بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް އެޑިޔުކޭޝަން، ނޭޝަނަލް ޔުނިވަރސިޓީގެ ޗާންސެލަރ، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ހިންގުންތެރިން. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އޮފިޝަލުން، މައިންބަފައިން، ދަރިވަރުން އަދި މި ޖަލްސާގައި މިރޭ ބައިވެރިވެވަޑައިގަންނަވާ އެންމެ ބޭފުޅުންނާއި، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެ ބޭފުޅުން.

السّـلام عليـكم

ޤައުމީ ތަރައްޤީގެ ނާރެސްއަކީ މަދްރަސާތައް ކަމަށް އަޅުގަނޑުމެން މިއަންނަނީ ވަރަށް ބޮޑަށް ފާހަގަކުރަމުން. ތަރައްޤީއަކީ ތިމަންނާއަށްވާ ގޮތެކޭ. އިންސާނާއަށް އަންނަ ބަދަލެކޭ. ތަރައްޤީ މިވާންޖެހެނީ މީހާ، އިންސާނާ. ތަރައްޤީއަކީ ރަށަށް ނުވަތަ ތަނަކަށް ގެނެވޭ ބަދަލަކުން އަޅުގަނޑުމެންނަށް ލިބޭ، ޙާޞިލްވާ ކަމެއް ނޫންކަން އެއީ، އިންސާނީ ތަޖްރިބާ އަޅުގަނޑުމެންނަށް ދައްކާފައިވާ ވަރަށް މުހިންމު ޙަޤީޤަތެއް. ޤައުމީ ތަރައްޤީއަށްޓަކައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އެންމެބުރަ، އެންމެބޮޑު މަސައްކަތެއްކުރާ އެއްބަޔަކީ ޓީޗަރުންކަމީ، އަޅުގަނޑުމެން އެކަކުވެސް ދެބަސްވާ ކަމެއް ނޫން. މި ރާއްޖެ، އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުކޮށްލުމުގައި، އެންމެބޮޑު އެއް ދައުރު އަދާކުރާ ބަޔަކީ ޓީޗަރުން. މިއަދު ޓީޗަރުންގެ ދުވަހުގައި، އަޅުގަނޑު އެންމެހާ ޓީޗަރުންނަށް މަރްޙަބާއާއި މުބާރަކްބާދީ ރައްދުކުރަން.

ސަރުކާރުގެ ސިޔާސަތުތަކެއް، ތަޢްލީމާ ގުޅޭގޮތުން އެކުލަވައިލެވިފައި މިވަނީ ވަކި ނަތީޖާތަކެއް ޙާޞިލް ކުރުމަށްޓަކައި. އަޅުގަނޑުމެން އެންމެންމެ އެދޭ ކަންތައްތަކެއް ހޯދުމަށްޓަކައި. އަޅުގަނޑުމެންގެ އަމިއްލަ ޙަޔާތަށް އަޅުގަނޑުމެން ވިސްނާލާއިރު، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، ދެމަފިރިއަކުވެސް ކުރާ ހުރިހާ މަސައްކަތެއް، ޙަޤީޤަތުގައި މިކުރަނީ ދަރިންނަށްޓަކައި. ދޯންޏެއް ބަންނަނީވެސް ދަރިންނަށްޓަކައި. މަހަށް ފުރަނީވެސް، ވަޒީފާއަށް ދަނީވެސް، ކުޅެން ނުކުންނަކީވެސް އަދި އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް، އަޅުގަނޑުމެން މިކުރަނީ އާމްދަނީއެއް ހޯދުމަށްޓަކައި، ޢާއިލާ ބެލެހެއްޓުމަށްޓަކައި، ދަރިންނަށްޓަކައި. ދަރިންނަށްޓަކައި ކޮށްދޭންޖެހޭ އެންމެ މުހިންމު އެއްކަމަކީ، އެދަރިންނަށް ތަންދޮރު އޮޅުންފިލުވައިދިނުންކަން ދިވެހި މައިންބަފައިން ދަންނަތާ އަދި ހިތުގެ އަޑީން ގަބޫލުކޮށް ތިބިތާ ވަރަށް ޒަމާންވެއްޖެ. މި ރާއްޖެއަކީ ލިޔަން ކިޔަން ދަންނަ މީހުން، ނިސްބަތުން ގިނަ ޤައުމެއްގެ ގޮތުގައި ވަރަށް ކުރިއްސުރެ ފަށައިގެން ފާހަގަވެފައި އޮތް ޤައުމެއް.

ރާއްޖޭގެ ތަޢްލީމީ ނިޒާމު މިހާރު ފައްކާވެފައި މިހުރި ގޮތަށް ފައްކާވުމުގައި، މިދެންނެވި ޙަޤީޤަތް އެއީ، ވަރަށްބޮޑު ދައުރެއް އަދާކޮށްދިން ޙަޤީޤަތެއް. އަޅުގަނޑުމެން އަސާސީ ތަޢްލީމުއްސުރެ ފެށިގެން އަދި އެންމެމަތީ ތަޢްލީމާ ހަމައަށް އަޅުގަނޑުމެންނަށް ދެވޭއިރު، އޭގެތެރޭގައި، މިކަން ހިންގުމުގައި، ޤައުމުގެ ތަރައްޤީއަށް އަދި އަޅުގަނޑުމެންގެ އަމިއްލަ ބޭނުންތަކަށް ފަހިވާގޮތަށް މިކަންކަން ހިންގުމަކީ، ވަރަށް ބޭނުންތެރިކަމެއް. އެކަން އެގޮތަށް ހިންގައިދިނުމަށް ނުކުމެ ތިއްބެވި ބަޔަކީ ޓީޗަރުން. އެ ޓީޗަރުންނާއެކުގައި އަޅުގަނޑުމެންނަށް ޤައުމީ ތަރައްޤީގެ މަސައްކަތް ކުރެވެންޖެހޭނެ. އަޅުގަނޑުމެން މި އެދޭ ތަރައްޤީ، އަޅުގަނޑުމެންނަށް ލިބޭނީ، މިދެންނެވި މަސައްކަތް އެގޮތަށް ކުރެވިގެން.

ރާއްޖޭގެ އާބާދީގެ 17 އަހަރާއި 26 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން އެއީ، މަތީ ތަޢްލީމަކަށްދާންޖެހޭ ކުދިންގެ ތެރެއިން، މަތީ ތަޢްލީމަކަށް މިދަނީ ހަމައެކަނި 7 ޕަސެންޓް ކުދިން. ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކުގައި ނުވަތަ ތަރައްޤީވެފައިވާ ޤައުމުތަކުގައި، މިދެންނެވި ނިސްބަތަކީ، ބައެއްފަހަރަށް 50، 60 ޕަސެންޓް. އަޅުގަނޑުމެން މިތިބެނީ، ސޯމާލިޔާ، އިތިއޮޕިޔާއާ އެއްދަރަޖައެއްގައި. އަޅުގަނޑުމެންގެ ތަރައްޤީ، އަޅުގަނޑުމެންނަށް ހޯދެންއޮތީ، އަޅުގަނޑުމެންނަށް ތަންދޮރު އެނގިގެންކަން، އަޅުގަނޑުމެން ބޭނުންވާ ހުނަރުތައް، އަޅުގަނޑުމެންގެ ކިބައިގައި ހުރެގެންކަން އެއީ، މިއަދު އަޅުގަނޑުމެންނަށް އެނގެން އޮތް ވަރަށް ސާފު ޙަޤީޤަތެއް.
ރާއްޖޭގައި ހުނަރަކާ އެކުގައި މަސައްކަތް ކުރުމަށް ބޭރުން ގެނެސްފައި ތިބި މީހުންގެ ޢަދަދު ވަރަށްގިނަ. ސާޅީސް އެތައް ހާހަކަށް އަރާގޮއްސި. ހަމައެކަން އެހެން އޮތްއިރުގައި، އަޅުގަނޑުމެންގެ ތެރެއިން ވަޒީފާއެއްނެތި ތިބި ޒުވާނުންގެ ޢަދަދުވެސް އެހާމެ ގިނަ. ޓީޗަރުންނަށް ކުރާން ޖެހިފައި މިއޮތް މަސައްކަތް ނުހަނު ބުރަ. ޓީޗަރުންނަށް އަދާކުރަން ޖެހިފައިވާ ވަޒީފާއަކީ، ފަސޭހަ ވަޒީފާއެއް ނޫން. މިދެންނެވި މަތީ ތަޢްލީމުގެ ފުރްޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން، ޓީޗަރުންނަކީ، މައިންބަފައިންނަށް އެންމެ ލުއިކޮށްދޭ އެއްބައެއް. އަދި ސަރުކާރުން އެދެނީވެސް އެކަން އެގޮތަށް އޮތުމަށް. މައިންބަފައިންނަކީ ގިނަވަގުތު މަސައްކަތް ކުރެވޭ، އަދި ހަމައެހެންމެ، ޤައުމީ ތަރައްޤީއަށް ގިނަ ވަގުތު މަސައްކަތް ކުރެވޭ ބައެއްގެ ގޮތުގައި ތިބުމަކީ، ޤައުމަށް ލިބޭ ފައިދާއެއް. އެކަން އެހެންވުމަށްޓަކައި އެންމެބޮޑު ދައުރެއް އަނެއްކާވެސް އަދާކޮށްމިދެނީ ޓީޗަރުން. އަޅުގަނޑުމެންނަށް ޓީޗަރުންގެ ދައުރު، ކިތަންމެ ގޮތަކަށް ކިޔިދާނެ. އަޅުގަނޑުމެންނަށް ޓީޗަރުންގެ މުހިންމުކަން، ކިތަންމެ މިންގަނޑަކުން މިނި ދާނެ. އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައި ހުންނަންޖެހޭ އަޚްލާޤީ މިންގަނޑުތަކާއި އަދި މި ދޮށީ ޢުމުރަށް ނުވަތަ މެދު ޢުމުރަށް އަޅުގަނޑުމެންނަށް ދެވޭއިރުގައި، އަޅުގަނޑުމެންގެ އަމިއްލަ ކިބައިގައި މިހުންނަ ސިފަތައް އެއީ، ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އެނގޭ އެބަ، މާކުރިއްސުރެ ފަށައިގެން ދައްކަންވެފައި ހުރި ސިފަތަކެއްކަން.

އަޅުގަނޑުމެންގެ މުޖްތަމަޢުގައި، ނޭއްގާނިކަމާއި، ބަދަލުހިފުމާއި، ނަފްރަތާއި، ޙަސަދައާއި، ފަސާދަ، އެއަށްފަހުގައި ވިސްނުން ހުރިނަމަ، އެނޫން ގޮތަކަށް އަޅުގަނޑުމެންގެ ޖީލެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް، މަސްއޫލިއްޔަތު އެޅިފައިމިވަނީ ޓީޗަރުންނަށް. ޓީޗަރުންގެ ދައުރަކީ، ޤައުމީ ތަރައްޤީގެ އެންމެ މުހިންމު، އެންމެބޮޑު އެއް ދައުރުކަމަށް ދައްކައިދޭކަށް އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ނެގޭނެ އެހެން މިސާލެއް މަދެއް ނޫން. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް ފެންނަމުން ދަނީވެސް ޓީޗަރުން، މިދެންނެވި މަސައްކަތް ވަރަށް ބުރަކޮށް، ވަރަށް އަވަދިނެތި، ވަރަށް ހީވާގިކަމާއެކު ކުރަމުން ގެންދާތަން. އެއީ، އަޅުގަނޑުމެން ރާއްޖޭގެ ވަރަށްގިނަ ބަޔަކު ގަބޫލުކުރާނެ ޙަޤީޤަތެއް.

މިއަހަރުގެ ތެރޭގައި، އަޅުގަނޑަށް އިރާދަކުރައްވައިގެން، 108 މަދްރަސާއަށް ދެވިއްޖެ. އަޅުގަނޑަށް ފެނޭ، ކޮންމެ މަދްރަސާއެއްގައިވެސް ޓީޗަރުން މަސައްކަތް ކުރަމުން އަންނަ މިންވަރު. އަދި މަދްރަސާ ތަރައްޤީ ކުރުމަށް، މަދްރަސާ ކުރިއެރުވުމަށް، ދަރިންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަށް، ޓީޗަރުންގެ ޝައުޤުވެރިކަން ހުންނަ މިންވަރު، އަޅުގަނޑު އަބަދުވެސް ހަނދާންހުރޭ. އަމިއްލަ އެދުމެއްނެތި ތިމާއަށް ބޭނުންވާ ކަމެއް ނޫން. އެހެން ބަޔަކަށް ކޮށްދޭ ކަމެއް. އެކަމަށްޓަކައި ޓީޗަރުން އެކުރާ މަސައްކަތް އެއީ، އަޅުގަނޑު ހަމަގައިމުވެސް އުފާކުރާކަމެއް. އަދި ޓީޗަރުންނަށް ނުހަނު ޤަދަރުކުރާ އެންމެ މުހިންމު އެއް ސަބަބު.
މަދްރަސާތަކުގެ ފެންވަރާ، އެއީ، ޢުމްރާނީ ގޮތުން ނުވަތަ އިންފްރާސްޓްރަކްޗަރގެ ގޮތުން، ރާއްޖޭގެ މަދްރަސާތައް ހުންނަންޖެހޭ ގޮތް މިއަންނަނީ ބަދަލުވަމުން. އަޅުގަނޑުމެންނަށް އަތޮޅުތަކުގައި ލިބިފައި ހުރި ގިނަ މަދްރަސާތައް އެހެރީ 1970ގެ ފަހުކޮޅު، 1980ގެ ކުރީކޮޅު ޢިމާރާތް ކުރެވުނުއިރު، ޢިމާރާތް ކުރަން ފެށިފައި ހުރި ޑިޒައިނެއްގައި ޢިމާރާތް ކުރަމުން ގެންދެވިފައި. ގިނަފަހަރަށް މަދްރަސާގެ ގޯތިތެރޭގައި، އެކިގޮތްގޮތަށް ހުންނަ ބައިވަރު ޢިމާރާތްތަކެއް ހުންނާނެ. އަޅުގަނޑު އަޑުއަހަން، އަޅުގަނޑަށް ކިޔައިދޭ، މަދްރަސާއެއް ޢިމާރާތް ކުރެވިފައި މިހުންނަން ޖެހެނީ، ޕްރިންސިޕަލަކު ވަކި ތަނެއްގައި ހުއްޓުނީމާ، އޭނާއަށް މުޅި މަދްރަސާ ފެންނަގޮތަށޭ. އަޅުގަނޑު އެތަން ފެނޭތޯ ވަރަށްގިނަ މަދްރަސާގައި، އެކިތަންތަނުގައި ހުއްޓި ހުންނަން. އަޅުގަނޑަށް އަދި އެފަދަ ތަނެއް މިއޮތީ ނުފެނިފައި. އަޅުގަނޑަށް ފެންނަ ގޮތުގައި، އަޅުގަނޑުމެން މަދްރަސާތަކަށް މިގެންނަ ބަދަލުތަކުގެ ތެރޭގައި، މަދްރަސާތަކުގައި ޢިމާރާތްތައް އިތުރުކުރަމުން ގެންދާ ދިޔުމުގައި، ޖުމްލަ މިދެންނެވި ފުރިހަމަ މަދްރަސާއެއްގެ ފުޅާ ވިސްނުން އެބަ ގެންނާންޖެހޭ. އެއްދުވަހުން މިހާރުހުރި ޢިމާރާތްތައް ބަދަލުކުރެވޭކަށް އަޅުގަނޑުމެންނަކަށެއް ނެތް. އެހެންނަމަވެސް، އަލަށް ކުރެވޭ ޢިމާރާތްތަކަކީ، އަދި ބޮޑު ވިސްނުމެއްގެ ތެރޭގައި ފެށޭ ކުޑަކުޑަ ޢިމާރާތެއްގެ ގޮތުގައި، ޢިމާރާތް ކުރެވޭ ތަނެއް ކަމުގައިވީ ނަމަވެސް، ފުޅާ ބޮޑު ވިސްނުން، މަދްރަސާގެ ޑިޒައިންގައިވެސް ގެންގުޅުމަކީ ކޮންމެހެން ބޭނުންތެރިކަމެއްގެ ގޮތުގައި އަޅުގަނޑަށް ވަރަށް ގިނައިން ފާހަގަވޭ.

