بســم اللّـه الرّحمـن الرّحيــم

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް، ކައުންސިލްގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރިން މެންބަރުން، ވަކިން ޚާއްޞަކޮށް، ކުޅުދުއްފުށީގެ ޢިއްޒަތްތެރި މެންބަރު، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބޭފުޅުން، މި މަތިއުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އަދި ޚާއްޞަކޮށް، މިޖަލްސާގައި، މި ޙަފްލާގައި ބައިވެރިވެލައްވާ، ހުނަރު ޕްރޮގްރާމްގައި ބައިވެރިވެލައްވާ އެންމެހާ ބައިވެރިން އަދި ކުޅުދުއްފުށީގެ އެހެން ހުރިހާމެ ރައްޔިތުން.

السّـلام عليـكم

އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަވެފައި އޮންނަ ކަމެއް އެއީ، ރާއްޖޭގެ މަސައްކަތްތަކުގައި ވަރަށްގިނަ ޢަދަދަކަށް ބޭރުމީހުން އެބަ ހިމެނެންޖެހޭ ކަމަށް. އަޅުގަނޑުމެންނަށް ޢަދަދުތައް، ތާއަބަދު އެބަ އަޑުއިވޭ. އެއްލައްކަ ފަންސާސް ހާސް، ހަތްދިހަ ހަހާސް، އެއްލައްކަ ތިރީސްހާސް، ތިރީސް ހާސް، ސާޅީސް ހާސް، މިހެން ގޮސް އަޅުގަނޑުމެންނަށް ބޭރުމީހުން އުޅޭ ޢަދަދު، އަބަދުއަބަދުމެ މިހުންނަނީ އިވިއިވި. އަދި އަޅުގަނޑުމެންނަށް އަބަދުވެސް އެޙަޤީޤަތްވެސް މިހުންނަނީ ފެނިފެނި.

އަޅުގަނޑުމެންނަށް އެންމެފަހުން ހޯދި ހޯދުމުން ފެންނަ އެއް ޙަޤީޤަތަކީ، ހުނަރަކާ އެކުގައި މަސައްކަތް ކުރުމަށް ރާއްޖެއަށް ބާރަހާސް ބިދޭސީން މިހާރުވެސް އެބަ މަސައްކަތް ކުރަމުންގެންދެޔޭ. މި ހުނަރުވެރި ބިދޭސީންނަށް އެވްރެޖް މުސާރައެއްގެ ގޮތުގައި ނުވަހާސް ރުފިޔާއާއި ބާރަހާސް ރުފިޔާއާ ދެމެދުގެ އުޖޫރައެއް އެބަދެވޭ. ސަރުކާރުގެ އަމާޒަކީ، ދިވެހިންނަށް ވަޒީފާގެ ފުރްޞަތުތައް ފަހިކޮށްދެވޭނޭ ގޮތްތައް ހޯދުން. އަޅުގަނޑުމެން އެންމެ ފުރަތަމަ ދެކިތިބީ، ބޭރުމީހުންގެ ބަދަލުގައި ދިވެހިންނަށް ވަޒީފާގެ ފުރްޞަތުތައް، ހަމަ ހުޅުވާލުމުންވެސް، އެކަން އަޅުގަނޑުމެންނަށް ކުރާން ފެށޭނެ ކަމަށް. އެހެންނަމަވެސް، އެނގޭ ޙަޤީޤަތަކީ، އަޅުގަނޑުމެންނަށް، ދިވެހިންނަށް ލިބެންޖެހޭ ވަރަށްގިނަ ހުނަރުތަކެއް އެބަހުރިކަން. މުޅި ޖުމްލަ ހުނަރު ޕްރޮގްރާމްގައި މިވަނީ، އަޅުގަނޑު ހަނދާންވާ ގޮތުގައި ފަސްދޮޅަސް ތިނެއް ނުވަތަ ފަސްދޮޅަސް އެތައް ބާވަތެއްގެ ހުނަރު ނުވަތަ އެތައް ބާވަތެއްގެ ވަޒީފާ. ސަރުކާރުގެ އަމާޒަކީ، މިދެންނެވި ފަސްދޮޅަސް ބާވަތުގެ ހުނަރުތައް، އަށްހާސް ފައްސަތޭކަ ތަފާތު މީހުންނަށް ފޯރުކޮށްދިނުން، އުނގަންނައިދިނުން، ދަސްކޮށްދިނުން. އަދި އެއަށްފަހުގައި، އެ އަށްހާސް ފައްސަތޭކަ ފަރާތަށް ވަޒީފާއެއް ކަށަވަރުކޮށްދިނުން.

