بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އާދެ! މި ފިނި ހަވީރުގައި މިއަދު ކުޑަކުދިންނަށް ލިބޭ ކުޑަކުދިންނަށް ދިމާވާ ނުރައްކާ އަނިޔާތަކާ ދެކޮޅަށް އަނެއްކާވެސް ސަރުކާރުގެ މުއައްސަސާއަކާ އެކިއެކި ޖަމާޢަތްތަކާ ގުޅިގެން، މިއަދުގެ ހަވީރުގެ މިޙަރަކާތްތައް ބާއްވާ ކަމަށްޓަކައި އެހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެން ހިއުމަން ރައިޓްސް ކޮމިޝަންގެ ބެއްލެވުމުގެ ދަށުން ރޭއްވެވި ހަމަ މިބާވަތުގެ ކުޑަކުދިންގެ ހަވީރެއް އިއްޔެވެސް އޮތް. ހަމައެއާ ވިދިގެން އަނެއްކާ މިއަދުވެސް ގިނަ ޖަމާޢަތްތަކެއް ބައިވެރިވެގެން މިފަދަ ޙަރަކާތެއް ބާއްވާކަމީ، މިއަދު ކުޑަކުދިންގެ ޙިމާޔަތަށްޓަކައި ކުޑަކުދިންނަށްޓަކައި ޢާންމުންގެ ތެރޭގައި އުފެދިފައިވާ ލޯތްބާއި އަދި ހޭލުންތެރިކަން ދައްކުވާ މިންވަރު އެނގިގެންދާކަމެއް. މި ޙަރަކާތްތައް ރޭވިގެން މި ހިނގަނީ އެނގިވަޑައިގަންނަވާނެ ފަދައިން، ކުޑަކުދިންނަށް ދިމާވާ ނުރައްކާތަކުން ސަލާމަތް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހަކާ ގުޅިގެން. އެގޮތުން މިއަދުވެސް އެޙަރަކާތްތައް ރޭވިގެން މިދަނީ.

މިއަދު މިޙަރަކާތުގައި އަޅުގަނޑަށް އެބަ ފެނޭ، ބައިވެރިވާ އަމިއްލަ ޖަމާޢަތްތަކުގެ ތެރޭގައި ކެޕްސް އަދި ހަމައެހެން ގަރލްގައިޑްސް އަދިވެސް އެހެން ބައެއް ޖަމާޢަތްތައް. މީގައި އިސްނަންގަވައިގެން މަސައްކަތް ކުރައްވަނީ ތިޔަބޭފުޅުންނަށް ދެންމެ ތިޔައިވިވަޑައިގެން ފަދައިން ފެކަލްޓީ އޮފް ހޮސްޕިޓޭލީޓީ އެންޑް ޓޫރިޒަމްގެ ބޭފުޅުންނާއި، އެތާނގައި ކިޔަވާ ކުދިންނާ. މިބޭފުޅުން އިސްނަންގަވައިގެން މިއަދުގެ މަސައްކަތް ރާއްވަވާފައި މިއޮތީ. އެހެންވީމާ، އެބޭފުޅުންނަށް ފެކަލްޓީގެ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް ޔުނިވަރސިޓީގެ ޗާންސެލަރ، ވައިސް ޗާންސެލަރވެސް، ފެކަލްޓީގެ ބައެއް ބޭފުޅުން މިތަނަށް ވަޑައިގެން ދެއްވި ކަމަށްޓަކައި އެކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.

އާދެ! މިއަދުގެ މިމުނާސަބާގައި އަޅުގަނޑު ވަރަށް ކުރުކޮށް ދެ އެއްޗެއް ދަންނަވާނަން. ފުރަތަމަ ކަމަކީ މިހާރު މިޙަރަކާތްތަކުން މިދޭހަވަނީ، ދިވެހިންގެ ތެރޭގައި ކުޑަކުދިންނަށް ލިބޭ އަނިޔާތަކާ ބެހޭގޮތުން ފުދޭވަރަކަށް ހޭލުންތެރިކަން އިތުރުވަމުން އަންނަކަން. އަދި ހަމައެއާއެކީގައި އެކަމާ ކަންބޮޑުވުންވެސް އުފެދިފައިވާކަން. އެހެންވީމާ، ގިނަ ފަރާތްތަކަކުން މިކަމާ ބެހޭގޮތުން އެކިއެކި ޙަރަކާތްތައް ހިންގަމުން މިގެންދަނީ.

ކުޑަކުދިންނަށް ދިމާވާ ނުރައްކާތަކުގެ ތެރޭގައި ތަފާތު ކަންތައްތައް އެބަ ހިމެނޭ. ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ހިންގަވަމުން ގެންދެވި ޕްރޮގްރާމް "އިހްމާލުވުމަކީވެސް އަނިޔާއެއްކަމަށް" ގިނަ ބަޔަކަށް ވިސްނައިދިނުމުގެ ގޮތުން ހިންގެވި ޕްރޮގްރާމްގައި އެވާ ގޮތަށް ކަނޑައެޅިގެން ކުދިންނަށް އިހްމާލުވުމަކީވެސް އެއީ އަނިޔާއެއް. އެގޮތުން ކޮންމެވެސް ވަރަކަށް އިއްޔެވަނީ އެވާހަކަ ދެކެވިފައި. އޭގެ އިތުރުން، އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ތަފާތު ބާވަތްބާވަތުގެ އަނިޔާ ކުދިންނަށް އެބަލިބޭ. އެންމެ ބޮޑަށް އަޅުގަނޑުމެންނަށް މިފާހަގަކުރެވެނީ ޖިސްމާނީގޮތުން ނޫނީ ޖިންސީގޮތުން ކުދިންނަށް ކުރެވޭ އަނިޔާ. ޖިސްމާނީގޮތުން ކުރެވޭ އަނިޔާގެ ތެރޭގައި، ނޭނގިވެސް އެނގިގެންނަމަވެސް ބެލެނިވެރިންނަށްވެސް ބައެއްފަހަރު ކުދިންނަށް އެބަ އަނިޔާ ކުރެވޭ.

އެހެން މިވާންޖެހެނީ، ކުދިން ބަސް ނޭހުންކަމަށް ގިނައިން ބެލެނިވެރިން ބުނާނީ. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެންނަށް މިޒަމާނަކީ މިއީ، ކުއްޖަކު ބަސްނޭހުމުން ދަނޑިބުރިއެއް ހިފައިގެން ނޫނީ އިލޮށިފަތި ހިފައިގެން ފަހަތުން ދުއްވައިގަންނަ ޒަމާނެއް ނޫން. ގިނަ ބަޔަކަށް މިހާރު އެބަ އެނގޭ، ކުޑަކުދިން ތަރުބިއްޔަތު ކުރުމަށް ގެންގުޅެންޖެހޭ އުޞޫލުތަކެއް އެބަ ހުންނަކަން. އެގޮތުން ކުދިން ތަރުބިއްޔަތު ކުރުމުގައި ކުދިންނަށް އަނިޔާ ނުވާނެ ގޮތަށް ކުދިން ތަރުބިއްޔަތު ކުރުމަކީ އެއީ، މިހާރު މުހިންމު ކަމެއް. އެކަމަށްޓަކައި ބެލެނިވެރިންނަށްވެސް އަދި އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ސްކޫލް ނިންމާފައި އޯލެވެލް ނުވަތަ އޭލެވެލް ނިމިގެން ނުކުންނަ ގިނަ ބަޔަކަށްވެސް, މިހާރު އެކަން ކޮންމެވެސް ވަރަކަށް ވިސްނިގެން ގޮސްފައި އޮންނާނީ. އެގޮތުން ބެލެނިވެރިން ބޭނުންވާ ގޮތަށް ނޫން ގޮތަކަށް، ކުދިން ޢަމަލު ކުރަން ފެށުމުން ދެން ހަދާނެ ގޮތަކާބެހޭގޮތުން، ނަފްސާނީ ގޮތުން ކިޔަވާ އެކިއެކި މީސްމީހުން، ޢިލްމުވެރިން އެބަ ބުނޭ، ކަންތައް ކުރަންވާ ގޮތް. އެކަމުގެ ހޭލުންތެރިކަންވެސް ކޮންމެވެސް ވަރަކަށް މިހާރު ވަނީ އުފެދިފައި. ކުއްޖަކު ބެލެނިވެރިޔާ ބޭނުންވާ ގޮތް ނޫން އެހެން ގޮތަކަށް ކަންތައް ކުރަން ފެށުމުން، ދެން އެކަމުން އޭނާ އެހެން ދިމާއަކަށް އަނބުރާލެވޭނެ ގޮތްތައް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. އޭނާއަށް ޖިސްމާނީގޮތުން އަނިޔާ ނުދީ.

ހަމައެހެން، އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި، އަޅުގަނޑުމެން ބެލެނިވެރިން ބޭނުންވާ ގޮތަށް ކުދިން ކަންތައްތައް ކުރުމުން އެކަމަށް ތަރުޙީބުދީ، ހިތްވަރުދީ، މައިންބަފައިންގެ ލޯބި ކުދިންނަށް ދިނުން އެއީ، މީގައި ހިމެނޭ އެއް މުހިންމު އެއްކަންތައް. އަދި ޖިސްމާނީގޮތުން ކުދިންނަށް ދެވޭ އަނިޔާ އެއީ، ތަންކޮޅެއް ފަސޭހައިން ފާހަގަކުރެވޭކަމެއް. ކުއްޖަކަށް އަނިޔާއެއް ލިބިފައި ހުރިކަމަށްވާނަމަ އެހެންމީހުންނަށްވެސް އެކަން ފަސޭހައިން އެނގިގެންދާނެ. އެހެންނަމަވެސް، އެއަށްވުރެ މާ އުނދަގޫކަމެއް ނަފްސާނީ ގޮތުން ލިބޭ އަނިޔާ. ނަފްސާނީ ގޮތުން ލިބޭ އަނިޔާ، ބައެއް ފަހަރަށް ޖިސްމާނީ ގޮތުން ލިބޭ އަނިޔާއަށްވުރެ މާ ދިގުމުއްދަތަށް ދެމިހުރޭ. އޭގެ އަސަރު ކުއްޖާ ބޮޑުވުމުންވެސް އެކުއްޖާއަށް އެބަ ކުރަމުންދޭ. މިސާލެއްގެ ގޮތުން ދަންނަވަނީނަމަ ކުޑައިރު ކުއްޖަކު އަބަދުވެސް އެކުއްޖެއްގެ ހުރި، ކަމެއް ނުކުރެވޭކަން އެކުއްޖާއަށް ވިސްނައިދިނުން. ނޫނީވިއްޔާ އިމްތިޙާނަކުން ނުވަތަ މުބާރާތަކުން ދެރަވުމުން، އެކުއްޖަކީ ދެރަ ކުއްޖެއްކަމަށް ވިސްނި، އެހެން ކުދިންނާ އަޅާކިޔުމުގެ ސަބަބުން ،އެކުއްޖާގެ ނަފްސާ ދޭތެރޭގައި އަނެކާއަށް ވިސްނޭ ވިސްނުން ވަރަށް ބޮޑަށް ބަދަލުވެގެން ހިނގައި އެބަދޭ. އޭގެ އަސަރު ވަރަށް ދިގު މުއްދަތަކަށް ކުދިންގައި ހަރުލާފައި ހުރުމަކީ އެކަށީގެންވާކަމެއް. އަދި އެކުއްޖާ ބޮޑުވުމުންވެސް، އޭނާގެ އަމިއްލަ ނަފްސާ ދޭތެރޭގައި ދެރަކޮށް ވިސްނުމަކީ، އެހެން މީހުންނަށްވުރެ ތިމަންނާއަކީ ކަންކަމުގައި ދެރަ މީހެއްކަމަށް ނުވަތަ ކަންކަން ނުކުރެވޭ މިހެއްކަމަށް ބައެއް ފަހަރު ދުށުމަކީ އެންމެ އެކަށީގެންވާކަމެއް. އަދި ހަމައެހެން، ކުޑައިރުގައި ދިމާވާ ކަމެއްގެ ސަބަބުން އޭނާއާ ދޭތެރޭގައި އިތުބާރު ގެއްލުންވެސް މިއީ، ވަރަށް ފަސޭހައިން ވާކަމެއް.

އެހެންވީމާ، އަބަދުވެސް ކުޑަކުދިންނަށް ހިތްވަރުދީ، އެކުދިންނަށް ލޯބިދީ، އެކުދިން ކުރާ ކަންކަމުގައި، ރަނގަޅަށް ކަމެއް ކޮށްފިނަމަ އެކަމާ މަރްޙަބާ ކިޔައި، ތަހުނިޔާ ކިޔައި، ހިތްވަރު ދިނުމަކީ އެއީ، މައިންބަފައިން ކޮންމެހެން ކުރަންވާނެކަމެއް. މިދެންނެވި ނުކުތާތަކަށް ސަމާލުކަން ދެއްވައިގެން ބެލެނިވެރިން ކަންތައްތައް ކުރައްވާނަމަ، އަދަބުނުދީ މިދެންނެވީ، އަނިޔާވާ ބާވަތްބާވަތުގެ، ޖިސްމާނީ ނަމަވެސް، ނަފްސާނީ ނަމަވެސް، އަނިޔާ ނުލިބޭ ގޮތަށް ކުދިން ތަރުބިއްޔަތު ކުރެވޭނެ ކަމަށް އަޅުގަނޑުމެން މިހާރު މި ގަބޫލުކުރަނީ.

ޝައްކެއްނެތް. ކުރިއާ އަޅާބަލާއިރުގައި އަޅުގަނޑުމެން ބޭނުންވާ ގޮތްގޮތަށް ނޫން ގޮތްގޮތަށް ކުދިން އުޅުމުގެ ފުރުސަތުތައް މިހާރު މިވަނީ މާބޮޑަށް އިތުރުވެގެން ގޮސްފައި. ބައެއް މީހުން ދެކޭ ކަހަލަ ކުރީގައި އުޅޭ ކުދިންނަށްވުރެ މިހާރު އުޅޭ ކުދިން މާ ގޯހޭ. އެއީކީ ޙަޤީޤަތެއް ކަމަކަށް އަޅުގަނޑު ނުދެކެން. ކޮންމެ ޒަމާނަކުވެސް އަބަދުވެސް މީހުން ހީކުރާނެ، ކުރީގެ ކުދިންނަށްވުރެ މިހާރު އުޅޭ ކުދިން ގޯހޭ. ޙަޤީޤަތަކީ އެއެއް ނޫން. ޙަޤީޤަތަކީ ކުދިންނަށް ގޯސްކޮށް އުޅުމުގެ ފުރުސަތުތައް ކުރިއަށްވުރެ ގިނަވެގެން ދިޔުން. އަޅުގަނޑުމެން ޤަބޫލުނުވާ ގޮތްގޮތަށް އަޅުގަނޑުމެންގެ ދަރިންނަށް އުޅެވޭނެ ފުރުސަތުތައް އިތުރުވެގެން ދިޔުން. ރާއްޖެ މިހާރު މިއޮތީކީއެއް ކުރިން އޮތްގޮތަށް ތަޅުލެވިފައެއް ނޫން. މިއަދު ރާއްޖެ މިވަނީ ހުޅުވާލެވިފައި. ރާއްޖޭގެ ހުރިހާ ދިމާއަކަށް އަޅުގަނޑުމެންގެ ކުދިންނަށް ދިޔުމުގެ ފުރުސަތު އެބައޮތް. ޓީވީއާއި ރޭޑިޔޯގެ ޒަރީޢާއިން ނޫސްތަކުންނާއި މަޖައްލާތަކުން، ދުނިޔޭގެ އެހެން މީހުން އުޅޭ ނޫޅޭ ގޮތް އަޅުގަނޑުމެންނަށް މިހާރު އެނގެމުން މިދަނީ. އެހެންވީމާ، އަބަދަކު އެއްގޮތަކަށްއަޅުގަނޑުމެންގެ ތެރެއިން ކުޑަކުދިންނެއްވެސް ނުތިބޭނެ. އެހެންނަމަވެސް އެކުދިންނަށް ރަނގަޅު މަގު ދައްކާ، އެކުދިންނަށް ރަނގަޅު ގޮތްގޮތަށް ލެއްބުވުމުގެ މަސްޢޫލިއްޔަތު އަބަދުވެސް މައިންބަފައިންގެ އިސްތަށިފުޅުގައި އެޅިފައިމިވަނީ.

އާދެ! އެހެންވީމާ އަޅުގަނޑުގެ ވާހަކަކޮޅު މާދިގުކުރާކަށް މިއަދަކު ނެތީމު. ނަމަވެސް މިދެންނެވި ދެތިން ނުކުތާއަށް ހުރިހާ ބޭފުޅުންވެސް ވިސްނާވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑުގެ އުންމީދަކީ، މިހާރަށްވުރެވެސް ރަނގަޅު ޕްރޮގްރާމްތަކެއް ކުޑަކުދިން ޙިމާޔަތް ކުރުމަށްޓަކައި ކުޑަކުދިންނަށް ލިބޭ ގެއްލުންތަކާ ބެހޭގޮތުން ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި އަދި ހަމައެހެންމެ، ކުޑަކުދިންނަށް ގޯނާކުރާ މީސްމީހުންނާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅުތައްވެސް މިހާރަށްވުރެ ހަރުކަށިވުމާއި، ކުދިންނަށް އެހީތެރިކަމުގެ ގޮތުން ރޭވިފައިވާ ޕްރޮގްރާމްތައްވެސް މިހާރަށްވުރެ ހަރުދަނާވުމާއި، މިހެންގޮސް އަޅުގަނޑުމެން ކުރަން ހުރި ކިތަންމެ ކަންތައްތަކެއް އެބަހުރި. މިކަންތައްތައް ކުރުމުގައި އަވަސްކަމާއެކީގައި ޤާނޫނުތަކަށާއި ޤަވާއިދުތަކަށާއި މުއައްސަސާތަކަށް ގެންނަންޖެހޭ އިޞްލާޙްތައް ވީހާވެސް އަވަހަކަށް ގެންނެވުމަށް ސަރުކާރުގެ ފަރާތްތަކަށާއި އަދި މިކަމާބެހޭ އެހެން މުއައްސަސާތަކަށްވެސް އަޅުގަނޑު ގޮވާލަން.

އަދިވެސް އެއްފަހަރު މިއަދު މިޙަރަކާތްތައް ރާވައިދެއްވި ކަމަށްޓަކައި ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓުއަރިޒަމްގެ ފެކަލްޓީއަށާއި، ކިޔަވާ ދަރިވަރުންނަށް އަޅުގަނޑު ވަރަށް ބޮޑަށް މަރްޙަބާއާއި ޝުކުރު ދަންނަވަން.

والســّلام عليــكم