بســم اللّـه الرّحمـن الرّحيــم

މާލޭސިޓީ ކައުންސިލްގެ މޭޔަރ، ސިޓީ ކައުންސިލްގެ އެހެނިހެން ކައުންސިލަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދިވެސް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.

السّـلام عليـكم

މާލެއަކީ އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ އެންމެ މީހުން ގިނަ ރަށް. މާލެއަކީ މި ރާއްޖޭގެ ވެރިކަންކުރާ ރަށް. މި ރާއްޖޭގެ މޫނުމަތި. މާލޭގެ ތަރައްޤީއާއި، މާލޭގެ ހިތްފަސޭހަ ކަމަށް ކުރެވޭ ކޮންމެ މަސައްކަތަކީ، މިއީ މި ރާއްޖޭގެ ތަރައްޤީއަށް، މި ރާއްޖޭގެ ހިތްފަސޭހަކަމަށް ކުރެވޭ މަސައްކަތެއްކަން ކަށަވަރު. މާލެއަކީ ނަލަ ތަނަކަށް ހެދުމަށް އެދޭ، މާލޭގެ ރައްޔިތުންގެ ޢަދަދު އަޅުގަނޑުމެން އެންމެންނަށްވެސް ސާފު. އެއީ، ހުރިހާ ރައްޔިތުން. މާލެ ސާފުތާހިރުކޮށް ބޭއްވުމާއި އަދި މި މާލެއަކީ ފެހި، މާލެއަކީ ހިޔާ، މާލެއަކީ ހިތްގައިމު، މާލެއަކީ އުފާވެރި، އަމާން، މީހުން ދިރިއުޅޭހިތްވާ އަދި ހުރިހާ ބާވަތެއްގެ، ހުރިހާ ރަށްރަށެއްގެ، ހުރިހާ ނަސްލެއްގެ މީހުންނަށް މެހްމާންދާރީ އަދާކޮށް، މިރަށުގައި ދިރިއުޅުމަށް ފުރްޞަތުދޭ ރަށެއް.

މާލޭގެ ރައްޔިތުންނަކީ، ޒަމާނުއްސުރެ ފެށިގެން މިދެންނެވިހެން ހަމައެކަނި އެމީހުންގެ ރަށަށް، އެމީހުންނަށް ހުންނަ ވިސްނުމެއް ގެންގުޅޭ ރައްޔިތެއް ނޫން. މާލޭ ރައްޔިތުންނަކީ، މުޅި ރާއްޖޭ ގޮވައިގެން ދިރިއުޅޭން ދަސްވެފައި ތިބި ރައްޔިތެއް. މާލޭގެ ފެހިކަމަށްޓަކައި ކުރެވޭ މަސައްކަތްތައް ބާރަށް ކުރުމުގެ ކިތަންމެ ބޭނުންތަކެއް އެބަހުރި. ސަރުކާރުގެ ސިޔާސަތުގެ ދަށުން މާލޭގެ ކިތަންމެ މަޝްރޫޢެއް، އިރާދަކުރެއްވިއްޔާ މިހާރު މިވަނީ ފެށިފައި. އެންމެ ޚާއްޞަ ގޮތެއްގައި، ބޯހިޔާވަހިކަމުގެ ދަތިކަމަކީ، މާލޭ ރައްޔިތުންނަށް ދިމާވެފައި އޮތް ވަރަށްބޮޑު ތަކުލީފެއް. އެއީ، އަޅުގަނޑުމެން އެކަކަށްވެސް އޮޅިފައި އޮތް ޙަޤީޤަތެއް ނޫން. ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މިދެންނެވި ބޮޑު މައްސަލައަށް ޙައްލެއް ގެނައުމަށް މަސައްކަތް އެބަ ކުރެވޭ. އަދި ހަމައެހެންމެ، ސަރުކާރުގެ ހައުސިންގ ޕްރޮގްރާމްގެ، ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ތެރެއިން މާލޭގެ ބޯހިޔާވަހިކަމަށް، މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް މަސައްކަތް ކުރެވެމުން މިހާރު މިގެންދެވެނީ.

އެނގިވަޑައިގަންނަވާނެ، ސަރުކާރުން ނިންމާފައިވަނީ، މާލޭގެ އެކިއެކި ތަންތަނުގައި ފްލެޓް ޢިމާރާތް ކުރުން އިތުރުކުރުން. މިވަގުތު ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށް މިދަނީ، ގާކޮށީގަޔާއި، އަދި މައްޗަންގޮޅީ ޖަނަވަރީގޭގައި. އެހެން ނަމަވެސް، ދާދި އަވަހަށް އަދި މާލޭގެ 6 ސައިޓެއްގައި ފްލެޓް ޢިމާރާތް ކުރުމުގެ މަސައްކަތް ފަށައިގަނެވޭނެ. މިމަސައްކަތްތަކުގެ ކޮންޓްރެކްޓާއި ބީލަމުގެ އެންމެފަހު މަރްޙަލާތަކުގައި، އަޅުގަނޑުމެންނަށް މިހާރު މަސައްކަތް ކުރެވެމުން މިގެންދެވެނީ. އަޅުގަނޑު ދެކޭގޮތުގައި، އިރާދަކުރެއްވިއްޔާ، އަހަރު ނިމޭއިރުގައި، އަޅުގަނޑުމެންނަށް ހުންނާނީ މާލޭގެ ވަރަށްގިނަ ތަންތަނުގައި ފްލެޓް ޢިމާރާތް ކުރަން ފެށިފައި. އެމަސައްކަތްތައް ބާރަށް ކުރިއަށް ގެންދިޔުމަކީ، ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. ސަރުކާރުން ދެކެނީ، އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ދެއަހަރުގެ ތެރޭގައި، މާލޭގެ ޢިމާރާތް ކުރާންހުރި ފްލެޓްތަކުގެ ބޮޑުބައެއް ޢިމާރާތްކޮށް ނިމޭނެ ކަމަށް.

މާލެއަކީ ގިރާވަރު ދެކުނު ކަނޑުއްސުރެ ކުޑަކަޅިއާ ހަމައަށް މާލެއަތޮޅު ދެކުނު ދުނީގައި އޮތް ފަރާއި، ފަޅާއި، ކަނޑާއި، ރަށްތައް ކަމަށް، އަޅުގަނޑުމެންނަށް މިހާރު އަންނަނީ ސާފުވަމުން. ގިރާވަރު ދެކުނު ކަނޑަކީ، އަޅުގަނޑު މިދެންނެވި މިސާލަކީ، އެނގިވަޑައިގަންނަވާނެ، ތިލަފަޅުގެ އުތުރުކޮޅު. ތިލަފަޅު ހިއްކުމުގެ މަސައްކަތް މިހާރު އެގެންދެވެނީ ކުރިއަށް. އަދި މާލޭގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށާއި، މާލޭގެ ވިޔަފާރިތަކަށް ބޭނުންވާ ގުދަންތަކާއި، ވަރކްޝޮޕްތަކަށް ޖާގަ، އިރާދަކުރެއްވިއްޔާ، ތިލަފުށިން މިހާރަށްވުރެ، ކުރިއަށްވުރެ މާބޮޑުތަނުން މިހާރު ފަހިވެގެންދާނެ. ހަމައެހެންމެ، ހުޅުމާލޭގައި ޢިމާރާތް ކުރެވެމުން އަންނަ ފްލެޓްތަކުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ފަހިވެގެންދާނެ. ހަމައެޔާއެކުގައި، މިހާރު މިގެންދެވެނީ، ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހި ފެށުމަށް ތައްޔާރުވަމުން. އެ ފިޔަވައްސާއެކުގައި، ގުޅީފަޅުގައިވެސް މާލޭގެ ރައްޔިތުންނަށް އަދި މިސަރަޙައްދުގައި ދިރިއުޅޭ އެންމެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ކަންކަން ފަހިވެގެންދާނެ.

ގުޅީފަޅާއި ނުވަތަ އަޅުގަނޑު މިދެންނެވި ގިރާވަރު އުތުރު ކަނޑާއި ކަޅިއާ ދެމެދުގައި ހުއްޓުމެއްނެތި ދަތުރުފަތުރު ކުރުމުގެ ފަސޭހަ ނިޒާމެއް ޤާއިމް ކުރުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. އެމަސައްކަތް، މާލޭ ސިޓީ ކައުންސިލާއި އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓާ ގުޅިގެން މިހާރު މިދަނީ ކުރިއަށް. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، މިކަންވެސް ބީލަމުގެ އުޞޫލުން ނިންމައި، ދާދި އަވަހަށް ބަޔަކާ ޙަވާލުކުރެވި، އެ ޚިދްމަތް ދެވެން ފަށާނެ.

މާލޭގައި ޢިމާރާތް ކުރަން ފެށި، ނުނިމިހުރި ޢިމާރާތްތައް ނިންމައިދިނުމަށްޓަކައި ސަރުކާރުން އެހީތެރިވެދިނުމަށް ހިންގޭ ޕްރޮގްރާމް، ވަރަށްބޮޑު މަޤްބޫލު ކަމަކާ އެކުގައި ދަނީ ކުރިއަށް. އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޢަދަދު މަދެއް ނޫން. މާލޭގައި މިދެންނެވި މިހާރު ފެށި އަދި ނުނިމި ހުރި ޢިމާރާތްތައް ނިމުމުން، މާލެއިން އިތުރު 500 ފްލެޓް ލިބިގެންދާނެކަން، އެ ޢިމާރާތްތަކުގެ ޖާގަ އަދި ޢިމާރާތްތަކުގެ ކުރެހުންތަކުން އަޅުގަނޑުމެންނަށް ފެނޭ. ސަރުކާރުން ޤަޞްދުކުރަނީ ވީހާވެސް އަވަހަކަށް، މިދެންނެވި ޢިމާރާތްތައް ނިންމޭނެ ގޮތެއް، އެޢިމާރާތްތަކުގެ ވެރިފަރާތްތަކަށް ހަދައިދިނުން. ސަރުކާރުގެ ގެރެންޓީއާ އެކުގައި އެފަރާތްތަކަށް ލުއިލޯނު ހޯދައިދިނުން. އެމަސައްކަތްވެސް އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، ޢަމަލީ ގޮތުން ފެށިގެންދާނެ.

މާލޭގެ ހޮސްޕިޓަލްގެ ދަތިކަމާއި، ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރާން ޖެހިފައި އޮތް މިންވަރު، އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ބޮޑަށް އެބަ މިހާރު އިޙްސާސް ކުރެވޭ. އަޅުގަނޑުމެންގެ ތެރޭގައި، ބަލިމީހުންނަށް ޝިފާއެއް ހޯދައިދިނުމާއި އަދި މުޅި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން ބޭސްފަރުވާއަށް އެދި މާލެ އަންނަ މީހުންނަށް ފަރުވާއާއި އެހީތެރިކަން ހޯދައިދިނުމަށްޓަކައި މާލޭގައި ރަނގަޅު ހޮސްޕިޓަލެއް ހުރުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. ސަރުކާރަށް މިހާރު ވަރަށް ބޮޑަށް ސާފު، އައި.ޖީ.އެމް.އެޗް. ހޮސްޕިޓަލަށް ބޭނުންވާ އިތުރު މެޝިނަރީއާއި، އިކްވިޕްމަންޓަކީ ކޮބައިކަން. އަދި އެ ހޮސްޕިޓަލަށް ބޭނުންވާ އިންސާނީ ވަސީލަތްތައް، ޑޮކްޓަރުންނާއި ނަރުހުންގެ ޢަދަދަކީ ކޮބައިކަންވެސް.
ސަރުކާރަށް އެބަ ސާފުވަމުން އާދޭ، މިދެންނެވި ކަންކަން ފުރިހަމަކުރުމަށްޓަކައި މިހާރުން މިހާރަށް ޚަރަދު ކުރަންޖެހޭ މިންވަރާއި އަދި ދިގު މުއްދަތުގައި ޚަރަދު ކުރަންޖެހޭ މިންވަރު. މާތްރަސްކަލާނގެ އިރާދަފުޅުން، ސަރުކާރަށް ލިބޭ އާމްދަނީ، ޓެކްސްގެ ނިޒާމްތައް ތަޢާރުފްވުމާ އެކުގައި މިދަނީ ދުވަހުން ދުވަހަށް އިތުރުވަމުން. އިތުރަށް ލިބޭ އާމްދަނީއިން ޚަރަދު ކުރުން އެންމެ ބުއްދިވެރީ ޞިއްޙަތަށާއި ތަޢްލީމަށްކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ. އަޅުގަނޑުމެންގެ ތަރައްޤީގެ ކަންކަން ފަހިވެގެން މިދަނީ، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރީމާކަން އެއީ އަޅުގަނޑުމެންނަށް އޮޅިފައި އޮތް ޙަޤީޤަތެއް ނޫން. އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު ފެށޭއިރުގައި، މި މާލެއާއި އަދި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން، ހެލްތް އިންޝުއަރެންސެއްގެ ކަވަރޭޖް ލިބިގެންދާނެ. މިދެންނެވީ މިހާރު މިހިންގަމުން ގެންދެވޭ މަދަނައިގެ އުޞޫލަށްވުރެ އަދި މާ ހަރުދަނާކޮށް. ޚިދްމަތްތައް މާ ރަނގަޅުކޮށް، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން، އެ ނިޒާމްގައި ޝާމިލްކޮށް، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭސްފަރުވާގެ ކަންކަން، މިއަންނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއްސުރެ ފެށިގެން ފުރިހަމަވަމުންދާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން. އެކަމަށް ބޭނުންވާ ތައްޔާރީތައް، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި އޮފީސްތަކުން މިހާރު މިދަނީ ކުރެވެމުން.

މާލެއަށް ކުރާންހުރި ކަންކަން، އަޅުގަނޑު ދެންމެ މި ކުރުގޮތެއްގައި ޚުލާޞާކޮށްލި ހިސާބަކުން ހަމަކަށަވަރުންވެސް ނިމިގެންނުދޭ. މާލޭގެ ޒުވާނުންނަށް ބޭނުންވާ މުނިފޫހިފިލުވުމާއި، ކުޅިވަރުގެ އެކިއެކި ފެސިލިޓީޒް، ތަންތަން ރަނގަޅަށް ތަރައްޤީވެފައި ހުރުމަކީ، މާލެއަށް ކޮންމެހެން ބޭނުންތެރިކަމެއް. ސަރުކާރުން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން މިހާރު މިގެންދަނީ މާލޭގެ ސްޓޭޑިއަމް ސަރަޙައްދާއި އަދި އެކުވެންޏާއި އަދި މިދެސަރަޙައްދު އަވަސް ގޮތެއްގައި ތަރައްޤީ ކުރުމުގެ މަސައްކަތެއް ފެށުމަށް. އަޅުގަނޑު މި އުންމީދު ކުރަނީ، މިމަސައްކަތަކީވެސް މިއަހަރު ނިމި، މިއަންނަ އަހަރުގެ ކުރީކޮޅު އިރާދަކުރެއްވިއްޔާ، ޢަމަލީ ގޮތުން ފެށިގެންދާނެ މަސައްކަތެއް ކަމަށް. ހަމައެޔާއެކީގައި، ސޯޝަލް ސެންޓަރު މާފަންނުގައި ސްވިމިންގ ޕޫލެއް އެޅުމުގެ މަސައްކަތަކީ، ވަރަށް ދުވަސް ވަންދެން ޕްލޭން ކުރެވެމުން އަންނަ މަސައްކަތެއް. ކުރީ ސަރުކާރުގައިވެސް، އޭގެ ވިސްނުން އޮތް މަސައްކަތެއް. ސަރުކާރުން ޤަޞްދު ކުރަނީ، މިއަންނަ އަހަރުގެ ތެރޭގައި، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުޞޫލުން މިދެންނެވި މަސައްކަތް ކުރިއަށް ގެންދަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ތެރޭގައި، އެމަސައްކަތްވެސް ފެށިގެންދާނެ.

މާލޭގައި ދިރިއުޅޭ ޒުވާނުންގެ ޢަދަދު އަދި ވަޒީފާގެ ފުރްޞަތު ނުލިބޭ ޒުވާނުންގެ ޢަދަދު ވަރަށްގިނަ. މި ރާއްޖޭގެ ހުރިހާ ރަށަކަށްވުރެވެސް، ޙަޤީޤަތުގައި އެންމެ ނިކަމެތިން ގިނަ، އެންމެ ފަޤީރު، އެންމެ ބިކަ ރަށަކީ މާލެ. މާލޭގެ ރައްޔިތުންނަށް، މާލޭގެ ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް ފަހިކޮށްދިނުމަކީ ބޭނުންތެރިކަމެއް. އެކަމަށްޓަކައި ހުނަރު ޕްރޮގްރާމް އެގެންދަނީ މަސައްކަތް ކުރަމުން. އަޅުގަނޑު އިއްޔެގައި ބަލައިލިއިރުގައި، މާލޭގައި ކިޔަވަން ފަށާފައިވާ، ހުނަރު ޕްރޮގްރާމްގައި ބައިވެރިވެ އަދި އެމަސައްކަތް ފަށާފައިވާ ކުދިންގެ ތެރެއިން ހުރިހާ ކުދިންވެސް ޤަވާޢިދުން ދަނީ އެ ޕްރޮގްރާމް ހިންގާ އެކިއެކި އިންސްޓްރަކްޓަރުން އިންސްޓްރަކްޝަންދޭ ތަންތަނަށް ޤަވާޢިދުން ޙާޒިރުވަމުން. އަދި އެހުރިހާ ފަރާތްތަކަކުންވެސް ދަނީ މިކަމުގައި ވަރަށް ޖޯޝާއި ވަރަށް ޝައުގުވެރިކަމާއެކު ބައިވެރިވެ މަސައްކަތް ކުރަމުން.

ސަރުކާރުން މިދެކެނީ، ހުނަރު ޕްރޮގްރާމް ނިމޭއިރު، އިރާދަކުރެއްވިއްޔާ، އެ ޕްރޮގްރާމް ފުރިހަމަކުރާ، އެއިން ސެޓްފިކެޓް ލިބޭ ހުރިހާ ފަރާތްތަކަކަށްވެސް ވަޒީފާގެ ފުރްޞަތުތައް ފަހިވެގެންދާނެ، ހަމަޖެހިގެންދާނެ. އަޅުގަނޑުމެންގެ ބޭނުމަކީ، ތާހިރު ދިރިއުޅުމަކަށް އަޅުގަނޑުމެން ދިޔުން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް މިކުރަނީ، އަޅުގަނޑުމެންގެ ޙާލަތު، މިހާރު އޮތް މިޙާލުން އަދި މާ ތަނަވަސް އަދި މާ ރިވެތި އަދި މާ ހިތްގައިމު ޙާލަތަކަށް ބަދަލުކުރުމަށް. މާލެ ފެހިކުރުމުގެ އެންމެބޮޑު ބޭނުމަކީވެސް ހަމަ މިދެންނެވީ. މާލެ ފެހިކުރުމަށް މިއަދު އަޅުގަނޑުމެންނަށް ލިބިފައިމިވާ ފެންފޯއް ރުއްތައް ލިބިފައި މިވަނީ ފީވަކުން. އަޅުގަނޑު ފީވަކު ކައުންސިލަށާއި، ފީވަކު އެންމެހާ ރައްޔިތުންނަށް މިކަމުގައި ނުހަނު ޝުކުރާއި މުބާރަކްބާދީ ރައްދުކޮށްދެން.

އަޅުގަނޑަށް މާލޭ މޭޔަރ ޔަޤީންކަން ދެއްވާ، އިރާދަކުރެއްވިއްޔާ، މިހުރިހާ ރުކެއްގައި އަޅާ ހުރިހާ ފޯކެއްވެސް، އަޅުގަނޑުމެންނަށް ރީތިކޮށް ބެލެހެއްޓި، އަދި އެތަކެތީގެ ބޭނުން ވިޔަފާރީގެ ގޮތުން އަޅުގަނޑުމެންނަށް ކުރެވޭނެ ގޮތެއްވެސް ހަމަޖެހިގެންދާނެ ކަމަށް. މީގައި އަޅާ މޭވާއަކީ ބޭނުންތެރި އެއްޗެއް. އަދި ރާއްޖޭގައި ވަރަށް ބޮޑަށް ބޭނުންކުރަމުން އަންނަ އެއްޗެއް. އަޅުގަނޑުމެންނަށް ފެންފޯއް އިމްޕޯޓް ކުރެވޭ މިންވަރު، އަޅުގަނޑު ހިތުން، ތަފާސް ހިސާބުތަކުން ތިޔަބޭފުޅުންނަށްވެސް ސާފުވެފައިވާނެ. ދިވެހިން ބޭނުންކުރާ ކެއުމުގެ ބާވަތްތައް ނުވަތަ ކުދި ކެއުމުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން ބޭނުންކުރާ އެއްބާވަތަކީ، މިދެންނެވިހެން ފެންފޯއް.

އަޅުގަނޑުމެންނަށް މި ރުއްތަކުގެ ޗާލުކަމާއި އަދި ޒީނަތްތެރިކަންވެސް އެއީ، އަޅުގަނޑުމެންގެ ހިތްތަކަށް ފިނިކަން ގެނެސްދޭނެ ކަމެއްކަން ކަށަވަރު. އަޅުގަނޑު އެދެނީ އަދި އަޅުގަނޑު ޔަޤީން ކުރަނީ، މާލޭ ސިޓީ ކައުންސިލުން މިހުރިހާ ރުކެއްވެސް ރަނގަޅަށް ބަލަހައްޓަވާނެ ކަމަށް. އަދި އަޅުގަނޑު އެދެނީ، މާލޭގެ ހުރިހާ ރައްޔިތުންވެސް، މިހުރިހާ ރުކަކާ އަޅާލައްވައި ބަލަހައްޓަވަމުން ގެންދަވާނެ ކަމަށް. އަޅުގަނޑަށް އެބަ ފެނޭ، ހިސާބުގެ އަވަށްޓެރިން ނުކުމެ ތިއްބެވިތަން. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އެބޭފުޅުންވެސް ރުއްތަކާ އަޅާލައްވައި އަދި ހުރިހާ އަވަށްޓެރިންވެސް، ކޮންމެ ގެއެއްގެ ކުރިމައްޗެއްގައިވެސް މި ރުއްތައް ހުންނާނެ. އެހެންވީމާ، އަޅުގަނޑުމެން އެދެނީ، ރުއްތައް ބަލަހައްޓަވައި ދެއްވުމަށާއި އަދި މިކަމުގައި މާލޭގެ ހުރިހާ ރައްޔިތުންވެސް ޝައުޤުވެރިކަމާއެކުގައި ބައިވެރިވެވަޑައިގެންނެވުމަށް.

އަޅުގަނޑުމެންގެ ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފެހި، ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.