ކުޑަކުދިން ހިމާޔަތްކުރުމާ ބެހޭގޮތުން ބޭއްވޭ ގިނަ ޙަރާކަތްތަކުން، ދިވެހީންގެ ތެރޭގައި ކުޑަކުދީންނަށް ދިމާވާ އަނިޔާތަކާ ބެހޭގޮތުން ހޭލުންތެރިވެ، އެކަމާމެދު ކަންބޮޑުވާކަން ފާޅުކުރަން ބޭނުންވާކަން ދޭހަވެގެންދާ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، މިއަދަކީ، ކުޑަކުދިންނަށް ކުރާ އެކި އަނިޔާތަކުން އެކުދިން ހިމާޔަތް ކުރުމަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަސް ކަމަށްވުމާއެކު، ދުވަހުގެ މުނާސަބަތުގައި "ކޮންމެ އިހުމާލަކީ އަނިޔާއެއް" މި ޝިޢާރުގެ ދަށުން، ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއާއި، ޗައިލްޑް އެބިއުސް އެންޑް ޕްރިވެންޝަން ސޮސައިޓީ(ކެޕްސް)އާ ގުޅިގެން، މިއަދު ހަވީރު އާޓިފިޝަލް ބީޗްގައި ބޭއްވި ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ކުޑަކުދިންނަށް ދިމާވާ އަނިޔާތަކުގެ ތެރޭގައި، ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ހިމެނޭ ކަމަށް ވިދާޅުވެ، ކުޑަކުދިންނަށް އެކި އަނިޔާތައް ނުލިބޭނެ ގޮތަށް، އެކުދިން ތަރުބިއްޔަތު ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ކުދިން ތަރުބިއްޔަތު ކުރުމުގެ ޒަމާނީ އުޞޫލުތައް ދެނެގަނެ، ކުދިންކުރާ ރަނގަޅު ކަންތައްތަކަށް ތަރުޙީބު ދެއްވުމަށް، ބެލެނިވެރިންނަށް ނައިބު ރައީސް އިލްތިމާސް ކުރެއްވިއެވެ. މި ރޮނގުން ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، ކުރިއާ އަޅާބަލާއިރު، ތަފާތު މާޙައުލުތައް ތަޖުރިބާ ކުރުމުގެ ދޮރުތައް ޓީ.ވީ.އާއި، ރޭޑިޔޯއާއި، ނޫސްތަކުގެ ޒަރީޢާއިން ކުދިންނަށް މިހާރު މާބޮޑަށް ހުޅުވިފައިވާއިރު، އެކުދީންނަށް ރަނގަޅު މަގު ދައްކަވައި، ރަނގަޅު ގޮތްތަކަށް އެކުދިން ލެންބުވުމުގެ މަސްއޫލިއްޔަތުވެސް އުފުއްލަވަން ޖެހޭނީ، މައިންބަފައިން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ކުޑަކުދިން ހިމާޔަތް ކުރުމަށާއި، އެކުދިންނަށް ލިބޭ ގެއްލުންތަކާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށާއި، ކުޑަކުދިންނަށް އެކި ގޯނާކުރާ މީހުންނާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅުތައް ހަރުކަށި ކުރުމަށްޓަކައި، ޤާނޫނުތަކަށާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް އަވަހަށް ގެންނެވުމަށް، ސަރުކާރަށާއި ކަމާބެހޭ އެހެން މުއައްސަސާތަކަށް ގޮވާލައްވަމުންނެވެ.