بســم اللّـه الرّحمـن الرّحيــم


މިނިސްޓަރ އޮފް އެޑިޔުކޭޝަން ޝިފާ މުޙަންމަދު، ޕްރިންސިޕަލާއި ހިންގުންތެރިން، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދި ވަޑައިގެން ތިއްބެވި މަދްރަސާގެ ޓީޗަރުންނާއި، ހިންގުންތެރިންނާއި، ކުދިން.

السّـلام عليـكم

އެނގިވަޑައިގަންނަވާނެ، ތޮއްޑޫގެ ތަޢްލީމީ ޙަޔާތަކީ، އެހާ ފަސޭހައިން ބިނާވަމުން އައި ތަޢްލީމީ ޙަޔާތެއް ނޫން. އެންމެ ފުރަތަމަ ތޮއްޑޫގައި ނިޒާމީ ތަޢްލީމު ދޭން ފެށި ފެށުން، 1980ގެ ކުރީކޮޅުގައި، އަޅުގަނޑަށް ފާހަގަވެފައި އޮތީ، އެއީ ދަތިކަމަކަށް ވެގެންދިޔަ ކަމަށް. މިތަނުގެ މަދްރަސާ ޢިމާރާތްކޮށް، ކުދިން މަދްރަސާއަށް ވެއްދުމަށް އެއިރުގައި، ތޮއްޑޫގައި ވެރިންގެ ގޮތުގައި ތިއްބެވި ކިތަންމެ ބަޔެއް، ނުހަނު މަސައްކަތް ކުރައްވަމުން ގެންދެވި. ބައެއްފަހަރު އެއިރު މައިންބަފައިންނަށް، ބެލެނިވެރިންނަށް ލަފާކުރެވިފައި އޮންނަނީ، ތޮއްޑުއަކީ ތަނަވަސް، ބިން މުއްސަނދި، ޤުދްރަތީ ވަސީލަތްތައް ގިނަ ރަށެކޭ. ބުއްދިވެރި ހެޔޮގޮތަކީ، ދަނޑުވެރިކަން ކުރަން އުޅުމޭ. ފައިސާ ލިބޭނެ ގޮތެއް ހޯދުމޭ. މަދްރަސާއަށް ކިޔަވަން ދިޔުން އެއީ އެއިރުގައި އެހާ މުހިންމު ކަމެއްގެ ގޮތުގައި ދެކެވިފައެއް ނޯވޭ.

އަޅުގަނޑު ތޮއްޑުއަށް 1980ގެ ފަހުކޮޅު އައިއިރުގައިވެސް މިދެންނެވި ކަންތައް އޮތީ، އަޅުގަނޑު މިދެންނެވި މަގުގައި. އަދި އެއަށްފަހު، އަޅުގަނޑު މިރަށަށް އަންނަ ކޮންމެފަހަރަކުވެސް، މިރަށުގެ ކަންކަމާ ގުޅޭގޮތުން ބަލަމުން އައި މިންވަރަކުން ސާފުވެގެން އައީ، ތޮއްޑޫގެ ބެލެނިވެރިން، ތޮއްޑޫ ރައްޔިތުން ޒަމާނީ ތަހުޒީބަށާއި އަދި ތަޢްލީމަށާއި ތަމައްދުނަށް އެނބުރިގަތްލެއް ބާރުކަމާއި، ފެންބޮވައިގެންލެއް ބޮޑުކަމާއި، އެކަމަށް މަސައްކަތް ކުރާންފެށިލެއް ހީވާގިކަން. ތިޔަބޭފުޅުން ތިޔަވަނީ ތޮއްޑޫ ފަޚްރުވެރިވާފަދަ ދަރިއެއް، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކޮށްފައި. އަދި ތިޔަބޭފުޅުންނަށް ލިބެންޖެހޭ އެންމެބޮޑު ފަޚްރަކީ އެއީ، މިމަދްރަސާގެ މުސްކުޅި ދަރިވަރެއްކަން. މި މަދްރަސާގައި ކިޔެވި ކުއްޖެއްކަން. ތިއިން ކޮންމެ ކުއްޖަކީވެސް ވަރަށް ފޮނި އުންމީދެއް ކުރަންޖެހޭނެ ކުއްޖެއް. އެއްވެސް ކުއްޖަކަށް ވަކިކަމެއް ނުވާނެ ކަމަށް ދެކިގެނެއް، އަޅުގަނޑުމެންނަކަށް ކުރިއަރައެއް ނުދެވޭނެ. މޮޅެއް ނުވެވޭނެ. އަޅުގަނޑަށް ޔަޤީން، ތޮއްޑޫ ހުރިހާ ކުދިންވެސް މަސައްކަތް ކުރާނީ، އެންމެ ބޮޑެތި ކާމިޔާބު ހޯދުމަށް. ހިތުއަޅާނީ، ހަމަ އެންމެބޮޑު މިންވަރަށް. އުންމީދު ކުރާނީ، އެންމެ ފުޅާ ދަރަޖައިގައި. އަޅުގަނޑުމެންނަށް އަބަދުވެސް އެދޭ މިންވަރާއި ލިބޭ މިންވަރާ ދެމެދުގައި ތަފާތު ހުންނާނެ. އެހެން ނަމަވެސް، އެދޭ މިންވަރު އެއްވެސްއިރެއްގައި ކުޑަކޮށްގެނެއް ނުވާނެ.

އެއްދަންފަޅިއަށް ތޮއްޑޫ މަދްރަސާ ބަދަލުކުރުމަށް މިނިސްޓަރ ޝިފާވެސް ލަފާފުޅާ އެކުގައި، ޢަލީ ވަޙީދުގެ ނުހަނު ބޮޑު އެދުމާ. އަދި އަޅުގަނޑު ދަންނަވާނީ، އެއަށްވުރެ މާބޮޑަށް އަޅުގަނޑުވެސް މިކަން އެދޭތީއާއި، އަޅުގަނޑުމެން އެންމެނަށް މިކަން މިވަގުތު ކުރެވޭން އޮތް ގޮތަކަށް ކޮށް ނިންމުމަކީ، ބުއްދިވެރިކަމެއްގެ ގޮތުގައި ފެނިގެން، އިރާދަކުރައްވައިގެން، މިއަދު މި ބިންގާ މިއެޅެނީ، 6 ކްލާސްރޫމްގެ ޢިމާރާތެއް މިތަނުގައި ކުރުމަށް. އޭގެ ބީލަން މިހާރުވަނީ ހުޅުވިފައި. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް މަހެއްހާ ދުވަހު އެއީ ހަމަ މަދްރަސާ ބަންދުވާ ހިސާބުން މަސައްކަތް ފަށައިގަނެވޭނެ. އަދި އިރާދަކުރެއްވިއްޔާ، ބަންދު ނިމި، މަދްރަސާ ހުޅުވެންވާއިރަށް، މި ކްލާސްރޫމް ބްލޮކް ނިމި، އަޅުގަނޑުމެންނަށް އާ ކްލާސްރޫމްތަކެއް ލިބި، އެއްދަންފަޅިއަށް ބަދަލުކުރެވޭނެ.

ބައެއް ބޭފުޅުން، އަޅުގަނޑުމެން މަސައްކަތްކުރާ ގޮތާ ގުޅޭގޮތުން ސުވާލު އުފައްދާ. އެއީ މިސާލަކަށް، މިއޮއްހާ ދުވަސްވެފައި އޮއްވާ، 3 މަސް ދުވަހުން މިކަން ކުރުމަށް ރާވާފައި، 3 މަސް ދުވަހުން މިކަން ކުރަން އެ އުޅެނީ ކީއްވެގެންހެއްޔޭ. 5 މަސް ދުވަހުން ސާކް ސަމިޓް ބާއްވަން އެއުޅެނީ ކީއްވެގެންހެއްޔޭ. 7 މަސް ދުވަހުން މިވެނި ކަމެއް ކުރާން އެ އުޅެނީ ކީއްވެގެންހެއްޔޭ. ދަންނަވަންތޯ، ޢިމާރާތެއް ކުރަން ފަށައި ނުނިމި ހުރީމާ ހިނގާ ޚަރަދު އެއީ، ފިތްކަނޑައިގެންދާފަދަ ބޭކާރު ޚަރަދެއް. ޕްލޭނެއް ނުކުރެވި ނުވަތަ ރޭވުންތެރިކަމެއް ނެތި، ހަމަ މިއަދު އައިސް ބިންގާ އަޅާލަނީ. ދެން މާދަމާ މިއަންނަ އަހަރު ލިބޭ ލާރިން ފައުންޑޭޝަން ދަމާލަނީ. އަންނަ ރޯދައަށް އިރުމަތީ ބިތުގައި ސިމެންތި ޖަހާލަނީ. ދެން އަންނަ ރޯދައަށް މަތިވަޑާންގަނޑު އަޅާލަނީ. މިހެން ހަދަމުން ހަދަމުން ގޮސް، ޢިމާރާތަކަށް ވަދެވޭއިރު، މިސްކިތަކަށްވިޔަސް، ކްލާސްރޫމަކަށްވިޔަސް އަދި އެހެން ތަނަކަށްވިޔަސް، މިހާގިނަ ދުވަސްވީމާ، އެއީ ދައުލަތަށްދާ ވަރަށްބޮޑު ބޭކާރު ޚަރަދެއް. ކުރު މުއްދަތުގައި ބާރަށް މަސައްކަތް ކޮށްގެން، އަވަހަށް ކަންތައް ނިންމީމާ، އާޚިރަތުގައި ޚަރަދު ވަރަށްބޮޑުތަނުން ކުޑަވެގެންދަނީ އިސްރާފު މަދުވާތީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި އަމާޒު ކުރަނީ، ހަމަ އެބާވަތުގެ މަސައްކަތެއް ތޮއްޑޫގައިވެސް ކުރުމަށް. އަޅުގަނޑުމެންނަށް މިބާވަތުގެ ކަންކަން ޙަޤީޤަތުގައި ކާމިޔާބުވަނީ، ތިޔަބޭފުޅުން، ރައްޔިތުން މިކަންކަމަށް ޝައުޤުވެރިވާލެއް ބޮޑުކަމުން. އަދި އެހީތެރިވެދޭލެއްވެސް ބޮޑުކަމުން.

މިހާރު މިއީ ޓެސްޓްގެ ދުވަސްވަރު. އަޅުގަނޑު ހިތުން އޯ ލެވެލް އިމްތިޙާން އަދި ފަހުން އޮތީ. އެހެން ނަމަވެސް، ޕްރޮމޯޝަން ޓެސްޓް، ފަހު ޓެސްޓް މިހާރު މިއޮތީ އަޅުގަނޑުމެންގެ ކުރިމަތީގައި. މިއަދުވެސް، އިއްޔެވެސް އިމްތިޙާން ދުވަސް ބައެއް މަދްރަސާތަކުގައި. ޓެސްޓަށް މިހާރު ދަސްކުރާންޖެހޭ އެއްޗެއް ޙަޤީޤަތުގައި ހުންނާންޖެހޭނީ ދަސްވެފައި. ދެނެއް އިތުރަށް ކުރަންޖެހޭނެ ކަމެއް އޮވެގެން ނުވާނެ. ބެލެނިވެރިއެއްގެ ގޮތުން އަޅުގަނޑު މިހެން ދަންނަވާއިރުގައި، އަޅުގަނޑުގެ ހަމަ މާދުރުނޫން ހަނދާނުގައި، އަޅުގަނޑަށްވެސް އެބަ އެނގޭ، އެންމެފަހު މިނިޓްގައިކަން، އެންމެފަހު ވަގުތާ ޖެހެންދެންކަން އަޅުގަނޑުމެންނަށް މި ރިވިޝަންގެ ކަންތައް ބާރަށް ހިންގޭން ފެށެނީ. ދެން މިއަހަރު އަޅުގަނޑުމެންނަށް މިއޮތީ ވާނެގޮތެއްވެފައި. ދެނެއް ހަމަގައިމުވެސް، އެއްމަސް ކުރީގައި ރިވައިޒްކުރާކަށް ފެށޭކަށެއް ނެތް. މިހާރު މިއޮތީ ޓެސްޓް ބޯމަތިވެފައި. އެހެންވީމާ، މިވަގުތުވެސް ރަނގަޅު ގޮތުގައި ވަގުތުތައް ބޭނުންކޮށް، ފިލާވަޅުތައް ބަލައި، ރިވިޝަން ބާރަށް ހެދުމަކީ ވަރަށް ބޭނުންތެރި ކަމެއް. ރަނގަޅު ރިޕޯޓް ކާޑަކާއި، ރަނގަޅު ނަތީޖާއެއް ލިބުނީމާ އުފާވާނީ ހަމައެކަނި ތިކުދިންނެއް ނޫން. އަޅުގަނޑު ބަލަން، ހުރިހާ ސްކޫލެއްގެވެސް ނަތީޖާ. އަޅުގަނޑު ވަރަށް އުފާވާނެ، ތޮއްޑޫ ސްކޫލްގެ ނަތީޖާ، އަހަރުން އަހަރަށް ރަނގަޅުވަމުން އަންނަތަން ފެނުނީމާ. މިހާރު ތިހައްދަވާހެން މިދިޔަ އަހަރަށްވުރެ މިއަހަރުގެ ނަތީޖާ މާރަނގަޅު. އަދި އަޅުގަނޑަށް ޕްރިންސިޕަލް އެބަ އިޝާރާތްކުރޭ، މިސާލަކަށް، އޯ ލެވެލްގެ މޮކް އިމްތިޙާނަށް ބަލާއިރު، މި 2011ގެ ނަތީޖާ އަދި 2010 އަށްވުރެވެސް މާބޮޑުތަނުން ރަނގަޅުވާނެ ކަމަށް. ސަރުކާރުގެ އަމާޒު ހިފުނީމާ، 60 ޕަސެންޓް ކުދިންނަށް އޯ ލެވެލް އިމްތިޙާނުން ފާސްވެވުނީމާ، ދެން އަޅުގަނޑުމެން މި އެދޭ ޙަޤީޤީ ބަދަލު އަޅުގަނޑުމެންނަށް ލިބެން ފަށާނެ.

ތޮއްޑޫގައި ދަނޑުވެރިކަން ކުރިޔަސް އަދި އެހެން މަސައްކަތެއް ކުރިޔަސް، މަދްރަސާ ނިންމައިގެން އެކަން ކޮށްފިއްޔާމު، ލިބޭ އާމްދަނީ މާރަނގަޅުވާނެ. ތަންދޮރުއޮޅުންފިލި މިންވަރަކަށް، ކުރާ ކަންކަން ފުރިހަމަވެގެންދާނެ. ވަރަށް ބޭނުންތެރިކަމެއް އެއީ، މަދްރަސާ ނިންމައިގެން، ދަނޑަށް ދިޔުން. އަދި އަޅުގަނޑަށް ހަމަ މީގެކުރީގައިވެސް، އަބަދުވެސް އަޅުގަނޑު ފާހަގަކުރަން، އިއްޔެއަކީ ކާބޯތަކެތީގެ ދުވަސް. ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދުވަހުގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރި ދުވަސް. އެދުވަހު ސަރުކާރުން ފަށައިފިން، ވަރަށްބޮޑު މަޝްރޫޢެއް. އެއީ، ރާއްޖޭގެ ހުރިހާ ރުކެއް ގުނުން. އަދި އެހުރިހާ ރުކެއްގެ ޢުމުރުވެސް ދެނެގަތުން. ތޮއްޑޫގެ ރުއްތައް ގުނައިދިނުމަށް. މިމަސައްކަތް މިކުރެވެނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް ފިޝަރީޒާ ގުޅިގެން. ތޮއްޑޫގައިވެސް އަޅުގަނޑަށް ޔަޤީން، މި ޕްރޮގްރާމް، މި މަޝްރޫޢު ދާދި އަވަހަށް ފެށިގެންދާނެ. އަދި މި ރުއް ގުނާއިރުގައި، އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒަކީ، ކޮންމެ ކިޔަވާ ކުއްޖަކަށް ރުކެއްވާ ގޮތަށް ރުއްގަނޑެއް ޖެހުން. އެހެންވީމާ، މަދްރަސާ ރުއްގަނޑެއް ތޮއްޑޫގައި އޮންނަންޖެހޭނެ. ކޮންމެ ކުއްޖަކު ގުނާ ރުއްތަކާއި އަދި އެ ގުނާ ރުއްތަކުގެ މަޢްލޫމާތުގެ އިތުރުން، އަލަށް އާ ރުކެއް ޖެހުމަކީ، މިދެންނެވި ޕްރޮގްރާމްގެ ތެރޭގައި، މިމަޝްރޫޢުގެ ތެރޭގައި ހިމެނޭ ކަމެއް. އެހެންވީމާ، މި ޗުއްޓީގައި ރުކާ ގުޅޭގޮތުން ހުރިހާ ކުދިންވެސް މަޢްލޫމާތު ހޯދުމާއި، ދެނެގަތުމާއި، ރުއް ގުނުމާއި، ރުކުގެ ޢުމުރު ދެނެގަތުމާއި، ރުކުން ކުރެވޭ ބޭނުންތައް ހޯދުމާ، މިކަންކަމުގައި އުޅޭނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް ތޮއްޑޫގެ ތަޢްލީމީ ޙާލަތު، ތަޢްލީމީ ފެންވަރު، މިއަދަށް މިހުރި މިންވަރަށްވުރެން އެތައް ތަނެއް އިރާދަކުރެއްވިއްޔާ ރަނގަޅު ކުރެވޭނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.