ވަޒީފާއެއް ކަށަވަރުކޮށްދިނުމުގެ ކަންތައް، އަޅުގަނޑަށް ފެންނަ ފެނުމުގައި އެއީ ފަސޭހަ ކަމެއް. އެއީއެއް ނޫން އުނދަގޫ ކަމަކީ. ސަރުކާރަށް ބުނެވެން އެބައޮތް، ބޭރުމީހަކަށް ވަޒީފާއެއް ދެވޭނީ، އެމަގާމަށް މި ދިވެހިމީހާ ތައްޔާރަށް ނެތް ކަމަށް އޭނާ ބުނީމައޭ. އަޅުގަނޑުމެންނަށް އެމީހާއަކީ، ތިއިން މީހެއްކަން ވަރަށް ސާފުކޮށް ބުނެދެވެން އެބައޮތް. އެއީ، ހުނަރު ޕްރޮގްރާމްގައި މީނާ ބައިވެރިވެއްޖެއޭ، މީނާ އެ ޕްރޮގްރާމް ނިންމައިފިޔޭ، އޭނާ އެ ހުނަރު ހޯދައިފިޔޭ، އެހެންވީމާ، އޭނާއަށް ވަޒީފާއެއްނެތި، އެހެން ބޭރުމީހަކަށް ވަޒީފާއެއް ދޭންވީ ސަބަބެއް، ޢުޛުރެއް، އެވަގުތަކު ނޯންނާނެ. އަޅުގަނޑަށް ފެންނަ ގޮތުގައި، ވަޒީފާއެއްގެ ފުރްޞަތު އެއީ، މި ޕްރޮގްރާމުން ކޮށްދެވޭނެ ކަމެއް. އުނދަގޫ ކަމަކީ މިކަމުގައި ހުރިހާ ފަރާތަކުންވެސް ދެމިތިބުން. މި ހުނަރު ލިބިގަތުން. ހަނދުމަފުޅު ބަހައްޓަވަންޖެހޭނެ، މިކަމަށް ކުރެވޭ ޚަރަދަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފައިސާއިން ކުރެވޭނެ ޚަރަދެއް. މިއިން ކޮންމެ ކޯހަކަށް އެވްރެޖް ގޮތެއްގައި، ނުވަހާސް، ބާރަހާސް ރުފިޔާ، ކޮންމެ ކުއްޖަކަށް ޚަރަދުވާނެ. އަދި އޭގެއިތުރުން، ތިއިން ކޮންމެ ކުއްޖަކަށް، ކޮންމެ މަހަކު ކިޔަވަމުންދާއިރުގައި، ދެހާސް ރުފިޔާގެ އެލަވަންސެއްދޭ ގޮތަށްވެސް މިއޮތީ ހަމަޖެހިފައި. އެ އެލަވަންސް ދޫކުރުން ބިނާވެފައި އޮންނާނީ، ހުއްޓިފައި އޮންނާނީ، ގަޑިއަށް އަންނަ މިންވަރާއި، ޙާޒިރީއަށާއި، އަޚްލާޤަށާއި އަދި މިދެންނެވި ކޮންމެހެން މަސައްކަތުގެ ދާއިރާގައި ބޭނުންތެރި ކަންކަމުގެ މައްޗަށް.

ސަރުކާރުން، ހުނަރު ޕްރޮގްރާމްގެ ފަރާތުން އިންތިޒާމު ކުރެވިފައި އޮތީ، ރަށު ކައުންސިލުން އެދުމަށް. އަޚްލާޤީ މިންގަނޑުތަކާއި، ޙާޒިރީގެ ކަންކަން ބަލަހައްޓައިދިނުމަށް. ކޮންމެ ބައިވެރިއެއްގެ ކިބައިން އެދެވޭނެ، އިޤްރާރެއްގައި ސޮއިކުރުމަށް. އެއީ، އެފައިސާ ލިބުމަށާއި، އެކަންކަން ކުރުމަށް ދެފަރާތް އެއްބަސްވާ ގޮތަކަށް ފުރިހަމައަށް ގެންގޮސް ޕްރޮގްރާމް ނިންމާނެ ކަމަށް. އެއްގޮތަކަށްވެސް އަޅުގަނޑު އަޚްލާޤޭ މިދަންނަވަނީ، ތިޔަބޭފުޅުންގެ އަމިއްލަ ކަންކަމުގެ ތެރެއަށް އެއްވެސް މީހަކު ވަންނާކަށް އަޅުގަނޑެއް ނޭދެން. އަދި ތިޔަބޭފުޅުންގެ މުނިފޫހިފިލުވުމަށްވިޔަސް އަދި އެހެން ކަމަކަށްވިޔަސް، އެކަމަކާވެސް ބެހުމަކަށް ސަރުކާރަކުން ނޭދެމު. އެހެންނަމަވެސް، ގަޑިއަށް މިތަނަށް އައުން އެއީ، ކޮންމެހެން ބޭނުންތެރިކަމެއް. އަދި ކިޔަވާ ގަޑީގައި ކިޔަވަން އިނުން އެއީ، ބޭނުންތެރި ކަމެއް. އެކަން ނުކުރަނީހެއް އަޅުގަނޑުމެންނަކަށެއް މިކަމެއް ކުރިއަކަށެއް ނުގެންދެވޭނެ. ހަމަ ހުރިހާ ބައިވެރިންގެ ކިބައިންވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އެދެން، ގަޑިއަށް ޙުރްމަތްތެރިކޮށްހިތުމަށާއި، ގަވާއިދުން ކްލާހަށް އައުމަށް.

މިއަދު މިތާނގައި މިތިބި ގިނަ ކުދިންނަކީ ކުޅުދުއްފުށީ ކުދިން، ކުޅުދުއްފުށީ މީހުން. އަދި މި ޕްރޮގްރާމްގައި، އިލެކްޓްރިކަލް ޕްރޮގްރާމާއި، ހެވީ ވެހިކަލްސް ޕްރޮގްރާމްގައި ބައިވެރިވުމަށް އެކިއެކި ކަންކޮޅުތަކުން ކުދިން އަންނާނެ. މިރަށުގައި އެމީހުން ތިބެ، އެމީހުންނަށް މިހުނަރު ލިބޭނެ. އަދި މިރަށު ކުއްޖެއް މިސާލަކަށް، ވެލްޑިންގ ކޯހެއް ހެދުމަށް ޝައުޤުވެރިވާނަމަ، އެކަން ކުރުމަށް އޭނާއަށް ހޯރަފުށްޓަށް ދިޔުމުގެ ފުރްޞަތު އޮންނާނެ. އަދި ބައެއް ޕްރޮގްރާމް ދިއްދޫގައިވެސް ހިންގާނެ. ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އިރާދަކުރެއްވިއްޔާ، މި މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާނެ. މިކަމަށް ކުރެވޭ ޚަރަދަކީ، ވަރަށްބޮޑު ޚަރަދެއް. އެއީ، ތިންސަތޭކަ ފަސްދޮޅަސް މިލިއަން ރުފިޔާ. މިސާލަކަށް އަޅުގަނޑު އެއީ ކިހާ، ކޮންކަހަލަ ޢަދަދެއްތޯ، އެ ތިންސަތޭކަ ފަސްދޮޅަސް މިލިއަންގައި އޮންނަނީ ކިތައް ސުމެއްތޯ، އަޅުގަނޑުމެންގެ ތެރޭގައި މިހާރު ބައެއްފަހަރަށް ހަނދާންނެތޭ. އެހެންވީމާ، ވިޔަ އަކުރުން އެކަން ބުނެދިނީމާ، އޭގެ ރާޙަތެއް އަޅުގަނޑުމެންނަކަށެއް ނުވޭހެން ހީވަނީ. ކުޅުދުއްފުށީ ނަރުދަމާއަކީ ސަތޭކަ ދިހަ މިލިއަން ރުފިޔާ. އެހެންވީމާ، މިއީ ތިން ނަރުދަމާ. އަޅުގަނޑުމެން މި ޕްރޮގްރާމްގައި މި ބޭނުންކުރަނީ.

ސަރުކާރުން އަބަދުވެސް ދެކޭ، އަޅުގަނޑުމެން އަބަދުވެސް ޤަބޫލު ކުރަނީ، ތަރައްޤީއަކީ މީހާއަށް، އިންސާނާއަށްވާ ކަމެކޭ. ތަރައްޤީއަކީ އަޅުގަނޑުމެން އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވުމޭ. އަޅުގަނޑުމެންނަށް ތަންދޮރުއޮޅުންފިލުމޭ. އަޅުގަނޑުމެންނަށް ހުނަރާއި، ޙިކްމަތާއި، ޢިލްމު ލިބުމޭ. ތަރައްޤީއަކީ ހަމައެކަނި އަޅާ ޢިމާރާތްތަކެއް، ކުރެވޭ ބިނާތަކެއް ނޫނޭ. ދެންމެ ޒުބައިރުވެސް ފާހަގަކޮށްދެއްވައިފި، ތިޔަބޭފުޅުން މި ޕްރޮގްރާމް ނިންމަވާފައި، ވަޒީފާއެއްގައި ތިބެގެން އެ ހޯދާ ފައިސާ އެއީ، ތަރައްޤީގެ ކިތަންމެ މަސައްކަތަކަށް ބޭނުންކުރެވޭނެ ފައިސާ. ޤައުމު މުއްސަނދިވަނީ އެހެންވީމާ، ތިޔަބޭފުޅުން ނުކުންނަވާފައި އަޅުގަނޑުމެން އުންމީދު ކުރާނީ، އާމްދަނީން ނަގާ ޓެކްސްގައި ލާރި ދައްކަންޖެހޭ މިންވަރަށް އާމްދަނީ ހޯއްދަވާނެކަމަށް. އެ މިލިބެނީ ތިރީސްހާސް ރުފިޔާއަށްވުރެ މަތިން މަހަކު، ކޮންމެ މަހަކު ލިބުނީ. އަދި އަޅުގަނޑުމެން އުންމީދު ކުރަނީ، ތިޔަބޭފުޅުން މަސައްކަތް ކުރައްވައިގެން، އެ ލިބޭ މުސާރައިން ރަނގަޅު ދިރިއުޅުމެއް ބިނާކުރާއިރުގައި، ކުރާ ވިޔަފާރިން އެ ފައިސާވެސް، ޖީ.އެސް.ޓީ.ވެސް ސަރުކާރަށް ލިބޭނެ ކަމަށް. އަދި އަޅުގަނޑު މިއުންމީދު ކުރަނީ، ތިޔަބޭފުޅުންނަށް ވަޒީފާއެއް، ހަރުދަނާ، ދެމެހެއްޓެނިވި ވަޒީފާއެއް ލިބިގެން، ތިޔަބޭފުޅުންނަށް ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގައި ބައިވެރިވެވި، ގެއެއް ލިބި، ރަނގަޅު ޢާއިލާއެއް ބިނާކުރެވި، ރަނގަޅު ރައްޔިތަކަށްވެ، މި ރާއްޖެ ކުރިއަށް ގެންދާނެ ބަޔަކަށް، ތިޔަބޭފުޅުންވާނެ ކަމަށް.

އަޅުގަނޑުގެ ހިތުގައި މިކަމުގައި ޝައްކު ނޯންނާތީވެ، އަޅުގަނޑު މިމަސައްކަތް ކުރުމަށް ނުކުމެ އުޅެނީ. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ ރާއްޖެ ބަދަލުކުރެވެން އޮތީ، ތިޔަބޭފުޅުންނާ އެކުގައިކަން. އަޅުގަނޑަށް ހަމަގައިމުވެސް މިހާތަނަށް ކުރެވިފައި ހުރި ހުރިހާ ކަމެއްހެންވެސް ކުރެވިފައިހުރީ، ޒުވާނުންނާ އެކުގައި. އެމީހުން އެއްކައިރީގައި ތިބެގެން، އަޅުގަނޑުމެންނަށް ޙާޞިލް ކުރެވިފައި އޮތް ވަކި މާބޮޑު ކަމެއް އަޅުގަނޑަކަށެއް ފެންނާކަށެއް ނެތް. އެހެން ނަމަވެސް، މި ޕްރޮގްރާމަކީ ހަމައެކަނި ޒުވާނުންނަށް އޮތް ޕްރޮގްރާމެއް ނޫން. ކޮންމެ ޢުމުރުފުރައިގެ މީހަކަށްވެސް މީގައި ބައިވެރިވެވޭނެ. އަދި މި ޕްރޮގްރާމްގެ ފައިދާ ހޯދޭނެ. އެހެންވީމާ، އަޅުގަނޑު އެދެން، ހުރިހާ ބޭފުޅުންވެސް، މި ޕްރޮގްރާމްގައި ބައިވެރިވެ އަދި މީގެ ފައިދާއާއި މަންފާ ހުރިހާ ބޭފުޅުންވެސް ހޯއްދަވާނެ ކަމަށް.

ކުޅުދުއްފުށްޓަކީ ސަރުކާރުން ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރަން ބޭނުންވާ ރަށެއް. އެކަން ކުރުމަށްޓަކައި މިހާރު ޤާނޫނު މިއޮތް ގޮތުން ފުރަތަމަ ފަންސަވީސްހާސް މީހުން އެބަ ހަމަވާންޖެހޭ. ފަންސަވީސްހާސް މީހުން ކުޅުދުއްފުށްޓަށް ހަމަކުރުމަށްޓަކައި ފުރަތަމަ ކުރާންޖެހުނު ކަމަކީ، އެކަމަށް ބޭނުންވާ ހިކިފަސް ހޯދުން، ބިން ހޯދުން. މިދިޔަ އަހަރު އިރާދަކުރެއްވިއްޔާ، އެކަން އެއޮތީ ވެފައި. ކުރިއަށް މިއޮތް ތަނުގައި އެ މަލަމަތި އެކީގައި އިރާދަކުރެއްވިއްޔާ ހަދާ ނިމޭނެ. އަދި ކުޅުދުއްފުށީގެ އެހެން މަޝްރޫޢުތައްވެސް، މަގުހެދުމުގެ މަޝްރޫޢުވެސް، ގެދޮރު އެޅުމުގެ މަޝްރޫޢުވެސް، ބަނދަރު ތަރައްޤީ ކުރުމުގެ ކަންތައްވެސް ހިނގަމުންދާނެ.

މިއަދު ހަމަ އަޅުގަނޑަށް، އަޅުގަނޑުމެންނަށް މުޅިން ތައްޔާރު ނުވެވުނީތީވެ، އިތުރު ޕްރޮގްރާމެއް ނުފެށުނީ. އެހެންނަމަވެސް، އަޅުގަނޑު މިދެކެނީ އެކަންވެސް ވަރަށް ބާރަށް ކުރިއަށް އަންނަކަން. އެއީ، ނެވިގޭޝަން، ބޯޓްދަތުރު ކުރުމުގެ ސްކޫލެއް، އެކަޑަމީއެއް މިތަނުގައި އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ދެތިން ހަތަރު ހަފްތާއެއްގެ ތެރޭގައި ހުޅުވިގެންދާނެ. އަޅުގަނޑު އަބަދުވެސް ފާހަގަކުރަން، ބޯޓް ދަތުރުކުރާ ފަންސާސް މީހުންނަކީ، ރިޒޯޓެކޭ، އާމްދަނީއަށް ބަލާއިރު، ރާއްޖެއަށް ވަންނަ އާމްދަނީއަށް ބަލާއިރު. މި އެކަޑަމީއިން ތިޔަބޭފުޅުންނަށް އަދި މިރަށުގެވެސް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް މާސްޓަރޒް ކޯސްވެސް، ފަސްޓް މެއިޓް، ސެކަންޑް މެއިޓްވެސް ހެދޭނެ. އިންޖިނިއަރިންގ ކޯސް، އިންޖިނިއަރުންނަށްވެސް ވެވޭނެ. އަދި ހަމަ އާދައިގެ އޮއިލަރުންނަށް، އޭބަލްބޮޑީ މަސައްކަތްކުރާ މީހުންނަށްވެސް ވެވޭނެ.

ބޯޓްދަތުރު ކުރުމަކީ ކުޅުދުއްފުށީ ރައްޔިތުންގެ ވަކިން ޚާއްޞަކޮށް ޝައުޤުވެރިކަން ހުންނަ ކަމެއް. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުޅުދުއްފުށީ ދަތުރުވެރިން ކޮށްފައިވާ މަސައްކަތް އެއީ، ދުނިޔޭގެ އެކިކަންކޮޅުތަކުން މީހުން ފާހަގަކުރާކަމެއް. ރާއްޖޭގައި ބޮޑެތި ބޯޓްފަހަރުގައި، ކަނޑުމަތީގައި އުޅޭ މީހުންގެ ގިނަ ބައިވަރު މީހުންނަކީ މިރަށު މީހުން. މިރަށުގައި މިމަސައްކަތް ތަރައްޤީ ކުރުމަކީ ސަރުކާރުން ދެކެނީ ބޭނުންތެރި ކަމެއް ކަމަށް. ކުޅުދުއްފުށީގެ ތަރައްޤީއަކީ ހަމައެކަނި ކުޅުދުއްފުށްޓަށް ކުރާ ކަމެއް ނޫން ގޮތުގައި ކުޅުދުއްފުށީ ރައްޔިތުންވެސް ބަލައިގަންނަންޖެހޭނެ. ކުޅުދުއްފުށީގެ ތަރައްޤީއަކީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރާ ކަމެއް. ޖެހިގެން މިއޮތް ނޮޅިވަރަމް އެއީ، މާލެއާ އެއްވަރު ތަނަކަށް ނުވަތަ ކުޅުދުއްފުށްޓަކީ މާލެއާ އެއް ދަރަޖައިގެ ތަނަކަށްވީމާ، ކުމުންދުއަށްވެސް، ނޮޅިވަރަމްފަރަށްވެސް، ނޮޅިވަރަމަށްވެސް އަދި ކައިރީގައި މިހިރަ އެހެން ރަށްރަށަށްވެސް، އޭގެ ސަބަބުން ކުރާ ފައިދާ، ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ފެންނާނެ. އެއީ އިޤްތިޞާދީ ޙަޤީޤަތްތައް އަދި ތަރައްޤީގެ އެކިއެކި ތަޖްރިބާތައް ދައްކާފައި ހުރި ގޮތް. އެހެންވީމާ، އެގޮތަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެތަޖްރިބާތައް ބޭނުންކޮށްގެން، މިކުޅުދުއްފުށީގެ ތަރައްޤީގެ މަސައްކަތްވެސް އަދި ރާއްޖޭގެ މަސައްކަތްވެސް ހިންގޭނެ.

އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން އައިން. އަދި އަނެއްކާވެސް އަޅުގަނޑު އަމިއްލައަށް އަޅުގަނޑަށާއި އަދި އަޅުގަނޑާއެކު މަސައްކަތްކުރާ އެތައްހާސް ބަޔަކަށް، ހަމަ ހިތުގައި އަލުން އަނބުރާ ބިންވަޅު ނެގުމަށް އެދެން. އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއްވެސް ކުރަނީ އެންމެ ބޭނުމަކަށްޓަކައޭ. އެއީ، ރައްޔިތުންގެ މަސައްކަތްތައް ރަނގަޅަށް ފުރިހަމައަށް ކުރެވޭތޯ ބެލުމަށްޓަކައި. މި ރާއްޖެ ތަރައްޤީ ކުރުމަށް. ރާއްޖެ ތަރައްޤީ ކުރަން އަޅުގަނޑުމެން އެދެނީ، އަޅުގަނޑުމެންގެ ދަރިންނާއި، އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށްޓަކައި. އަޅުގަނޑު ދަންނަވަން، މިއަދު މިއޮތީ ނިމިފައޭ. މިހާރު އެއޮއް އިރުއޮއްސެނީ. ދެނެއް އަޅުގަނޑުމެންނަކަށް މިއަދެއް ނުއެއް ލިބޭނެ. އަޅުގަނޑުމެންނަށް ކިރިޔާވެސް ހޯދޭނީ މާދަމާ. އަޅުގަނޑުމެން ތައްޔާރުވާންވީ މާދަމައަށް. އެހެންވީމާ، މާދަމައަށްޓަކައި އަޅުގަނޑުމެން މިކުރާ ހުރިހާ ކަމެއްވެސް މިކުރަނީ.

ކުޅުދުއްފުށީގެ ޢާންމު ކިޔެވުން، މަދްރަސާގެ ފެންވަރާއި އަދި ތަޢްލީމީ ފެންވަރު އެތައް ތަނަކުން އެބަ މައްޗަށް ޖައްސަންޖެހޭ. އެމަސައްކަތުގައިވެސް އަޅުގަނޑުމެން އެންމެން ހަމަ އެބަ އުޅެންޖެހޭ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ އަމާޒު އެއީ، އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން ފަސްދޮޅަސް ޕަސެންޓް ކުދިންނަކީ، ފަސް މާއްދާއިން ފާސްވާ ކުދިންނަށް ހެދުން އެއީ ސަރުކާރުގެ އަމާޒެއް. އަޅުގަނޑު އުންމީދު ކުރަން، ކުޅުދުއްފުށީގައި އެބަދަލު ގެނައުމަށް ހުރިހާ ރައްޔިތުންވެސް، އެތަރައްޤީ ގެނައުމަށް ހުރިހާ ރައްޔިތުންވެސް އެކުގައި މަސައްކަތް ކުރާނެ ކަމަށް.

ހަމައެއާއެކީގައި އަޅުގަނޑު އެދެން، ކުޅުދުއްފުށީގައި ވަކި ޕާޓީއަކަށް ނުބަލައި، ވަކި ސިޔާސީ ވިސްނުމަކަށް ނުބަލައި، އެންމެން އެކީގައި ނުކުމެ، މިރަށުގެ ތަރައްޤީއަށް، މިއަތޮޅުގެ ކުރިއެރުވުމަށް، މި ރާއްޖޭގެ މުސްތަޤްބަލަށް މަސައްކަތް ކުރާށޭ. އެއީ އަޅުގަނޑުމެން ކުރާން އޮތް ކަމަކީ.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދިނުމުގަޔާއި އަދި އިންތިޒާމް ކޮށްދިނުމުގަޔާއި، ޑައިރެކްޓް ކޮށްދިނުމުގައި ހާޝިމް ކޮށްދެއްވާ މަސައްކަތާއި އަދި ޕޮލިޓެކްނިކުން ޕޮލިޓެކްނިކްގެ އެންމެ ބޭފުޅުންނާއި އަދި އަޅުގަނޑުމެންނަށް މި ސަރވިސް ޕްރޮވައިޑަރުން ކޯސްތައް ހިންގައިދިނުމުގެ ގޮތުގައި ބައިވެރިވާ އަމިއްލަ ފަރާތްތަކުން އެކޮށްދޭ ބުރަ މަސައްކަތާއި އަދި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން މިކަމަށްވެދޭ އެހީތެރިކަމާއި، މިއެންމެ ކަންކަމަކީ އަޅުގަނޑުމެން އަބަދުވެސް ހިތުގައި، ހަނދާނުގައި ބަހައްޓަންޖެހޭނެ ކަންކަން. އަޅުގަނޑުމެން އެންމެންގެވެސް ބޭނުމަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި، ދަންނަވާލަން ބޭނުން. ކުޅުދުއްފުށީގެ ތަރައްޤީއަށްޓަކައި ތިޔަބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޣަފޫރު ބަހައްޓަވާ އަހަންމިއްޔަތުކަން އެއީ، ހަމަގައިމުވެސް އަޅުގަނޑު ކުޅުދުއްފުށްޓަށްޓަކައި އުފާވާ ކަމެއް. ހަމައެހެންމެ، އަދި އަޅުގަނޑުމެންގެ ތެރޭގައި ނެތް ނަމަވެސް، ކުޅުދުއްފުށީގެ އަނެއް ޢިއްޒަތްތެރި މެންބަރު ނަޝީދު، ޤާނޫނުތައް ހައްދަވައި ދެއްވުމުގަޔާއި އަދި އެހެންވެސް ކަންކަމުގައި އަޅުގަނޑުމެން ލަފައަކަށް އެދުނީމާ، އެބޭފުޅާ އެބަހައްޓަވާ ފަރުވާތެރިކަމާއި އަދި އެކަމަށް އެބޭފުޅާ މަސައްކަތް ކޮށްދެއްވާ މިންވަރު އެއީ، އަޅުގަނޑު ހިތުން އެބޭފުޅާއަށްވެސް، އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، ކުޅުދުއްފުށީ ރައްޔިތުން އެދޭނީ އެގޮތްކަން. އެހެންވީމާ، އަޅުގަނޑު ނަޝީދަށް ޝުކުރު ދަންނަވަން. އެކަމަކު ވަކިން ޚާއްޞަކޮށް، އަޅުގަނޑު ޣަފޫރަށް، ތިޔަބޭފުޅުންގެ ނަމުގައި ޝުކުރު ދަންނަވަން.

والحَمْـدُ لِلّـهِ. والســّلام عليــكم.