އަޅާލާނެ މައިންބަފައިން ނެތް ކުދިންނަށް އަޅާލެވޭނެ ފުރިހަމަ ޤައުމީ އިންތިޒާމެއް ހަމަޖެހިގެން ނޫނީ، އަޅުގަނޑުމެން މިއެދޭ ޤައުމު ބިނާ ނުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، "މީ ތްރޫ މައި ލެންސް" ނަމުގައި ނޭޝަނަލް އާޓް ގެލެރީގައި މިރޭ ފޮޓޯ މަޢުރަޒެއް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިފޮޓޯ މަޢުރަޒަކީ، އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ "ވޮއިސަސް" އިން އިންތިޒާމްކޮށްގެން، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުޑަކުދިން، އެކުދިންގެ ދިރިއުޅުން ސިފަކޮށްދޭ ގޮތަށް ނަގާފައިވާ ފޮޓޯ ދައްކައިދޭ މަޢުރަޒެކެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެންނަށް މިއަދު ޙަޤީޤަތުގައި ބަޔަކަށް ވެވިފައި މިތިބީ އަޅުގަނޑުމެން ކުޑައިރު ލިބުނު ލޯތްބާއި އަޅާލުމުގެ ސަބަބުން ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ދެން އަންނަން އޮތް ޖީލުތަކަށް، ޔަތީމު ކުދިންނާއި، މައިންބަފައިން އަޅާ ނުލާ ކުދިންގެ ކަންކަން ބެލެހެއްޓޭނެ ހަރުދަނާ ގޮތްތަކެއް ހޯދުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ތެރޭގައި ނިކަމެތިންނަށް އަޅާލުމާއި، ފަޤީރު ނުވަތަ ފުދުންތެރިކަން އެއްގޮތަކަށްވެސް ނެތް ފަރާތްތައް ބެލެހެއްޓުން ވަރަށް ރަނގަޅަށް ގެންދެވިގެން ނޫނީ، އަޅުގަނޑުމެންނަކީ، ޙަޤީޤީ އިންސާނުންގެ ގޮތުގައި، ނުވަތަ އިންސާނިއްޔަތަށް ލޯބިކުރާ ބައެއްގެ ގޮތުގައި ދިރިއުޅެން އުނދަގޫވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޔަތީމު ކުދިންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމުގެ ގޮތުން ސަރުކާރުން ހިންގަވަމުން ގެންދަވާ އެއްމަޝްރޫޢަކީ، އެފަދަ ކުދިން ބަލަހައްޓާ ފަރާތްތަކަށް ކޮންމެ މަހަކު -/2000 ރުފިޔާގެ ޢިނާޔަތެއް ދެއްވުންކަން ފާހަގަކުރެއްވިއެވެ.