بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 14 އޮކްޓޯބަރ 2011 ވީ ހުކުރު ދުވަސް. އަޅުގަނޑު ތިޔަބޭފުޅުންނާ މިއަދު ބައްދަލުވާއިރު، އަޅުގަނޑު ހަމަ ދާދި ދެންމެއަކުހެން މިއައީ ފަރަންސޭސިވިލާތުން. ފަރަންސޭސިވިލާތަށް އަޅުގަނޑުމެންނަށް މިފަހަރު ކުރެވުނު ދަތުރަކީ، އެދަތުރުގެ ސަބަބުން އަޅުގަނޑަށް ހަމަ ޔަޤީނުން ކަށަވަރު، އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީގެ އެތައް ކަމަކަށް ވަރަށް ބޮޑެތި ފުރްޞަތުތަކެއް ހުޅުވިގެން ހިނގައްޖެ.

ފުރަތަމަ އަޅުގަނޑުމެން ބައްދަލުކުރިން، ފަރަންސޭސިވިލާތުން ރާއްޖެއަށް އަންނަ ގިނަ ޓުއަރ އޮޕަރޭޓަރުންނާ. އެބޭފުޅުންގެ ވާހަކަތައް އަޅުގަނޑުމެން އަޑުއެހިން. އަދި ފަރަންސޭސިވިލާތުން ރާއްޖެއަށް ގިނަ ޓުއަރިސްޓުން ގެނެވޭނެ ގޮތްތަކަކީ ކޮބައިތޯ އަޅުގަނޑުމެން ދެނެގަތިން. އެއަށްފަހު، އަޅުގަނޑުމެން ބައްދަލުކުރިން އެއަރ ފްރާންސްގެ ވައިސް ޕްރެޒިޑެންޓާ. އަދި އަޅުގަނޑުމެން މަސައްކަތް ކުރިން، އެއަރ ފްރާންސްގެ ބޯޓެއް، ޝެޑިއުލް ބޯޓެއް ރާއްޖެއަށް ގަވާއިދުން އާދެވޭނެ ގޮތެއް ހޯދުމަށް. އަޅުގަނޑަށް މިވާހަކަތަކުން ފެނުނީ، އެއަރ ފްރާންސްގެ ބޯޓް، ރާއްޖެއަށް ވަރަށް ކައިރި މުސްތަޤްބަލެއްގައި، އެބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، އެބޭފުޅުން މިކަމުގެ ތެރެއަށް ދިޔުމަށް ނިންމުމުގެ ފަހުންވެސް އަދި ހައެއްކަ މަސް، އެބޭފުޅުންނަށް ސީދާ ޢަމަލީގޮތުން ފަށައިގަތުމުގެ ކުރީގައި، ހައެއްކަ މަސް ނަގާނެ ކަމަށް މިފެންނަނީ. އެހެން ނަމަވެސް، އަޅުގަނޑު މިދެކެނީ، 2012 ވަނަ އަހަރުގެ ފިނި މޫސުމަށް، ޔޫރަޕްގެ ފިނި މޫސުމަށް، އިރާދަކުރެއްވިއްޔާ، އެއަރ ފްރާންސް، ރާއްޖެއަށް ޝެޑިއުލް ބޯޓެއް ދަތުރުކުރަން ފަށާނެ.

އެނގިވަޑައިގަންނަވާނެ، މިހާރު ރާއްޖެއަށް ފަރަންސޭސިވިލާތުން މިއަންނަނީ ގާތްގަނޑަކަށް ސާޅީހެއް ހާސް ޓުއަރިސްޓުން. އަޅުގަނޑުމެންގެ އަމާޒަކީ، އެ ޢަދަދު ދެގުނަކޮށް، އިނގިރޭސިވިލާތުންވެސް މިހާރު މިއަންނަ ޢަދަދަށް ފަރަންސޭސިވިލާތުންވެސް ޓުއަރިސްޓުން ގެނައުމުގެ މަސައްކަތް ކުރުން. އަޅުގަނޑުމެން މިދެކެނީ، މިމަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބުވާނެ ކަމަށް.

ފަރަންސޭސިވިލާތުގައި އަޅުގަނޑުމެން ދެން ހަމަ އިތުރަށް ބައްދަލުކުރިން، ފަރަންސޭސި އެންވަޔަރަންމަންޓް މިނިސްޓަރާވެސް. އަދި ފަރަންސޭސި ފޮރިން މިނިސްޓަރާވެސް. ފަރަންސޭސި އެންވަޔަރަންމަންޓް މިނިސްޓަރާ އެކުގައި ޕެރިސް – ނައިރޯބީ އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ބައިވެރިވެއްޖައިމު. އޭގެ ސަބަބުން މިހާރު ފަރަންސޭސިވިލާތުން އެފްރިކާއަށް އެ ދޭ ގިނަގުނަ ބާވަތްތަކުގެ އެހީތައް ފަދައިން، ދިވެހިރާއްޖެއަށްވެސް އެބާވަތުގެ މަޝްރޫޢުތައް ހިންގުމުގެ ފުރްޞަތު ހުޅުވިގެންދާނެ. ވަކިން ޚާއްޞަ ގޮތެއްގައި، މިކަން ފާހަގަވެގެންދާނީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އިޢާދަކުރަނިވި ހަކަތައިގެ ޕްރޮގްރާމްތަކުގަޔާއި، އަދި ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމާއި އަދި ފެނުގެ މަސައްކަތްތަކުގައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިދެންނެވި އެގްރީމަންޓުން އެއީ ޕެރިސް – ނައިރޯބީ އިނީޝިއޭޓިވްގައި އަޅުގަނޑުމެން ބައިވެރިވުމާ ގުޅިގެން، އަޅުގަނޑުމެންނަށް އެއިން އެތައް ފުރްޞަތުތަކެއް ހުޅުވިގެންދާނެ.

ހަމައެހެންމެ، މިދަތުރުގައި އަޅުގަނޑު ފަރަންސޭސި ތަރައްޤީއަށް މަސައްކަތްކުރާ އޭޖެންސީ، އޭ.އެފް.ޑީ، އެ އޭޖެންސީގެ އިސްބޭފުޅުންނާވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން. އަޅުގަނޑުމެންނަށް މިހާރު ފެނިފައިވަނީ، އެ އޭޖެންސީގެ ފަރާތުން މިހާރު ހިންގުމަށް މަޝްވަރާ ކުރަމުންމިދާ އިތުރު ދެ ނަރުދަމާގެ މަސައްކަތް، އެއީ ތިނަދޫ ނަރުދަމައާއި، ލ. ގަމުގެ ނަރުދަމާގެ އިތުރުން އަޅުގަނޑުމެންނަށް އަދި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކެއް، އެބޭފުޅުން ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ފެހި ސިގްނަލް މިވަނީ ދެއްވާފައި. އެހެންވީމާ، މީގައި ދެން އޮތީ އަޅުގަނޑުމެން މާލޭގައި ތިބެގެން، ވަރަށް ގިނަގުނަ މަސައްކަތް ކޮށްގެން، ޕްރޮޖެކްޓްތައް، ފޮރިން އެފެއާޒް މެދުވެރިކޮށް، އެ ދާންޖެހޭ ފަރާތްތަކަކަށް ގެންގޮސް، އަޅުގަނޑުމެން އެކަން ކާމިޔާބު ކުރުން. އެހެންވީމާ، އަޅުގަނޑު މިދެކެނީ، އެއީވެސް އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށް.

އަދި ހަމަ އޭގެއިތުރުން، ފަރަންސޭސި ފޮރިން މިނިސްޓަރާ އެކުގައި ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު. އެބޭފުޅުން ލީބިޔާގެ މައްސަލައިގައި، އަޅުގަނޑުމެން ފަރަންސޭސިންނާ އެކުގައި ތިބި ތިބުމަށް ވަރަށް ބޮޑަށް މަރްޙަބާކީ. އަޅުގަނޑުވެސް ދިވެހި ސަރުކާރުގެ ފަރާތުން ފަރަންސޭސި ސަރުކާރުން ލީބިޔާ ރައްޔިތުންނަށްޓަކައި ކޮށްދެއްވި ކަންތައްތަކަށް ޝުކުރު ދެންނެވިން.

އަޅުގަނޑުމެންގެ މިދަތުރުގެ ތެރޭގައި، މިމަސައްކަތްތައް ހިނގަމުންދިޔައިރުގައި، އިރާދަކުރައްވައިގެން، މިފަހަރު ޓުއަރިޒަމް އިންޑަސްޓްރީގެ ބޭފުޅުންވެސް ދަތުރުގައި ބައިވެރިވެވަޑައިގެން އަދި އެންވަޔަރަންމަންޓް މިނިސްޓަރ އަސްލަމްވެސް ދަތުރުގައި ބައިވެރިވެވަޑައިގަންނަވައިގެން، ވަރަށް ރަނގަޅު މަސައްކަތްތަކެއް މިވަނީ އިރާދަކުރައްވައިގެން ކުރެވިފައި.

ކުރީ ހަފްތާގައިވެސް އަޅުގަނޑު ދަންނަވާލި ފަދައިން، މާދަމާ ނޫން އަނެއް ދުވަހަކީ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް. އެދުވަސް އަޅުގަނޑުމެން މިފަހަރު މިފާހަގަކުރަނީ، ނ.އަތޮޅު ކެނދިކުޅުދޫގައި. އެދުވަސް އަޅުގަނޑުމެން ފާހަގަކުރަން ތައްޔާރުވެފައިވާއިރު، މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ އެންމެހާ ދިވެހިންނަށް އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. ފަހުގެ ތާރީޚްތަކުގައި އަޅުގަނޑުމެންނަށް ފާހަގަވެފައިވަނީ، ކާބޯތަކެއްޗާ ގުޅުންހުރި މުހިންމު މި ދެދާއިރާގައިވެސް ޒަމާނީ އަދި ފަންނީ ކުރިއެރުންތަކުގެ ލާބައާއި މަންފާ ލިބެމުންދާތަން.

ދަނޑުވެރިކަމުގައި އަޅުގަނޑުމެންނަށް މިވަނީ ދަނޑަށް ފެން ދިނުމާއި، ގަސްގަހަށް މެދުވެރިވާ އެކި ބަލިބައްޔަށް ފަރުވާދިނުމާއި، ގަސްގަހުގައި އަޅާ ބާވަތްތައް، އިހުނަށްވުރެ އިތުރުކުރުމުގެ ހުނަރުތަކުގައި، އެތައް ތަނަކުން ކުރިއެރުން ހޯދިފައި. ރާއްޖޭގައި ހެއްދޭ ބާވަތްތަކާއި އަދި ދަނޑުވެރިކަން ކުރެވިދާނެ ބިންބިން މިހާރު މިވަނީ ފާހަގަކުރެވިފައި. އެހެންކަމުން، ފާއިތުވި ރޯދަމަހުވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ދިވެހި ދަނޑުވެރިކަމުގެ ފޮނި މީރުކަމާއި، ތަރުކާރީއާއި މޭވާ، ވަރަށް އެދެވޭ ނިސްބަތަކުން ލިބެމުންދިޔަތަން.

ހަމައެހެންމެ، މިފަހަރުގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން، ސަރުކާރުން ހިންގާ އަނެއް މަޝްރޫޢަކީ، ދިރުވައި އާލާކުރެވޭނެ ކަނޑުގެ ދިރުންތަކާއި، ފަރު ފަޅުތަކާއި، ފަންނީ އެކި ހުނަރާއެކު އުފެއްދޭ ކަނޑުރޯދި އިތުރުކުރުން މިވަނީ މިދާއިރާގެ ކުރިއެރުމަށް ނުހަނު ބޭނުންތެރިވެފައި. އަމިއްލަ ފަރާތްތަކާއި ސަރުކާރާ ގުޅިގެންވެސް މިދެންނެވި ފަރު އަދި ފަޅުތަކުގައި އެކުލެވިދާނެ ކަނޑުރޯދި އިތުރުކުރުމަށް ގިނަގުނަ މުހިންމު މަސައްކަތްތަކެއް މިހާރުވެސް ކުރިއަށް ގެންދެވޭކަން އަޅުގަނޑު ފާހަގަކޮށްލަން. ދިވެހި ބިންބިމާއި ފަރު ފަޅު، ކަނޑުތަކުން ލިބެވޭންހުރި ތަނަވަސްކަން، ދިވެހި ރައްޔިތުންނަށް އިޢާދަ ކުރުމުގައި ސަރުކާރުން ކުރެވޭންހުރި ހުރިހާ ކަމެއް، މިގެންދަނީ ކުރެވެމުން ކަމަށާއި، އަދި އެގޮތުގައި މި ސަރުކާރުން އަބަދުވެސް ހިތްވަރާ އެކުގައި މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އަޅުގަނޑުމެންގެ ކަނޑުން ނަގާ ތަކެތި ނުވަތަ ފަރުގައި އުފައްދާ ދިރުމުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި، ޚާއްޞަ ގޮތެއްގައި، މިމަސައްކަތް މިކުރެވެނީ، ހުއިފިލަނޑާ އާލާކޮށް ދިރުވުމަށް. އަޅުގަނޑު ކުރީ ހަފްތާގައިވެސް ފާހަގަކޮށްފައިވާނޭ ފަދައިން، ކެނދިކުޅުދޫގެ މިފަހަރުގެ މަސްވެރިންގެ ދުވަހުގެ އިޙްތިފާލްތަކުގެ ތެރޭގައި، ކެނދިކުޅުދޫގައި ހުއިފިލަނޑާ، މީގެ ދެއަހަރެއް ކުރީގައި، ކެނދިކުޅުދޫ ކުޅިއަށް ލެވިފައިވާ ފަނިން އުފެދިފައިވާ ހުއިފިލަނޑާ ނެގުން އޮންނާނެ. އަދި އެކަމާ ގުޅޭ އިތުރު ތަފްޞީލުތަކާއި އަދި އެކަންކަން ކުރިއަށް ގެންދާނެ ގޮތްތަކުގެ މަޢްލޫމާތުވެސް ޢާންމުވެގެން އިރާދަކުރެއްވިއްޔާ ގެންދާނެ.

އަޅުގަނޑު އެދެނީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑު އެދެނީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم