بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް ޑިފެންސް، ޗީފް އޮފް ޑިފެންސް ފޯސް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފް.ގެ ޖެނެރަލުން، އޭރިއާ ކޮމާންޑަރުން، އޮފިސަރުން އަދި އެމް.އެން.ޑީ.އެފް.ގެ އެންމެހާ ރޭންކްތަކުގެ އެންމެ ބޭފުޅުން.

السّـلام عليـكم

ރާއްޖޭގެ ރައްޔިތުންނަށް ދުވަހަކުވެސް ހަނދާންނެތި އޮޅިދާނެ ޙަޤީޤަތެއް ނޫން އެއީ، ދިވެހި ސިފައިން، އެ ރައްޔިތުންގެ ސަލާމަތަށާއި އަދި ރައްޔިތުންގެ ތަރައްޤީއާއި، މަންފާއާއި، ލާބައަށް ކޮށްދެއްވާ މަސައްކަތްތައް. ދިވެހި ސިފައިން، މި މަސައްކަތްތައް ކުރަމުން އައިސްފައިވަނީ، އިއްޔެއަކު މިއަދަކު ނޫންކަން، އަޅުގަނޑުމެން އެންމެންނަށް އެނގޭ. ޒަމާނުއްސުރެ ފަށައިގެން، ރާއްޖޭގައި ސިފައިން އުފެދުނީއްސުރެ، މި ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އަދި ޢާންމުކޮށް ކުރާ އެހެން ކިތަންމެ ކަމެއްގައިވެސް، ސިފައިންގެ ދައުރު، ސިފައިންގެ މަސައްކަތް، ސިފައިންގެ މަޤާމަކީ، ނުހަނު އުފުލިފައި ހުރި މަޤާމެއް.

އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ، އަޅުގަނޑު މިދެންނެވި ޒަމާންވީ ތާރީޚަށްފަހުގައި، މި ރާއްޖޭގެ ސިފައިން މުޅިން އަލުން އެކި އެތުރުންތައް ބަދަލުކޮށް، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިލިޓްރީއެއް ހިންގާ އުޞޫލުން މި ރާއްޖޭގެ ސިފައިންގެ ކަންކަން ހިންގެމުން އަންނަތަން. ރާއްޖޭގެ ސިފައިންގެ މަސައްކަތް، ލާމަރްކަޒީ އުޞޫލުން ހިންގާން މިހާރު މިވަނީ ފެށިފައި. އަދި އެމަސައްކަތްތައް ކުރިއަށް ދަނީ ނުހަނު ފުރިހަމައަށް. އަޅުގަނޑާ ވަރަށް ގިނައިން ސިފައިންގެ އެކިއެކި އޭރިއާ ކޮމާންޑަރުންނާއި އަދި އެކިއެކި ސަރަޙައްދުތަކުގައި މަސައްކަތްކުރާ ސިފައިންނާ ބައްދަލުވޭ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ސިފައިންގެ މަސައްކަތްތަކާއި، ތިޔަބޭފުޅުން ކުރާ ކަންތައްތައް ބަލަމުން ގެންދަނީ ވަރަށް ގާތުން.

