بســم اللّـه الرّحمـن الرّحيــم

ކުޅުދުއްފުށީ ކައުންސިލްގެ ރައީސާއި، ކައުންސިލްގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރިން މެންބަރުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ސަރުކާރުގެ އެހެންވެސް ވެރިން، އަދި ވަކިން ޚާއްޞަކޮށް، ކުޅުދުއްފުށީގެ ރައްޔިތުން، އަދި މިއަދުގެ މިޙަފްލާއާ ގުޅޭ ޕްރޮމެޑް ލިންކްގެ ކުންފުނީގެ ރައީސާއި، އަދި އަޕަރނޯތް ހެލްތް ކޯޕަރޭޝަންގެ ބޯޑުގެ މެންބަރުންނާއި، އެ ކޯޕަރޭޝަންގައި މަސައްކަތް ކުރައްވާ އެންމެ ބޭފުޅުން، ހެލްތް މިނިސްޓްރީގެ އިސްވެރިން، އަދި ހަމައެހެންމެ، މިތަނަށް ޙާޒިރުވެ އަޅުގަނޑުމެންނާ އެކުގައި މިތިއްބެވި ކުޅުދުއްފުށީގެ އެންމެހާ ރައްޔިތުން.

السّـلام عليـكم

މިރޭ އަޅުގަނޑުމެން މިފަށާ މަސައްކަތަކީ، ސަރުކާރު ހިންގުމާ 2008 ވަނަ އަހަރު ޙަވާލުވުމާ ގުޅިގެން، އެ ސަރުކާރު ހިންގާނެ ގޮތް ކަނޑައެޅިފައި އޮތީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ މެނިފެސްޓޯގައި. އޭގައި ވަރަށް ޞަރީޙަ ޢިބާރާތުން ލިޔެފައި އޮންނާނެ އެއްވާހަކައަކީ، ސަރުކާރުގައި ހިމެނޭ ވިޔަފާރީގެ އުޞޫލުން ހިންގޭންހުރި ކަންކަން ހަމައެކަނި ވިޔަފާރީގެ އުޞޫލުން ހިންގުމަށް ދޫކޮށްލުމަކީ، ސަރުކާރުގެ ސިޔާސަތަކަށް ވެގެންދާނޭ. ވިޔަފާރީގެ އުޞޫލުން ކަންކަން ހިންގާއިރުގައި، އާމްދަނީ މަދު ނިކަމެތިންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ސަރުކާރުން ޕްރޮގްރާމެއް ހިންގަމުން ގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ރާއްޖޭގެ ރައްޔިތުންނަކީ، ބޭސްސިޓީއަށް ސަލާންނުޖަހާ، އެމީހުންގެ ބަލިތަކަށް ފަރުވާލިބޭ އަދި ބައްޔެއްވާ ކޮންމެފަހަރަކު، އެމީހާއާއި އެމީހާގެ ޢާއިލާއާއި، ގާތްތިމާގެ އެންމެން ފައިސާގެ ދަތިކަމުގައި ހާލުގައިޖެހި، އެކެއް ގާތުން އަނެކެއް ގާތުން ސަލާން ޖަހަމުން، ބުނެކިޔާ އާދޭސްކުރަމުން ހިނގާ ރައްޔިތަކަށް ދިވެހި ރައްޔިތުންވެ، އަޅުގަނޑުމެން ކޮންމެ މީހަކީވެސް، ތިމާގެ އަމިއްލަ މަސައްކަތުން ތިމާގެ އަމިއްލަ ފައިމައްޗަށް ތެދުވެހުރި، ތިމަންނާއަކީ ފަޚްރުވެރި ދިވެއްސެކޭ ބުނާ ދިވެހި ރައްޔިތަކު އުފެއްދުން. އެކަމަށްޓަކައި ބޭނުންވާ ކަންކަން މިދިޔަ ދެއަހަރާއި ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން މިއައީ ހިންގަމުން.

