ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އ.ދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަދި ޔޫ.އެން.ޑީ.ޕީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ އަޖޭ ޗިބަރ، އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ތަރައްޤީއަށް އ.ދ.އިން، އަދި ޚާއްޞަކޮށް ޔޫ.އެން.ޑީ.ޕީން މެދުކެނޑުމެއްނެތި ލިބެމުންދާ އެހީތަކަށްޓަކައި އަޖޭ ޗިބަރއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި، ރާއްޖެއަށް ހުރިހާ ދާއިރާތަކަކުންވެސް ތަރައްޤީ ގެނައުމަށްޓަކައި، އ.ދ.އާއެކު އޮންނަ ގުޅުން ދެމެހެއްޓުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ސިޔާސީ މަސްރަހާއި، ރާއްޖެއަށް އެކި ގޮތްގޮތުން މިހާރު ކުރިމަތިވެފައިވާ މައްސަލަތަކުގެ މަޢުލޫމާތު، އަޖޭ ޗިބަރއަށް ރައީސުލްޖުމްހޫރިއްޔާ އެރުވިއެވެ.

އަޖޭ ޗިބަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ މިހާރު އޮތް މެދު އާމްދަނީގެ ފަންތިން ކުރިއަރައި ތަރައްޤީވުމަށް ބޭނުންވާ ދާއިރާތަކަކީ ކޮބައިތޯ ދިރާސާކޮށް، އެދާއިރާތައް ތަރައްޤީކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ.

މިބައްދަލުވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙަންމަދު ޝިހާބާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.