بســم اللّـه الرّحمـن الرّحيــم

ހޯރަފުށީ ކައުންސިލްގެ ރައީސް، ޤައުމީ އިދާރާގެ ޔުނިޓްގެ ވެރިން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އަދި ވަކިން ޚާއްޞަކޮށް، ހޯރަފުށީގެ އެންމެހާ ރައްޔިތުން.

السّـلام عليـكم

އަޅުގަނޑު އަނެއްކާވެސް ވަރަށްގިނަ ދުވަސްވެފައި، ހޯރަފުށީގައި ރޭގަނޑު މަޑުކުރަން ލިބޭކަމީ، އަޅުގަނޑަށް ލިބޭ ވަރަށް ްބޮޑު އުފަލެއް. އަދި ވަރަށްބޮޑު ހިތްހަމަޖެހުމެއް. މިދަތުރުގައި އަޅުގަނޑުމެން ހޯރަފުށްޓަށް މިއައީ، ހޯރަފުށީގައި މިހާރު ހިނގަމުންދާ ކަންކަން އަޅުގަނޑުވެސް ބަލައިލުމުގެ ބޭނުމުގަޔާއި އަދި ހޯރަފުށީ ރައްޔިތުން އެކިކަންކަމާ ގުޅޭގޮތުން ދެކޭގޮތާއި އަދި އެ ރައްޔިތުން މިހާރު ބޭނުންވެފައި ހުރި ކަންކަމަކީ ކޮބައިތޯވެސް އަޅުގަނޑުމެންނަށް އޮޅުންފިލައި އެނގި ބަލައިލުމުގެ ބޭނުމުގައި.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރު، ހޯރަފުށީގައި ކޮންމެހެން ކުރާން ޖެހިފައި ހުރި ކަންތައްތަކެއް، އޭރުގައި ފާހަގަވެގެންދިޔަ. އޭގެތެރޭގައި، ބަނދަރުގެ މަސައްކަތާއި، މަދްރަސާގެ ޖާގައާއި އަދި ވަކިން ޚާއްޞަކޮށް، ނަރުދަމާގެ މަސައްކަތް އޮތީ ކުރާން ޖެހިފައި. މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް އަދި ވަރަށްބޮޑު އުފަލެއް އެއީ، ތިޔަބޭފުޅުން އަރިހުގައި ދަންނަވަން ލިބިފައި އޮތްކަން. ނަރުދަމާއާ ގުޅޭގޮތުން ފައިސާގެ ކަންތަކާއި އަދި އެހެންވެސް ކަންކަން މިހާރުހުރީ ހަމަޖެހިފައި. އަޅުގަނޑުމެން މިހާރު މިގެންދަނީ، އެއާ ގުޅިގެން ދެން ކުރަންޖެހޭ ކަންކަން ކުރަމުން. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ ނަރުދަމާ ހެދުމުގެވެސް ޢަމަލީ މަސައްކަތް، ހޯރަފުށީގައި ފަށައިގަނެވޭނެ.

އަޅުގަނޑު އަބަދުވެސް ފާހަގަކުރަން، ތަރައްޤީއަކީ އަޅުގަނޑުމެންނަށްވާ ކަމެކޭ. އެއީ ތަނަކަށްވާ ކަމެކޭ ނޫނޭ ޙަޤީޤަތުގައި. އެއީ އިންސާނުންނަށްވާ ކަމެކޭ. އަޅުގަނޑު މިރޭ ހޯރަފުށްޓަށް އައި އެންމެބޮޑު އެއް ސަބަބަކީ، އަޅުގަނޑު އަބަދުވެސް ދެކެން، ހޯރަފުށީ ރައްޔިތުންނަކީ މަސައްކަތްތެރި ބައެއްކަން. އަދި ހިތްއަލި، ހީވާގި ބައެއްކަން. ތޫނުފިލި ބައެއްކަން. ހޯރަފުށީ މަދްރަސާގެ ނަތީޖާއާއި، އެ މަދްރަސާގެ އިމްތިޙާނު ނަތީޖާ، އޯ ލެވެލް އިމްތިޙާން ނަތީޖާ އެކަނިވެސް މިކަން އަޅުގަނޑުމެންނަށް ސާފުކޮށްދޭ. އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް އެއީ، ހޯރަފުށީގެ ޒުވާނުންނަށް އިތުރު ތަމްރީނެއްދީ އަދި އެމީހުންނަށް ވަޒީފާގެ ބާޒާރަށް ނުކުމެވޭނޭ މަގުތައް ފަހިކޮށްދިނުން. ހޯރަފުށި އެކަންޏެއް ނޫން. މި ގައްލަދޫ ކަނޑުން އެތެރެވަރީގައި، އިހަވަންދިއްޕޮޅުގައި މިދެންނެވި ޕްރޮގްރާމް، ހުނަރު ލިބިގަތުމުގެ ޕްރޮގްރާމް ބާރަށް ހިންގުމަކީ ސަރުކާރަށް ފެންނަ ފެނުމުގައި، ހޯރަފުށީގެ ތަރައްޤީއަށްވެސް، އެތެރެވަރީގެ ތަރައްޤީއަށްވެސް އަދި މުޅި ރާއްޖޭގެ ތަރައްޤީއަށްވެސް ކޮންމެހެން ބޭނުންތެރި ކަމެއް. އެހެންވީމާ، އަޅުގަނޑުމެންގެ މިދަތުރުގައި، މިދެންނެވި ޕްރޮގްރާމް ފެށުންވެސް އެބައޮތް. އެހެންވީމާ، މިރޭ އަޅުގަނޑު އެވާހަކަ އެހާ ދިގުލައި ދައްކާކަށެއް ނޫން.

ހޯރަފުށީ ރައްޔިތުންނަށް ދިމާވެފައި އޮތް އަދި ރާއްޖޭގެ ވަރަށްގިނަ، އާބާދީ ބޮޑުވަމުން އަންނަ ރަށްރަށުގެ ރައްޔިތުންނަށް ދިމާވާ އެންމެބޮޑު އެއް މައްސަލައަކީ، ދައްޗަކީ، ބޯހިޔާވަހިކަމާއި، ގޯއްޗެއް ލިބުމުގެ ދަތިކަން. އެހެން ނަމަވެސް، އިރާދަކުރައްވައިގެން، ހޯރަފުށްޓަކީ ވަރަށްދިގު، ވަރަށްބޮޑު ފަޅެއްގައި އޮތް ރަށެއް. އެހެންވީމާ، ހޯރަފުށީގެ ބިން ބޮޑުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ދައުރުގެ ތެރޭގައި، އަޅުގަނޑުމެން އެމަސައްކަތް ހިންގޭތޯ ވަރަށް ބޮޑަށް ބަލާނެ. އަޅުގަނޑު އެކަމުގައި މަސައްކަތް ކުރުން ހުއްޓައެއްނުލާނަން. ހަމަ އަޅުގަނޑުމެންގެ އަމާޒަކީ، ހޯރަފުށީ ރައްޔިތުންނަށް، ރިވެތި ގޮތުގައި ބޯހިޔާވަހިކަމެއް ހޯދައިދެވޭނެ މަގު ފަހިކޮށްދިނުން. އަޅުގަނޑުމެން ނިންމާފައިވާނެ، ހޯރަފުށީގައި ގެ އެޅުމަށް. އެމަސައްކަތްވެސް މިހާރު ދަނީ ހަމަ ބާރަށް ކުރިއަށް. އެކަމާ ގުޅޭ ފުރަތަމަ އެޅޭ ގެތައް މިހާރު އެދަނީ ކުޅުދުއްފުށީގައި އެޅެމުން. ދެން އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ހަތިފުށީ މީހުންނަށް ހަނިމާދޫގައި ގޮތެއްނެތިފައި ތިބޭ ތިބުން އެއީ، ޙަޤީޤަތުގައި ވަރަށްބޮޑު ނިކަމެތި ކަމެއް. އެމީހުންގެ ރަށް، ހަތިފުށީ މީހުންގެ ރަށްވަނީ މިހާރު ނެތިގޮސްފައި. އެހެންވީމާ، ހަތިފުށީ މީހުންނަށް ގޮތެއް ހޯދައިދިނުމަކީ، އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންގެ ސަރުކާރުގެ ވާޖިބެއް ކަމަށް. އެހެންވީމާ، އެކަން އެބަ ހިންގޭ. އެއާ އެކުއެކުގައިހެން އަޅުގަނޑުމެންނަށް ހޯރަފުށްޓަށާއި، ދިއްދުއާއި، އިހަވަންދުއާއި އަދި ބާރަށާއި ކެލާގައިވެސް އަޅުގަނޑުމެން މި އަމާޒުކޮށްފައި މިވާ ބޯހިޔާވަހިކަން، ގެތައް އަޅަން ފެށޭނެ. އޭގެ އެންމެހާ ކަންކަން މިހާރު މިވަނީ، ވާންޖެހޭ ތައްޔާރީތައް ވެނިމިފައި. އިރާދަކުރެއްވިއްޔާ، އެމަސައްކަތްވެސް ހިނގައިގެންދާނެ.

ހޯރަފުށީގައި އަޅުގަނޑު އަބަދުވެސް ދައްކަމުން އަންނަ އަނެއް ވާހަކައަކީ، އަޅުގަނޑުމެން އެދެމޭ، ހޯރަފުށި ވަށާ މަގު ރަނގަޅު ފެންވަރަކަށް ހެދިފައި އޮތުން. އެއީ ޚާއްޞަކޮށް، ބަނދަރު ނިމުމާ އެކީގައި، ބަނދަރުމަތީ ޕްރޮގްރާމާ އެކީގައި އެކަން ހިނގައިދިޔުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެމަސައްކަތްވެސް އެއީ އަޅުގަނޑުމެން ހޯރަފުށްޓަށް ކުރާނެ މަސައްކަތެއް. އަޅުގަނޑުމެން އެކަމުގެ ތައްޔާރީތައްވެސް މިހާރު މިދަނީ ވަމުން.

ތަންކޮޅެއް ކުރީގައި، އަޅުގަނޑުމެންގެ ސީދާ އަމާޒުތައް، އެހެން ނޫންނަމަ، އަޅުގަނޑުމެންގެ މެނިފެސްޓޯގައިމިވާ ވަޢުދުތައް ނުވަތަ އަޅުގަނޑުމެން ކުރަން ނިންމާފައިވާ ކަންކަން ފާހަގަކުރަމުން ގެންދިޔައިމާ، ބައެއް ބޭފުޅުން ހިތަށްއަރާ، އަޅުގަނޑުމެން އެ ހުރިހާ ކަމެއް ކުރަނީ ކިހިނެއްތޯ، ކިހިނެއް ކަމަށް. ހުރިހާ ކަމެއްވެސް ކުރެވެނީ ފައިސާ ލިބުނީމާ. އިރާދަކުރައްވައިގެން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ވަރަށްބުރަ މަސައްކަތާ އެކުގައި، ދިވެހިރާއްޖޭގައި ރަނގަޅު އިޤްތިޞާދީ ނިޒާމެއް ޤާއިމް ކުރާން މިހާރު މިވަނީ ފެށިފައި.

ޓެކްސްގެ ނިޒާމެއް ލިބިގެން ނޫނިއްޔާ، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުކުރެވޭނެ. މިހާރު އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ބަޖެޓް ޚަރަދަކީ، 13.4 ބިލިއަން ރުފިޔާ، މިފަހަރުގެ ބަޖެޓަކީ. އެހެން ނަމަވެސް، އާމްދަނީގެ ގޮތުގައި ރާއްޖެއަށް ލިބެނީ 7 ބިލިއަން ރުފިޔާ. ދެން އޮތްހާ ބައެއް އަޅުގަނޑުމެން ހަމަޖައްސާން މިޖެހެނީ ދަރަނީގެ ގޮތުގައި. އެއީކީއެއް އެނގިވަޑައިގަންނަވާނެ، އަމިއްލަ ގެއަށް ބައްލަވާލެއްވިޔަސް އަދި އަމިއްލަ ސީދާ ކަންކަމަށް ބައްލަވާލެއްވިޔަސްވެސް، ދަރަނިވެރިވެގެން އަބަދަކު އެއްވެސް ބަޔަކަށެއް ނޫޅެވޭނެ. އަދި ދަރަނިވެރިވެވިގެން އުޅުމަކީވެސް ދެމެހެއްޓެނިވި ގޮތުގައި ޤައުމަކަށް ރަނގަޅު ކަމެއް ނޫން. މި ދިވެހިރާއްޖޭގެ މާލިއްޔަތު، އެހެން ގޮތަކަށް ބަދަލުކުރާން ކޮންމެހެންވެސް އަޅުގަނޑުމެންނަށް އޮތީ ޖެހިފައި. އެމަސައްކަތް މިހާރު މިދަނީ ކުރެވެމުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިއަންނަ އަހަރުގެ ބަޖެޓްގައި ދަރަނީގެ މިންވަރު، އެތައް ތަނަކުން ކުޑަވާނެ. އަޅުގަނޑު އުންމީދު ކުރަނީ، ދަރަނީގެ މިންވަރެއް ނެތް ބަޖެޓެއް އަޅުގަނޑުމެންނަށް ހޯދޭނެ ކަމަށް. އެހެން ނަމަވެސް، ތަރައްޤީގައި އަޅުގަނޑުމެން ކުރާންހުރި މަސައްކަތްތައް މަދެއް ނޫން. އެއްފަހަރާ ދަރަނި ފިލުވައިލުމަކީވެސް އިޤްތިޞާދީ މާހިރުން ފާހަގަކުރާ ގޮތުގައިވެސް އެހާ ބުއްދިވެރި ކަމަކަށް ނުވެދާނެ. އެހެންވީމާ، ދަރަނިވެސް އަޅުގަނޑުމެން ފިލުވަމުން ގެންދާނީ. ހަމަ އެއާއެކީގައި އިރާދަކުރެއްވިއްޔާ، ތަރައްޤީގެ މަސައްކަތްތައްވެސް އަޅުގަނޑުމެން ގެންދާނީ ކުރިއަށް.

ހޯރަފުށީގެ އެންމެ އިސްކަމެއް އަޅުގަނޑުދޭހިތްވާ އެއްކަމަކީ މަދްރަސާ. ހޯރަފުށީގެ މަދްރަސާގެ މިދަންނަވާހެން ތަޢްލީމީ ފެންވަރު، ދުވަހުން ދުވަހަށް ރަނގަޅުވަމުން އަންނަނީ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، 2009 ވަނަ އަހަރު ހޯރަފުށީގެ ނަތީޖާ، ކުރީ އަހަރަށްވުރެ 8 ޕަސެންޓް މައްޗަށް ގެންދިޔަ. އަދި 2010 ވަނަ އަހަރު 23 ޕަސެންޓް މައްޗަށް ގެންދިޔަ. މިހާރު މިދިޔަ އަހަރުގެ ހޯރަފުށީ މަދްރަސާގެ ނަތީޖާއަކީ އަޅުގަނޑުމެންގެ އެމް.ޑީ.ޕީ.ގެ ސަރުކާރުގެ އެއް ވަޢުދު ފުދިފައި އޮތް ނަތީޖާއެއް. އެއީ، އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން ފަސްދޮޅަސް ޕަސެންޓް ކުދިންނަކީ، ފަސް މާއްދާއިން ފާސްވާ ކުދިން ކަމުގައިވުން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ހޯރަފުށީ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް މަރްޙަބާ ދަންނަވަން.

ހޯރަފުށީ މަދްރަސާއަށް އިރާދަކުރެއްވިއްޔާ މިއަހަރު މި ބިނާކުރާ ކްލާސްރޫމްތަކާ އެކީގައި އެއްދަންފަޅިއަށް ބަދަލުވެގެންދާނެ. އޭގެއިތުރުން، އަޅުގަނޑުމެންނަށް ކުރީގައި ވިސްނާނުލެވިފައި ނުވަތަ ނުހިމެނި އޮތް ކަމެއް އެބަވޭ. ހޯރަފުށީގައިވެސް، ދިއްދޫގައިވެސް، އިހަވަންދޫގައިވެސް. ތިން ރަށުގައިވެސް މަދްރަސާ އެބަހަދާ. އަދި ކްލާސްރޫމް އެބަ އިތުރުކުރޭ. އެހެން ނަމަވެސް، ކްލާސްރޫމަށް ފާޚާނާއެއް އިތުރުވެފައެއް ނުހުރޭ. އަޅުގަނޑު މާދަމާ ހޯރަފުށީ މަދްރަސާގެ ފާޚާނާ ބަލައިލަން ބޭނުން. އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވޭ، އެހެންވީމާ، އެކުދިންނަށް ރަނގަޅަށް ކްލާސްރޫމްތައް ބޭނުންކުރުމަށްޓަކައި ދެން ބޭނުންވާ ވަސީލަތްތައްވެސް މަދްރަސާގައި ބެހެއްޓޭނެ ގޮތެއް އަޅުގަނޑުމެން ހޯދަން. އިރާދަކުރެއްވިއްޔާ، އެމަސައްކަތްވެސް އަޅުގަނޑުމެން ކުރާނަން.

އެނގިވަޑައިގަންނަވާނެ، ޞިއްޙީ ކަންކަމަކީ ރާއްޖޭގައި ވަރަށްގިނަ ބަޔަކު ވަރަށް ބޮޑަށް ރަނގަޅު ކުރުމަށް އެދޭ ކަމެއް. އަދި ސަރުކާރުންވެސް ވަރަށް ބޮޑަށް ރަނގަޅު ކުރުމަށް އެދޭ ކަމެއް. އަޅުގަނޑު މިވަގުތު ބޭނުން ދަންނަވާލަން. އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ސަރުކާރު ހިންގުމުގެ ކުރީގައި އަޅުގަނޑުމެންގެ އަމާޒަކީ ކޮބައިތޯ ޞިއްޙީ ކަންކަމާ ގުޅޭގޮތުން. އަޅުގަނޑުމެން އޭރުގައި ހިސާބުޖަހައި ބަލާފައި ވަރަށް ބޮޑަށް އަޅުގަނޑުމެން ދެންނެވިން، އަޅުގަނޑުމެން ފާހަގަކުރަމުން ގެންދިޔައިން.

ފުރަތަމަ ކަމަކަށްވާންވީ މިހާރު މިހުރި ފެންވަރުގެ ޞިއްޙީ ޚިދްމަތަށް ރާއްޖޭގެ ގިނަ މީހުންނަށް، އެ ޚިދްމަތްތައް ބޭނުންކުރެވޭނެ ގޮތެއް ހޯދަންވީއޭ. ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރުން އެއީ ކޮންމެހެން ބޭނުންތެރިކަމެއް. އެކަން އެއްގޮތަކަށްވެސް އޮޅިފައި އޮތީކީއެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ފެނުނީ، ޢުމުރުން ދޮށީ މީހުންނާއި، އެކަނިވެރި މައިންނާއި އަދި ޔަތީމު ކުދިންނާއި އަދި އެހެންވެސް މިސްކީނުން، ފަޤީރުންނަށް ގޮތެއް ނެތިގެން ވަރަށް ހާލުގައި އުޅެމުން އައިތަން. ޚާއްޞަކޮށް، އަޅުގަނޑުމެން އޭރު ދައްކަމުން ގެންދިޔަ އެއްވާހަކައެއް އެއީ، ބޭސް ސިޓީއަށް ސަލާންޖެހުން، ދިވެހިންގެ ތެރެއިން ފޮހެލުމަކީ އަޅުގަނޑުމެންގެ އަމާޒެކޭ. އެ ވިސްނުމުގެ ތެރެއިން [މަދަނަ] ނުވަތަ ހެލްތް އިންޝުއަރެންސެއްގެ ދަށުން ޞިއްޙީ ޚިދްމަތް ދެވެން ފެށުނީ. މިއަދު މިހާތަނަށް ހޯރަފުށްޓަށް މަދަނައިން ހޭދަކުރެވިފައިވާ ޢަދަދު، ހަމަގައިމުވެސް ހޯރަފުށީ ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާނެ. އެއީ، އެތައް މިލިއަން ރުފިޔާއެއް، ވަކިވަކި މީސްމީހުންގެ ބޭސް ސިޓީއަށް އަދި ބޭސްފަރުވާއަށް މިހާރު މިވަނީ ސަރުކާރުން އިރާދަކުރައްވައިގެން ޚަރަދު ކުރެވިފައި.

ސަރުކާރުގެ އަމާޒަކީ، އެ ހުރިހާ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު އަޅުގަނޑު ފާހަގަކޮށްފައި އޮންނާނެ، ރާއްޖޭގެ ހުރިހާ ރައްޔިތުން މަދަނައިގައި ޖެއްސޭނެ ނިޒާމެއް، ސަރުކާރުން ތަޢާރުފް ކުރާނެ. އެހެންވީމާ، މަދަނައިން ބޭސްފަރުވާ ނުލިބޭ ހޯރަފުށިވެސް އަދި ރާއްޖޭގެ އެއްވެސް ރަށެއްގެ އެއްވެސް ރައްޔިތެއް އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުއްސުރެ ފެށިގެން ނުހުންނާނެ. ހަމައެއާއެކީގައި، މިހުރި ޞިއްޙީ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީވެސް ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑުމެން އޭރުގައި ފާހަގަކުރީ، މި ބައެއް ރަށްރަށުގެ ހުންނަ ހެލްތް ސެންޓަރުން ނުވަތަ ހޮސްޕިޓަލުން އެތަނަކާއި، އެއަށްވުރެ ބޮޑު ހޮސްޕިޓަލަކާ މުވާޞަލާތީ ޒަރީޢާއިން ގުޅިގެން ވަރަށް ރަނގަޅު ޚިދްމަތްތަކެއް ދެވިދާނެ ކަމަށް. އެގޮތުން ސަރުކާރުން ފާހަގަކުރީ 36 ރަށެއް. އޭގެތެރެއިން އެއްރަށަކީ ހޯރަފުށްޓަކީ. ހޯރަފުށީގައި މިހާރު މިވަނީ އެ ޕްރޮޖެކްޓް އިރާދަކުރެއްވިއްޔާ، ނިމުމަކާ ހަމައަށް އައިސްފައި. ޓެލެ މެޑިސިންގެ ޚިދްމަތް، އަޅުގަނޑަށް އެބަ މާދަމާ ލިބޭ ތަޢާރުފް ކުރުމުގެ ނުވަތަ ފަށައިގަތުމުގެ ފުރްޞަތު. އަޅުގަނޑު މިކަމުގައި ދެން މާދަމާ އަޅުގަނޑަށް ހީވަނީ، އެކަން ފާހަގަކުރުން މުހިންމުހެން. ޑޮކްޓަރ އާމިނަތު ޖަމީލް ވަރަށް މަސައްކަތް ކުރައްވައިގެން ހޯއްދެވި ނިޒާމެއް. އަދި އެކިއެކި ފަރާތްތަކުގެ އެހީތެރިކަން އެނިޒާމު ތެރެއަށް ލިބިގެން، ސަރުކާރުގެ ބަޖެޓާ އެކީގައި އަޅުގަނޑުމެންނަށް މިހާރު އެމަސައްކަތް މި ކުރިއަށް ގެންދެވެނީ. އެހެން ނަމަވެސް، އެއްވެސް ސްކްރީނަކީ އަދި އެއްވެސް ޓެކްނޯލޮޖީގެ އެއްޗަކީ ޑޮކްޓަރެއްގެ ދެއަތްފަދަ އެއްޗެއް ނޫން. އެހެންވީމާ، ސީދާ ޑޮކްޓަރަކު، ބަލިމީހާއާ ކައިރީގައި ހުރުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށް އަޅުގަނޑުމެން ފާހަގަކުރަނީކީއެއް ނޫން. އެހެން ނަމަވެސް، ވީހާވެސް ރަނގަޅު ޚިދްމަތެއް، ވީހާވެސް ގިނަ ބަޔަކަށް، ވީހާވެސް ގިނަ ރައްޔިތުންނަށް ދެވޭތޯ ބެލުމަކީ، ސަރުކާރުގެ އަމާޒެއް. އެހެންވީމާ، ޒަމާނީ ޓެކްނޯލޮޖީ ބޭނުންކޮށްގެން، މިވަސީލަތްތައް މިހާރަށްވުރެ ބޮޑަށް ތަރައްޤީ ކުރުމުން، އަޅުގަނޑުމެންނަށް ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ޚިދްމަތެއް ލިބޭނެ ކަމަށް އަޅުގަނޑުމެން ދެކެން.

އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންނަށް ނުވާ އަދި ނުކުރެވިހުރި އަދި ކިތަންމެ ކަމެއް އެބަވާކަން. އަދި ހޯރަފުށީ ޒުވާނުންގެވެސް، ރައްޔިތުންގެވެސް އެތައް އެތައް އުންމީދުތަކެއް އެބަހުރިކަން. އަޅުގަނޑު އަބަދުވެސް ބޭނުންވަނީ، ތިޔަބޭފުޅުންގެ އެ އުންމީދުތައް އަދިވެސް މިހާރަށްވުރެވެސް މައްޗަށް ގެންގޮސްދެއްވުން. އަޅުގަނޑުމެންނަށް، ސަރުކާރަށް މަސައްކަތް ކުރެވޭނީ، ތިޔަބޭފުޅުންގެ އުންމީދުތަކަށް. އެހެންވީމާ، އެ އުންމީދުތައް އެއީ، ޙަޤީޤަތަކަށް ހެދުމަށް އަބަދުވެސް މަސައްކަތް ކުރުން ސަރުކާރުގެ ބޭނުމަކީ. ތިޔަބޭފުޅުންގެ އުންމީދުތައް، އެހުރި މިންވަރަކަށް އަޅުގަނޑުމެންނަށް، އެ އުންމީދުތަކަކާ އެއްވަރަކަށް އަޅުގަނޑު ހިތުން އުނދަގޫވާނެ އަޅުގަނޑުމެންނަށް ދާން. އެހެން ނަމަވެސް، ވީމިންވަރަކަށް މަސައްކަތް ކުރެވޭނީ، ރައްޔިތުންވެސް އެދޭ މިންވަރުވެސް އަޅުގަނޑުމެންނަށް ސާފުވަމުން އަންނަ މިންވަރަކަށް.

ރަށު ކައުންސިލް މިހާރު މިވަނީ ރަށުގައި އިންތިޚާބު ކުރެވިފައި. އެހެންވީމާ، ކައުންސިލްގެ މަސައްކަތަކީ، ވަރަށް ބޭނުންތެރި މަސައްކަތެއް. މުހިންމު މަސައްކަތެއް. އަޅުގަނޑު ބޭފުޅުންނަށް ދަންނަވާލަން، ހޯރަފުށީ ރައްޔިތުންނަށްވެސް އަދި އެހެން ކައުންސިލްތަކާ ގުޅޭގޮތުންވެސް. ކައުންސިލްތަކުގައި އިންތިޚާބުވެފައި ތިއްބެވި ވަރަށްގިނަ ބޭފުޅުންނަކީ، ހަމަ ޝައުޤުވެރިކަމާ އެކީގައި އެކަން ކުރަން ކުރިމަތިލީ ބޭފުޅުން. އަދި އެކަން ކުރުމަށް، ރަނގަޅު ގޮތުގައި ކުރުމަށް މަސައްކަތްވެސް ކުރާ ކައުންސިލަރުން. އެހެން ނަމަވެސް، މި ރާއްޖޭގައި މިގޮތަށް ވެރިކަން ކުރުން މިއީ ވަރަށް އާކަމެއް. ހަމަ ދާދި މިދާކަށް ދުވަހު ފަށައިގަނެވުނު ކަމެއް. އެހެންވީމާ، ކައުންސިލަރުންނަށްވެސް އާކަމާއި، ދަތިތަކާ، މިއިން ކިތަންމެ ކަމެއް އެބަފޯރާ. ދެން އަޅުގަނޑު ދަންނަވާހިތެއްނުވޭ، ރައްޔިތުން ކެތްކުރުމަކަށް. އަޅުގަނޑު ދަންނަވާހިތްވަނީ، ކައުންސިލަރުންނަށް، އެ އާކަމަށް ކެނޑި، އަދި ބާރަށްވުރެ މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރުމަށް ކައުންސިލަރުންވެސް ނުކުންނަވާންޖެހޭނޭ. އަދި ހަމައެހެންމެ، ރައްޔިތުންވެސް، ކައުންސިލަރުންގެ ކަންކަންވެސް ބަލަމުން ގެންދިޔުމަކީ، ބޭނުންތެރި ކަމެއް. ރައްޔިތުންގެ މަޖިލީހުގެ ކަންކަން ބަލާނެ ވަރަށްގިނަ ފަރާތްތައް އެބަތިބި. ސަރުކާރުގެ ކަންކަން ބަލާނެ ބޮޑު ރައްޔިތުންގެ މަޖިލީހެއް އެބައޮތް. އެހެން ނަމަވެސް، ކައުންސިލްތަކަށް ފާރަވެރިވާނެ ސީދާ ބައެއް ނެތް، ސީދާ ރައްޔިތުން ފިޔަވައި. އެހެންވީމާ، ރައްޔިތުން ކައުންސިލްތަކަށް ފާރަވެރިވާނެ. ވީމާ، އެކަމާ ކައުންސިލަރުން ކަންބޮޑުވެލައްވައިގެން ނުވާނެ. ނުވަތަ ނުރުހި ތިއްބަވައިގެންވެސް ނުވާނެ. އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަން ޖެހޭނެ، ރައްޔިތުން ދައްކާ ވާހަކަކަން އަޅުގަނޑުމެން އަޑުއަހާން ޖެހެނީ. އަދި ރައްޔިތުން އެދޭ ކަންކަން ކަން އަޅުގަނޑުމެން ކުރުމަށް މަސައްކަތް ކުރާން ޖެހޭނީ.

މިރަށުގައި މިއަދު ހޯރަފުށީގައި އަޅުގަނޑުމެންނަށް ޤައުމީ އިދާރާގެ ޔުނިޓެއް މިހުޅުވެނީ. އެއީ އެނގިވަޑައިގަންނަވާނެ، އިހަވަންދިއްޕޮޅުގައި އެއީ، ދިހަހާހެއްހާ ގިނަ މީހުން ދިރިއުޅޭ އަތޮޅެއް މިއަތޮޅަކީ. މިއަތޮޅުގެ ތެރޭގައި، ރަށްވެރިކަން މީގެކުރީގައިވެސް ވަރަށް ބޮޑަށް މިވަނީ ތަރައްޤީވެފައި. އެންމެ ބޮޑަށް ތަރައްޤީވެފައި އޮތް އެއްރަށަކީ ހޯރަފުށި. އެއީ އަޅުގަނޑު ހިތުން ދިވެހިރާއްޖޭގެ ރަށްތަކާއި، ރާއްޖޭގެ ތާރީޚާއި، ރާއްޖެއަށް ވެފައި އޮތް ގޮތް އެނގޭ އެއްވެސް މީހަކަށް އޮޅިފައި އޮންނާނޭ ކަމެއް ނޫން. ހޯރަފުށީގެ ރަށްވެރިކަމާއި އަދި ހޯރަފުށީގެ ސަބަބުން މުޅި ރާއްޖެއަށް އޭގެ ފައިދާ ކުރާކަން އެއީ އަޅުގަނޑުމެން އަބަދުވެސް ދެނެތިބޭ ކަމެއް. ހަމަގައިމުވެސް ހޯރަފުށީގެ ރީތި ސާދާ އަދި އެހާމެ ފަރި ޅެންވެރިކަމަކީ އަޅުގަނޑުމެން އެންމެންނަށްވެސް އެއިން އުފާވެރިކަމާއި ހިނިތުންވުން ލިބޭ ކަމެއް. އަޅުގަނޑުމެން މިއަދު މިރަށަށް އަރައިގެން އައިއިރުގައި، އެ ޅެންވެރިކަމުގެ އެތައް އެތައް ހުނަރެއް އަޅުގަނޑުމެންނަށް ފެނިގެންދިޔަ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރީގައި ދަންނަވާލަން ބޭނުން. އަޅުގަނޑަށް ސާފުވެފައޭ އޮންނަނީ، ޒުވާނުން ބޯޅަދަނޑާ ގުޅޭގޮތުން ކުރާ އުންމީދުވެސް. އެހެންވީމާ، އަޅުގަނޑުމެން އޭރުގައި ދެކެފައި އޮންނާނެ، ބަނދަރު ހެދެމުންދާއިރުގައި، ބޯޅަދަނޑުގެ މަސައްކަތެއް ހިނގަންޖެހޭނެ ކަމަށް. އެއީ، ގިނަފަހަރަށް ބޯޅަދަނޑަށް ވެފައި މިއޮންނަނީ ފަސްދޫވެފައި އޮތުން. އެކަމަކު ބަނދަރު ހަދާއިރުގައި، ބޯޅަދަނޑަށް، އެތަނަށް ވެލި އެޅުމުން، ދެން ބޯޅަދަނޑު ހަރުވޭ. ދެން އެހެން ނަމަވެސް، އޭގެ ސަބަބުން ނުކުންނަ އެތައް އުނދަގޫތަކެއްވެސް އެބަހުރޭ. ކޮންމެއަކަސް ތަރައްޤީއަށްޓަކައި އަޅުގަނޑު ދެކޭގޮތުގައި، ސަރުކާރު ދެކޭގޮތުގައި ވަރަށް ބޭނުންތެރި ކަމެއް އެއީ، ކުޅިވަރު. ކުޅިވަރަކީ އަޅުގަނޑުމެންނަށް ބަލިވާން ދަސްކޮށްދޭވެސް ކަންކަން. އަދި މޮޅުވީމާ ހިތްތިރި ކުރާން ދަސްކޮށްދޭ ކަމަކީވެސް ކުޅިވަރު. އަޅުގަނޑުމެން ކުޅިވަރަށްދޭ އަހަންމިއްޔަތު ކަމާއި އަދި އެކަން، ބޯޅަދަނޑު ތަރައްޤީ ކުރުމަށް ކުރާ މަސައްކަތްތައްވެސް އިރާދަކުރެއްވިއްޔާ، ސަރުކާރުން ކުރަމުން ގެންދާނަން.

ދެން އަޅުގަނޑު ކުރީގައި ނިންމާފައި އޮތީ ކައުންސިލާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް. އަޅުގަނޑު ރައްޔިތުންނަށް ދަންނަވާލަން ބޭނުން. އެހެން އަޅުގަނޑު އަލަށް ހަދާން މިފެށެނީ، އަޅުގަނޑުވެސް ބޭނުން، ހުރިހާ ރައްޔިތުންނާ އެއްފަހަރާ ބައްދަލުވެ ވާހަކަ ދައްކައި ހަދަން. ވަރަށް ބޮޑަށް އަޅުގަނޑު ބޭނުންވޭ. އެހެން ނަމަވެސް، ރައްޔިތުންގެ ފަރާތުން ބަޔަކު ރައްޔިތުން އެބަ އިންތިޚާބުކުރޭ. އެހެންވީމާ، އެމީހުން މެދުވެރިކޮށް ވާހަކަ ދެއްކުމުގެ ޘަޤާފަތަކާއި ގޮތެއް އާލާކުރުމަކީވެސް އަޅުގަނޑު މަސައްކަތްކުރާހިތްވާ ކަމެއް. އެހެން ނަމަވެސް، އަޅުގަނޑުގެ ހިތްވަރު ދެރަކަމުންނާ އެކީގައި، މާދަމާ އަޅުގަނޑު ޤަޞްދުކުރީ ރައްޔިތުންނާވެސް ބައްދަލުވެލައި ވާހަކަ ދައްކާލުން. އެއީ އުޞޫލެއްގެ ގޮތުން ކުރާ ކަމެއް ނޫން. ހޯރަފުށީގައި ކުރާ ކަމެއް. އެހެންވީމާ، ހޯރަފުށީ ރައްޔިތުންނަށް އަނެއްކާވެސް ތިޔަ ބަހައްޓަވާ މެހްމާންދާރީ ކަމަށާއި، އަޅުގަނޑުމެންނާ ދޭތެރޭގައި ބަހައްޓަވާ އޯގާތެރިކަމާއި ރަޙްމަތްތެރި ކަމަށް އަޅުގަނޑުމެންގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ! والحَمْـدُ لِلّـهِ.