އަޅުގަނޑުމެންގެ އެންމެ ފުރަތަމަ އަމާޒަކަށްވީ، އަދި އަޅުގަނޑުމެން އެންމެ އިސްކޮށް ކަނޑައަޅާފައި އޮންނާނެ އެއްކަމަކީ، މިހާރުވެސް އަދި އޭރުގައިވެސް، 2008 ވަނަ އަހަރުގައިވެސް ރާއްޖޭގައި ލިބެންހުރި ޞިއްޙީ ޚިދްމަތް، ރާއްޖޭގެ ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުން. އެޚިދްމަތުގެ ފެންވަރު ރަނގަޅު ކުރުން އެއީ އެއްކަމެއް. ހަމައެހެންމެ، އެހާމެ މުހިންމު ކަމަކީ، އެ ލިބެންހުރި ޚިދްމަތް ރާއްޖޭގެ އެންމެ ރައްޔިތުންނަށް ލިބޭނޭގޮތް ހޯދައިދިނުން. [މަދަނަ] އުފެދިގެން އައީ މިދެންނެވި ބޭނުމަށްޓަކައި. ކޮންމެ ރައްޔިތަކުވެސް ބަލިވީމާ، މަދަނައިގައި ރަޖިސްޓްރީވެފައި އޮތުމުން، އެމީހަކަށް އެއްލައްކަ ރުފިޔާއާ ހަމައަށް ބޭސްފަރުވާ ލިބޭނޭ އިންޝުއަރެންސްގެ އިންތިޒާމެއް ހަމަޖެއްސުން.

ހަމައެހެންމެ، ހޮސްޕިޓާތަކަށް އައިސް ގޮސް ވެވޭނޭ ގޮތެއް ހޯދުމަށްޓަކައި ލާމެހިފައި އޮންނަ ދިވެހިރާއްޖެއެއް އުފެއްދުން. ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅުވާލުން. މިދެކަންތައް ފުރިހަމަވީމާ، ސަރުކާރު ދެކިތިބީ އަދި މިހާރުވެސް ދެކެނީ، ރާއްޖޭގައި މިހުރި ޚިދްމަތްތަކަށް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އަތްފޯރާނޭ. އެ ޚިދްމަތްތައް ހުރިހާ ރައްޔިތުންނަށްވެސް ފަހިވެދާނޭ. އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ތެރޭގައި، މިއަންނަ އަހަރު ޖަނަވަރީ މަހުން އެއްވަނަ ދުވަހުއްސުރެ ފެށިގެން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެލްތް އިންޝުއަރެންސްގެ ޚިދްމަތް ލިބޭނެ. މަދަނައިގައި ޖެއްސޭނެ. އެކަމަށްޓަކައި ސަރުކާރުން ހިނގާނެ ޚަރަދު ކަމަށް މިހާރު ލަފާކުރެވިފައިވަނީ، އަށްސަތޭކަ ފަންސާސް މިލިއަން ރުފިޔާ. އެ ޚަރަދު ސަރުކާރުން ކުރާނެ. އަދި އެޚަރަދު ކުރުމަށްޓަކައި ބައެއް ޤާނޫނަށް ގެންނަންޖެހޭ ބަދަލުވެސް ސަރުކާރުން ގެންނާނެ.
އޭގެތެރޭގައި، ހެލްތް އިންޝުއަރެންސްގެ ކޮންމެވެސްވަރެއްގެ ކޮންޓްރިބިއުޝަނެއް، ސަރުކާރުގެ ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި ވަޒީފާދޭ ފަރާތްތަކުން މި ނިޒާމަށް ފޯރުކޮށްދޭންޖެހޭނޭ އިންތިޒާމެއް، ޤާނޫނީގޮތުން އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ. ހުރިހާ ރައްޔިތުންނަށް ހެލްތް އިންޝުއަރެންސްގެ ޛަރީޢާއިން ޚިދްމަތް ލިބޭގޮތް މެދުވެރިވީމާ، ހެލްތް ކޯޕަރޭޝަންތަކަށް، އެ ކޯޕަރޭޝަންތަކުގެ ދަށުން ހިނގަމުން އަންނަ، ހިނގަމުން ގެންދާ، ހިނގަމުންދާ ހޮސްޕިޓާތައްވެސް، ހެލްތް ސެންޓަރުތައްވެސް، ކްލިނިކްތައްވެސް، ހެލްތް ޕޯސްޓްތައްވެސް ދެކޮޅުޖެހޭ އަދި ފޫބެއްދޭ އަގެއްގައި ޚިދްމަތް ފޯރުކޮށްދެމުން ގެންދެވޭނެ. ދެމެހެއްޓެނިވި ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނީ، ކޮންމެ މަސައްކަތަކީވެސް، އެމަސައްކަތެއްގެ ޒާތުގައި ހިނގަ ހިނގާ ހުންނަ މަސައްކަތަކަށް ހެދިގެން. އެއްވެސް ކަމަކީ، އެއްޗަކީ އެހެން އެއްޗެއްގެ މައްޗަށް މާބޮޑަށް ބަރޯސާވެފައި އޮންނަ އެއްޗަކަށް، ކަމަކަށް ވެއްޖެނަމަ، ދެން އެކަން ކުރިއަށްދާނީ އަބަދުވެސް ބަރޯސާވެފައި އޮންނަ ކަން ނުވަތަ އެތީގެ ހައިބަތާއި ފަންވަރުގައި.

އަޞްލު ޙަޤީޤީ ކުރިއެރުމެއް އަޅުގަނޑުމެންނަށް ލިބޭނީ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކީވެސް ދެކޮޅުޖެހޭ، ފެން ހިފަހައްޓާ ކަމަކަށް ހެދިގެން. ވަކިން ޚާއްޞަކޮށް، ފައިސާގެ ގޮތުން ދަރަނިވެރިނުވާ އުޞޫލެއްގައި ކަންކަން ކުރިއަށް ގެންދެވިގެން. އަޅުގަނޑުމެންނަކަށެއް ވަކިފަރުދެއްގެ ސިފައިގައިވެސް، އަދި ވަކި ފަރުދެއްގެ ގޮތުގައިވެސް ދަރައިގެނެއް އަބަދަކު ނުތިބެވޭނެ. ޤައުމަކަށްވެސް އަބަދަކު ދަރައިގެން ނުތިބެވޭނެ. ދަރަނިން މި ދައުލަތް ސަލާމަތްވާންޖެހޭނެ. ވަކި ފަރުދެއް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ދުވަސްކޮޅަކަށް ދަރައިގެން އުޅެވުނެއް ކަމަކު މުޅި އަބަދަށް ކުރެވޭނޭ ކަމެއް ނޫން އެއީކީ. އެންމެފަހުން އައިސް ދަރަންޏަށް ލާރިދޭ މީހުންވެސް ދިނުން ހުއްޓާލާނެ، އެކަން އާދައަކަށްވެ ދިޔައިމާ. އަދި ވަކިން ޚާއްޞަކޮށް، ނަގާ އެއްޗެއް އަނބުރާ ނުދެއްކިއްޖިއްޔާ، އެއީ ދެން ދަރަނިވެރިވެވުން ހުއްޓެނީ.

ޤައުމުތަކުގެ އުފެއްދުންތެރިކަމާ އަޅާބަލާއިރުގައި، ދަރަނީގެ ނިސްބަތް އިންތިހާއަށް ބޮޑުވެ ދިޔައިމާ، މިދެންނެވި ނާޒުކު ފައްތަރަށް ޤައުމުތައް ވެއްޓިދާތަން އަޅުގަނޑުމެން ދެކެނީ. އަޅުގަނޑުމެންގެ ރާއްޖެ، 2008 ވަނަ އަހަރު މިޞްރާބުޖަހާ ހުރީ މިދެންނެވި މަގަށް. ދައުލަތަށް ލިބޭ އެއްޗަކަށްވުރެ ކުރާ ޚަރަދު، އުފެއްދުންތެރިކަމުގެ ނިސްބަތުން ސާޅީސް ޕަސެންޓް އިތުރުވެފައި. ދައުލަތުގެ ދަރަނި، އުފެއްދުންތެރިކަމުގެ ނިސްބަތުން އަށްޑިހަ ޕަސެންޓަށް އަރާފައި. އަޅުގަނޑުމެންނަށް ޖެހުނީ، މިދެންނެވި ކަންކަން އިޞްލާޙު ކުރަން. އަޅުގަނޑަށް ޔަޤީން، ކުޅުދުއްފުށީ ރައްޔިތުންވެސް، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ޤަބޫލުކުރާނެ، ފުރަތަމަޖެހޭނީ ވަތްގަނޑުތައް ރަނގަޅު ކުރަން. ފުރަތަމަޖެހޭނީ ފައިސާތައް ތަރުތީބު ކުރަން. ރަނގަޅަށް ލާރި ލިބޭގޮތާއި، އެ ލާރި ޒިންމާދާރު ގޮތުގައި ޚަރަދު ކުރެވޭނެ ގޮތްތައް ހޯދައިގެން ނޫނީ، އަޅުގަނޑުމެން މިބޭނުންވާ އެއްވެސް ޚިދްމަތެއް، އަޅުގަނޑުމެންނަކަށެއް ނުލިބޭނެ.
ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލެވިފައިވާނީ، އަބަދުވެސް ދެކޮޅުޖެހުން ކޮންމެ ސިޔާސަތަކުންވެސް ލިބޭގޮތަކަށް. ޞިއްޙީ ޚިދްމަތް، ވިޔަފާރީގެ އުޞޫލަށް ބަދަލުކުރުން، ކޯޕަރަޓައިޒް ކުރުމުގެ ސަބަބުން، އޭގެ ސަބަބުން އައި ގެއްލުމެއް، ލިބުނު ދެރައެއް އަޅުގަނޑަށް އަދިވެސް ދެނެގަންނާން އުނދަގޫ. އަޅުގަނޑަށް ޔަޤީން، އޭގެ ސަބަބުން އަޅުގަނޑުމެންނަށް ވާނީ ރަނގަޅުކަން. އެހެނެއް ނޫން، ނިޒާމު ހިންގިޔަ ނުދިނުމަށް މަސައްކަތް ކޮށްފިނަމަ، އަލަށް އަންނަ ނިޒާމަކަށް، ފެނަށް ދިރެން އުނދަގޫވެދާނެ. އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ، އުނދަގުލުގައި ކާމިޔާބު ހޯދުން. ދަތީގައި އުޅެ އަޅުގަނޑުމެން ބޭނުންވާ މަންޒިލަށް ދިޔުން. އަދި ވަރަށްގިނަ ފަހަރަށް އެއްގޮތަކަށްވެސް ގިނަ ބަޔަކަށް ޤަބޫލު ނުކުރެވޭ ޙާލަތުގައި، އެކަން ޙަޤީޤަތަކަށްވެ އަނެއްކާވެސް ހަމަ ދިޔުން. ހޯރަފުށިން ދިމާވި މީހަކު އަޅުގަނޑުމެން ގާތުގައި ބުނާއަޑު އެހިން. ދުވާރުން އައިސް އަޅުގަނޑުމެންނަށް ވެރިކަމަށް އެރޭނޭ. އުނދަގުލުން އަޅުގަނޑުމެން ބޭނުން ކަންތައްތައް އަޅުގަނޑުމެންނަށް ކޮށް ނިންމޭނެ. އަދި އެ ނިންމޭއިރުގައި، އެކަންކަން އިރާދަކުރެއްވިއްޔާ ހުންނާނީ ދެމެހެއްޓެނިވި ގޮތުގައި.

މިރޭ އަޅުގަނޑުމެން ފާހަގަކުރާ އެންމެ މުހިންމު އެއްކަމަކީ، ރާއްޖޭގެ ހުރިހާ ޞިއްޙީ ޚިދްމަތްދޭ ތަންތަން، ހެލްތް ސެންޓަރުތަކާއި، ހެލްތް ޕޯސްޓްތަކާއި، ހޮސްޕިޓާތައް މިވަނީ 7 ސަރަޙައްދަކަށް ބަހާލެވި، 7 ހެލްތް ކޯޕަރޭޝަން ޤާއިމް ކުރެވިފައި. މިއިން ކޮންމެ ހެލްތް ކޯޕަރޭޝަނަކީ، ހޮސްޕިޓާތަކެއް ހިންގާ ކުންފުންޏެއް. އެކުންފުނިން ހޮސްޕިޓާތައް ހިންގަން މިޖެހެނީ، ދެކޮޅުޖެހޭ ގޮތަކަށް. އަދި ދެކޮޅު މިޖެހެނީ، ރައްޔިތުން އެޚިދްމަތްތައް ބޭނުންކުރަން ފެށީމާ. އެޚިދްމަތްތައް ބޭނުން މިކުރަނީ، ރަނގަޅު ޚިދްމަތް ދެވުނީމާ. ރާއްޖޭގެ ރައްޔިތުން އަދި ކުޅުދުއްފުށީ ރައްޔިތުންވެސް، ތިލަދުންމަތީ ރައްޔިތުންވެސް، އުތުރުގެ ހުރިހާ ރައްޔިތުންވެސް، ބައްޔެއްވާއިރަށް އިންޑިޔާއަށް، ސިލޯނަށް ފުރައިގެންދާން މިޖެހެނީ އުފަލަކުންނެއް ނޫން. އަދި އަގުހެވީކީއެއްވެސް ނޫން. އެހެން ނަމަވެސް، މި ރާއްޖެއަށް އެކަންވާން ނެތުނީތީވެ. އެހެންވީމާ، މި ރާއްޖޭގައި ހިންގާ ޚިދްމަތްތަކަކަށް ފައިސާއެއް ނުވަންނާނެ. އެހެންވީމާ، އެ ޚިދްމަތްތަކެއް ދެކޮޅެއްވެސް ނުޖެހޭނެ. މިކުންފުނި، ޕްރޯމެޑް ލިންކް ކުންފުނިން ވިޔަފާރީގެ ގޮތުން އަންދާޒާ ކުރަނީ، އެމީހުންނަށް މިތަނަށް، މިހޮސްޕިޓަލަށް، މިހާރު ހޮސްޕިޓަލަށް ވަންނަ މީހުންގެ ޢަދަދަށްވުރެ ތިން ހަތަރު ގުނަ އިތުރުކުރެވޭނެ ކަމަށް. އަދި މިހާރު އެ ހޮސްޕިޓަލްގައިދޭ ޚިދްމަތްތައް، މިހާރުހުރި ޚިދްމަތްތަކަށްވުރެ ތިން ހަތަރު ގުނަ އިތުރަށް ޚިދްމަތްދެވޭނެ ކަމަށް. އެޚިދްމަތްތައް ލިބިގަތުމަށް މިކުންފުނިން ފިކުރު ކުރަނީ، މި ހޮސްޕިޓަލަށް އަންނާނީ ހަމައެކަނި ރާއްޖޭގެ މީހުން ނޫން ކަމަށް. މިއީ ދެކުނު އޭޝިޔާގައި ހުރި ރަނގަޅު ހޮސްޕިޓަލަކަށް، އެކުންފުނިން ދެކެނީ މި ހޮސްޕިޓާ ހެދޭނެ ކަމަށް.

ސަރުކާރުން މިހޮސްޕިޓާ ހިންގުމަށް ޝައުޤުވެރިވާ ބަޔަކު ހޯދުމަށް ހުޅުވާލެވުނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި. މިދިޔަ އަހަރުގެ ފަހުކޮޅު، މަޢާފް ކުރައްވާ. އެ ބީލަމުގައި ބައިވެރިވެ، އެކިއެކި ފަރާތްތައް ހުށަހެޅި. އެ ބީލަން ބަލައި، އެއިން އެންމެ ރަނގަޅު ފަރާތެއްގެ ގޮތުގައި ފެނުނީ، މިކުންފުނި. އެކުންފުނިން މިހާރު މިވަނީ މިތަނާ ޙަވާލުވުމުގެ އެގްރީމަންޓްގައި ސޮއިކޮށްފައި. އެ އެގްރީމަންޓްގައިވާ ގޮތުގެ މަތިން، ކުންފުނިން ގިނަވެގެން 60 ދުވަހުގެ ތެރޭގައި، ހޮސްޕިޓަލާ ޙަވާލުވެ، ހޮސްޕިޓާ ހިންގާންޖެހޭ. އަދި އެއްބަސްވެވިފައިވަނީ، ހޮސްޕިޓަލަށް އެންމެ ޒަމާނީ ތަނަކަށް ބޭނުންވާ އެންމެހާ އިންވެސްޓްމަންޓްތައް، ކުރިއަށް އޮތް ދެއަހަރު ތެރޭގައި ފުރިހަމަކޮށް ނިންމުން. ހަމައެހެންމެ، ހޮސްޕިޓަލްގައި ފަރުވާދޭން ތިބޭ ޑޮކްޓަރުންނަކީވެސް ޒަމާނީ ޑޮކްޓަރުންނަށްވާންޖެހޭ. ތަޖްރިބާ ލިބިތިބި، ކުޅަދާނަ މީހުންގެ ގޮތުގައި ވާންޖެހޭނެ ކަމަށް. މިރޭ އަޅުގަނޑުމެން މި ސޮއިކުރި އެގްރީމަންޓްގައި، އެއްބަސްވުމުގައި ކަނޑައެޅިގެންވަނީ ލިޔެވިފައި. އަޅުގަނޑުމެން ދެކެނީ، ޖަރުމަނު ޓެކްނޯލޮޖީއާއި، ޖަރުމަނު ހިންގުން، ކުޅުދުއްފުށްޓަށް ގެނެވިއްޖިއްޔާ، އޭގެ ސަބަބުން މުޅި ރާއްޖެއަށް ފައިދާ ކުރާނެ ކަމަށް. އަޅުގަނޑު ޔަޤީން ކުރަނީ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، މީގެ ނަތީޖާތައް ހަމަ ދާދި އަވަހަށް ތިޔަބޭފުޅުންނަށް ފެނިގެންދާނެ ކަމަށް.

އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންނަށް މިހާރު ބިމު އަޑީގައި ވަޅުލާފައިވީތީވެ، ފެންހޮޅިތަކާއި ނަރުދަމާތައް ނުފެންނަކަން. އަޅުގަނޑަށް އިޙްސާސް ކުރެވޭ އަބަދުވެސް އުދާހަކީ ދެން ހިތްއެދޭ މިންވަރުކަން. އަޅުގަނޑު ގަބޫލު ކުރަން އެކަން. އެހެން ނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ، އެދޭ މިންވަރާއި، ލިބޭ މިންވަރުގައި އަބަދުވެސް ފަރަޤު އޮންނާނެކަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވާނީ، އަޅުގަނޑުމެން، ތިޔަބޭފުޅުން އެދޭ މިންވަރަށް ކަން ފުއްދައިދިނުމަށްޓަކައި ކުރާންހުރި ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރާނަމޭ.

ދެންމެ ލުބްނާ ވަރަށް ސާފުކޮށް ފާހަގަކޮށްދެއްވައިފި، މި ސަރުކާރުގެ ޞިއްޙަތާ ގުޅޭ ސިޔާސަތު ބެހިގެންވަނީ ތިންބަޔަކަށް. ފުރަތަމަ އެންމެ މުހިންމު އެއްބަޔަކީ ޢާންމު ޞިއްޙަތުގެ ބައި. ޕަބްލިކް ހެލްތްގެ ބައި. މިކަން މިވަނީ ލާމަރްކަޒީ އުޞޫލުން ރަށު ކައުންސިލްތަކާއި އަދި ސިޓީ ކައުންސިލްތަކާ ޙަވާލުކުރެވިފައި. އަބަދުވެސް އަޅުގަނޑުމެން ޤަބޫލުކުރާ ޙަޤީޤަތެއް އަދި އިންސާނީ ތަޖްރިބާ ވަރަށް ސާފުކޮށް ދައްކާފައިވާ ޙަޤީޤަތެއް އެއީ. ޢާންމު ޞިއްޙަތަށް ޚަރަދުކުރާ ކޮންމެ ރުފިޔާއަކީ، ބަލީގެ ފަރުވާއަށް ކުރަންޖެހޭ ޚަރަދުން ދެރުފިޔާ މަދުވާ ކަމެއްކަން. އަޅުގަނޑުމެންނަށް ޢާންމު ޞިއްޙަތާ ގުޅޭ ހުރިހާ މަސައްކަތެއް ރަނގަޅަށް ހިންގުމަށް ކުރެވޭ މަސައްކަތް އެއީ ޙަޤީޤަތުގައި ރަނގަޅު ޞިއްޙަތެއްގައި ތިބުމަށް ކޮންމެހެން ކުރާންޖެހޭ ކަމެއް. ޢާންމު ޞިއްޙަތުގެ ކިތަންމެ ޕްރޮގްރާމެއް މިހާރުވާނީ ޕަބްލިކް ހެލްތް ޔުނިޓްތަކާ ހިންގުމާ ޙަވާލުކުރެވިފައި. އެއީ ވިހެއުމާއި، ދަރިމައިވުމާއި، ޢާއިލާ ރޭވުމަށް، ގާތުން ކިރުދިނުމަށް، ނިއުޓްރިޝަން ޕްރޮގްރާމާއި، އެއިޑްސް ޕްރޮގްރާމާއި އަދި ސާފުތާހިރުކަމާ ގުޅޭ އެންމެހާ ޕްރޮގްރާމްތަކަށް. ޕަބްލިކް ހެލްތްގެ މުޅި ޖުމްލަ 17 ޕްރޮގްރާމެއް ހިންގުމަށް ވާނީ ރަށު ކައުންސިލްތަކާ ޙަވާލުކުރެވިފައި. އެކައުންސިލްތަކުން އެކަންކަން ހިންގަމުން ގެންދާންވީ ކުރީގެ ހެލްތް ވަރކަރުންނާއި، ފެމިލީ ހެލްތް ވަރކަރުންނާއި، ކޮމިއުނިޓީ ހެލްތް ވަރކަރުންގެ އެހީގައި، އެމީހުން، އެ ހެލްތް ވަރކަރުން ކުރަމުން ގެންދާ މަސައްކަތްތައް ބަލަމުން ގެންދަން މިޖެހެނީ، ރަށު ކައުންސިލްތަކުން.

އަޅުގަނޑަށް ލާމަރްކަޒީ އުޞޫލާއި ޑިމޮކްރަސީގެ އެންމެފަހި ކަމެއްގެ ގޮތުގައި ދެކެވޭ އެއްކަމަކީ، ޑެންގޫ ފެތުރިއްޖިއްޔާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ކައުންސިލަރުންނަށް ލިބޭ ވޯޓް މަދުވާންޖެހޭނެ. އިތުރު އެހެން އެއްވެސް ކަމެއްވާ ކަމެއް ނޫން. ހަމައެކަނި ނުތާހިރުވެގެން. ހަމައެކަނި ފަރުވާކުޑަވެގެން. އެއީކީއެއް މެޝިންތަކެއް ބޭނުންވާ ކަމެއް ނޫން. އަދި ތައް ރުފިޔާތަކެއް ބޭނުންވާ ކަމެއްވެސް ނޫން. ހަމައެކަނި ބޭނުންވަނީ، ގަވާއިދުން، ތަރުތީބުން، ދުވަހުން ދުވަހަށް ކުރަމުން އަންނަ ކަންތައްތައް ރަނގަޅަށްވުން. އަޅުގަނޑުމެންގެ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ އަމާޒަކީ، ރާއްޖޭގެ ޢާންމު ޞިއްޙަތުގެ ކަންތައްތައް ގުޅެން އެބަޖެހެޔޭ، މިރަށު ކައުންސިލްތަކުގެ ހިންގުމާ. އަބަދުވެސް އިންތިޚާބީ އެންމެބޮޑު ބަޙުޘަކަށްވާންޖެހޭނީ ޢާންމު ޞިއްޙަތޭ. ތަރައްޤީ ގުޅިފައި ސީދާ އޮންނާނީ ޢާންމު ޞިއްޙަތާ. އަދި ދަރިންގެ ތަޢްލީމާ.

އެހެންވީމާ، އަޅުގަނޑުމެން، ޑިމޮކްރަސީ ނުވަތަ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް އަދި ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި، އެހެންވެސް ތަހުޒީބީ ދިރިއުޅުމެއް ހޯދާން މަސައްކަތްކުރި އެންމެބޮޑު އެއްސަބަބަކީ، ތަހުޒީބުވުމަށް. ތަހުޒީބަށްޓަކައި ބޭނުންވާ ނިޒާމްތައް ޤާއިމް ކުރުމަށް. ޑިމޮކްރަސީއަކީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކީ، ތަހުޒީބާއި، ތަރައްޤީއާއި، ތަމައްދުނަށްޓަކައި ބޭނުންވާ ނިޒާމެއް. އިރާދަކުރައްވައިގެން، ތިޔަބޭފުޅުންގެ ހިތްވަރާއި ޢަޒުމާ އެކީގައި، އަޅުގަނޑުމެންނަށް މިވަނީ އެ ނިޒާމް ޤާއިމް ކުރެވިފައި. އަޅުގަނޑުމެން އެކަކުވެސް ދެނެއް ބޭނުމެއްނުވޭ، އަޅުގަނޑަށް ޔަޤީން، އިއްޔެއެއް، އިއްޔެ އެވީގޮތް، އިއްޔެގައި އެހުރިހާ ކަމުގެ ތެރެއަށް، އިއްޔެގެ އެމަންޒަރުތަކުގެ ތެރެއަށްދާކަށް. އަޅުގަނޑަށް އެކަން ވަރަށް ބޮޑަށް ސާފު. ރާއްޖޭގެ އެއްވެސް، ކުޅުދުއްފުށީ އެންމެ ރައްޔިތަކުވެސް އަޅުގަނޑަކަށެއް ނުހޯދޭނެ، މިއަދު އޭނާ ބުނާ އެއްޗެއްގެ ސަބަބުން އޭނާ ޖަލަށްލާން ވެއްޖެ ކަމަށް އޭނާއަށް ގަބޫލުކުރެވޭ ރައްޔިތަކު މިއަދަކު ނުހުންނާނެ. ކުޅުދުއްފުށީ ރައްޔިތުންނެއްވެސް، ރާއްޖޭގެ ރައްޔިތުންނެއްވެސް މީގެ ތިންއަހަރު ކުރިއަކަށް ދެން ދާކަށް ބޭނުމެއްނުވޭ. ކުރިއަށްދާން ބޭނުން. މުސްތަޤްބަލް ބޭނުން. ދެން އަންނާން އޮތް އިންތިޚާބުވެސް ބޭނުން. އެކަމަކު އެ އިންތިޚާބަކީ، 5 އަހަރު ފަހަތަށްދާ އިންތިޚާބަކަށް ހަދާކަށް، ހަމަކަށަވަރުންވެސް ރާއްޖޭގެ ރައްޔިތުން ބޭނުންނުވާކަން އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ.

އަޅުގަނޑު ތިޔަބޭފުޅުންނަށް މަރްޙަބާ ދަންނަވަނީ، މި ސަބަބަށްޓަކައި. ތިޔަބޭފުޅުން އަބަދުވެސް މުސްތަޤްބަލަށް، މާދަމައަށް އަމާޒު ހިފާފައި ތިއްބަވާ ކަމަށްޓަކައި. މި ރާއްޖޭގެ ވެރިކަމުގެ ނިޒާމުވެސް އަދި ޒަމާންވީ ދިގު ވެރިކަންވެސް ތިޔަބޭފުޅުން ބަދަލުކުރެއްވީ ތިޔަބޭފުޅުންގެ ދަރީންނާއި ދަރީންގެ ދަރީންނަށްޓަކައި. އަޅުގަނޑުމެން ވެރިކަމަށް އައިސް، އަޅުގަނޑުމެން ވެރިކަމަށް ގެނެސް މިތިބީ، ތިޔަބޭފުޅުންގެ މަސައްކަތްތައް ކުރުމަށްޓަކައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު މިހިނދު ތިޔަބޭފުޅުންގެ ޢިއްޒަތްތެރި މެންބަރު ޣަފޫރަށާއި އަދި ހަމައެހެންމެ، އަޅުގަނޑުމެންނާއެކީގައި މަސައްކަތް މިކުރާ އެންމެހާ މެންބަރުންނަށް ނިހާޔަތަށް ޝުކުރު ދަންނަވަން. އެބޭފުޅުންގެ ހިތްވަރާއި، އެބޭފުޅުންގެ މަސައްކަތާއި އަދި ހަމައެހެންމެ، ވަޒީރުން އަވަދިނެތި ކުރައްވާ މަސައްކަތް. ސަރުކާރުގެ އެންމެ ބޭފުޅުން މެދުކެނޑުމެއްނެތި ކުރައްވާ މަސައްކަތުގެ ސަބަބުން އަޅުގަނޑުމެންނަށް، އަޅުގަނޑުމެން މިއެދޭ އަމާޒަށް އިރާދަކުރެއްވިއްޔާ ވާސިލްވެވޭނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.