މަދްރަސާތަކުގައި އަޅުގަނޑުމެންނަށް ކޮންމެހެން ބަދަލުކުރާންޖެހޭ ކަމެއްގެ ގޮތުގައި ފެންނަ އެހެން ކަމެއްވެސް އަޅުގަނޑަށް ފާހަގަވޭ. އެއީ، ފާޚާނާ. ކޮންމެ މަދްރަސާއެއްގެވެސް ފާޚާނާއަށް ދެވޭތޯ އަޅުގަނޑު ބަލަން. އަޅުގަނޑަށް ފާހަގަވާގޮތުގައި، ބަލާއިރު، އަންހެން ކުދިންގެ ތެރެއިން ރަނގަޅު 60 ޕަސެންޓަށްވުރެ ގިނަ ކުދިން، މަދްރަސާ ގަޑީގައި ކުޑަކަމުނުދޭ. އަޅުގަނޑަށް ފެންނަ ފެނުމުގައި، ބަލިތައް ޖެހުމާއި އަދި ޚާއްޞަކޮށް، އަންހެނުންނަށް ދިމާވާ ބަލިތައް ދިމާވުމުގައި، އަޅުގަނޑަށް ލަފާ ލިބޭ، މިބާވަތުގެ، އަޅުގަނޑުމެންނަށް ވިސްނާނުލެވި، ނުވަތަ އަދި ބޮޑު ކަމެއްގެ ގޮތުގައި ނުދެކި ހުރި ކަންކަން އެބަ ވަރަށްބޮޑު ދައުރެއް ޙަޤީޤަތުގައި ކުޅޭ. އަޅުގަނޑު ހިތުން ޓީޗަރުންނަށް މިކަން ވަރަށް ބޮޑަށް ސާފުވާނެ. މިހާރުވެސް ޓީޗަރުން އަމިއްލަފުޅަށް ވިސްނަވައިލައްވައިފިނަމަ، ޓީޗަރުންގެ ކްލާސްތަކުގައި ތިބޭ ކުދިންގެ ތެރެއިން، ދެން އަޅުގަނޑުމެން މަދްރަސާގައި އުޅުނުއިރުގައި، މާގިނައިން އެތަނަށްދާތީ މައްސަލަޖެހިފައި އޮންނަނީ. ފާޚާނާއަށްނުދާ ވަރަށްގިނަ ކުދިން އެބަ އަޅުގަނޑުމެންނަށް ފެނޭ. އަޅުގަނޑަކީ މިކަމުގެ މާހިރެއް ނޫން. އެހެންނަމަވެސް، މަދްރަސާ ޑިޒައިން ކުރުމުގައި، އަޅުގަނޑުމެން އެބަ ފުޅާ ވިސްނުމެއް ގެންގުޅެންޖެހޭ. މަދްރަސާއަކީ ފަންކްޝަނަލް ތަނަކަށް އެބަވާންޖެހޭ.

ޢިމާރާތަކުން އަޅުގަނޑުމެންނަށް ލިބޭނެ މާމޮޅު މޮޅެއް ޙަޤީޤަތުގައި ނޯންނާނެ. މަދްރަސާގެ އެންމެ މުހިންމު ހަތިޔާރަކީ ޓީޗަރު. ޓީޗަރަށް ރަނގަޅަށް ޢިލްމެއް ލިބި އަދި ދަރިންނަށް، ދަރިވަރުންނަށް އެ ޓީޗަރަށް ލިބިހުރި ޢިލްމެއް ރަނގަޅަށް ފޯރުކޮށްދެވޭނެ ހުނަރުތަކެއް ނެތްނަމަ، އަޅުގަނޑުމެން ގަންނަ ދިއްލޭ ބޯޑަކުން، ތިންބުރި ޢިމާރާތަކުން އަދި އިންޑޯ ހޯލަކުން އަޅުގަނޑުމެން މިއެދޭ ބަދަލެއް، އަޅުގަނޑުމެން މިއެދޭ ނަތީޖާއެއް އަޅުގަނޑުމެންނަކަށެއް ނުނެރެވޭނެ. ޓީޗަރުންގެ ޢަދަދު އެބަ އިތުރުވާންޖެހޭ. ޓީޗަރުންގެ ފެންވަރު އެބަ ރަނގަޅުވާންޖެހޭ. ސަރުކާރުގެ އަމާޒަކީ، އޯ ލެވެލް ނިންމާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން ފާސްވެފައިވާ ކުދިންނަށް ހެދުން. އަޅުގަނޑު އެންމެފަހުންދިޔަ އެއްރަށުގައި، ހޯރަފުށީގައި 73 ޕަސެންޓް ކުދިން، މިދިޔަ އަހަރު 5 މާއްދާއިން ފާސްވި. ދިއްދޫ އެހާ ރަނގަޅު. އިހަވަންދޫއެއްވެސް ގޯހެއް ނޫން. އަޅުގަނޑުމެންނަށް، ރާއްޖޭގެ އުތުރާއި ދެކުނުން ފެންނަނީ، މިދެންނެވި އަމާޒަށް ވާސިލުވުމަށްޓަކައި ޓީޗަރުން ރާވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާތަން. މިދެންނެވި ރޭވުންތެރިކަމާއެކީގައި ކުރެވޭ މަސައްކަތް، ޓީޗަރުން އެ ގެންދަވާ ގޮތަށް ގެންދަވަނީނަމަ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ އަމާޒު ނުވަތަ މިހާރުގެ ސިޔާސީ ބަހުންނަމަ، އަޅުގަނޑުމެންގެ ވަޢުދު، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ފުއްދޭނެއޭ.

މިނިސްޓަރ އޮފް އެޑިޔުކޭޝަނާ އެކުގައި އަދި ކެބިނެޓުން މިހާރު މިގެންދަނީ، މިއަންނަ އަހަރުގެ ބަޖެޓް އެކުލަވައިލަމުން. ވަރަށްގިނަ ބޭބޭފުޅުން ފާހަގަކުރައްވާނެ، މިއަންނަ އަހަރަކީ ސަރުކާރުގެ އާމްދަނީ، މީގެކުރީގައި ދުވަހަކުވެސް ބޮޑުވެފައި ނެތް މިންވަރަށް ބޮޑުވާނެ އަހަރެއް. މިއަންނަ އަހަރަކީ، އަޅުގަނޑުމެން އަލަށް ތަޢާރުފުކުރާ ގިނަ ގޮތްތަކުގެ އާމްދަނީ، ސަރުކާރަށް ލިބެން ފަށާނެ އަހަރު. ރަނގަޅު އަހަރެއްގައި، މީގެކުރީގައި ސަރުކާރުގެ އާމްދަނީ 7 ބިލިއަން ރުފިޔާގައި ހުންނައިރު، އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު، އެ އާމްދަނީ 10 ބިލިއަނަށްވުރެ މައްޗަށް ހިނގައިދާނެ. ސަރުކާރުގެ އަމާޒަކީ، އެ ފައިސާގެ ބޮޑު ބައެއް، އެންމެބޮޑު ބައި، ތަޢްލީމަށާއި ޞިއްޙަތަށް ޚަރަދު ކުރުން. އަޅުގަނޑުމެން ޓެކްސް ނެގީ އަދި ނަގަނީ، އިޖްތިމާޢީ ރައްކާތެރިކަމަށް. ޤައުމީ ތަރައްޤީއަށް. ޤައުމެއް ތަރައްޤީ ވިޔަސް ކުރެވޭ މަސައްކަތުގެ އެންމެބޮޑު މަސައްކަތަކީ ތަޢްލީމަށް ކުރެވޭ މަސައްކަތްކަން އެއީ، އަޅުގަނޑުމެންނަށް އޮޅިފައި އޮތް ޙަޤީޤަތެއް ނޫން. އަޅުގަނޑު ދެންމެ ދެންނެވި ރޭޝިޔޯ ނުވަތަ ނިސްބަތް، ސިންގަޕޫރުގައި ހުންނަކަމަށްވަނީ ފަންސާހުން މަތީގައި. ސައުތު ކޮރެޔާގައި ހުންނަ ކަމަށްވަނީ ނުވަދިހައިގައި.

އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޒުވާނުންގެ ތެރެއިން 7 ޕަސެންޓް ކުދިންނަކީ، ހަމައެކަނި 7 ޕަސެންޓް ކުދިންނަކީ، މަތީ ތަޢްލީމަށްދާ ކުދިން ކަމުގައި ވެފައިވާހާ ހިނދަކު، އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ކުރާން އޮތް އެންމެ މުހިންމު މަސައްކަތަކީ، ތަޢްލީމީ ފެންވަރު ރަނގަޅު ކުރުން. ޓީޗަރުންގެ ކަންކަމާ އަޅުގަނޑުމެން އަޅާލުން. ޓީޗަރުންނަށްޓަކައި ހިންގޭ ސިޔާސަތުތައް އެއީ، ހަރުދަނާ ސިޔާސަތުތަކަކަށް ހެދުން. އަދި ހަމައެހެންމެ، ސަރުކާރުންވެސް ތަޢްލީމީ ދާއިރާއަށް ރަނގަޅަށް ޚަރަދު ކުރުން. އަޅުގަނޑަށް އަދި މިވަގުތު ޢަދަދެއް ދަންނަވާކަށް ނޭނގެ. އެހެން ނަމަވެސް، އަޅުގަނޑުމެން މިދަނީ މިހާރު މީގެ މަސައްކަތުގައި. އަޅުގަނޑު އުންމީދު ކުރަން، މީގެކުރީގައި ދުވަހަކުވެސް އަޅުގަނޑުމެން ނުދެކޭފަދަ ޢަދަދެއް، ތަޢްލީމަށް އިރާދަކުރެއްވިއްޔާ މިފަހަރު ޚަރަދު ކުރެވޭނެ. އެހެންނަމަވެސް، އަޅުގަނޑު ބަލައިލިއިރުގައި، ރާއްޖޭގައި އިނގިރޭސި މީޑިއަމް ފަށައިގަތް އަހަރު، ދައުލަތުގެ ބަޖެޓްގެ 40 ޕަސެންޓަށްވުރެ ބޮޑު ބައެއް ޚަރަދު ކުރެވިފައި އޮތީ ތަޢްލީމަށް. އަޅުގަނޑުމެންނަށް އެފަދަ ސިންގިއުލަރ ފޯކަސް އަނެއްކާވެސް ގެނެވިއްޖިއްޔާ، ބޮޑު ބަދަލު އަޅުގަނޑުމެންގެ ތެރެއަށް އަންނާނެ.

ކަމެއް އަޅުގަނޑުމެން ކުރާން ބޭނުންވެއްޖެނަމަ، އެކަމެއް ފިސާރި ރަނގަޅަށް އަޅުގަނޑުމެން ކުރާންޖެހޭނެ. އަޅުގަނޑުމެންނަކަށް ބައިކުޅަބައިން ކުރެވޭ ކަންކަމުން ފެންނަ ނަތީޖާ އެއީ، އަޅުގަނޑުމެން އެދޭ ނަތީޖާއަކަށެއް ނުވާނެ. މިހާރު އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެން ރާއްޖޭގައި މިއަހަރު އަޅުގަނޑު ހިތުން އޯ ލެވެލް އިމްތިޙާނު ހަދައިގެން 7500 ކުދިން ނުކުންނާނެ. އަދި އޭ ލެވެލް އިމްތިޙާން ހަދައިގެން، އަޅުގަނޑު ހިތުން 3000 އެއްހާ ކުދިން ނުކުންނާނެ. މުޅި ޖުމްލަ މަތީ ތަޢްލީމަށް އަޅުގަނޑުމެންނަށް ފޮނުވޭން ޙަޤީޤަތުގައި މިއޮތީ 3000 އެއްހާ ކުދިން. އެ ޢަދަދު އަޅުގަނޑުމެން އެބަ އިތުރުކުރާންޖެހޭ. ސަރުކާރުގެ ސިޔާސަތު އެކުލަވައިލެވިފައި މިވަނީ، އެކަށައެޅިފައި އެވަނީ، މިދެންނެވި ނަތީޖާތައް ނެރުމަށް. ޓީޗަރުންގެ މުސާރަ އަދި ޓީޗަރުންނަށް ލިބޭ އެއްޗެއް، މިހާރަށްވުރެ ރަނގަޅުވާންޖެހޭކަމީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާންޖެހޭ ޙަޤީޤަތެއް.

އަޅުގަނޑު އަނެއްކާވެސް މިރޭ އަޅުގަނޑުމެންނަށް މިއަންނަ އަހަރު ޓީޗަރުންގެ މުސާރައަށް މިހާރަށްވުރެ ރަނގަޅު ގޮތެއް ހަދައިދެވޭނެ ވާހަކަ ދަންނަވަން އަދި ދަތި. ޚާއްޞަ ގޮތެއްގައި، އާމްދަނީއަށް އަންނަ ބަދަލު، އަޅުގަނޑުމެން އެބަ މިނަންޖެހޭ. އެ މިނުމަށްފަހުގައި، އަޅުގަނޑުމެންނަށް ފަސޭހަވާނެ، ކަނޑައެޅިގެން މިދެންނެވި މަޥްޟޫޢުގައި އިތުރު ވާހަކަ ދައްކަން. އަދި ޓީޗަރުންނާއި، ޑޮކްޓަރުންނާއި، ނަރުހުންނަށް އުޖޫރައަށް ބަދަލެއް ގެނެވުނު ކަމުގައިވިޔަސްވެސް، އޭގެ މާނައަކީ ސަރުކާރު މުވައްޒަފުންނާއި އަދި އެހެން މަގާމުތަކަށް ހަމަ އެބަދަލު މިވަގުތު ގެންނަން ޖެހިފައި އޮތް ކަމެއް ނޫން. އާ ޤާނޫނުއަސާސީގެ ދަށުން އުފެދިފައިވާ އާ މުއައްސަސާތައް، ޝަރީޢަތުގެ ދާއިރާ، ރައްޔިތުންގެ މަޖިލިސް އަދި އެހެންވެސް މުސްތަޤިއްލު މުއައްސަސާތަކަށް މިއަންނަނީ ބަޖެޓުން މިދިޔަ ދެއަހަރުވެސް ވަރަށްބޮޑު ޚަރަދެއް ކުރަމުން. އަޅުގަނޑު ދެކޭގޮތުގައި އެއީ، ބޭނުންތެރި ޚަރަދެއް. އަޅުގަނޑު ދެކޭގޮތުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ނުވަތަ މުސްތަޤިއްލު އެއްވެސް މުއައްސަސާއަކަށް މި ކުރެވޭ ބޮޑު ޚަރަދަކީ ބޭކާރު ޚަރަދެއް ނޫން. މިއީ، އަޅުގަނޑުމެންގެ ތެރޭގައި އަލަށް ތަޢާރުފްވެފައިވާ މުއައްސަސާތަކެއް. ތަންތަން، ކަންކަން. އެކަންކަމަށް އަށަގެންނެވުމަށްޓަކައި ކުރާންޖެހޭ ބޮޑު ޚަރަދު، ސަރުކާރުން ކުރުމަކީ، މި ޤާނޫނުއަސާސީ ކާމިޔާބު ކުރުމަށްޓަކައި ކޮންމެހެން ކުރާންޖެހޭ ކަމެއް. ހަމައެހެންމެ، ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް. ޤާނޫނުއަސާސީ ކާމިޔާބެއް ނުކުރެވޭނެ، ތަރައްޤީ އަޅުގަނޑުމެންނަށް ނުލިބިއެއް. އެކަމަށްޓަކައި އަޅުގަނޑުމެން ކުރާންޖެހޭ ޚަރަދުވެސް ކުރުމަށް، އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން ރާއްޖޭގެ އެންމެ ރައްޔިތުން ތިބީ ތައްޔާރަށްކަން.

އަޅުގަނޑު ނިންމާލަމުން ދަންނަވަން އޮތީ އަދި ނިންމާލުމުގެ ކުރީގައި، ޝިފާވެސް ދެންމެ ފާހަގަކުރައްވައިފި. އަޅުގަނޑު ހިތުން ހިރިޔާ ސްކޫލްގެ ދަރިވަރުންނަށް އެދިމާވި ހިތާމަވެރި ޙާދިޘާގެ ހަނދާނުގައި އަޅުގަނޑުމެން ތެދުވެ، ކުޑައިރުކޮޅެއްގެ ސުކޫތެއް ގެނައުމަކީ، މިމުނާސަބަތުގައި އަޅުގަނޑުމެންނަށް ކުރުން ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން. އަޅުގަނޑު އެންމެ ބޭފުޅުންގެ ކިބައިން ތެދުވުމަށް އެދެން.

ޝުކުރިއްޔާ!

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޓީޗަރުންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم