بســم اللّـه الرّحمـن الرّحيــم


މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކުންފުނިތަކުގެ ވެރިން، އެމް.އެން.ޑީ.އެފް.ގެ އޮފިސަރުން، ކެނދިކުޅުދޫ ރަށު ކައުންސިލްގެ މެންބަރުން، އަތޮޅު ކައުންސިލްގެ މެންބަރުން އަދި ވަކިން ޚާއްޞަކޮށް، ކެނދިކުޅުދޫ ރައްޔިތުންނާއި، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑުމެން މިއަދު މި ފާހަގަ މިކުރަނީ، އެނގިވަޑައިގަންނަވާނެ، 3 ވަނަ ދަނޑުވެރިންގެ ދުވަހާއި، 31 ވަނަ މަސްވެރިންގެ ދުވަސް އެއްކޮށް، ބައިނަލްއަޤްވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރާ ދުވަހުގައި. މަސްވެރިކަމާއި ދަނޑުވެރިކަމާ، މިދެކަމުގެ ހުރި ގުޅުމަކީ، މަހާއި ކާށި ކަމަށް އަޅުގަނޑަށް މިއަދު އަޑުއިވުނު. އަޅުގަނޑަށް ޔަޤީން، އެ ގުޅުން ފުންވެފައި އޮންނަނީ، މަހާއި ކާށްޓާ ހިސާބުން ނޫންކަން. މަސްވެރިކަމާއި ދަނޑުވެރިކަމަކީ، ޒަމާނުއްސުރެ ފަށައިގެން، ދިވެހިން ހީވާގިކަމާއެކުގައި ކުރަމުން އައި ދެމަސައްކަތް. ހަމައެހެންމެ، އެހާމެ ފައިދާއާއި ނަފާ، ދިވެހިން ހޯދަމުން އައި ދެމަސައްކަތް. ރާއްޖޭގައި މަސްވެރިކަން ނުކުރާ ޒަމާނެއްގައި، މި ރާއްޖެ އޮތް ކަމަކަށް، އަޅުގަނޑު ހިތުން އެއްވެސް ދިވެއްސަކުވެސް ޤަބޫލެއް ނުކުރާނެ. ރާއްޖޭގައި ދަނޑުވެރިކަން ނުކުރާ ޒަމާނެއްގައިވެސް މި ރާއްޖެ އޮތް ކަމަކަށް، އަޅުގަނޑަށް ޔަޤީން، މި ރާއްޖޭގެ އެއްވެސް ތާރީޚަކުން ފެންނާކަށެއް ނޯންނާނެ.

ރާއްޖޭގެ ކާބޯތަކެތީގެ ދުވަހުގައި، ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ކަންކަމާ ގުޅޭގޮތުން އެކުވެފައިވާ ނަޒަރަކުން ބަލައިލުމުގެ މުހިންމުކަން ކިތަންމެހާވެސް ބޮޑު. އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ، ލާމެހިފައިވާ ދުނިޔެއެއްގައި. އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތްތަކަކީ، އެތައް ޓްރެކެއްގައި، އެތައް ގޮތަކަށް ކުރަން ޖެހިފައިވާ މަސައްކަތްތަކެއްކަން، މަސައްކަތްތަކަށް އަންނަ ބަދަލުން އަޅުގަނޑުމެންނަށް މިއަންނަނީ ވަރަށް ބޮޑަށް ސާފުވަމުން. މިއަދުގެ މަސްވެރިއަކީ އިންޖިނޭރެއް. މިއަދުގެ ދަނޑުވެރިއަކީ ސައިންޓިސްޓެއް. މިއަދުގެ ދަނޑުވެރިންނާއި މަސްވެރިންނަށް، އެމީހުންގެ މަސައްކަތުގައި ކުރިއަށް ދެވެން އޮތީ، ހަމައެކަނި ދޮށި އަޅަން އެނގިގެނެއް ނޫން. ހަމައެކަނި ބިންބި ކަނޑަން އެނގުނީމަކާއެއް ނޫން. މަސްވެރިންނަށްވެސް، ދަނޑުވެރިންނަށްވެސް ބޭނުންވާ، އެނގެންޖެހޭ ކިތަންމެ ހުނަރެއް އެބަހުރި. މަސްވެރިކަމަކީވެސް، ދަނޑުވެރިކަމަކީވެސް މިއަދުގެ ދުނިޔޭގައި ބަދަލުވަމުން އަންނަ ޞިނާޢަތެއް.

ރާއްޖޭގައި ކަޅުބިލަމަހުގެ މަސްވެރިކަމަށް ހީނަރުކަމެއް އަންނަމުންދާތަން އަޅުގަނޑުމެން މިއަންނަނީ ދެކެމުން. އެކަމުގެ އަޞްލަކީ ކޮބައިކަމާއި، އެކަމަށް އަޅުގަނޑުމެން އަޅާންހުރި ފިޔަވަޅުތަކަކީ ކޮބައިކަން އަޅުގަނޑުމެން މިއަންނަނީ ދެނެގަންނަމުން. އެކަމާ އަޅާންހުރި ފިޔަވަޅުތައް ސަރުކާރުންވެސް މިގެންދަނީ އަޅަމުން.

އަޅުގަނޑު މިރޭ ކުޑަ ދެތިންކަމެއް ފާހަގަކޮށްލަން އެދެން. ތިޔަބޭފުޅުންގެ އިޒުނައާ އެކުގައި، އަޅުގަނޑު އެކަންކަން ފާހަގަކުރާނަން. އެނގިވަޑައިގަންނަވާނެ، ރައްޔިތުންގެ މަޖިލީހުން ކަންބޮޑުވެލައްވާ، މަސްވެރިންނަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ސަބްސިޑީ، އެމަސްވެރިންނަށް ނުދެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް ބޭފުޅުންނަށް ހީފުޅުވެލައްވަނީ. ރައްޔިތުންގެ މަޖިލީހުން މަސްވެރިންނަށް ސަބްސިޑީއެއް ދިނުމަށް ކަނޑައަޅާފައި އޮތީ، ވަކި އެވެނި ގޮތަކަށް، މިވެނި ގޮތަކަށް ދިނުމަކަށެއް ނޫން. އެހެން ނޫނަސް، އެނގިވަޑައިގަންނަވާނެ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓަކީ، ތަޞްދީޤު ކުރެވޭ ޤާނޫނެއް ނޫން. އެ މައްޗަށް ދައުލަތުގެ ފަރާތުން ޢަމަލު ކުރުން ބުއްދިވެރި ޑޮކިއުމަންޓެއް. އަދި އެ މައްޗަށް ދައުލަތުގެ ފަރާތުން ޢަމަލު ކުރަމުން ގެންދިޔުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި މި ސަރުކާރުން ފުރިހަމައަށް ޤަބޫލުކުރޭ. އެހެންވީމާ، ސަރުކާރުން އަބަދުވެސް ގެންދަނީ، ރައްޔިތުންގެ މަޖިލީހުގެ ބަސްތަކަށް، އަކުރުން އަކުރަށް އަޑުއަހަމުން. އަދި އެ މައްޗަށް ޢަމަލު ކުރަމުން. މިއަހަރުގެ މަސްވެރިންގެ ސަބްސިޑީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި މިންވަރަށްވުރެ ބޮޑުކޮށް ވަނީ ދެވި ނިމިފައި.

މަސްވެރިންގެ ސަބްސިޑީގެ ގޮތުގައި، މީގެކުރީގައި ފައިސާ ޚަރަދު ކުރަމުން ގެންދިޔައީ، ތެޔޮވިއްކާ ފިހާރަތަކަށާއި، ކެޔޮޅު އޮޑިވެރިންނަށް. ޚާއްޞަ ގޮތެއްގައި، ތެޔޮވިއްކާ ފިހާރަތަކަށާއި، އޮޑިވެރިންނަށް. އެއިން މަސްވެރިންނަށް ކުރާ ފައިދާ ކުޑަކަމަށް ސަރުކާރަށް ފާހަރަވޭ. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ އަމާޒަކީ، މަޤްޞަދަކީ، ރާއްޖޭގެ ތިންހާހަށްވުރެ ގިނަ ބައިވަރު މަސްވެރިންނަށް އެހީތެރިވެދިނުންކަން ސަރުކާރަށް އެއްވެސްއިރެއްގައި އޮޅިފައެއްނުވޭ. މަޖިލިސް މެންބަރުންގެ މާތް މަޤްޞަދު ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްވުމާ އެކުގައި، ސަރުކާރުން ނިންމީ، މިހާރު ޑީސަލްގެ ޑިއުޓީއަށް އޭރުގައި ޑީސަލްގެ ޑިއުޓީއަށް ނަގަމުންދިޔަ މިންވަރު 50 ޕަސެންޓުން ކުޑަކުރުން. ޑީސަލްގެ ޑިއުޓީއަށް ހަމަ އެބަޖެޓްގައި ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވާނީ 500 މިލިއަން ރުފިޔާ. އޭގެ 50 ޕަސެންޓް ސަރުކާރުން ވަނީ މިހާރު މަސްވެރިންނަށް ދެވިފައި. އެއީ 250 މިލިއަން ރުފިޔާ.

ރައްޔިތުންގެ މަޖިލީހުން މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި ދޫކުރުމަށް ފާސްކުރައްވާފައިވަނީ 100 މިލިއަން ރުފިޔާ. އަޅުގަނޑު ކުޑަކޮށް ކަންބޮޑުވޭ، މިކަމުގެ ޞައްޙަ މަޢްލޫމާތު، ބައެއް ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ، މިކަމާ ކަންބޮޑުވެލައްވައި އުޅުއްވާތީ. އަޅުގަނޑު އުންމީދު ކުރަން، ޤާނޫނުހަދާ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށްވެސް. އަދި އެހެން ސިޔާސީ ބޭފުޅުންނަށްވެސް. މި ސަރުކާރު ހިނގަމުންދާގޮތާއި، ސަރުކާރުގެ ވިސްނުންތަކާއި، ސަރުކާރުގެ އަމާޒުތައް ސާފުވާނެ ކަމަށް. މަސްވެރިކަމަކީ މި ރާއްޖޭގައި އުފެދިފައި އޮތް އެންމެ ވަރުގަދަ އެއް ޞިނާޢަތް. އެއީ ވިޔަފާރިއެއް. އެ ވިޔަފާރި ހަލާކުވާފަދަ އެއްވެސް މަސައްކަތެއް، އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ކުރުމަކީ، ސަރުކާރުން ޖާގަދޭނެ ކަމެއް ނޫން. އެއްވެސް ވިޔަފާރިއެއް ރަނގަޅު ގޮތުގައި ހިނގަ ހިނގާ ހުއްޓާ، އެ ވިޔަފާރިއެއްގެ ތެރެއަށް އިތުރު އަތް ބާނައި، އެއީ ފައިސާ ދިނުމަށް ކަމުގައިވިޔަސްވެސް އަދި ފައިސާ ނެގުމަށް ކަމުގައިވިޔަސްވެސް. ވިޔަފާރީގެ މަގުތަކުގައި ފައިސާ ހިނގާ ހަމަތަކުން ނޫން ގޮތަކަށް ފައިސާ ހިނގަން ފަށައިފިނަމަ، ވިޔަފާރިތައް ހީނަރުވެދާކަން އެއީ އިންސާނީ ތަޖްރިބާ އަޅުގަނޑުމެންނަށް ދައްކާފައިވާ ވަރަށް ސާފު ޙަޤީޤަތެއް.

މަސްވެރިންނަށް ދެވޭ ސަބްސިޑީއެއް ދިނުން އެންމެ ބުއްދިވެރީ ކޮން މަގަކުންތޯ އެއީ ވަޒީރުންގެ މަޖިލީހުގެ ވިސްނުމަކަށްވީ. މަޝްވަރާ ކުރުމަށްފަހުގައި ނިންމުނީ، މަސްވެރިންނަށް ދެވޭ ސަބްސިޑީއެއް ނުވަތަ ދެވޭ ލުޔެއް، އެންމެ ހެޔޮގޮތުގައި ދެވޭނީ، ޑީސަލުން ނެގޭ ޑިއުޓީގެ 50 ޕަސެންޓް ކުޑަކުރުމުންކަން. ޑީސަލުން ޑިއުޓީ ނެގުމަށް އަހަރު ފެށުނުއިރުގައި، އަޅުގަނޑު ދެންމެ ދެންނެވިފަދައިން، މިއޮތީ 500 މިލިއަން ރުފިޔާ އަންދާޒާކޮށްފައި. އޭގެ 50 ޕަސެންޓް އުނިކުރީމާ، 250 އަށް އަރާކަމަށް ވަރަށްގިނަ ވަޒީރުން އެދުވަހު ފާހަގަކުރެއްވި. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ޢިއްޒަތްތެރި ފައިނޭންސް މިނިސްޓަރު ނިންމެވީ، އެބޭފުޅާގެ ލަފައާ އެކީގައި، ކުރުން ބުއްދިވެރި ގޮތަކީ، އޭގެ 50 ޕަސެންޓް ކަނޑައި، އެހުރިހާ ފައިސާއެއް މަސްވެރިންނަށް ލިބޭނެގޮތް ސަރުކާރުން ހަމަޖައްސައިދިނުން. އެ ލުއި، މަސްވެރިކަމަށްދާނެ ގޮތް ސަރުކާރުން ހަމަޖައްސައިދިނުން.

މިއަހަރުގެ މިހާތަނަށް އައިއިރު، އަޅުގަނޑުމެންނަށް މިވަނީ، މިދެންނެވި ބޮޑު ލުއި، މަސްވެރިންނަށް ފޯރުކޮށްދެވިފައި. ރާއްޖޭގައި މިއަހަރު މަސްބާނާ މިންވަރާއި، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެގެން ގޮސްފައިވާ އެއް ސަބަބަކީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިޔަ މިންވަރާ ގާތަށްވެސް ރާއްޖޭގައި ތެލުގެ އަގު އުފުލިގެން ގޮސްފައިނުވާކަން. އެކަން އެހެންވެފައި އެހުރީ، މިދެންނެވިހެން ޑިއުޓީގެ ލުއި ސަރުކާރުން ޑީސަލަށް ދީފައިވާތީ. މަސްވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން ހިންގާ ކިތަންމެ މަޝްރޫޢެއް އެބަހުރި. އަޅުގަނޑު ގާތުގައި ވަރަށްގިނަ ދުވަހު ބައެއް ބޭފުޅުން ވިދާޅުވޭ، ބައެއް ތަޖްރިބާކާރުން. މިއަދުވެސް އަޅުގަނޑުމެން އައިން ހޯދަން ދާން މިޖެހެނީ ދޫންޏެއް ބަލައިގެނޭ. މިއީ 2012 ވަނަ އަހަރޭ. އަޅުގަނޑުމެންނަށް އެނޫން ގޮތަކަށް މަސްއައިން މިއަދު ހޯދެންޖެހޭނޭ. އަޅުގަނޑު ވަރަށް ބޮޑަށް މަރްޙަބާ ދަންނަވަން. މިނިސްޓަރ އޮފް ފިޝަރީޒަށާއި، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދަށް. އެސް.އެމް.އެސް.އަކުން މަސްހުރި ތަން އެނގޭނޭ އިންތިޒާމެއް ހަމަޖެއްސުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. މިއަދު އަޅުގަނޑަށް ހުޅުވާލުމަށް ފުރްޞަތު ލިބިފައިވާ އެ ނަންބަރަކީ، މިދެންނެވިހެން އެސް.އެމް.އެސް.އެއް ކޮށްގެން ނުވަތަ ފޯނެއް ކޮށްގެން މަސްހުރިތަން، މަހުގެ އަގު، އަދި އެހެންވެސް މަސްވެރިކަމާ ގުޅޭ މިބާވަތުގެ މުހިންމު މަޢްލޫމާތު ލިބޭނޭ ނަންބަރެއް. އެކަމަށްޓަކައި މިނިސްޓަރ އޮފް ފިޝަރީޒަށް އަޅުގަނޑު މަރްޙަބާ ދަންނަވަން.

އަޅުގަނޑަށްވުރެ މާ ތަފްޞީލުކޮށް، މިނިސްޓަރީ އޮފް ފިޝަރީޒްގެ ބަޔާނުގައި، އެބޭފުޅާ، މިދިޔަ އަހަރުގެ ތެރޭގައި މަސްވެރިކަމާ ގުޅޭ އެކިއެކި ކަންކަމަށް ގެނެވުނު ބަދަލު ފާހަގަކޮށްދެއްވައިފި. ކަޅުބިލަމަހުގެ އަގު، މި ސަރުކާރު، ސަރުކާރު ހިންގުމާ ޙަވާލުވިއިރުގައި، އެނގިވަޑައިގަންނަވާނެ، ބޮޑުވެގެންހުރީ -/7 ރުފިޔާގައި. މިއަދު އެ އަގަކީ ކުޑަވެގެން -/18 ރުފިޔާ. މިބަދަލު، މަސްވެރިކަމަށް މިއައީ، ކަޅުބިލަމަސް ގަނެ، އެކްސްޕޯޓް ކުރުން އެއީ، މަދު މީސްކޮޅަކަށް ޚާއްޞަވެފައި އޮތް ކަމަކުން ޢާންމު ކުރެވިފައި އޮތް ކަމަކަށް އަޅުގަނޑުމެންނަށް ބަދަލުކުރެވުނީމާ. މިއަދު ރާއްޖޭގެ ގިނަ ފަރާތްތަކަކަށް މަސްގަނެ، އެ މަސް ވިއްކާ އަދި އެ މަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމުގެ ފުރްޞަތު މިވަނީ ހުޅުވާލެވިފައި. މިއަދު މަސްވެރިކަމުގެ ބާވަތްތައް އެކްސްޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން ދެ އިނާމު އެގެންދެވި އެއްފަރާތަކީ، އަޅުގަނޑު މިދެންނެވި ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން، މަސް އެކްސްޕޯޓް ކުރުން އިތުރުކޮށް، މިހާރު ކުރީގައި އެއޮތް މޮނޯޕޮލީ ޙާލަތުގައި ހުރި ކުންފުނިތަކަށް ލިބިފައިވާ އިނާމު އަތުލައިގެނޭ އަޅުގަނޑަށް ދެންނެވޭނީ. ގެންދެވި އެންސިސްއާއި އަދި އެންސިސްގެ ހަމަ ޙިއްޞާދާރުންގެ އަނެއް ކުންފުނި، އަޅުގަނޑުމެންނަށް މިތަނުން ފެނިއްޖެ.

މަސްވެރިކަމަށް އަޅުގަނޑުމެންނަށް މިގެނެވޭ ބަދަލުތަކުގެ ތެރޭގައި، ފެލިވަރު ކާރުޚާނާއާއި، ކޫއްޑޫ ފެކްޓްރީއާއި، މިފްކޯ، މި ތިންތަނަކީ ވަކި ތިންތަން ކަމަށް ހެދުމުން އަދި އެ ތިން ތަނުގެ މަސައްކަތް މުސްތަޤިއްލު ކުރެވި، އެތަންތަނުގެ ބޯޑާ އެމަސައްކަތްތައް ޙަވާލުކުރީމާ، އަޅުގަނޑުމެންނަށް މިއަދު ފެންނަމުން މިދަނީ، މިހާރު ތިން ކުންފުނިވެސް ޚަރަދާއި އާމްދަނީ އެއްވަރު ކުރަމުން އަންނަތަން. ކުރީގައި އޮތް މިފްކޯއަކީ، ޖުމްލަކޮށް ދަރަނިވާ ކުންފުންޏެއް. އެކުންފުނި ތިންބަޔަށް ބަހާލައި، އެކުންފުނިތައް އަލުން އަނބުރާ އިންތިޒާމް ކުރެވުނީމާ، މިހާރު މިފެންނަނީ، ތިން ކުންފުނިވެސް ޚަރަދާއި އާމްދަނީ އެއްވަރު ކުރަމުން އަންނަތަން. އަދި ވަކިން ޚާއްޞަކޮށް، ފެލިވަރާއި ކޫއްޑޫ މިހާރު އެގެންދަނީ ފައިދާ ހޯދަމުން. ވިޔަފާރީގައިވެސް އަދި މަސައްކަތުގައިވެސް ދަތުރާ ދިމާވާނެ، އުނދަގުލާއި ދައްޗާ ދިމާވާނެ، ބައެއްފަހަރަށް ގެއްލުންވެސްވާނެ. އެހެން ނަމަވެސް، ދިގު މުއްދަތުގައި އަޅުގަނޑުމެންނަށް މި ފައިދާތައް ވަމުންދާނެކަމީ، އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫން.

ރާއްޖޭގެ ކަޅުބިލަމަހުގެ ޞިނާޢަތު ނުވަތަ ކަޅުބިލަމަސް ބާނާ މިންވަރު ދަށްވަމުންދާ މިންވަރަށް ތައްޔާރުވުމަށްޓަކައި ކޮންމެހެން އެބަޖެހޭ، ދިވެހި ކަނޑުފަޅުން އެހެން މުއްސަނދި ކަމެއް އަޅުގަނޑުމެން ހޯދަން. ޞިނާޢީ މިންވަރަށް އެހެން މުއްސަނދި ކަމެއް އަޅުގަނޑުމެން ތަރައްޤީ ކުރުމަށް. އަޅުގަނޑު ވަރަށް އުފާވޭ، މިއަދު އަޅުގަނޑުމެންނަށް ފަށައިގަނެވިއްޖެ، ހުއިފިލަނޑާގެ މަޝްރޫޢެއް ބޮޑުގޮތެއްގައި ހިންގުމުގެ ފެށުމެއް. އަޅުގަނޑު އެ މަސައްކަތް ފެށްޓެވި ބޭފުޅުންނަށް، ވަކިން ޚާއްޞަކޮށް، ކަނދޮޅުދޫ ދޮންބެއަށް އަޅުގަނޑު ނުހަނު ޝުކުރު ދަންނަވަން. އަދި މިމަސައްކަތުގައި ޙަރަކާތްތެރިވާ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

ލަނޑާ ނޫނަސްވެސް، އާލާކޮށްގެން، ދިރުވައިގެން، ބޮޑުކޮށްގެން، އަޅުގަނޑުމެންނަށް އޭގެ ވިޔަފާރި ކުރެވޭނޭ އެތައް ބާވަތެއްގެ ދިރުން ކަނޑުގައި އެބަހުރި. މެރިން ރިސަރޗް ސެންޓަރުން މިއަދުގެ މަޢުރަޒުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔަ، އޭގެ ބައެއް ބާވަތްތައް. ކާނާ އާލާކުރެވެން އެބައޮތް. ކުދި ރީތި މަސް، ބޭރުމީހުން ބޭނުންވޭ އިންތިހާއަށް. އެ މަސް އަޅުގަނޑުމެންނަށް ވިއްސައި އާލާކުރެވެން އެބައޮތް. އެކި ބާވަތް ބާވަތުގެ ކަނޑުގެ އުފެއްދުންތައް، ދިރުންތައް އަޅުގަނޑުމެންނަށް، އެ ދިރުމަށް އާ ދިރުން ގެނެސް، އެ ދިރުމުން ހޯދޭ ވިޔަފާރިއާއި، އޭގެ ނަފާ ލިބިގަނެވެން މިއަދު އެބައޮތް. އެ ވިސްނުން، އެ ތަޖްރިބާ، އެ ޢިލްމު އަޅުގަނޑުމެންގެ ކިބައިގައި މިއަދު އެބަހުރި. އަޅުގަނޑުމެންނަށް ޖެހިފައި މިއޮތީ ތަންދޮރު އެނގޭ މީހުންނަށް މަސައްކަތް ކުރުމަށް ދޫކޮށްލުމުގެ ހިތްވަރު، އަޅުގަނޑުމެންގެ ވެރިންނަށް ލިބުން.

ލާމަރްކަޒީ އުޞޫލު ނުވަތަ ކަންކަން ދޫކޮށްގެން ހިންގުމާއި، ޑިމޮކްރަސީއެއްގެ ބޭނުމަކީ މިދެންނެވީ. ހިފަހައްޓައިގެން ނުތިބުން، ވީއްލުން. ޤައުމެއް ތަރައްޤީވެއެއް ނުދާނެ، އެޤައުމެއްގެ ރައްޔިތުން، އެޤައުމެއްގެ ވިޔަފާރިވެރިން، އެޤައުމެއްގެ މަސައްކަތްތެރިން ހިފަހައްޓާފައި ތިބިހާ ދުވަހަކު. ޤައުމު ތަރައްޤީ ވުމަށްޓަކައި އެކަކު އަނެކަކަށް ބަސް ކިޔެންޖެހޭނެ، ފާޑުކިޔެން ޖެހޭނެ. އަދި އެކަކު އަނެކަކަށް ބަޙުޘް ކުރެވި، މަޢްލޫމާތު ބަދަލުކުރެވެން ޖެހޭނެ. ވިޔަފާރި ވާދަވެރިވާންޖެހޭނެ. ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި ހުރިހާ ވިޔަފާރިއެއް ހުރެގެން ނުވާނެ. ޤައުމެއްގެ ޞިނާޢަތާއި، ޤައުމެއްގެ އިޤްތިޞާދާއި، މާލިއްޔަތަކީ މިއަދު އަލުން އަނބުރާ އަޅުގަނޑުމެންނަށް އުފައްދާން ޖެހިފައި އޮތް އެއްޗެއް ނޫން. ޒަމާންތަކެއް ވަންދެން މިދުނިޔެ ކާމިޔާބުކަމާ އެކުގައި އަޅުގަނޑުމެންނާ ހިސާބަށް ގެނެސްދީފައިވާ ޢިލްމެއް. ޞިނާޢީ އިންޤިލާބު، 1600ގެ އަހަރުތަކުގައި ނެރުނީއްސުރެ ފަށައިގެން، ޤައުމެއް ހިންގާނެ ގޮތް މިހިރީ ބިންވަޅު ނެގިފައި، ކެނޑިފައި. ދައުލަތް އުފެދިގެން އައި އައުމާއި، ސަތާރަސަތޭކައިއްސުރެ ފެށިގެން ދައުލަތެއްގެ މުއްސަނދިކަން އިތުރުކުރުމާއި، ޓެކްސްގެ ނިޒާމެއް ޤާއިމް ކުރުމާއި، އުފެއްދުންތެރިކަން ކުރިއަރުވަން ކުރާންޖެހޭ ކަންކަމަކީ، އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގިފައި ހުރި ކަންކަން.

މިއަދު އަޅުގަނޑުމެން އާމްދަނީން ނަގާ ޓެކްސްއަކުން ލިބޭނެ ފައިދާއެއް ނޯންނާނެއޭ ބުނީމާ އެއީ ހަނދަކަށް ނުދެވެއޭ ބުނެ ވާހަކަ ދެއްކުން ބާވަތުގެ ކަމެއް. އަޅުގަނޑު އުންމީދު ކުރަން، ސިޔާސީ ފަރާތްތަކުންވެސް އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން އިތުރަށް ވާ ނުވައްދާށޭ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންގެ ރައްޔިތުންނަށް ވާނުވާ އޮޅުންފިލާނެ. އަޅުގަނޑަށް ޔަޤީން، ޒަމާނީ، ތަހުޒީބީ، މާލީ އަދި އިޤްތިޞާދެއް ނިޒާމެއް ޤާއިމްކޮށްގެން ނޫނިއްޔާ، މަސްވެރިކަންވެސް އަދި ދަނޑުވެރިކަންވެސް އަޅުގަނޑުމެންނަށް ކުރިއެއްނޭރުވޭނެކަން އަޅުގަނޑުމެން އެންމެންމެ ގަބޫލުކުރާނެ. އަޅުގަނޑުމެންގެ ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި، ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ ޝާފިޔާ، އަޅުގަނޑު ދަންނަވާނަން، މި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއަކީ އެންމެ ޑޮކްޓަރުން ގިނަ މިނިސްޓްރީ. އެތަނުގައި ޕަރމަނަންޓް ސެކްރެޓަރީއަކީވެސް ޑޮކްޓަރެއް. ދެން ތިބި ހުރިހާ ސްޓޭޓް މިނިސްޓަރުންނަކީވެސް ޑޮކްޓަރުން. ދެން އެތަނުގެ މިނިސްޓަރަކީ އަޅުގަނޑުމެން އެންމެންނަށްވެސް ހަމަ އެނގޭ ފަދައިން ރަނގަޅު ދަތުގެ ޑޮކްޓަރެއް. އަޅުގަނޑުމެންނަށް އެހެންވީމާ، ހިތްވަރާއި އުންމީދު އެބައޮތް. ވާނުވާ އެނގިގެން އަދި އިތުރު ގޯސް ނުހަދާ، ތަރައްޤީގެ މިޞްރާބަށް ދެވޭނެ ކަމަށް. ސަރުކާރުގެ އަމާޒަކަށްވީ، ސަރުކާރުން އިމްޕޯޓްކުރާ ތަކެތީގެ ޢަދަދު، މި ރާއްޖެއަށް އިމްޕޯޓް ކުރެވޭ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ޢަދަދު 20 ޕަސެންޓުން ދަށްކުރަން. އަޅުގަނޑަށް މީގެ ދެތިން ހަފްތާއެއް ކުރީގައި، ތަފާސް ހިސާބު ފެނުނުއިރު، އެތައް ބާވަތެއްގެ މޭވާއިން، ތަރުކާރީން މިހާރު މިވަނީ މިދެންނެވި 20 ޕަސެންޓް ދަށްކުރެވިފައި. މީހަކު ކަންބޮޑުވެގެން އަޅުގަނޑު ކައިރީގައި ވާހަކަ ދެއްކި. ރައީސޭ ފަޅޮލެއް އެއްރުފިޔާ ބަޔަށް ތިރިވެއްޖެޔޭ، މިއީ ވަރަށް ދެރަ ކަމެކޭ.

އަޅުގަނޑުމެންނަށް ކާބޯތަކެތީގެ އަގު އެބަ ތިރިކުރެވޭ. އަދި އޭގެ ސަބަބުން މިދިޔަ ރޯދަމަހު މާލޭ މާރުކޭޓް ތިޔާގިވެފައި އޮތް މިންވަރު، ވަރަށް ރީތިކޮށް އަޅުގަނޑުމެންނަށް ފެންނާން އޮތް. ރާއްޖޭގެ މަސްވެރިކަން އަދި ދަނޑުވެރިކަން ޚާއްޞަކޮށް ކުރިއަރައި ދިޔުމަށްޓަކައި މިނިސްޓްރީން ހިންގަވާ މަސައްކަތުގެ އިތުރުން، މިނިސްޓަރ އޮފް ޓްރާންސްޕޯޓްގެ ބެލުމުގެ ދަށުން ހިންގާ ދަތުރުފަތުރު ކުރުމުގެ ނިޒާމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ތަކެތި މާރުކޭޓަށް ގެނެސްދިނުމަށް ވަރަށްބޮޑު ބާރެއް އަޅައިދޭ ނިޒާމެއް. މާލޭ މާރުކޭޓަށް ގެނެވޭ މޭވާއާއި ތަރުކާރީގެ އަގަށް، އަޅުގަނޑަށް ކޮންމެ ހަފްތާއަކު އެއްފަހަރު އެބަލިބޭ. އެހެން ނަމަވެސް، އަޅުގަނޑު މިހާރު އެބަ ހިތަށްއަރާ، ކުޅުދުއްފުށީ މާރުކޭޓަށް ގެނެވޭ ޢަދަދު، މާލޭ މާރުކޭޓާ ގާތްކޮށްފާނެއޭ. ކުޅުދުއްފުށީގެ ކޮންމެ ހޮނިހިރު ދުވަހެއްގައި، އަޅުގަނޑުމެންނަށް އެފެންނަ މަންޒަރު އެއީ ކުޑަ މަންޒަރެއް ނޫން. މާލޭ މާރުކޭޓާ އެއްވަރު ނުކުރިނަމަވެސް، ދުވަހުން ދުވަހަށް ކުޅުދުއްފުށީ މާރުކޭޓްވެސް، ތަރުކާރީ މާރުކޭޓްވެސް، ކާބޯތަކެތީގެ މާރުކޭޓް މިއަންނަނީ ބޮޑުވަމުން.

އަޅުގަނޑަށް ޔަޤީން، ކުޅުދުއްފުށިވެސް އަދި އެހެން ބޮޑެތި ރަށްރަށްވެސް، ވިޔަފާރި ކުރުމުގަޔާއި، ދަނޑުވެރިކަމުގެ ބާވަތްތައް މާކެޓްކޮށް ވިއްކުމުގައި، އެތައް ކުރިއެރުމެއް، ކުރިއަށް މިއޮތް ތަނުގައި ހޯދާނެ. އަޅުގަނޑުމެންނަށް އެބަ އެނގޭ، ދަނޑުވެރިކަމުގެ ބާވަތްތަކުން މި ރާއްޖޭގައި ލިބެންހުރި ފައިދާއާއި އަދި އެބާވަތްތައް އުފެއްދޭންހުރި މިންވަރު. އަޅުގަނޑު މިރޭ ޑޮކްޓަރ ޝާފިޔާއާ އެކުގައި، ހުރިހާ ދަނޑުވެރިންނަށް އިލްތިމާސެއް ކުރަން އެދެން. ހުރިހާ ޙައްލަކީ ބޭހެއް ނޫން. ފަނިފަކުސާ މެދުވެރިކޮށްގެން، ދޫނިސޫފާސޫފި މެދުވެރިކޮށްގެން، ދަނޑުތަކަށްޖެހޭ ބަލިތަކަށް ޙައްލެއް، ޝިފާއެއް ހޯދޭކަން އެއީ އަނެއްކާވެސް ޝާފިޔާގެ ޢިލްމެއް. ޝާފިޔާމެންގެ ޢިލްމުން އަޅުގަނޑުމެންނަށް އެނގިފައި އޮތް ޙަޤީޤަތެއް. މިއަދުގެ މަޢުރަޒުން އަޅުގަނޑަށް ވަރަށް ރަނގަޅަށް ފެނިގެންދިޔަ. ބައެއް ބާވަތުގެ ފަނި ކާ އެހެން ފަނި. ވެންމަސް ވެނަށް ކާންދީގެން، މިކަން ވާންއޮތްކަން، އަޅުގަނޑުމެންނަށް މިދަނީ ވަރަށް ސާފުކޮށް އެނގިގެން. ހުރިހާ ޝިފާއަކުން އަރައިގަތުމަށް އޮތް ހަމައެކަނި ފަރުވާއަކީ ބައްޔެއް ނޫންކަން، ބޭހެއް ނޫންކަން، އަޅުގަނޑުމެންނަށް އެނގޭއިރު، އަބަދު އަބަދުމެ ބޭހަށްޓަކައި، ބޭސް ހޯދުމަށް ދަނޑުވެރިން އުޅޭ އުޅުމަށް ކޮންމެވެސްވަރެއްގެ ވިސްނުމެއް ގެންނާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

މިނިސްޓްރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިގެން މިއަދު ފެށިއްޖެ އަދި ވަރަށް އުންމީދީ އެހެން ޕްރޮގްރާމެއް. އެއީ ރާއްޖޭގައި ހުރި ރުއްތަކުގައި ފައްޖެހުމުގެ ޕްރޮގްރާމް. ރުއް ގުނުމުގެ މަސައްކަތެއް. އެމަސައްކަތް ނިމޭއިރުގައި، ރާއްޖޭގައި ރުއްހުރި ޢަދަދާއި، އެހުރި ތަންތަނާއި، އެ ރުކުގެ ޢުމުރު، އަޅުގަނޑުމެން އެންމެންނަށް އެނގިގެންދާނެ. އެހެންވީމާ، ލިބޭނެ ކާށްޓާއި އަދި ކާށި އިތުރުކުރާނެ ގޮތާއި، ވަކަރު އިތުރަށް ހޯދާނެގޮތާއި، ފަންގިވިދޭނެ ގޮތާއި، ރޯނުވަށާނެ ގޮތް އަދި ބޮނބިތަޅާނެ މިންވަރާއި، ރާ ބާލާނެ މިންވަރާއި، ހަކުރު ކައްކާނެ މިންވަރު، އަޅުގަނޑުމެންނަށް، މި އެންމެ ކަންކަން އިރާދަކުރެއްވިއްޔާ އިތުރަށް ސާފުވެގެންދާނެ. ދިޔައިމާ އެއީ އަނެއްކާވެސް އެއީ މި ރާއްޖޭގެ އިތުރު މުއްސަނދި ކަމެއް ކަމަށް އަޅުގަނޑުމެންނަށް ދެކެވިއްޖިއްޔާ، މިދިޔަ ފަސްހާސް އަހަރު، މި ރާއްޖޭގައި ހުރިހާ ރުކަށް، އެ އަޅުގަނޑުމެންނަށް ދިން މުއްސަނދިކަން އެއީ މުއްސަނދި ކަމެއް ނޫން ކަމަށް އަޅުގަނޑުމެންނަކަށެއް ނެތް ދެކެވޭކަށް. އެހެން ނަމަވެސް، އަޅުގަނޑު ގާތުގައި ބައެއްފަހަރަށް މީހުން އެބައުޅޭ. ހާވަމުންދާއިރުގައި، ކުކުޅަކަށް ނޭނގޭނޭ ޖަވާހިރެއް ފެނުނަސް. ކުކުޅު ކޮށްޖަހާނީ ނަޖިހަށޭ. ޖަވާހިރެއް ވެއްޖިއްޔާ، ހަމަ ހާވާފައި ދާނީއޭ. ޖަވާހިރެއް ހޯދަން،ކުކުޅުގެ ސިކުނޑިއަށްވުރެ ތަންކޮޅެއް ފުޅާ ސިކުނޑިއެއް އެބަ ބޭނުންވޭ.

މި ރާއްޖޭގެ ތަނަވަސްކަމަކީ، މި ރާއްޖޭގެ މުއްސަނދި ކަމަކީ އޮތް އެއްޗެއްކަން، ކުކުޅުގެ ވިސްނުމުން ނުފެނުނު ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މިސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކަކީ، މި ޕާޓީގެ މެނިފެސްޓޯއަކީ، ޖަވާހިރު ހޯދާނެ މެނިފެސްޓޯއެކޭ. އަޅުގަނޑުމެންނަށް ޤައުމީ ތަރައްޤީގެ އޮނިގަނޑު އެކުލަވާލެވިފައި އެވަނީ، ހަމަ ސީދާ ޖަވާހިރާ ދިމާއަށް މިޞްރާބު ޖެހުމަށް. އެއަކު ނަޖިހެއް ނުވާނެ. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ހުރި މުއްސަނދިކަމުން މި ރާއްޖެ ތަރައްޤީ ކުރުން. އަޅުގަނޑުމެންނަށް އެނގޭ، މި ރާއްޖޭގައި މުއްސަނދިކަން އަދި ޤުދްރަތީ ވަސީލަތްތައް އެބަހުރިކަން. ބޭނުންވަނީ އެ ވަސީލަތްތައް ބޭނުންކުރެވޭނީ ކޮން ގޮތަކަށްތޯ އަޅުގަނޑުމެން ދެނެގަތުން. އެ ދެނެގަތުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު ވަސީލަތަކީ ޑިމޮކްރަސީ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. ވިސްނުމުގެ ޖާގަ.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި، މިރޭ ޚާއްޞަ ޝުކުރެއް ދަންނަވާލަން ބޭނުން. ކެނދިކުޅުދޫ ޙަސަން ޤާސިމަށް. ޙަސަން ޤާސިމަކީ، ބޭސްވެރިކަމުގެ ރޮނގުން އަރާހުރި މާހިރެއް. އެހެންވީމާ، ފަތްޕިލާވެއްޔާއި، ރާއްޖޭގެ ގަސްގަހާއި ލަކުޑިއަށް، ރާއްޖޭގައި ހެދޭހާ ހުރިހާ އެއްޗެއްގެ ހުރިހާ މަޢްލޫމާތެއް، އެންމެހާ ސިއްރެއްގެ ޚަޒާނާއެއް. އަޅުގަނޑުމެންނަށް މިދަންނަވާ އިތުރު މަޢްލޫމާތު ހޯދެނީ، އަޅުގަނޑުމެންގެ ރާއްޖޭގެ މަޢްލޫމާތާއި އަދި އަޅުގަނޑުމެން ބޭރު ޤައުމުތަކުންނާއި، ބޭރު ފޮތްތަކުން ކިޔަވައިގެން މި ހޯދާ މަޢްލޫމާތާއި، މި އެންމެ މަޢްލޫމާތު އެއްކުރީމާ. އަޅުގަނޑަށް އޭގެ އެންމެބޮޑު މިސާލެއްގެ ގޮތުގައި މިރޭ މިތަނުން ދެން ފެންނަ އަނެއް ބޭފުޅަކީ، ހަމަ އަނެއްކާވެސް ދަންނަވާނީ ދޮންބެއޭ. ރާއްޖޭގެ ކަނޑުތަކަކީ ކޮބައިކަމާއި، ފަޅުތަކަކީ ކޮބައިކަމާ އެނގި، ދެން އެ ފަޅުތަކުންނާއި ފަރުތަކުން ފައިދާ ހޯދުމަށް ކުރާން އޮތް ކަމަކީ، ދަރިންނާއި އަދި އެހެން މީހުންނަށް ރަނގަޅު ތަޢްލީމެއް ހޯދައިދިނުން ކަމަށް ދެނެގަނެ، އެކަންކޮށް، އޭގެ ކާމިޔާބާއި، އޭގެ ފައިދާ، މުޅި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުން.

އަޅުގަނޑަށް ޔަޤީން، ކެނދިކުޅުދޫގެ އެންމެހާ ރައްޔިތުންވެސް، ސަރުކާރުން މިފަށްޓާ މަޝްރޫޢުތަކާ ދިމާއަށް، ޝައުޤުވެރިކަމާ އެކުގައި މިޞްރާބުޖަހާނެ. އަދި އަޅުގަނޑު ހަމަ މިރަށުގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުން. އަދި މިގޮތަށް ހުރި ހުރިހާ ރަށެއްގެވެސް. އެއީ ހުޅުމީދުއަށްވިޔަސް، ކެނދިކުޅުދުއަށްވިޔަސް އަދި ދެއަވަށް ދެއަވަށަށް ހިތް ޙަލާލުނުވެވިގެން އުޅޭ ކޮންމެ ރަށަކަށްވިޔަސް. އަޅުގަނޑުމެން މި އެދޭ ތަރައްޤީ، މިއީ 2012 ވަނަ އަހަރު. އަޅުގަނޑަކަށެއް ނެތް، އަޅުގަނޑަކީ ހަނދުބަލާ ގޯތި މީހެކޭ، ކެރަފާ ގޯތި މީހެކޭ، ގަލޮޅު މީހެކޭ، މާލޭ މީހެކޭ ކިޔައިގެން އުޅެވޭކަށް. އަޅުގަނޑުމެން އެކަކަށްވެސް ނެތް، އަޅުގަނޑުމެންގެ ރަށް ނިމޭ ހިސާބަކީ، އަޅުގަނޑުމެންގެ ގޮނޑުދޮށް ކަމަށް ދެކެވިގެން އުޅެވޭކަށެއް. މިއީ ލާމެހިފައިވާ ދުނިޔެއެއް. ލާމެހިފައިވާ ރާއްޖެއެއް. އަޅުގަނޑުމެންގެ ވިސްނުން، އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށުން، އަތޮޅުދުނިން އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ގެންގޮސްގެން ނޫނިއްޔާ، އަޅުގަނޑުމެން މި އެދޭ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އަޅުގަނޑަށް ޔަޤީން، ގުޅިފައި ހުރި ކޮންމެ ދެރަށެއްވެސް އަދި ނުގުޅި އޮތް ނަމަވެސް، ދުރުގައި އޮތަސް، ގާތުގައި އޮތަސް، އައްޑުއަކަސް، ކެލައަކަސް އަދި މަލިކަކަސް، ފޯއްޅަވައްސަކަސް، ސިޝެލަކަސް، މޮރިޝަސްއަކަސް، އަޅުގަނޑުމެންނަށް މިހުރިހާ ޖަޒީރާތަކެއް އެކުގައި އުޅެވިގެން ނޫނިއްޔާ، ޙަޤީޤަތުގައި މި ޖަޒީރާތަކުގެ ފަންވަރު، މިދުނިޔެއަކަށްވެސް ނޭނގޭނެ.

މިދުނިޔޭގައި ޖަޒީރާ ޤައުމުތައް މަދެއް ނޫން. އެހެން ނަމަވެސް، މި ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމު ތަރައްޤީ ކުރުމުގެ ލާމަސީލު މިސާލެއް. އެއޮއް ތޮއްޖެހިފައި އޮތް މާލެއަކީވެސް ޙަޤީޤަތުގައި ރަށެއް ތަރައްޤީ ކުރުމަށް އެންމެ ރަނގަޅަށް ކުރެވިފައި އޮތް އެއްރަށް ގޮތުގައި ދެކެވިގެން، ލިބެންހުރި ފިލާވަޅު ކިތަންމެހާވެސް ގިނަ. މާލެ އުފެދިފައި އައިސްފައި އެވަނީ، ޚާއްޞަކޮށް، 1800ގެ އަހަރުތަކުގެ ކުރީކޮޅުއްސުރެ ފެށިގެން އަޅުގަނޑުމެން މިއަދު މިދެކޭ މާލޭގެ ތަރައްޤީ ފެށިފައި އޮތީ. އެ ބައްޓަން، އެ ވިސްނުން، އެ އޮނިގަނޑު. އަޅުގަނޑަށް ޔަޤީން، އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުވެސް، އެބޭފުޅާގެ ތަރައްޤީގެ އޮނިގަނޑުގައި، ރަށް ތަރައްޤީ ކުރުމަށް ގެންގުޅޭ ވިސްނުމުގައި، ވަރަށް ފުންކޮށް ބައްލަވާފައި، އެކުލަވާލާފައި އޮތީ، މިދެންނެވި ރަށް ތަރައްޤީ ކުރުމުގެ އޮނިގަނޑު. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް މިބާވަތުގެ ދުވަސްތައް ފާހަގަކުރަމުންދެވޭއިރުގައި، އަޅުގަނޑުމެން މި އެދޭ އަނެއްގޮތް، އަޅުގަނޑުމެން މި އެދޭ އެހެން ދިރިއުޅުމެއް، އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ހޯދޭނެކަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
والحمد للّـه. والسّـلام عليـكم.