީ ފަރުވާ އަޅުގަނޑުމެންނަށް ލިބޭނެ ނިޒާމެއް ހަމަޖެހިފައި އޮތުން. އަޅުގަނޑުމެންވީ ވަޢުދަކީ، ޙަޤީޤަތުގައި މިހާރު ފުރަތަމަ ދަރަޖައިގައި ހިންގާންވީ އެއްކަމަކީ، މި ރާއްޖޭގައި މިހުރި އަދި މުޅިން ކަމުނުދާނަމަވެސް، ޞިއްޙީ ޚިދްމަތްތައް، މި ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އަދި ރައްޔިތުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން. އެގޮތުން، މިދިޔަ ތިން އަހަރުގެ ތެރޭގައި، އަޖުމަ ބެލުމުގެ ގޮތުން، [މަދަނަ]އިގެ ނިޒާމު، ސަރުކާރުން ހިންގަމުން ގެންދިޔަ. އެ ނިޒާމު ހިންގަމުން ގެންދިޔައިރުގައި، އޭގެތެރެއިން ސަރުކާރަށް ވަނީ ވަރަށްގިނަ ތަޖްރިބާތަކެއް ލިބިފައި. މަދަނައިގެ ނިޒާމު ހިންގަމުން ގެންދިޔަ ދިޔުމާ އެކުގައި، ސަރުކާރުގެ ތެރޭގައި އަބަދުވެސް ދިޔައީ މަޝްވަރާ ކުރެވެމުން. މި ނިޒާމުން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިފަދަ ނިޒާމެއް ތަޢާރުފް ކުރެވި، އެ ރައްޔިތުންނަށް ބޭސްފަރުވާގެ ޚަރަދު ހަމަޖައްސައިދިނުމުގެ އިންތިޒާމެއް ހަމަޖެހޭނޭ ދެމެހެއްޓެނިވި ގޮތެއް ހޯދުން.

އަޅުގަނޑުމެން ދެންނެވިން، ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކޮށްގެން ނޫނިއްޔާ، މިދަންނަވާ މަސައްކަތް އަދި މިދެންނެވި މަސައްކަތް ފުރިހަމަ ގޮތުގައި ހިންގުން އެއީ، ވަރަށްބޮޑު ބުރައަކަށްވެގެންދާނެއޭ. ޙަޤީޤަތުގައި އެއީ، ވާނެ ކަމެއްވެސް ނޫން. މިދިޔަ އަހަރާ ޖެހެންދެންވެސް، އެނގިވަޑައިގަންނަވާނެ، ދައުލަތުގެ އާމްދަނީ މުޅި ޖުމްލަ 7 ބިލިއަން ރުފިޔާއަކަށްނާރާ. އޭގެތެރެއިން ރަނގަޅު 4 ބިލިއަން ރުފިޔާ ޚަރަދުކުރަމުން ދިޔައީ، ހަމައެކަނި ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް. ބާކީއޮތް ބައި، ފެނާއި، ކަރަންޓާއި އަދި ޢިމާރާތްތަކަށް ޚަރަދުކުރީމާ، ދެން އިޖްތިމާޢީ މަސައްކަތެއް ހިންގާންވެސް ނުވަތަ ޢުމްރާނީ ތަރައްޤީގެ މަސައްކަތެއް ހިންގާންވެސް، ދިވެހި ދައުލަތުގައި ފައިސާ ހުންނަލެއް ވަރަށްމަދު. ސަރުކާރުން އަބަދުވެސް ޖެހިފައި އޮތީ، ވަރަށްބޮޑު ޢަދަދަކަށް ދަރަނިވެރިވެގެން ނޫނިއްޔާ، ބައެއް މަސްމަހު ކިރިޔާ މުސާރަވެސް ސަރުކާރަށް އޮންނަނީ ނުދެއްކިފައި. މިއީ، ޒަމާނުއްސުރެ ފަށައިގެން ދިވެހިރާއްޖޭގެ މާލިއްޔަތު އޮތް ޙާލު. އަބަދުވެސް ސަރުކާރު މި އޮންނަނީ ފައިސާއަށް ދަތިވެފައި. ކުރާންހުރި ޚަރަދުތައް ގިނަވެފައި. މިހެން މިކަން އޮތްއިރުގައި، އަޅުގަނޑުމެންގެ ރައްޔިތުންގެ ޢާންމު ބޭނުންތައް ފުއްދޭނޭ ސާފުގޮތެއް ހަމަގައިމުވެސް އެއްވެސް ބޭފުޅަކަށް، އެއްވެސް ފަރާތަކަށް، އެ މާލިއްޔަތުގެ ތެރެއިން ނުހޯދުނު.

އެހެންވީމާ، ހެލްތް އިންޝުއަރެންސްގެ ނިޒާމެއް ތަޢާރުފް ކުރުމަށްޓަކައި ފުރަތަމަ ކުރާންޖެހުނު ކަމަކީ، ޖީ.އެސް.ޓީ. އާއި އަދި އާމްދަނީން ޓެކްސް ނެގުމާއި، އަދި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާއި، މުޅި ދިވެހިރާއްޖޭގެ މާލީ ނިޒާމް، އެކީ އެކައްޗަކަށް ބަދަލުކުރަން. މިއަހަރުގެ ގިނަ ދުވަސް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އެ ހޭދަ އެކުރެއްވީ، މިދެންނެވި މާލީ ނިޒާމް ބަދަލުކުރުމުގައި. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އަދި މިނިސްޓްރީ އޮފް ފިނޭންސާއި އަދިވެސް ސަރުކާރުގެ ކަމާބެހޭ ވުޒާރަތަކާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި އަދި ވަކިން ޚާއްޞަކޮށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ނޫން ނަމަވެސް، އަމިއްލަ މެންބަރުންގެ ގޮތުގައި އަޅުގަނޑު ދަންނަވާނަން، ކުޅުދުއްފުށީގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު ނަޝީދު ނުހަނު ގިނަ މަސައްކަތްތަކެއް ކޮށްދެއްވައި، އަޅުގަނޑުމެންގެ އިޤްތިޞާދީ އެޖެންޑާ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، އެ އެޖެންޑާގެ މައިގަނޑު ބިލްތައް މިހާރު މިވަނީ ފާސްވެފައި. އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަކޮށް، އެމް.ޑީ.ޕީ.ގެ މެންބަރުންނަށް އަޅުގަނޑު ނުހަނު ޝުކުރު ދަންނަވަން. އަދި ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަށްވެސް އަޅުގަނޑު ނުހަނު ޝުކުރު ދަންނަވަން.

މުޅި ހުރިހާ ރައްޔިތުންނަށް ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސޭނޭ އިންތިޒާމެއް ހަމަޖެހުމަށްޓަކައި ފުރަތަމަ އަޅާންޖެހޭ ފިޔަވަޅު މިއޮތީ އަޅުގަނޑުމެންނަށް މިއަހަރުގެ މެދެއްހާ ތަނުގައި ނިންމިފައި. އެއީ، ދައުލަތުގެ އާމްދަނީއަށް އަންނާންޖެހޭ ބަދަލު، ގެންނާންޖެހޭ ބަދަލު ގެނައުން. އޭގެކުރީގައި އަޅުގަނޑުމެން ޢަމަލުކުރާން ޖެހުނު ގޮތަކީ، ހެލްތް އިންޝުއަރެންސްގެ ނުވަތަ ޞިއްޙަތުގެ ޚަރަދުތައް ހަމަޖައްސައިދިނުމުގެ ނިޒާމެއް، ކޮންމެވެސް މިންގަނޑެއްގައި ހިންގާން ފެށީމާ، ކަން ވެގެންދާނެ ގޮތަކީ ކޮބައިތޯ ދެނެގަތުން. 2011 ވަނަ އަހަރުގައި މިއަދު މިހާރު އެއްލައްކަ މީހުން ވަނީ މަދަނައިގައި ބައިވެރިވެފައި. އަދި މަދަނައިގެ ފަރާތުން 205 މިލިއަންރުފިޔާ މިވަނީ ޞިއްޙަތަށްޓަކައި ޚަރަދު ކުރެވިފައި. އެހެންވީމާ، މިހާރު ސަރުކާރަށް އެބަ އަންދާޒާތަކެއްވެސް ލިބޭ، ޢަދަދުތަކެއް އެބަހުރި. މިފަދަ ނިޒާމެއް ހަމަޖެހިގެން ދިޔައިމާ، މުޅި ދައުލަތުގެ އާމްދަނީއަށްވެސް ނުވަތަ ޚަރަދަށްވެސް ވެގެންދާނީ ކިހިނެއްތޯ.

ބޭފުޅުން ފާހަގަކުރައްވާ އަދި ބަޖެޓާ އެކުގައި ފާހަގަކުރައްވަމުން ވަރަށް ބޮޑަށް ގެންދެވި. ދައުލަތުގެ ރިކަރެންޓް ޚަރަދު ބޮޑުކަމަށް. ދައުލަތުގެ ރިކަރެންޓް ޚަރަދެއް، ސަރުކާރުގެ ރިކަރެންޓް ޚަރަދެއް ބޮޑެއްނުވާނެ. މިފަހަރު ސަރުކާރުގެ ރިކަރެންޓް ޚަރަދު ބޮޑުވެގެންދާ ކަމަށް އެ ފެންނަނީ، އެ ރިކަރެންޓް ޚަރަދުގެ ތެރޭގައި، 850 މިލިއަނަށްވުރެ ގިނަ ރުފިޔާ، ހެލްތް އިންޝުއަރެންސް ސްކީމަށް ޚާއްޞަ ކުރެވިފައިވާތީ. ޙަޤީޤަތުގައި މިދެންނެވި ޢަދަދު ޚާއްޞަ ކުރުމަށް އަދި މަދަނަ އެންމެ ފުރަތަމަ ފަށައިގަތުމަށް އަދި 65 އަހަރުން މަތީގެ ފަރާތްތަކަށް ޕެންޝަނެއް ދިނުމާއި، އެހެންވެސް އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ފަށައިގަތުމަށް، 2008 ވަނަ އަހަރުއްސުރެ ފެށިގެން ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން ގެނައިން. އޭގެތެރޭގައި، އެނގިވަޑައިގަންނަވާނެ، މީގެކުރީގައި، ސަރުކާރުގެ ޚަރަދުތަކުގެ، ތިޔަބޭފުޅުން ބައްލަވައިލައްވައިފިނަމަ، ވެރިކަންކުރާ ފަރާތުގެ ޚަރަދު، އިންތިހާއަށް ބޮޑުވާނެ. 400 މިލިއަން ރުފިޔާއާ އެއް މިންވަރަށް، އެ ޚަރަދު 2008 ވަނަ އަހަރާ ހަމައަށް އައިއިރުގައި، މައްޗަށް ގޮސްފައިވޭ. ސަރުކާރުގެ އަމާޒަކަށްވީ، ވެރިކަންކުރާ މީހަކަށް ކުރެވޭ ޚަރަދު ކުޑަކުރުމަށް. އެކަން ކުޑަކުރުމަށްޓަކައި، އެމީހަކު އުޅޭ ތަންވެސް އެއީ ކުޑަ ތަނަކަށް ހެދުމާއި، އެމީހަކު އުޅޭގޮތްވެސް އެއީ އާދައިގެ ގޮތްތަކަކަށް ބަދަލުކުރުމާ، މި އެންމެ ކަންކަން އަޅުގަނޑުމެންނަށް ފުރިހަމަވެގެން މިއައީ، އަޅުގަނޑުމެންގެ ޢާންމު ސިޔާސަތުތަކެއްގެ ތެރެއިން. އަޅުގަނޑުމެންގެ އަމާޒަކަށް އަބަދުވެސްވީ، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެލްތް އިންޝުއަރެންސްގެ އުޞޫލު ފޯރުކޮށްދިނުމަށްޓަކައި މުޅި ދައުލަތުގެ ޚަރަދުތަކަށް ގެންނާންޖެހެނީ ކޮން ބަދަލުތަކެއްތޯ ދެނެގަނެ، އެ ބަދަލުތައް، މުޅި ދައުލަތުގެ ޚަރަދުތަކަށް ގެނެވޭނެ.

މިބަދަލުތައް ގެނެސްދިނުމުގައި، އަޅުގަނޑު ކުރީގެ ފިނޭންސް މިނިސްޓަރ ޢަލީ ހާޝިމަށާއި އަދި މިހާރުގެ ފިނޭންސް މިނިސްޓަރ އިނާޒަށް ނުހަނު ޝުކުރު ދަންނަވަން. އަޅުގަނޑަށް އެނގޭ، އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދެވީ ރެޔާއި ދުވާލު. އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދެވީ، އެބޭފުޅުންނަށް ލިބިލައްވާ އުޖޫރައަކަށް ބައްލަވައިގެނެއް ނޫން. އެބޭފުޅުންނަކީ ތަޖްރިބާކާރު، މޮޅު ބޭފުޅުންވީމާ، ދެން އެބޭފުޅުންގެ މަސައްކަތުން ނުކުންނަ ރަނގަޅުވެސް، މި ރާއްޖޭގެ އެންމެ ރައްޔިތުންނަށް ފެތުރިގެން މިދަނީ، އަޅުގަނޑުމެންނަށް މިއަދު މިފެންނަ ގޮތުގައި. އަޅުގަނޑުމެންނަށް މިތަނަށް އާދެވިފައި މިތިބީ، އެއްބޭފުޅަކު، ދެބޭފުޅަކު ކުރެއްވި މަސައްކަތަކުންނެއް ނޫން. އަޅުގަނޑު ވަކިން ޚާއްޞަކޮށް، އެންސްޕާގެ މުވައްޒަފުންނަށް ނުހަނު ބޮޑު ޝުކުރެއް ދަންނަވަން ބޭނުން.

