بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ދިރާގުގެ ޗެއަރމަނާއި، ބޯޑުގެ މެންބަރުން، ދައުލަތުގެ ވެރިންނާއި، ކުޅުދުއްފުށީ ކައުންސިލާއި، އަތޮޅު ކައުންސިލާއި އަދިވެސް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑަކަށް ވަކި އިތުރަކަށް މިއަދުގެ މި ޙަފްލާއާއި މި މަސައްކަތުގެ މުހިންމުކަމާއި ބޭނުންތެރިކަން ފާހަގަކޮށްދެވޭކަށެއް ނެތް. އަޅުގަނޑު ހިތުން ކަމާބެހޭ މާހިރުން ފާހަގަކުރައްވަމުން، ވިދާޅުވަމުން އެ ގެންދަވަނީ، މިއަދު ރާއްޖޭގައި މި ހިނގާ ކަމުގެ މުހިންމު ކަމާއި، މިކަމުން މި ރާއްޖޭގެ ތަރައްޤީއަށް ގެނެވެންހުރި ފަހިކަމުގެ ނުކުތާތައް.

ޤައުމެއް ތަރައްޤީވެދިޔުމަށް މުދަލާއި ފަސިންޖަރުން، މަޢްލޫމާތާއި އަދި އެހެންވެސް ކަންކަން، އެއްއަތުން އަނެއް އަތަށް، އެއްތަނުން އަނެއް ތަނަށް ބަދަލުވުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއްކަން އަޅުގަނޑުމެން އަބަދުވެސް މި އަންނަނީ ފާހަގަކުރަމުން. ޤައުމެއް ތަރައްޤީވެ މިދަނީ، އެކެއްގެ ކިބައިގައި ހުރި އެއްޗެއް، އަނެކަކަށް ފުރޮޅާލެވިގެން، ފަހިކޮށްދެވިގެން، ދެވިގެން. އެދެމެދުގެ ދޭތެރޭގައި ވިޔަފާރިއެއް ހިނގައިގެން. ޒަމާނުއްސުރެ ފަށައިގެން، މި ވިޔަފާރި، ޚާއްޞަ ގޮތެއްގައި ހުއްޓިފައި ހުރީ، މުދަލާއި ޚިދްމަތަށް.

މިއަދު އަޅުގަނޑުމެންނަށް އެބަ ސާފުވޭ، މަޢްލޫމާތު، އެއް އަތުން އަނެއް އަތަށާއި، އެއްތަނުން އަނެއް ތަނަށް ބަދަލުކުރުމަކީ، ޤައުމީ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން. މަޢްލޫމާތުގެ ބޭނުންތެރިކަން އެއީ، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ކުރިއަށްވުރެ މިއަދު މާބޮޑަށް ފާހަގަވެފައި އޮތް ކަމެއް. އަދި އަޅުގަނޑަށް ފެންނަ ގޮތުގައި، މިއަދު މިކުރެވޭ މަސައްކަތުގެ ސަބަބުން ރާއްޖެއަށް މަޢްލޫމާތު މިހާރަށްވުރެ މާ ފަސޭހަކޮށް، މާ ރަނގަޅަށް، މާ އަވަހަށް ލިބެމުންދާނެ. އަދި އެކެއްގެ ކިބައިގައި ހުރި މަޢްލޫމާތެއް، އަނެކަކަށް ވާސިލުކޮށްދިނުމަށްވެސް މިއަދު މި ފެށޭ ފެށުމަކީ ކޮންމެހެން ބޭނުންތެރިކަމެއް.

އިންޓަރނެޓްގެ ސްޕީޑަކީ، އެ އިންޓަރނެޓް ބޭނުންކުރާ، އެ ވިއުގައިގެ ތެރޭގައި މަސައްކަތްކުރާ މި ރާއްޖޭގެ ވަރަށްގިނަ ރައްޔިތުންނަށް ފާހަގަވެފައި އޮތް ކަމެއް. ލަސްވުމުގެ ސަބަބުން ކަންކަން ނުކުރެވުމާއި އަދި މަޢްލޫމާތު ރަނގަޅަށް ނުލިބުމާއި، މުޅި ނިޒާމް އެކީގައި ފޭލްވެދާކަމީ، އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އައިއިރުގައިވެސް، މުވާޞަލާތުގެ ފުރިހަމަ ބޭނުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ނުހިފިވާ އެންމެބޮޑު އެއްސަބަބު.

