ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރައްވަން ފެށްޓެވުމުގެ ގޮތުން ހުޅުމާލެއިން ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން 20 ފަރާތަކާ އެކަމުގެ އެގްރިމަންޓް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިރޭ ހަވާލުކުރައްވައިފިއެވެ. އަދި ވެށިފަހި ޕްރޮގްރާމުގެ ދަށުން ހުޅުމާލެއިން ގޯއްޗާއި އަދި ހުޅުމާލެއިންނާއި މާލެއިން ފްލެޓް ލިބޭނެކަމުގެ ލިޔުން 27 ފަރާތަކާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވައިފިއެވެ. މި ފަރާތްތަކާ މިދެންނެވި ލިޔުންތައް ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ, މިކަމަށްޓަކައި މިރޭ ހިރިޔާ ސްކޫލުގައި ބޭއްވި ބިންވެރިކުރުމުގެ ޖަލްސާގައެވެ.

މި ލިޔުންތައް ހަވާލުކުރެއްވުމަށްފަހު، މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ގޯއްޗަށާއި ފްލެޓަށް މިފަހަރު އެދުނު 21000 މީހުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވުމަށް ކަމުގައި ވިދާޅުވިއެވެ. މިއީ ރާއްޖޭގައި ކުރެވެންއޮތް ކަމެއް ކަމަށާއި، އިރާދަކުރެއްވިއްޔާ މި މަސައްކަތް ކުރައްވައި ނިންމަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އުޖާލާކަން ގެނެސް، އިޤްތިޞާދީ ޙަރަކާތްތެރިންގެ ގޮތުގައި ދޮޅު ލައްކަ ރައްޔިތުން ޙަރަކާތްތެރި ކުރެއްވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ބޯހިޔާވެހިކަން ހޯދައިދެވިގެން ނޫނީ، އަޅުގަނޑުމެން މިއެދޭ އަނެއް ދިވެހިރާއްޖެ ހޯދަން ދަތިވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަރައްޤީގެ އަމާނާތް ރައްކާތެރިކަމާއެކު ބަލަހައްޓާ ފަރާތަކީ، ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ތަރައްޤީ ގުޅިފައިވަނީ ހައުސިންގ ޕްރޮގްރާމާ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި، މާލެއާއި ހުޅުލެއާ ދެމެދު ބްރިޖަކުން ގުޅާލުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި ނިންމެވުމަށް ބައްލަވާލައްވައި، އެކަމުގެ އިތުރު ތަފްޞީލު ހާމަކުރެއްވިއެވެ.