އެންސްޕާއަކީ ނެތުމުގެ ތެރެއިން އަޅުގަނޑުމެން ސަރުކާރު ހަމަ ހިންގުމާއެކީގައި، ފަށައިގަނެވުނު ނިޒާމެއް. އެ ނިޒާމަކީ، އެންސްޕާގެ ނިޒާމަކީ ނުވަތަ މަދަނައަކީ، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވީއިރުގައި، އެނަމާއި އެ އޮފީސް ޤާއިމް ކުރެވިފައި އޮތް ނިޒާމެއް. އެހެންނަމަވެސް، އެ މަސައްކަތް އޮތީ ނުފެށްޓިފައި. ޙަޤީޤަތުގައި އެމަސައްކަތް ފެށުމުގެ އިތުބާރެއް، އެއްވެސް ސަރުކާރަކަށެއް ނުލިބޭނެ، މުޅި މާލީ ނިޒާމު ބަދަލުކުރުމުގެ ހިތްވަރާ އެކީގައި ނޫނިއްޔާ. ޓެކްސް ނެގުމަށް އަޅުގަނޑުމެން އެނބުރިގެން ނޫނިއްޔާ، އިންޝުއަރެންސްގެ ފުރިހަމަ ނިޒާމެއް ނުހިންގޭނެކަމީ، އިންސާނީ ތަޖްރިބާއާއި، ޤައުމުތަކުގެ ތާރީޚު އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ސާފުކޮށް ދައްކައިދީފައި އޮތް ޙަޤީޤަތެއް. އަޅުގަނޑުމެން ޓެކްސް ނެގުމާ އެކުގައި، ރާއްޖޭގެ މުޅި ރައްޔިތުންނަށް އިރާދަކުރައްވައިގެން، މިއަދު މި ފޯރުކޮށްދެވެނީ ޖަނަވަރީ 1 ވަނަ ދުވަހުއްސުރެ ފެށިގެން ހުރިހާ ރައްޔިތުންނަށްވެސް ބޭސްފަރުވާއަށް ޚަރަދު ހަމަޖެހޭނޭ ނިޒާމެއް.

މިކަން މިހެން ހަމަޖެހިގެން ދިޔައިމާ، އޭގެ ސަބަބުން ވެގެންދާނެ ގޮތްތަކަކީ ކޮބައިތޯ އަޅުގަނޑަށްވުރެ ބޮޑަށް، ކަމާބެހޭ މާހިރުން އަޅުގަނޑު ކައިރީގައި އެބަ ބުނަމުން ގެންދޭ. އޭގެތެރޭގައި، ތިޔަބޭފުޅުން ހީފުޅުކުރައްވައިދާނެ، މެކްސިކޯގެ ރައީސް ކީއްވެތޯ އަޅުގަނޑަށް ސިޓީފުޅެއް އެ ފޮނުއްވީ. އެނގިވަޑައިގަންނަވާނެ، މެކްސިކޯ، މޯލްޑިވްސް، މެލޭޝިޔާ، މިގޮތަށް މިތިބެނީ އިށީނދެގެން އަޅުގަނޑުމެން ތަންތަނަށް ގޮސް ތިބޭއިރުގައި. އެހެންވީމާ، އަޅުގަނޑުމެންނަށް ވަރަށް ގިނައިން، އެބޭފުޅާއަށް ވަރަށް ގިނައިން ބައްލަވަމުން ގެންދެވިފައި އޮތީ، އަޅުގަނޑާ ގުޅޭ ކަންކަމާއި އަދި އަޅުގަނޑުމެން ކަންކަން ކުރަމުން އަންނަގޮތް. އަޅުގަނޑު، ހެލްތް އިންޝުއަރެންސް ހިންގަމުން، އަޅުގަނޑުމެން އެމަސައްކަތް ކުރިއަށް ގެންދަމުންދާ ކަމަށް އަޅުގަނޑު އެބޭފުޅާއާ ވާހަކަ ދެއްކުމުން، ނުހަނު ގިނަ އިރުޝާދާއި އަދި ހިތްވަރާއި ލަފާ އަޅުގަނޑަށް ދެއްވާފައިވޭ. އެހެންވީމާ، އަޅުގަނޑު ޙަޤީޤަތުގައި އެކަމަށްޓަކައި މެކްސިކޯގެ ރައީސަށް ނުހަނު ޝުކުރު ދަންނަވަން.

ނިޒާމް ހިނގަމުން އަންނައިރުގައި، ވާނެ އެއްގޮތަކީ، މިއަދު މިސާލަކަށް، އައި.ޖީ.އެމް.އެޗް.ގައި އައުޓް ޕޭޝަންޓަކަށް، ޑޮކްޓަރަށް ދެއްކުމަށް މި ނަގަނީ، އަޅުގަނޑަށް ލަފާކުރެވިފައި، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ފަންސަވީސް ރުފިޔާ. އާދައިގެ ކްލިނިކެއްގައި ނަގާނެ، ދުއިސައްތަ، ތިންސަތޭކަ، ފައްސަތޭކަ ރުފިޔާ. އެހެންވީމާ، އެކްލިނިކްގައި އެއަރ ކޮންޑިޝަންވެސް ޖެހިފައި ހުންނަލެއް ރަނގަޅުވާނެ. އަދި މެޝިން މަސައްކަތްކުރާލެއްވެސް ފުރިހަމަވާނެ. އައި.ޖީ.އެމް.އެޗް.ގައި ނެގެނީ ފަންސަވީސް ރުފިޔާ. މި ނިޒާމް ޤާއިމް ކުރެވުނީމާ، އައި.ޖީ.އެމް.އެޗް.އިންވެސް ހަމަ އަގުގައި ހުރިހާ ބޭފުޅުން އަތުން ފައިސާ ނަންގަވަންވީ. ފައިސާ ދައްކަވާނީ އާސަންދަށް. ފައިސާ ދައްކަވާނީކީއެއް އެބޭފުޅާއެއް ނޫން. އަމިއްލައަކަށެއް ނޫން. މި އިންޝުއަރެންސްގެ ނިޒާމްގެ ތެރެއިން. އެހެންވީމާ، އައި.ޖީ.އެމް.އެޗް.އަށް ވަންނަ ފައިސާ އަދި ހެލްތް ސެންޓަރުތަކަށްވެސް، ހޮސްޕިޓާތަކަށްވެސް ވަންނަ އާމްދަނީ، ލިބޭ އާމްދަނީ، މި ނިޒާމް ހިންގާން ފެށުމުން، ކިތަންމެ ތަނަކުން އިތުރުވެގެންދާނެ. އެ އިތުރުވެގެން ދިޔައިމާ، އޭރުން ހޮސްޕިޓާތަކަށް، ހެލްތް ސެންޓަރުތަކަށް މިހާރަށްވުރެ މާބޮޑަށް، މިހާރަށްވުރެ މާ ފުރިހަމައަށް ތަކެތި ހޯދައިގެން އަދި ކަމަށް އެކަށީގެންވާ ޑޮކްޓަރުންނާއި ނަރުހުންގެ ޚިދްމަތްތައް ލިބިގެން، މި ޚިދްމަތް ހިންގަމުން ގެންދެވޭނެ.

އަޅުގަނޑުމެންގެ އަބަދުވެސް ބޭނުމަކަށްވީ، ސަރުކާރުން ރައްޔިތުންގެ ޓެކްސް ފައިސާ ބޭނުންކުރާއިރުގައި، ބޭނުންކުރާނީ ކިހިނެއްތޯ. އެއްގޮތަކަށް އޮތީ، މިނިސްޓްރީ އޮފް ހެލްތްގެ ޑިޕާޓްމަންޓް އޮފް ހެލްތް ސަރވިސަސްއަށް 850 މިލިއަން ރުފިޔާ، ބަޖެޓަށް އިތުރުކޮށްފައި، އެ ސަރވިސަސްގެ ފަރާތުން ވަރަށް ރަނގަޅު ހޮސްޕިޓަލެއް ހިންގޭތޯ ބެލުން. އެހެން ނަމަވެސް، ސަރުކާރުން އެފަދަ ކަމެއް ކޮށްގެން، ރައްޔިތުން އެދޭ ނަތީޖާތަކެއް، މި ދުނިޔޭގައި ނުކުމެފައި ހުރީ ވަރަށްމަދުން. ސީދާ ރަނގަޅު ނަތީޖާއެއް، އަޅުގަނޑުމެން ކަމެއްގައި ނެރޭން ވެއްޖެނަމަ، މިޖެހެނީ ވާދަވެރި އުޞޫލުގެ ތެރެއަށް އެކަން ދޫކޮށްލަން. އެކިއެކި ފަރާތްތައް ވާދަކޮށްގެން، އެންމެ ރަނގަޅު ޚިދްމަތްތައްދޭ ފަރާތްތައް، އެ ޚިދްމަތްތައް ރައްޔިތުންނަށް ދެމުން ގެންދިޔުން. އަދި އެޚިދްމަތްތަކަށް ރަނގަޅު އަގު، ރައްޔިތުންވެސް ދައްކަމުން ގެންދިޔުން. އެ އަގު ދެއްކުމުގައި، ޚަރަދު ފޫބައްދައިދިނުމުގައި، ސަރުކާރުގެ ނިޒާމެއް ޤާއިމްވެފައި އޮތުން.

އަޅުގަނޑުމެން މިއަދު ހެލްތް އިންޝުއަރެންސް ނިޒާމަށް ޢަމަލުކުރަން، މި ޖަނަވަރީ 1 ވަނަ ދުވަހު ފަށާއިރުގައި، ރައްޔިތުންގެ މަޖިލީހުން މިވަނީ ހެލްތް އިންޝުއަރެންސާ ގުޅޭ ބިލެއް ފާސްކޮށްދެއްވާފައި. އެކަމަށްޓަކައި އަނެއްކާވެސް އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕަށާއި އަދި ވަކިން ޚާއްޞަކޮށް، ނޮޅިވަރަމް ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު ނަޝީދަށް އަޅުގަނޑު ވަރަށް ޝުކުރު ދަންނަވަން. މިއަދު ހައްތަހާވެސް ނަޝީދުގެ ދުވަހެއް. އެއިރު ވަރަށް ކުރިއްސުރެ ފަށައިގެން ނަންގަވައިގެން، އެ ބިލް ބައްލަވައި އަދި އެ ބިލްގެ ކަންކަން ކުރިއަށް ގެންދަވައި، އެ ބިލާ ގުޅޭގޮތުން އެކިއެކި ފަރާތްތަކާއެކީގައި މަޝްވަރާ ކުރައްވައި، އަޅުގަނޑުމެންނަށް މިއަދު މިވަނީ އެ ބިލް، ޤާނޫނަކަށް ހެދިފައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑު އަތަށް ބިލް ހަމަ ލިބޭހާ އަވަހަކަށް ބިލް ތަޞްދީޤު ކުރާނަން. ޖަނަވަރީ 1 ގައި އަޅުގަނޑުމެންނަށް މި ނިޒާމް ޤާއިމްކޮށް ހިންގާން ފެށޭނެ.

ނިޒާމްގެ ތެރެއިން ލިބޭ ޚިދްމަތްތަކާއި، މި ނިޒާމުންވާ ކަންކަން އަޅުގަނޑަށް ޔަޤީން، އެކިއެކި ލިޔުންތަކުންނާއި، އެކިއެކި ފަރާތްތަކުން ތިޔަބޭފުޅުންނަށް އެ މަޢްލޫމާތު ސާފުވަމުންދާނެ. އެއްލައްކަ ރުފިޔާއާ ހަމައަށް ބޭސްފަރުވާ ލިބޭނެ. އިމަރޖެންސީގައި އެއްތަނުން އަނެއް ތަނަށް އުފުލުމުގެ ޚަރަދު ކޮށްދެވޭނެ. ބޭސް ސިޓީއަށް ހިލޭ ބޭސް ލިބޭނެ. ރައްޔިތުންގެ އަތުން ހަމަ އެއްވެސް ފައިސާއެއް، މިކަމަށްޓަކައި އެ ދަނޑިވަޅު ދައްކާކަށް ނުޖެހޭނެ. އެހެން ނަމަވެސް، ހަނދުމަފުޅުކޮށް ބަހައްޓަވާތި، މި ފައިސާއަކީ ހަމަ ތިޔަބޭފުޅުން ދެއްވާ ފައިސާއެއް. މިފަހަރު ތިޔަބޭފުޅުން މިފައިސާ މިދެއްވަނީ، ކޮންމެ ފަހަރަކު ފިހާރައަކަށް ވަދެ އެއްޗެއް ގަންނައިރުގައި، ތިންލާރި ދެއްވައިގެން. ޖީ.އެސް.ޓީ.ގެ ގޮތުގައި، ދައުލަތުގެ އާމްދަނީ އިތުރުކޮށްދެއްވައިގެން. އެ ފައިސާއިން މި ނިޒާމް ހިންގެނީ. ޓެކްސްގެ ލާރި މި ނުކުންނަނީ. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނަށް އަޅުގަނޑުމެންގެ މުޅި ފުރިހަމަ އިޤްތިޞާދީ، މާލީ އަދި އިޖްތިމާޢީ ނިޒާމް މިހާރު ވަޒަން ކުރެވޭނެ. އަޅުގަނޑުމެން މިބުނާ [އަނެއް ދިވެހިރާއްޖެ] އޮންނަ ގޮތުގެ ތަޞައްވުރެއް، މަލަމަތި، މިހާރު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.

އަޅުގަނޑު މިއަދު އަޅުގަނޑުމެންގެ ތެރޭގައި ހަމަ ވަރަށް ބާރަށް މިހާރު ބަޙުޘް ކުރެވެމުން އަންނަ އަދި ދެކެވެމުން އަންނަ ވާހަކަތަކެއްގެ ވާހަކަ ނުވަތަ އެކަމާ ގުޅޭގޮތުން އެއްޗެއް ނުދަންނަވައި، ނިންމާލުމަކީ އަޅުގަނޑު ހިތުން އަޅުގަނޑުގެ ވާޖިބު އަދާނުކޮށް ނިންމާލުމެއް.

އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކުގައި، އެމް.ޑީ.ޕީ.ގެވެސް އަދި ސަރުކާރަށް ތާއީދުކުރާވެސް އަދި މެދުމިނަށް ތާއީދުކުރާ ހުރިހާ ބޭފުޅުންގެ ކިބައިން އެދެން، އެއްގޮތަކަށްވެސް ހަމަޖެހުމެއް، ހަމަނުޖެހުމެއް އުފެދޭ ބާވަތެއްގެ ކަމެއްގެ ތެރެއަށް މާދަމާ ވަޑައިނުގަންނަވައްޗޭ. މުޒާހަރާއެއް ނުވަތަ އެއްވުމެއް ބޭއްވޭނެ، މެދުމިނަށް ތާއީދު ކުރުމުގެ ގޮތުން، އަޅުގަނޑު އެ އެއްވުމަށް އަންނާނަން. އަޅުގަނޑުމެން އެކަކުވެސް، ހަނދުމަފުޅުކޮށް ބަހައްޓަވާތި، އެކަކުވެސް ޖެހިޔަސް، ޖަހައިގެން ނުވާނެ. ހަނދުމަފުޅުކޮށް ބަހައްޓަވާތި، ޖެހިޔަސް، ޖަހައިގެން ނުވާނެ. އަޅުގަނޑާއެކު އުޅޭ މީހަކު، އަޅުގަނޑު ވަރަށް ބޮޑަށް އެދެނީ، ޖަދަލު ނުކުރުމަށް. އެއްވެސް ޙާލެއްގައި ބަދަލު ނުހިފުމަށް، ކުރިމަތިނުލުމަށް. އަޅުގަނޑުމެން ގައިގައި މީހަކު ޖެހިޔަސް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތިޔަބޭފުޅުންގެ ކިބައިން މި އެދެނީ، ނުޖައްސަވައްޗޭ. އެނބުރި ނުޖައްސަވައްޗޭ. އަޅުގަނޑުމެންގެ އުޞޫލަކަށް އަބަދުވެސް ވާންޖެހޭނީ ފަހަތަށް ޖެހުން. އަޅުގަނޑުމެންނަށް އެ ތަދު، އެ އަނިޔާ ތަޙައްމަލް ކުރެވޭނޭ ހިތްވަރު އަޅުގަނޑުމެންނަށް ދެއްވުމަށް މާތްރަސްކަލާނގެ ކިބައަށް ދުޢާ ދެންނެވުން.

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ގައިގައި، އަޅުގަނޑުމެންގެ ކިބައިގައި، އިރާދަކުރެއްވިއްޔާ، އެ ހިތްވަރު ހުންނާނެ. އަޅުގަނޑުމެން މިތަނުގައި ހުއްޓި މިތިބެނީ، ނުހަނު ގިނަ އަނިޔާ އަޅުގަނޑުމެންނަށް ލިބުމަށްފަހުގައި. އަދި އެ އަނިޔާ އަޅުގަނޑުމެން ތަޙައްމަލް ކުރުމަށްވެސްފަހުގައި. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ތިޔަބޭފުޅުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން އެދެން. ޞުލްޙަވެރި ގޮތުގައި، އަޅުގަނޑުމެން މެދުމިނަށްކުރާ ތާއީދު ދެއްކުމަށްޓަކައި، މާދަމާ ނުކުމެވަޑައިގަންނަވައްޗޭ. އެހެން ނަމަވެސް، އެއްވެސް ޙާލެއްގައި ޖަދަލު ނުކުރައްވައްޗޭ. ޖެހިޔަސް، ނުޖައްސަވައްޗޭ.