އަޅުގަނޑުމެންނަށް މިއަދު މިތަނަށް އެއްވެފައި މިތިބި މުނާސަބަތަށް ވިސްނާލާއިރު، އަޅުގަނޑުމެން އެކަމާ ފިކުރު ހިންގާއިރު، އަޅުގަނޑަށް ޔަޤީން، ކަށަވަރު، މިރާއްޖޭގެ ހުރިހާ ސިފައިންނަށް ވަރަށް ސާފުކޮށް އެނގޭ އެއް ޙަޤީޤަތަކީ، މިހާރު އައްޑުއަތޮޅުގައި ހިނގަމުން އެދަނީ، މި ރާއްޖޭގައި މީގެކުރީގައި ދުވަހަކުވެސް ހިނގާފައި ނުވާފަދަ މަސައްކަތެއް. ހަމައެކަނި ސާކް ސަމިޓެއް ބޭއްވުމުގެ މަސައްކަތެއް ނޫން. މުޅި މި ރާއްޖޭގެ ތަރައްޤީއަށްޓަކައި އިތުރު ސިޓީއެއް ބިނާކުރުމުގެ މަސައްކަތްވެސްމެ. މިދެންނެވި ބުރަ މަސައްކަތުގައި، ސިފައިން އެހީތެރިވެދެވި އަދި ވަކިން ޚާއްޞަކޮށް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމްދީދީގެ ބެއްލެވުމުގެ ދަށުން ސަދަން ކޮމާންޑްގައި އެ ހިނގާ މަސައްކަތްތަކަކީ، ދިވެހި ކޮންމެ ދަރިއަކުމެ، ފަޚްރުވެރިވާނެ މަސައްކަތްތަކެއް. އަޅުގަނޑުމެން އެކަމަށްޓަކައި ދިވެހި ސިފައިންނަށް ނުހަނު ޝުކުރުވެރިވަން. އަދި އަޅުގަނޑުމެން ރާއްޖޭގެ އެންމެހާ ރައްޔިތުން، މި މަސައްކަތްތައް އުފަލާ އެކީގައި ބަލައިގަންނާނެކަމީ، ބަލައިގަންނަކަމީ، އަޅުގަނޑުމެންގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން.

ރާއްޖޭގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ހިނގަމުންދާ ކިތަންމެ މަސައްކަތެއްގައި، ސިފައިންގެ ކަންކަން ރޭވި، ހިންގެމުން އައިސްފައިވަނީ، ނުހަނު ތަރުތީބަށް. ނުހަނު ރަނގަޅަށް. އެމަސައްކަތްތައް، ކުރިއަށް އޮތް ތަނުގައިވެސް، މިދެންނެވި ތަރުތީބުން، މިދެންނެވި ރަނގަޅު މަގުގައި ހިނގާނެކަމީ، އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫން.

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް އިތުރު ނުކުތާއެއް ފާހަގަކޮށްލަން ބޭނުން. އަޅުގަނޑުމެން ރާއްޖެ މިދެކެނީ، މިދަނީ ވަރަށް ބޮޑެތި ބަދަލުތައް ދެކެމުން. ޚާއްޞަ ގޮތެއްގައި، އާ ޤާނޫނުއަސާސީއަކަށް ޢަމަލުކުރެވި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް އަޅުގަނޑުމެން މިވަނީ ތަޢާރުފްކޮށްފައި. އެ ނިޒާމް ދެމެހެއްޓުމަށްޓަކައި ސިފައިންގެ އިތުބާރު އަޅުގަނޑަށާއި މި ސަރުކާރަށް އޮތްކަން އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޤަބޫލުކުރަން. އަދި އަޅުގަނޑުމެންގެ ރާއްޖޭގެ އެންމެހާ ކަންކަން ފުރިހަމައަށް ގެންދިޔުމަށްޓަކައި ތިޔަބޭފުޅުން ކުރައްވާ ހުރިހާ މަސައްކަތެއްވެސް ކުރައްވަނީ އިޚްލާޞްތެރިކަމާއި އަދި ސިފައިންގެ މަތިވެރި ސުލޫކާ އެއްގޮތަށްކަން އެއީ އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އަޅުގަނޑު ޤަބޫލުކުރާ އެއް ޙަޤީޤަތް.

ރާއްޖޭގައި އެކުލެވިފައި މިވާ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ތެރެއިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަށް މިހާރު މިވަނީ ލިބިފައި. މިދެންނެވި މިނިވަންކަމަކީ، އޭގެތެރެއިން ބައެއްފަހަރަށް އަޅުގަނޑުމެން އަޑުއަހާން ބޭނުންނުވި ނަމަވެސް، ބޭނުންނުވާ ބާވަތުގެ ބައެއް ވާހަކަތައް އަޑުއިވޭނޭ ނިޒާމެއް. އެއީ، އަޅުގަނޑު އެއްވެސް ހާލެއްގައެއް ނުދެކެން، މި ނިޒާމުގެ އުނިކަމެއް ކަމަކަށް. އެހެން ނަމަވެސް، އެއީ އަޅުގަނޑުމެންނަށް މިކަން ހިނގާގޮތްކަން އެނގި، ރަނގަޅަށް ސާފުވެފައި އޮންނަންޖެހޭނެ ކަމެއް. އަޅުގަނޑު އުފާކުރަނީ، މިއިން އެއްވެސް ވާހަކައަކަށް ބަލާނުލައި، ތިޔަބޭފުޅުންގެ މީޒާން ގެއްލުވައިނުލައްވައި، ތިޔަބޭފުޅުން ކުރައްވަމުން ތިޔަގެންދަވާ ފުރިހަމަ މަސައްކަތްތަކަށް. އެމަސައްކަތްތައް ތިޔަބޭފުޅުން ކުރައްވަމުން ގެންދަވާއިރުގައި، އަޅުގަނޑަށް އަބަދުވެސް ފެނޭ، ތިޔަބޭފުޅުންގެ ސީދާ ފޯކަސް، ހަމައެކަނި ކުރާން އޮތް ކަމަށް ބަހައްޓަވާފައި ހުންނަ ތަން.

އަޅުގަނޑު ދަންނަވާނީ، އެއީއޭ ސިފައިންގެ މަތިވެރި ސުލޫކީ މިންގަނޑަކީ. ރާއްޖޭގެ ސިފައިންނަކީ، ބަޔަކު ދައްކާ ވާހަކައަކަށް އެނބުރޭނޭ ބައެއް ނޫންކަން އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އަޅުގަނޑު ޤަބޫލު ކުރަން. އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް އިތުބާރު ކުރަނީ، ނުހަނު މަތީ ދަރަޖައަކަށް. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން ރާއްޖޭގެ ސަލާމަތާއި، އަޅުގަނޑުމެން ރާއްޖޭގެ ތަރައްޤީ، ތިޔަބޭފުޅުންނާ އެކުގައި ދިވެހި ދަރިންނަށް، ދިވެހި ރައްޔިތުންނަށް ހޯދޭނެ. 12 ވަނަ ދުވަހުއްސުރެ ފެށިގެން ތިޔަބޭފުޅުން ފުރާވަޑައިގަންނަވާނެ އައްޑުއަތޮޅަށް. އެތަނުގައި ތިޔަބޭފުޅުން ބަލަހައްޓަވައިދެއްވާނީ، ހަލަބޮލި ދުނިޔެއެއްގައި، ބަދަލުވަމުން އަންނަ ދުނިޔެއެއްގައި އަދި އެހާމެ ވަކިން ޚާއްޞަކޮށް، މިބަދަލުތައް ފެވިފައިވާ ޤައުމުތަކެއްގެ 8 ވެރިންގެ ކަންކަން.

އެތެރެވަރީގެ ޤައުމުތަކުގެ ވެރިންނަކީ، ނުހަނު އަބަދުވެސް ނާޒުކު ފައްތަރެއްގައި ތިއްބަވާ ބޭފުޅުންކޮޅެއް. އެނގިވަޑައިގަންނަވާނެ، ޓެރަރިޒަމްގެ މައްސަލަތަކަކީ، އަޅުގަނޑުމެން އެންމެންނަށްވެސް އަބަދުވެސް ސާފުވެފައިވާ މައްސަލަތަކެއް. ތިޔަބޭފުޅުންނަށް ބަލަހައްޓަވާން ޖެހިވަޑައިގަންނަވަނީ، މިދެންނެވި ބާވަތުގެ 8 ވެރިން. އަޅުގަނޑު ނުދަންނަވާނަން، ވަކި އެއަށްވުރެ ރިސްކް ބޮޑު 7 ވެރިންނެއް، ދުނިޔޭގައި އެހެން ތަނެއްގައި ތިބެދާނެ ކަމަކަށް. އެހެންވީމާ، ވަކިން ޚާއްޞަކޮށް، ތިޔަބޭފުޅުންގެ މަސައްކަތް ފުރިހަމަވާންޖެހޭ. ހުރިހާ ކަމެއް، އެންމެމަތީ ދަރަޖައަށް ފައްކާވާންޖެހޭ. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން އެކަންކަންް ކުރައްވަމުން ގެންދަވާނީ، އެއްވެސް ގޯހަކަށް، އެއްވެސް އިތުރު އުނި އިތުރަކަށް ޖާގަ ނުދެއްވައި، ހަމަ ސީދާ އަކުރުން އަކުރަށް، ކޮންމެ ކަމެއްމެ ކުރާން އޮތްގޮތަށް، ކުރާން އޮތް އުޞޫލަށް. މިހާތަނަށްވެސް ތިޔަބޭފުޅުން ކަންތައް ކުރައްވަމުން އައިސްފައިވަނީ މިދެންނެވި ހަމައިގައި.

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ބައްދަލުވާއިރުގައި، ތިޔަބޭފުޅުން އައްޑުއަށް ވަޑައިގެންނެވުމުގެ ކުރީގައި އިއްޔެ އަޅުގަނޑު އަނެއްކާވެސް އައްޑުއަށް ދިޔައިން. ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމްދީދީ ތިޔަބޭފުޅުންގެ އިންތިޒާރުގައި އައްޑުއަތޮޅުގައި ހުންނަވާނެ. މިއަދު އިބްރާހީމްދީދީ އަޅުގަނޑާއެކުގައި މާލެ ވަޑައިގެންނެވި. ތިޔަބޭފުޅުންނަށް އައްޑުއަތޮޅު އޮތީ މަރްޙަބާ ކިޔަން ތައްޔާރަށް. ތިޔަބޭފުޅުން ފައިބާވަޑައިގަންނަވާނީ، ހިނިތުންވެފައި ތިބި ރައްޔިތަކާ ގުޅުމަށް. ތިޔަބޭފުޅުންގެ މަސައްކަތްތަކަށް އަންނާނޭ އެއްވެސް ހުރަހެއް ނެތްކަން އަޅުގަނޑަށް ޔަޤީން.

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ އަލްވަދާޢު ކިޔާއިރު، ތިޔަބޭފުޅުން އައްޑުއަށް ވަޑައިގަންނަވަމުން ގެންދަވާއިރުގައި، ހަމަ އިތުރަށް އަދި ނިންމާލުމުގެ ކުރިން ދަންނަވާލަން ބޭނުން. މިއަދުގެ މިނިސްޓަރ އޮފް ޑިފެންސަކީ، ސަރުކާރުގެ އެންމެ އިތުބާރު ހުރި، އެންމެ މުހިންމު އެއް މަޤާމުތަކުގެ ތެރެއިން މަޤާމެއް ފުރުއްވަމުން ގެންދަވާ އަދި ތިޔަބޭފުޅުންނަށްވެސް ރައްޓެހި މޫނެއް. ތިޔަބޭފުޅުންގެ ޖެނެރަލުންނަކީ، އަޅުގަނޑު ނުހަނު އިތުބާރުކޮށް، އެބޭފުޅުންނާއެކުގައި އަޅުގަނޑަށް ވަރަށް ރަނގަޅަށް މަސައްކަތް ކުރެވޭ ބޭފުޅުންކޮޅެއް. ތިޔަބޭފުޅުންގެ އެހެން އޮފިސަރުންނަކީވެސް އަޅުގަނޑަށް އެބޭފުޅުންނާއެކުގައި ނުހަނު ރަނގަޅަށް މަސައްކަތް ކުރެވޭ ބޭފުޅުންކޮޅަކަށްވީކަމީ، އަޅުގަނޑުމެންނަށް މިއަދު މި ލިބޭ ކުރިއެރުން، އަޅުގަނޑުމެންނަށް ލިބޭކަމުގެ އެންމެބޮޑު އެއް ސިއްރު.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم