بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އައްޑޫ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރަކީ، ސާކް ސަމިޓާ ގުޅުވައިގެން ހިންގަމުން އައި ޕްރޮޖެކްޓެއްގެ އެއްބައި. ސާކް ސަމިޓާއި އައްޑޫގައި ސިޓީއެއް ތަރައްޤީ ކުރުމާއި އަދި ފުވައްމުލަކުގެ ތަރައްޤީ އަވަސް ކުރުމަށް އަޅުގަނޑުމެން ސާކް ސަމިޓާ ގުޅުވި އެންމެބޮޑު އެއް ބޭނުމަކީ، އޭގެ ސަބަބުން މިކަމަށް އިތުރު ޖޯޝެއް ލިބި އަދި އަޅުގަނޑުމެން އެންމެންގެވެސް ހިތްތަކުގައި މިކަން ކުރިއަށް ގެންދެވޭނޭ ރަނގަޅު ގޮތެއް ހޯދުމަށްޓަކައި.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ފަށައިގަތްއިރުގައި، އަޅުގަނޑުމެންގެ ތަޞައްވުރު އަޅުގަނޑުމެން ހުށަހަޅަމުން ގެންދިޔައީ ބަސްތަކަކުން. އަޅުގަނޑުމެންގެ ލީފްލެޓްތަކަކުން. އެހެން ނަމަވެސް، އެ ބަސްތަކާއި، އެ ލީފްލެޓްތަކުގައި ހުރި އަކުރުތައް، އަޅުގަނޑުމެންގެ ހިތްތަކަކަށް ރަނގަޅަކަށް މަންޒަރެއްނުވި. އަޅުގަނޑުމެން އެ މަންޒަރުތައް، ކުރެހުމުގެ ސިފައިގައިވެސް ރައްޔިތުންނަށް ދައްކައިހެދީމު. އެހެންނަމަވެސް، އެއީވެސް އަދި އަޅުގަނޑުމެންނަށް ރަނގަޅަށް ސިފަކުރެވުނު މަންޒަރަކަށެއްނުވި. އަޅުގަނޑުމެން ދެން މަސައްކަތް ކުރީ، ރައްޔިތުންނަށް ސާފުކޮށް، އަޅުގަނޑުމެންގެ އަމާޒު އެނގޭނެފަދަ ނަކަލެއް އުފެއްދުމަށްޓަކައި، މި ކޮންވެންޝަން ސެންޓަރާއި އައްޑޫގައި މިކުރެވުނު މަސައްކަތަކީ، އަޅުގަނޑުމެންގެ މެނިފެސްޓޯ ކާމިޔާބު ކުރުމަށްޓަކައި، ރާއްޖޭގެ 7 ސަރަޙައްދުގައި އަޅުގަނޑުމެން ހިންގާނެ މަސައްކަތްތަކުގެ ނަކަލެއް. މިއީ އަޅުގަނޑު ދެކޭގޮތުގައި، އެއް ބިލްބޯޑެއް، އެއް ލީފްލެޓް، އެއް ޕޯސްޓަރ. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ އުންމީދަކީ، މި ބިލްބޯޑުގައި މިވާ، މި ޕޯސްޓަރުގައި މިވާ އެންމެހާ ކަންކަން، އެއީ ފެނާއި ނަރުދަމާގެ ޚިދްމަތާއި، މަގުތަކާއި، ދަތުރުފަތުރު ކުރުމާއި، ޞިއްޙަތާއި އަދި ޒުވާނުންގެ ކަންކަމާ، އަޅުގަނޑުމެން މި އަމާޒުކުރާ ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ސާފުކޮށް ކުރެވޭނެ މަގުތަކެއް ހޯދުން.

އަޅުގަނޑަށް ފެންނަނީ އަދި އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންގެ ރާއްޖޭގައި މިބާވަތުގެ މަސައްކަތް މި ސްޕީޑްގައި ކުރުމުގެ ޤާބިލުކަން އެބަހުރި. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މަސައްކަތްތައް ހުއްޓުމެއްނެތި ބާރަށް ގެންގޮސް ނިންމޭތޯ މަސައްކަތް ކުރާނަން.

މިކަމުގައި މަސައްކަތް ކޮށްދެއްވި ބޭފުޅުންގެ ނަން ލިސްޓް ވަރަށް ދިގު. އަޅުގަނޑު ނަންތައް ބުނަމުންދާއިރުގައި، ބައެއް ނަން ވެއްޓިދާނެ. އެހެން ނަމަވެސް، އަޅުގަނޑު އެބޭފުޅުންގެ ކިބައިން ވަރަށް ބޮޑަށް މަޢާފަށް އެދޭނަން. ކޮންވެންޝަން ސެންޓަރ އެންމެ ފުރަތަމަ ޑިޒައިން ކުރުމުގައި، ކުރެހުމުގައި، މުޙަންމަދު ޝަފީޤުގެ މަސައްކަތް، ސައްޕޭގެ މަސައްކަތް އަދި އޭގެފަހުންވެސް މި ޢިމާރާތް ހެދުމުގައި، އެބޭފުޅާގެ މަސައްކަތް އަޅުގަނޑުމެންނަށް ފެނުނީ، އާދަޔާ ޚިލާފް ގޮތެއްގައި. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންޓުން މަސައްކަތް ބަލަހައްޓަވަމުން ގެންދެވި ގެންދެވުމާއި އަދި މަސައްކަތުގެ ސިވިލް އިންޖިނިއަރިންގގެ ކަންކަން ފާހަގަކުރަމުންނާއި އަދި އެހެނިހެން މަސައްކަތްތަކާ ގުޅޭ ޝެޑިއުލްތައް ހިފަހައްޓަވަމުން ގެންދެވީ ވަރަށް ރަނގަޅަށް. އަދި މިމަސައްކަތްތަކުގެ އިންތިޒާމްތައް، އެބޭފުޅުން ރާއްވަވަމުން ގެންދެވީވެސް ވަރަށް ރަނގަޅަށް. މަސައްކަތް ކާމިޔާބުވެފައި އޮތް އަނެއް ބޮޑު ސިއްރަކީ، މިދެންނެވިހެން އެ މިނިސްޓްރީގެ މިނިސްޓަރާއި އަދި އެ މިނިސްޓަރުގެ ދަށުން މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންގެ ހީވާގި މަސައްކަތުގެ ސަބަބުން.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒަކީ، ސާކްގެ ކަންކަން، ޕްރޮގްރާމްގެ ކަންކަން ހިންގުމާ ޙަވާލުވެ އޮތް މިނިސްޓްރީ ކަމަށްވެފައި އަދި އޭގެއިތުރުން މި ޢިމާރާތް ކުރުމުގައިވެސް އެމިނިސްޓްރީގެ މިނިސްޓަރ އާދަޔާ ޚިލާފް މަސައްކަތްތަކެއް ކުރައްވާފައިވާތީވެ، އެ މިނިސްޓަރަށާއި، އެމިނިސްޓްރީގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން ފަށްފަށުން ޝުކުރު ދަންނަވަން.

މިނިސްޓްރީ އޮފް ޑިފެންސުން އަޅުގަނޑުމެންނަށް ކޮށްދެއްވާފައިވާ މަސައްކަތްތަކަކީ، އަގު ވަޒަން ނުކުރެވޭވަރުގެ މަސައްކަތްތަކެއް. އަޅުގަނޑަށް ޔަޤީން، ދިވެހިރާއްޖޭގެ ރައްޔިތުން އަބަދަށްމެ އެކަން ހަނދުމައިގައި ބަހައްޓާނެ. އަޅުގަނޑު އެކަމަށްޓަކައި މިނިސްޓަރ އޮފް ޑިފެންސް ޠަލްޙަތަށާއި އަދި ވަކިން ޚާއްޞަކޮށް، މިތަނުގައި ސަދަން ކޮމާންޑާ ޙަވާލުވެވަޑައިގެން ހުންނެވި ބްރިގޭޑިއަރ އިބްރާހީމްދީދީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ޝުކުރުގެ ލިސްޓްގައި އަޅުގަނޑަށް ހަމަކަށަވަރުންވެސް ޢަބްދުﷲ މުޙަންމަދު ނުހިމަނައެއް ނުވާނެ. އަމިން ކޮންސްޓްރަކްޝަނަކީ މިތަން ޢިމާރާތްކުރި ފަރާތް. ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރައްވައި، މި ޢިމާރާތް މިހުރީ އެކުންފުނީގެ ފަރާތުން ކޮށްދެއްވައި ނިންމަވާފައި.

އަޅުގަނޑުމެންނަށް މިމަސައްކަތްތަކުގައި ޙަރަކާތްތެރިވަމުން އައިއިރުގައި، ސަދަން ޔޫޓިލިޓީ ކޯޕަރޭޝަނުން ކޮށްދެއްވާފައި ހުރި މަސައްކަތްތަކާއި، ކުރަމުން ގެންދާ މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ. އެނގިވަޑައިގަންނަވާނެ، ސަދަން ޔޫޓިލިޓީއަކީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތާއި އަދި އިޖްތިމާޢީ ޚިދްމަތްތައް ދިނުން އެއީ، ވިޔަފާރީގެ އުޞޫލުން ދިނުމަށްޓަކައި އުފެދުނު ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއް. 7 ޕްރޮވިންސްގައި 7 ޔޫޓިލިޓީ ކުންފުނި އުފެއްދުން ސަރުކާރުގެ އަމާޒަކަށްވީ. އެ ޔޫޓިލިޓީ ކުންފުނިތައް މެދުވެރިކޮށްގެން، ފެނާއި، ކަރަންޓާއި، ނަރުދަމައާއި އަދި މަގުހެދުމުގެ މަސައްކަތްތައްވެސް އެ ކުންފުނިތައް މެދުވެރިކޮށް ކުރުން ސަރުކާރުގެ ވިސްނުމަކަށް، ޚިޔާލަކަށްވެފައި އޮތީ. އަޅުގަނޑުމެންނަށް ސަދަން ޔޫޓިލިޓީ ކުންފުނި މިއަދު ދައްކައިދެނީ، އެކަން އެބޭފުޅުން ވަރަށް ރަނގަޅަށް ކާމިޔާބު ކުރައްވާފައިވާކަން. ސަދަން ޔޫޓިލިޓީ ކުންފުންޏަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ހަމަ ޔަޤީން، ހަމަކަށަވަރު، އަޅުގަނޑުމެންނަށް އައްޑުއަތޮޅުގެ ރައްޔިތުންގެ އެއްބާރުލުމާއި، އެ ރައްޔިތުންގެ އެހީތެރިކަމާނުލައި، މިބާވަތުގެ މަސައްކަތެއް ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. މިމަސައްކަތުގައި އައްޑުއަތޮޅުގެ ރައްޔިތުންގެ ތެރެއިން ވަކި ރައްޔިތެއްގެ ވާހަކަ، ވަކި ޚާއްޞަ ގޮތަކަށް ދަންނަވާކަށެއް ނޫން. އެހެންނަމަވެސް އެބޭފުޅުން އެކުގައި މިކަމުގައި ކޮށްދެއްވާފައި ހުރި މަސައްކަތްތަކަކީ، އަޅުގަނޑުމެންގެ ހިތުގެ އަޑީން އަޅުގަނޑުމެން އެބޭފުޅުންނަށް ޝުކުރު އަދާކުރާ ކަމެއް.

އަޅުގަނޑުމެންނަށް އައްޑޫ ތަރައްޤީ ކުރުމުގައި އެހީތެރިވެދޭ އަނެއް އެންމެބޮޑު ވަސީލަތަކީ ހިތަދޫ ބަނދަރު، ކޮމާޝަލް ހާބަރ. އެނގިވަޑައިގަންނަވާނެ، މީގެ ދެއަހަރެއް ކުރީގައި ސަރުކާރުންވަނީ މި ބަނދަރަށް ބޭރުން ބާލާ ތަކެތި، މި ބަނދަރަށް ސީދާ ބާލައިފިނަމަ، 30 ޕަސެންޓްގެ ޑިއުޓީ ކޮންސެޝަނެއް ދިނުމަށް ނިމިފައި. އޭގެ ސަބަބުން ބަނދަރަށް މިވަނީ ވަރަށްބޮޑު ތަރައްޤީއެއް ލިބިފައި. އަދި ބަނދަރު މިވަނީ ވަރަށް ބޮޑަށް ކުރިއަރައި ގޮސްފައި. އަޅުގަނޑު ބަނދަރުގެ އެންމެހާ ބޭފުޅުންނަށާއި، ބަނދަރު ހިންގާ ހުރިހާ ފަރާތްތަކަށް ނުހަނު ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑު މިދަންނަވާހެން ފުލުހުންގެ މަސައްކަތް، އަޅުގަނޑުމެންނަށް އަބަދުވެސް ފެންނަމުންދިޔަ. ޢަމަލީ މަސައްކަތް އެއީ، ވިނަ އިންދުމުގެ މަސައްކަތްވެސް، ސާފުކުރުމުގެ މަސައްކަތްވެސް، އިމާރާތް ކުރުމުގެ މަސައްކަތްވެސް އެބޭފުޅުން ކުރަމުން ގެންދިޔައީ، ނުހަނު ހީވާގިކަމާ އެކީގައި. އެބޭފުޅުންގެ މަސައްކަތްތަކުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާތީ، ޗީފް އޮފް ޕޮލިސް މިތަނުގައި ހުންނަވާ ވަގުތުތައް މަދެއް ނޫން. އަދި ހުރިހާ ފުލުހުންވެސް އެމަސައްކަތްތައް ހިންގަމުން އެގެންދަނީ، ނުހަނު ހީވާގިކަމާއެކީގައި. އަޅުގަނޑުމެން ހުރިހާ ފުލުހުންނަށްވެސް މިވަގުތު، މިފުރްޞަތުގައި ޝުކުރު ދަންނަވަން.

އަޅުގަނޑަށް ރައީސް އޮފީހުގެ ބޭފުޅުން، މި ސާކް ސަމިޓް، ކާމިޔާބު ސަމިޓަކަށް ހެދުމަށްޓަކައި އެކޮށްދެއްވާ މަސައްކަތާއި، މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތަށްޓަކައި، އެއޮފީހުގެ ހުރިހާ ވެރިންނަށް އަޅުގަނޑު ނުހަނު ޝުކުރު ދަންނަވަން. އަދި އެއޮފީހުގެ މަސައްކަތްކުރާ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އެ އޮފީހާނުލާ އަޅުގަނޑުމެން މި އެދޭ މަސައްކަތްތައް މިގޮތަށް އަޅުގަނޑުމެންނަށް ކުރެވިފައި ނެތުނީމާ.

އަޅުގަނޑު ދަންނަވާހެން ޝުކުރު ދެންނެވުމުގެ ލިސްޓަކީ ފަސޭހަ ކަމެއް ނޫން. އަދި އެއީކީއެއް އަޅުގަނޑުމެންނަށް މީހަކު ވައްޓާނުލާ އެއްވެސްއިރެއްގައި ކުރެވިފައި އޮތް ކަމެއްގެ ގޮތުގައި ފެނިފައި އޮތް ކަމެއް ނޫން. އަޅުގަނޑަށް ދެންމެ ފާހަގަކުރެވުނު ނަންތަކުގެ ތެރެއިން ނަމެއް ވެއްޓިފައި އޮތުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެއް. އަދި އެބޭފުޅާއަކީ އެންމެ ބޮޑަށް މަސައްކަތްކުރި ބޭފުޅާއަށްވުމީވެސް ވަރަށް އެކަށީގެންވާ ކަމެއް. އެހެންވީމާ، ނަން ނުބުނެވި، ނުފެނި، ނޭނގި މަސައްކަތްކުރި ބަޔަކުވޭ. އަޅުގަނޑަށް ހަމަ ދެންމެ މިގޮތަށް ހަނދާންވި އެއްބޭފުޅެއް. މަސައްކަތުގެ ވަރަށް ކުރީކޮޅުގައި ހިތަދޫން ވޮލަންޓިއަރ ކުރި ކުއްޖެއް. ހަމަ މެދުނުކެނޑި އެއްވެސް އުޖޫރައަކާނުލާ، ހުރިހާ ގަހެއް އިންދުމުގަޔާއި، ގަސްތައް ބެލެހެއްޓުމުގައި އެބޭފުޅާ މަސައްކަތް ކުރައްވާފައި އޮތީ، ވަރަށް އިޚްލާޞްތެރިކަމާއި އަދި ހީވާގިކަމާއެކީގައި. މިދެންނެވި ބާވަތުގެ އެތައްއެތައް ކުދިންނެއް، އެތައްއެތައް ބޭފުޅުންނެއް އެބަވޭ. ވަކިވަކި މަސައްކަތް ނަންގަވައިގެން ވަކިވަކިން ކުރައްވާފައިވާ. އަޅުގަނޑު އެހުރިހާ ބޭފުޅުންނަށްވެސް މިފުރްޞަތުގައި ޝުކުރު ދަންނަވަން.

އަޅުގަނޑު މިހިނދުގައި އެންމެ ބޮޑަށް ޝުކުރު ދަންނަވަން އަޅުގަނޑުމެން އަދި އެންމެ ބޮޑަށް ހަނދުމައިގައި ބަހައްޓަންވެސް ޖެހޭނީ، އަޅުގަނޑުމެން ހައްދަވައި ބޮޑުކުރެއްވި މާތްރަސްކަލާނގެ އަޅުގަނޑުމެންނަށް މިކަން ކުރުމުގެ ނިޢުމަތް ދެއްވައި، މިކަމުގެ ފުރްޞަތު އަޅުގަނޑުމެންނަށް ފަހިކޮށްދެއްވީތީ، މާތްރަސްކަލާނގެއަށް އަޅުގަނޑުމެން ޝުކުރު ދަންނަވަން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!