ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިޔާ-މޯލްޑިވްސް (އެފް.އޭ.އައި.އެމް)ގެ އިސް ބޭފުޅުންނާ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، އިންޑިޔާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް ގުޅުމާއި، އެފް.އޭ.އައި.އެމް އިން ހިންގަވަމުން ގެންދަވާ ތަފާތު ޙަރަކާތްތަކާ ބެހޭގޮތުންނެވެ.
އެފް.އޭ.އައި.އެމް.ގެ ފަރާތުން، އިންޑިޔާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދޭތެރޭގައި އޮންނަ ގާތް ގުޅުން ދެމެހެއްޓޭނީ، ދެޤައުމުގެ ރައްޔިތުންގެ މެދުގައި ހަރުދަނާ ގުޅުންތަކެއް ޤާއިމް ކުރެވިގެން ކަމުގައި ވިދާޅުވިއެވެ. މިގޮތުން، އެފް.އޭ.އައި.އެމް އަދާކުރާ ދައުރަކީ، މިކަން އިތުރަށް ވަރުގަދަ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް ގުޅިގެން މަސައްކަތްކުރާނަމަ، ދެޤައުމަށްވެސް ފައިދާތަކެއް ކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައި އިންޑިޔާ ސަފީރު ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްޤީއަށް އެޖަމްޢިއްޔާގެ އެހީ އެންމެ ބޮޑަށް ބޭނުންވާ ދާއިރާތަކުގެ މަޢުލޫމާތު، އެފް.އޭ.އައި.އެމްގެ ބޭފުޅުންނަށް، މިބައްދަލުވުމުގައި ނައިބު ރައީސް ދެއްވިއެވެ. އަދި އެއްޤައުމުގައި އަނެއް ޤައުމެއްގެ ރައްޔިތުންނަށް، އެއްޖަމާޢަތެއްގެ ގޮތުގައި އުޅުމުގެ މަގުފަހިކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.