بســم اللّـه الرّحمـن الرّحيــم

ދިއްދޫ ކައުންސިލްގެ ރައީސާއި، ކައުންސިލް މެންބަރުން، ހއ. އަތޮޅު ކައުންސިލާއި، ކައުންސިލްގެ ރައީސާއި، ކައުންސިލްގެ މެންބަރުން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މި ޕްރޮގްރާމްގެ ޑައިރެކްޓަރެއްގެ ގޮތުގައި މުޅި ޕްރޮގްރާމް ހިންގަވާ އެންމެ ބޭފުޅުން. ވަކިން ޚާއްޞަކޮށް، ހާޝިމް. އަދިވެސް މި ޕްރޮގްރާމްގައި ބައިވެރިވެލައްވާ ހުރިހާ ބޭފުޅުންނާއި އަދި މިބައްދަލުވުމަށް ވަޑައިގެން ތިއްބެވި ދިއްދޫގެ އެންމެހާ ރައްޔިތުން.

السّـلام عليـكم

ސަރުކާރަށް ވަރަށް ސާފުވެފައި އޮތް އެއް ޙަޤީޤަތަކީ، ރާއްޖޭގައި މިހާރުވެސް ބާރަހާހަށްވުރެ ގިނަ ބޭރުމީހުން، ކޮންމެވެސްވަރެއްގެ ހުނަރެއް ލިބިހުރެ، އަދާކުރެވޭ ބާވަތުގެ ވަޒީފާ އަދާކުރުމުގައި އެބައުޅޭ. އެމީހުންނަށް އެވްރެޖް ގޮތެއްގައި އަށްހާހާއި ބާރަހާހާ ދެމެދު މުސާރަ ލިބޭ. ހަމަ އެކަން އެހެން އޮތްއިރުގައި، މި ރާއްޖޭގައި ވަޒީފާއެއްނެތި، ވަޒީފާއެއް އަދާކުރާ ޢުމުރުގެ މީހުންގެ ތެރެއިން ޒުވާނުން، ތިރީސްހާހަށްވުރެ ގިނަ ޒުވާނުން ވަޒީފާއެއްނެތި މިހާރުވެސް ރާއްޖޭގައި އެބަތިބި. މި ގިނަ ބައިވަރު ޒުވާނުންނަށް ވަޒީފާއެއް ނުލިބިވާ އެންމެބޮޑު އެއް ސަބަބަކީ، ހަމައެކަނި ހެޔޮ އަގުގައި ބޭރުމީހުން ގެނެވެން އޮންނާތީއެއް ނޫން. ހަމައެހެންމެ، އެއީ ރަނގަޅު ހުނަރުވެރިކަން އަޅުގަނޑުމެންގެ މަސައްކަތްތެރިންނަށް ލިބިފައިނުވާތީވެ.

މި ޕްރޮގްރާމްގެ އަމާޒަކީ، ފަސްދޮޅަސް އެތައް ބާވަތެއްގެ ހުނަރު، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން، ޒުވާނުންގެ ތެރެއިން އަށްހާސް ފައްސަތޭކަ ފަރާތަކަށް ހުނަރުވެރިކަން ދަސްކޮށްދޭތޯ މަސައްކަތް ކުރުން. މިކަން ކުރަމުން މިއަންނަނީ، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި. ދިއްދޫގައި މިރޭ މިފެށޭ ޕްރޮގްރާމަކީ، އިލެކްޓްރިކަލް ކޯހެއް. މި ހުނަރު ލިބުނީމާ، އަދާކުރެވޭނެ ވަޒީފާތައް، ތިޔަބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ސާފުވާނެ. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން މިރޭ މިޕްރޮގްރާމްގައި ބައިވެރިވެ، ހުނަރު ޕްރޮގްރާމްގައި ހިމެނުމަށް އެދި ތިތިއްބެވީ، މިއީ ކޮންކަމެއްތޯކަން އެނގިއާއި އަދި މިކަމުން ތިޔަބޭފުޅުންނަށާއި، ތިޔަބޭފުޅުންގެ ޢާއިލާތަކަށާއި އަދި މުޅި ރާއްޖެއަށްވެސް ފައިދާކުރާނެތީ.

ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މިވަނީ އެލަވަންސެއްދޭ ގޮތަށް. އަދި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ފަރާތެއްގެ ކޯސް ފީއަށްވާ ހުރިހާ ފައިސާއެއް ސަރުކާރުން މިވަނީ ދައްކާފައި. މި އެލަވަންސްގެ ކަންތަކާއި އަދި އެހެންމެ އެހެންވެސް މި ޕްރޮގްރާމާ ގުޅޭ ކަންކަން ގުޅިފައި ހުންނާން މިޖެހެނީ، ކޮންމެ ބޭފުޅަކުވެސް މި ޕްރޮގްރާމްގައި މަސައްކަތްކުރާ މިންވަރަށް ބަލައިގެން. ޙާޒިރީއަށް ވަރަށް ބޮޑަށް ބަލަށް ބޭނުންވޭ. އަދި ހަމައެހެންމެ، އަޚްލާޤަށްވެސް ބަލަން ބޭނުންވޭ. މަސައްކަތް ނަގައިގަންނަވަރާއި، ދަސްކުރާވަރު، ހަމަކަށަވަރުންވެސް ބިނާވެފައި އޮންނާނީ، ފާސްވުމާއި ނުވުމުގެ މައްޗަށް. އަޅުގަނޑުމެން، އަޅުގަނޑު ވަރަށް ބޮޑަށް އެންމެހާ ބޭފުޅުންގެ ކިބައިން އެދެން، ތިޔަބޭފުޅުން މި ޕްރޮގްރާމް ކުރިއަށް ގެންދަވާއިރުގައި، ފަރުވާތެރިކަމާ އެކީގައި ގަޑިއަށް ޙާޒިރުވުން އެއީ މުހިންމު ކަމެއް. އަދި އަބަދުވެސް މިމަސައްކަތް ނިންމުމަށް މަސައްކަތް ކުރުމީ، އެހާމެ މުހިންމު ކަމެއް.

މި ޕްރޮގްރާމް ނިންމުމަށްފަހުގައި، ދެން ތިޔަބޭފުޅުން ޙަވާލުވެގެންދާނީ ޖޮބް ސެންޓަރަކާ. ޙަޤީޤަތުގައި ޕްރޮގްރާމްގައި ބައިވެރިވީމާ، ޖޮބް ސެންޓަރަށް ތިޔަބޭފުޅުންގެ މަޢްލޫމާތު އެނގޭނެ. ޖޮބް ސެންޓަރުން ބަލަމުންދާނީ، މިވެމި މުއްދަތުގެ ތެރޭގައި، މިތައް އިލެކްޓްރިޝަނުން ރާއްޖޭގައި އުފެއްދޭނެ ކަމަށް. އަދި އެ އިލެކްޓްރިޝަނުން ތިބީ މިވެނި މިވެނި ތަންތާނގައިކަން. ކުންފުންޏަކުން ނުވަތަ އެހެންވެސް ފަރާތަކުން އިލެކްޓްރިޝަނެއް މިސާލަކަށް ބޭނުންވެއްޖެނަމަ، އެންމެ ފުރަތަމަ ފުރްޞަތު އެރުވޭނީ ތިޔަބޭފުޅުންނަށް. ބޭރުމީހަކު ގެނެވޭނީ، ހުނަރު ލިބިހުރި ދިވެއްސެއް ނެތްނަމަ.

މި ޕްރޮގްރާމް ކާމިޔާބު ވެއްޖެނަމަ، އަޅުގަނޑު އުންމީދު ކުރަނީ ކާމިޔާބުވާނެ ކަމަށް. ޚާއްޞަކޮށް، ދިއްދޫގައި ކާމިޔާބު ކުރުންވެސް އެއީ އެހާ މުހިންމު ކަމެއް. ތިއިން ކޮންމެ ބޭފުޅަކަށް ވަޒީފާއެއް ލިބި، އެވަޒީފާގެ އާމްދަނީ، ޢާއިލާއަށާއި ރަށަށް ހޭދަކުރެވޭނޭގޮތް ވުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، މިރަށުގެ ތަރައްޤީއަށް އެޅޭނެ ވަރަށްބޮޑު ބާރެއް. ހަމައެހެންމެ، އެނގިވަޑައިގަންނަވާނެ، ކުރިއަށް މިއޮތް ތަނުގައި، ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ވަރަށްގިނަ މަސައްކަތް އެބަހުރި ކުރާން. އަދި މިހާރުވެސް މިދަނީ ކުރެވެމުން. އެމަސައްކަތްތައް ކުރުމަށްޓަކައި ޓެންޑަރުގެ އުޞޫލުން މަސައްކަތް ކުރާނެ މީހުން ހޯދީމާ، އަބަދުވެސް މަސައްކަތްތަކަށް، ޓެންޑަރ ކުރަނީވެސް، ބިޑް ކުރަނީވެސް ބޭރު ފަރާތްތަކުން. އަދި މަސައްކަތްތައް ހިންގަމުން ގެންދަނީވެސް ބޭރު ފަރާތްތަކުން.

ސަރުކާރުގެ އަމާޒަކީ، ކުރާން މިހުރި ގިނަ މަސައްކަތްތައް ދިވެހީން ބޭނުންކޮށްގެން ކުރެވޭނެ ގޮތެއް ހޯދުން. އަޅުގަނޑު ދެކެނީ، ތިޔަބޭފުޅުންނަށް ކުރިއަށް އޮތް ތަނުގައި، ދިއްދޫގެވެސް އަދި މި ސަރަޙައްދުގެވެސް އަދި އެހެން ތަންތަނުގެވެސް ކަރަންޓްގެ ގިނަގުނަ މަސައްކަތްތަކުގައި އެހީތެރިވެދެވޭނެ ކަމަށް. އަދި އެވަޒީފާތަކުގައި އުޅެ، އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީއަށް މަސައްކަތް ކުރެވޭނެ ކަމަށް. ޕްރޮގްރާމްގައި ދިއްދޫ ރައްޔިތުންނަށް، ދިއްދޫ ޒުވާނުންނަށް ބައިވެރިވެވެން އޮތީ، ހަމައެކަނި އިލެކްޓްރިކަލް ކޯހަކު ނޫން. މިދެންނެވި ފަސްދޮޅަސް ހަތް ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއެއްގައިވެސް ތިޔަބޭފުޅުންނަށް ބައިވެރިވެވޭނެ. ދިއްދޫގައި ނުހިންގާ ކޯސްތައް ކިޔެވުމަށް، އެ ހިންގާ ތަނަކަށް ދާންޖެހޭނީ، މިއަތޮޅުން މިހާރު ކޯސް ހިންގެމުން މިދަނީ ހޯރަފުށީގައި، ދިއްދޫގައި އަދި ކުޅުދުއްފުށީގައި. އެހެންވީމާ، ހޯރަފުށީގައި ހިންގަނީ ހެވީ ގުޑްސް ވެހިކަލް ކޯހެއް. ވަރަށް ބޭނުންތެރި ހުނަރެއް. ޚާއްޞަކޮށް، މަގުހެދުމާއި، ނަރުދަމާ ހެދުމާއި، ބަނދަރު ހެދުމާ. މިބާވަތުގެ ބޮޑެތި މަސައްކަތްތަކުގައި، ބޮޑެތި ދުއްވާ އެއްޗެތި، އެއްޗެހި އުފުލާ ސޭލަރ، ފޯކްލިފްޓް، ކްރޭން، ހައިމާކް. މިބާވަތުގެ ތަކެތި ދުއްވަން އަދި ބޭނުންކުރަން، އެއިން މަސައްކަތް ކުރަން ރަނގަޅަށް އެނގިފައި ހުރީމާ، އޭގެ ސަބަބުން ޕްރޮޖެކްޓްތައްވެސް ކިތަންމެ ތަނެއް އަވަސްވެ އަދި ކިތަންމެ ތަނެއް ފުރިހަމަވެގެންދޭ.

އަޅުގަނޑުމެން މިރޭ މި ޕްރޮގްރާމް، މިރަށުގައި މިފަށަނީ، ވަރަށްބޮޑު އުންމީދަކާ އެކުގައި. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް އަދި އަޅުގަނޑުމެން އެންމެންނަށް، މިޕްރޮގްރާމްގެ ސަބަބުން ހެޔޮގޮތްތައް މެދުވެރިވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.