އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ބޭސް ފަރުވާގެ ޚަރަދު ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިންގެ ޞިއްޙީ ފަރުވާގެ ޚަރަދުތައް ހަމަޖައްސަވައިދެއްވުމަށްޓަކައި އެކުލަވާލެވުނު ސަރުކާރުގެ ހެލްތް އިންޝުއަރެންސް ސްކީމް "އާސަންދަ" އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. "އާސަންދަ"އިގެ ދަށުން، ދިވެހި ކޮންމެ ރައްޔިތަކަށްވެސް އަހަރަކު އެއްލައްކަ ރުފިޔާގެ މިންވަރަށް ބޭސް ފަރުވާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މިއަދު ހަވީރު ހެދިގޮނޑުދޮށް ސަރަޙައްދުގައި އޮތް މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރު ވެރިކަމަށް އައިއިރު، ޞިއްޙީ ދާއިރާގެ ކަންކަން އޮތީ ދަތިވެފައިކަން ފާހަގަކުރައްވައި، އަތްފޯރާ އަގުގައި ޞިއްޙީ ފަރުވާ ލިބުމުގެ ނިޒާމެއް ހަމަޖެހިފައި އޮތުމަކީ، އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ވަޢުދެއް ކަމުގައި ވިދާޅުވިއެވެ. އަދި ހެލްތް އިންޝުއަރެންސް ތަޢާރަފް ކުރުމަށް ކުރައްވަން ޖެހުނު ފުރަތަމަ ކަމަކީ، ރާއްޖޭގެ މާލީ ނިޒާމް އެކީ އެކަށް ބަދަލުކުރެއްވުކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ހުރިހާ ރައްޔިތުންނަށް ބޭސް ފަރުވާގެ އިންތިޒާމެއް ހޯއްދަވައިދެއްވުމަށްޓަކައި ފުރަތަމަ އަޅަންޖެހޭ ފިޔަވަޅު މިއޮތީ އެޅިފައި ކަމަށް ވިދާޅުވެ، އެއީ، ދައުލަތުގެ އާމްދަނީއަށް ގެންނަންޖެހޭ ބަދަލު ގެނައުންކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިގޮތުން، ޖީއެސްޓީއާއި، އާމްދަނީން ނެގޭ ޓެކްސްއާއި، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ތެރެއިން، މުޅި ދިވެހި ރާއްޖޭގެ މާލީ ނިޒާމު އެކީ އެކައްޗަކަށް ބަދަލުކުރެއްވުމުގެ މަސައްކަތް، ސަރުކާރުން ގެންދަވަނީ ކުރައްވަމުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ފެށުމަށް 2008 ވަނަ އަހަރުން ފެށިގެން ސަރުކާރުން ގެންދެވީ ފިޔަވަޅުތަކެއް އަޅުއްވަމުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ޢާންމު ސިޔާސަތުތަކެއްގެ ތެރެއިން މުޅި ދައުލަތުގެ ޚަރަދުތަކަށް ބަދަލު ގެންނާންޖެހޭ ގޮތްތައް ދެނެގަނެ، އެބަދަލުތައް ގެންނަވަމުން ގެންދަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އާސަންދަ"އިގެ ނިޒާމުގެ ތެރެއިން ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލައްވަމުން، ރައްޔިތުންނަށް ބޭސް ފަރުވާ ކުރުމުގައި ލިބިގެންދާނެ ފަސޭހަތަކުގެ އިތުރުން، ރަނގަޅު ވާދަވެރި އުސޫލެއްގެ ތެރެއަށް ޞިއްޙީ ޚިދުމަތްތައް ދޫކޮށްލެވުމުން، ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރތަކުން ދެމުން ގެންދާ ޚިދުމަތްތައް ފުރިހަމަވެގެންދާނެ ކަމަށާއި، ތަނުގެ ފެންވަރުވެސް ރަގަޅުވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.