މަދަނައިގެ ނިޒާމް ނުވަތަ ހެލްތް އިންޝުއަރެންސްގެ ނިޒާމް ފެށިގެން އަންނައިރުގައި، އަޅުގަނޑުމެންގެ ތެރޭގައި ބައެއް ކަންކަން ހިމުންވުމަށް ވަގުތު ނަގާނެ. ޖަނަވަރީ 1 ވަނަ ދުވަހު އައި.ޖީ.އެމް.އެޗް. އަށް ވަޑައިގަންނަވާއިރު އެއީ ހަމަ އައި.ޖީ.އެމް.އެޗް. އެއީ ޑިސެމްބަރ 31 ގައިވެސް ހަމަ ހުރި ތަން. ހަމަ ޑިސެމްބަރ 31 ގައިވެސް އެތަނުގައި އިން ޑޮކްޓަރު އިންނާނީ އިނގޭތޯ. ހަމަ އެތަނުގައި ހުރި ސާމާނުވެސް ހުންނާނީ، 31 ގައި ހުރި ސާމާނު. އެހެންވީމާ، ޖަނަވަރީ 1 ގައި ބޮޑު މުޢުޖިޒާތަކުން އަޅުގަނޑުމެން މިކަން ކުރީއޭ ކިޔާފައި، މާމޮޅު ޚިދްމަތެއް އެތަނުން ލިބޭނެ ކަމަށް އަޅުގަނޑުމެން ވަކާލާތު ކުރަނީކީއެއް ނޫން. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މި އިންތިޒާމްގެ ތެރެއިން ހިންގަމުެން ގެންދިޔައިމާ، ދެނޭ ދެމެހެއްޓެނިވި ގޮތުގައި، ޞިއްޙީ ކަންކަން ފުރިހަމަވެގެން، އަޅުގަނޑުމެންނަށް އޭގެ ރަނގަޅު ޚިދްމަތް ލިބިގެން އަންނާނީ.

އަޅުގަނޑު ނިންމާލުމުގެ ކުރީގައިވެސް، އަނެއްކާވެސް ހަމަ އިތުރަށް މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ އާމިނަތު ޖަމީލަށާއި އަދި ސްޓޭޓް މިނިސްޓަރ ބާރީއަށާއި، ސްޓޭޓް މިނިސްޓަރ އިބްރާހީމް ވަޙީދަށާއި، ސްޓޭޓް މިނިސްޓަރ ލުބްނާ ޒާހިރު ޙުސައިނަށާއި، ޢާފިޔާއަށާއި އަދި އެނޫންވެސް އެމިނިސްޓްރީގައި ބުރަކޮށް މަސައްކަތް ކުރައްވާ ކިތަންމެ ކިތަންމެ ބޭފުޅުންނަކަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ނުހަނު ޝުކުރު ދަންނަވަން.

އަޅުގަނޑަށް އެނގޭ، މި ރާއްޖޭގައި އެންމެ ޙާލުގައި އޮތީ ޞިއްޙީ ޙާލު. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވީއިރުވެސް، އަޅުގަނޑުމެންގެ ތެރޭގައި އެންމެބޮޑު އެއް މައްސަލައަކަށްވެފައި އޮތީ، ޞިއްޙީ މައްސަލަ. އެ މައްސަލަ ޙައްލު ކުރުމަށް، އަޅުގަނޑުމެން ގިނަ ދުވަސް ނަގައިގެން މިދަނީ. އެ ނަގާހާ ދުވަހަކު އަޅުގަނޑަށް އަބަދުވެސް އަޑުއިވޭ، އަޅުގަނޑުމެންގެ ޢިއްޒަތްތެރި ހެލްތް މިނިސްޓަރާ މުޚާޠަބުކޮށް، ވަރަށްގިނަފަހަރަށް، ވަރަށްގިނަ ބަދުބަސް، ވަރަށްގިނަ ބޭފުޅުން ވިދާޅުވޭ. އަޅުގަނޑުމެންނަށް އެނގޭ އަދި އަޅުގަނޑު ހިތުގެ އަޑިން ޤަބޫލުކުރަން. އެ ހެލްތް މިނިސްޓަރުގެ މަސައްކަތުން އަޅުގަނޑުމެންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މިއަދު ލިބިފައި މިއޮތީ. އެ މިނިސްޓަރު ނުކުމެވަޑައިގެން ނުހުންނަވާ މުޒާހަރާއެއް، އަޅުގަނޑުގެ ހަނދާނަކަށެއް ނާދޭ. އަދި އެބޭފުޅާ ބޭނުންވެވަޑައިގަންނަވާ ގޮތަށް ކަންކަން ފުރިހަމައަށް ކުރިއަށް ގެންދެވުމަށް، އެ ބާރުއަޅާ މިންވަރާއި އަދި އެބޭފުޅާ އެދިވަޑައިގަންނަވާ ގޮތަށް ނޫނިއްޔާ، ވަކިން ކަންކަން ކޮންމެހެން ދީލައިނުލައްވާ މިންވަރާއި، އެހުރިހާ ކަންކަމަކާއެކީގައި، އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންގެ ރާއްޖެ ދުށް އެންމެ ރަނގަޅު ޞިއްޙީ ނިޒާމެއް، އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނީވެސް ޑޮކްޓަރ އާމިނަތު ޖަމީލުގެ މާލިމީ ކަމުގައި ކަމަށް. އަދި އަޅުގަނޑު ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ، މަސައްކަތް ކުރާނީ، ޑޮކްޓަރ އާމިނަތު ޖަމީލާ އެކުގައި.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم