މޫސުމަށް ކުރިމަތިވާ އާދަޔާ ޚިލާފް ބަދަލުތަކާ ގުޅިގެން، މި ސަރަޙައްދުގެ ކޮންމެ ޤައުމެއް ކުރިމަތިލާ ގެއްލުމުން، މިސަރަހައްދުގެ ހުރިހާ ޤައުމަކަށް އަސަރުކުރާނެ ކަމާއި، މިކަމަށް ޙައްލެއް ހޯދުމުގައި، ސަރަޙައްދީ އެއްބައިވަންތަކަމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، "ސެކިއުރިޓީ އިމްޕްލިކޭޝަންސް އޮފް ކްލައިމެޓް ޗޭންޖް އިން ސައުތް އޭޝިޔާ" މި ނަމުގައި ސައުތް އޭޝިޔަން ނެޓްވޯކް ފޮރ ސެކިއުރިޓީ އެންޑް ކްލައިމެޓް ޗޭންޖްގެ ބައިވެރިން ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމެއްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މާލެ، ޓްރޭޑަރސް ހޮޓެލްގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް ކުރިމަތިވާ އާދަޔާ ޚިލާފް ބަދަލުތަކަކީ، ވަކި ޤައުމަކަށް ކުރިމަތިލާންޖެހޭ ކަމެއް ނޫން ކަމަށާއި، މިކަމަކީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އެންމެބޮޑު އެއް ނުރައްކާ ކަމުގައި ވިދާޅުވިއެވެ. އަދި މިކަމަށް ޙައްލެއް ހޯދުމަށް ބާރުލާ މަސައްކަތް ކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، މޫސުމަށް ކުރިމަތިވާ އާދަޔާ ޚިލާފް ބަދަލުތަކާ ގުޅިގެން، ރާއްޖެފަދަ ކުދި އަދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ރަށް ގިރުމާއި، ސާފު ބޯފެން ނެގުމުގެ ދަތިތަކަށް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.