ދިރާގުން ކޭބަލް އެންޑް ވަޔަރލެސްއާ އެކުގައި މިހިންގޭ މި ބޮޑު މަޝްރޫޢަކީ، އަޅުގަނޑަށް މިކަމުގެ ސަބަބުން ރާއްޖެއަށް އަންނާނެ ބަދަލުތައް ވަރަށް ބޮޑަށް ވިސްނޭ މަސައްކަތެއް. އެކަމަށްޓަކައި ދިރާގުގެ ބޯޑާއި އަދި އެ ކުންފުނީގެ ޓެކްނިކަލް ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރާއި މަރްޙަބާ ދަންނަވަން.

ދިރާގަކީ ނުވަތަ ދިރާގު ގުޅިފައިވާ ކޭބަލް އެންޑް ވަޔަރލެސްއަކީ ޒަމާނުއްސުރެ ފަށައިގެން، މި މަސައްކަތުގައި ދުނިޔޭގައި ވަރަށް ކުރިއަރާ ތިބި ބައެއް. ރާއްޖޭގެ ކުންފުނި، މުވާޞަލާތީ ކުންފުނި އުފެދިފައިވެސް މިވަނީ، މިދެންނެވި ކޭބަލް އެންޑް ވަޔަރލެސް ކުންފުންޏާ ގުޅިގެން. އެ ދެކުންފުނީގެ ދިވެހި ސަރުކާރާއި ކޭބަލް އެންޑް ވަޔަރލެސްއާ އެކުގައި އުފެދުނު ކުންފުނި، ދިރާގުން ރާއްޖޭގެ ރައްޔިތުންނަށް މުވާޞަލާތީ ޚިދްމަތް ދެމުން އަންނަތާ ދުވަސްތަކެއް، ޒަމާންތަކެއް މިހާރު ވެއްޖެ.

މިއަދު މި ހިންގޭ މަސައްކަތުގެ އިތުރުން، އަޅުގަނޑުމެންނަށް މިކުންފުނީގެ ފައިދާއާއި މަންފާ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައްދުކޮށްދިނުމަށްޓަކައި ކުންފުނީގެ ޙިއްޞާވެސް މިވަނީ މިދިޔަ މަހު ތެރޭގައި ވިއްކިފައި. ކުންފުނީގެ ޙިއްޞާ ވިއްކުނު ޢަދަދު، އަޅުގަނޑަށް މަޢްލޫމާތު ލިބޭ ގޮތުގައި، ވަރަށް ރަނގަޅު. ސަރުކާރުން ޙިއްޞާ، ޖުމްލަ ވިއްކުމަށް ކަނޑައަޅާފައިވާ ޢަދަދުގެ ސާޅީހަކަށް ޕަސެންޓް ޙިއްޞާ މިހާރު މިވަނީ މި ބުރުގައި، މި ފިޔަވަހީގައި ވިކިފައި. އެހެންވީމާ، ދިރާގުގެ ޙިއްޞާދާރުންގެ ގޮތުގައި، މިހާރު ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް ހިމެނިގެންދާނެ. އެއީވެސް އަޅުގަނޑު ދެކޭގޮތުގައި، ކުންފުންޏަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް. ކުންފުނީގެ ޓެކްނިކަލް ކެޕޭސިޓީ އިތުރުވެގެންދާއިރުގައި، އެ ކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ހިމެނިގެން އަންނަކަމީ، އަޅުގަނޑުމެން އެންމެންނަށްވެސް އެކަމުން އުފާވެރިކަން ލިބޭ ކަމެއް.

އަޅުގަނޑު ނިންމާލަމުންވެސް ދިރާގުގެ ކުންފުންޏަށާއި އަދި ވަކިން ޚާއްޞަކޮށް، ކޭބަލް އެންޑް ވަޔަރލެސްއަށާއި، އެ ކުންފުނީގެ ބޯޑުގެ އެންމެ މެންބަރުންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.