މާލެ ތޮއްޖެހި، ރައްޔިތުންގެ ދިރިއުޅުމާއި ބޯހިޔާވަހިކަމަށް ކުރިމަތިވެފައިވާ ދަތިތަކާއި، ދިމާވާ އިޖްތިމާޢީ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، މާލެއާއި ހުޅުލެއާ ދެމެދު ކަނޑު ހުރަސްކޮށް ބްރިޖެއް އެޅުއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.

މިއަހަރުގެ މެދުތެރެއިން ފެށިގެން މިކަމާ ގުޅޭގޮތުން ކުރެވިފައިވާ ޕްރިލިމިނަރީ ދިރާސާއިން މިއީ އެކަށީގެންވާ ގޮތުގައި ހިންގިދާނެ މަޝްރޫޢެއް ކަމަށް، މި ދިރާސާ ކުރައްވާފައިވާ ބައިނަލްއަޤްވާމީ ތަޖްރިބާކާރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި މަޝްރޫޢަށް ޖުމްލަ 70 މިލިއަން ޑޮލަރާއި، 100 މިލިއަން ޑޮލަރާ ދެމެދުގެ ޢަދަދެއް ޚަރަދުވާނެ ކަމަށް، މި ދިރާސާ ކުރެއްވި ތަޖްރިބާކާރުން ވަނީ އަންދާޒާ ކުރައްވާފައެވެ.

މިކަމުގެ މުހިންމުކަމާއި ބޭނުންތެރިކަން ބޮޑުކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވަނީ ބައިނަލްއަޤްވާމީ ފަރާތްތަކާ ބައްދަލުވެވަޑައިގަންނަވާ ފުރްޞަތުތަކުގައި، އަމިއްލަފުޅަށް އިސްނަންގަވައި ފާހަގަކުރައްވާފައެވެ. ސަރުކާރަށް މި ދިރާސާ ހައްދަވައި ދެއްވާފައިވަނީ، 1946 ވަނަ އަހަރުން ފެށިގެން ސްޓްރަކްޗަރަލް އިންޖިނިއަރިންގ އާއި، ކޮންސަލްޓަންސީ މަސައްކަތް، ދުނިޔޭގެ ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ބައިނަލްއަޤްވާމީ ފަރާތަކުންނެވެ.