بســم اللّـه الرّحمـن الرّحيــم

އަސްލަމް ވާހަކަ ދެއްކެވުމަށްފަހު އަދި ކަމާބެހޭ މާހިރުން ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހުގައި، ޙަޤީޤަތުގައި އަޅުގަނޑު ދެން ދައްކާން އޮތީ ވަރަށް ކުޑަކުޑަ ވާހަކައެއް.

އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، މާލޭގައި މި ބޭނުންކުރަނީ، ގާތްގަނޑަކަށް 47، 40 މެގަވޯޓް، 42 މެގަވޯޓް ކަރަންޓް. އެ ކަރަންޓް ބޭނުންކުރުމަށްޓަކައި ދެން އަޅުގަނޑުމެންނަށް އަތުން މިދާ ބޮޑު ކަރަންޓް ބިލެއް މިދަނީ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ދެން ޓެކްނިކަލް ބޭފުޅުން ވިދާޅުވާގޮތުގައި، މާލެއަށް ސޯލަރ އެނަރޖީ ނުވަތަ އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވެން އެބައޮތް، މާލެއިން ބޭނުންކުރާ މިންވަރުގެ 30 ޕަސެންޓާ ހަމައަށް. މާލޭގެ ގްރިޑަށް އެވަރަށް އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވިދާނެ ކަމަށް. އެއީ 47 ގެ 30 ޕަސެންޓަކީ އަޅުގަނޑަށް ހީވަނީ 12 މެގަވޯޓްހެން. މެގަވޯޓްގެ ކަރަންޓް ގެނެސް ހަރުކުރަން ސޯލަރ ޕެނަލް ހަރުކުރަން މިދަނީ 5 މިލިއަން ޑޮލަރު ކަމަށްވަނީ. އެހެންވީމާ، އެކަން ކުރެވެން އެބައޮތް ގާތްގަނޑަކަށް 70 މިލިއަން ޑޮލަރަށް. 60، 70 މިލިއަން ޑޮލަރަށް. އަޅުގަނޑު ދެން ހަމަ ހުރެ ހިސާބު މިޖެހެނީ. އެއީ ގިނަވެގެން 150، 200 މިލިއަނެއްހާ ރުފިޔާ. 200 މިލިއަން ރުފިޔާ މިއަދު ޚަރަދުކޮށްފިއްޔާ، ވާހަކައަކީ މާލޭ ކަރަންޓްގެ ތިންބައިކުޅަ އެއްބައި އަގުހެޔޮވީއޭ. އެއީ، މިހާރު ދައުލަތުގެ އާމްދަނީއާއި، އަޅުގަނޑުމެންގެ ޓެކްސް ނިޒާމާއި، މި ރާއްޖޭގެ ކަންކަން ހުރިގޮތުން ސަރުކާރަށް ކޮށްދެވެން އޮތް ކަމަކީ.

ސަރުކާރުގެ މެނިފެސްޓޯ ބިނާކޮށްފައި އޮންނާނީ، މިދެންނެވިހެން ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް މަސައްކަތް ކުރުމަށް. އަދި އިޢާދަކުރަނިވި ހަކަތަ އިތުރުކުރުމަށް. އަދި ރާއްޖެއަށް ތެޔޮ އެތެރުކުރާ މިންވަރު މަދުކުރުމަށް. މިއިން ފައިދާވެގެން އަންނަނީ، ހަމައެކަނި ރައްޔިތުންގެ ޖީބަށް، ބިލަށް ކުޑަވެގެންދާނެތީކީއެއް ނޫން. އެންމެބޮޑު އެއް ފައިދާއަކީ، މިދެންނެވިހެން އެތެރެކުރާ ތެލުގެ 30 ޕަސެންޓް މަދުވީމާ، އެއީ ބޭރު ފައިސާ ބޭރުކުރެވޭވަރުގެ 30 ޕަސެންޓްވެސް މަދުވެގެންދަނީ. އަޅުގަނޑުމެންގެ އަވީގެ ދޯދި އިމްޕޯޓް ކުރަނީ ޑޮލަރުދީގެނެއް ނޫން ކަމަށްވާތީ.

އެހެންވީމާ، އަޅުގަނޑުމެންނަށް މިއިން ލިބެންހުރި ފައިދާ ކިތަންމެހާވެސް ބޮޑު. މިއަދު ޖަޕާނާ ސަރުކާރާއެކުގައި، ޖައިކާއާ އެކުގައި މިފެށޭ މަޝްރޫޢަކީ، ޕްރޮގްރާމަކީ، މިއަންނަ އަހަރަށް މިދެންނެވި މަގަށް އަޅުގަނޑުމެން ދިޔުމަށްޓަކައި ބޭނުންވާނެ މައިގަނޑު ޓެކްނިކަލް މަސައްކަތްތައް، އޭގެ ފުރަތަމަ މަރްޙަލާގައި ނިމުން. މިހާރު އެއް ނަޒަރަކުން ދެކެވޭއިރުގައި، މި އެޅެނީ މީގެ މައިބަދައެއް ބާވަތުގެ ނުވަތަ މީގެ އޮނިގަނޑެއް އަތުރާލެވެނީ. ދެން ސަރުކާރަށް، އެ އޮނިގަނޑުގެ ތެރެއަށް ޕެނަލް އިތުރުކުރަމުން ގެންދެވެން އެބައޮތް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑުމެންނަށް 2013 ވަނަ އަހަރާ ހަމައަށްދާއިރުގައި، މާލޭގައި ބޭނުންކުރާ ހަކަތައިގެ 20، 25 ޕަސެންޓަކީ އިޢާދަކުރަނިވި ހަކަތައަށް ހެދޭނެކަމަށް. އަދި މީގެއިތުރުން، މާލޭ ސަރަޙައްދުގައި ބޭނުންކުރާ ކަރަންޓް އަދި ބައެއް އެހެން ޔޫޓިލިޓީ ކުންފުނިތަކުންވެސް ބޭނުންކުރާ ކަރަންޓް، އަޅުގަނޑަށް ފެންނަ ފެނުމުގައި، 2013 ވަނަ އަހަރު ވަރަށްބޮޑު ބައެއް، އިއާދަކުރަނިވި ހަކަތައަށް ބަދަލުވެގެންދާނެ.

2020 އަށް އަޅުގަނޑުމެން މިންއަޅާފައި މިވަނީ، ކާރބަން ނިއުޓްރަލް ޤައުމަކަށްވުމަށް. އޭގެކުރީގައި އަޅުގަނޑުމެން މި އުންމީދު ކުރަނީ، މިހާރުން މިހާރަށް ރައްޔިތުންނަށް މިކަމުގައި ގެނެވެންހުރި ލުޔެއް ގެނެވޭތޯ މަސައްކަތް ކުރުމަށް. މިއަދު މި ހަރުކުރެވެނީ، މި ޕްރޮގްރާމްގެ ތެރެއިން ހަރުކޮށް ނިމޭއިރުގައި ހަރުކުރެވިފައި ހުރި ސޯލަރ ޕެނަލުން ކަރަންޓް އުފެއްދޭނީ ގާތްގަނޑަކަށް ބައި މެގަ ވޯޓަށް ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތީ. އެއީ، ކުޑަ ޢަދަދެއް، މާލޭގައި މިބޭނުންކުރާ 42 މެގަވޯޓާ އަޅާބަލާއިރު. އެހެންނަމަވެސް، ދެން މިއޮތީ އަޅުގަނޑު މިދަންނަވާހެން، ހަމަ އަޅުގަނޑުމެންނަށް ދަސްވެފައި. ދެން ފަރިތަވެފައި. ދެން ގިނަގިނައިން މިކަން ކުރަމުން އަޅުގަނޑުމެން ގެންދަންވީ. އަޅުގަނޑު މި ޕެނަލް ހަރުކުރަން ދިޔުމުގެ ކުރީގައި، ތިޔަބޭފުޅުން، ނޫސްވެރިން ސުވާލެއް އޮތްނަމަ، ދެތިން ސުވާލަކަށް އަޅުގަނޑު ފުރްޞަތު އަރުވާނަން.

والحمد للّـه. والسّـلام عليـكم.