ސާކްގެ ކުރިއެރުމަށް ބޭނުންވަނީ އެއްބަސްވުންތަކެއް ނޫން ކަމަށާއި، ތަރައްޤީގެ މަގުގައި ހަރުދަނާ ޢަމަލީ މަސައްކަތްތަކެއް ފެނިގެން ދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ހެނދުނު ޓްރޭޑަރސް ހޮޓެލްގައި ބޭއްވި ސާކްގެ ހިންގުން ހަރުދަނާ ކުރުމާބެހޭ ބައްދަލުވުމެއް ކަމަށްވާ "ކޮންސަލްޓޭޓިވް މީޓިންގ އޮން ސްޓްރެންގތަނިންގ ސާކްސް އިންސްޓިޓިއުޝަނަލް މެކޭނިޒަމް" އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސާކް ޤައުމުތަކުގެ އިސްވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުނު ކަމުގައިވިޔަސް، އެކުގައި މަސައްކަތް ކުރެވޭނެ ކަހަލަ ވެށްޓެއް ޤާއިމްކުރެވެން ޖެހޭނެ ކަމަށާއި، މީގެ 25 އަހަރު ކުރިން ސާކް އުފެދިގެން އައީ، ސާކް ޤައުމުތަކުގެ ރައްޔިތުންގެ ވަރަށް ފޮނި އުއްމީދުތަކަކާ އެކުގައި ކަމަށް ވިދާޅުވިއެވެ. އަދި އެ ރައްޔިތުން އެދޭ ގޮތަށް އެ ރައްޔިތުންނަށް ރަނގަޅު، ފާގަތި މުސްތަޤްބަލެއް ހޯދައިދިނުމަކީ، ހުރިހާ ޤައުމުތަކުގެ އިސްވެރިންގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވެ، އެކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. އަދި އެންމެން އެކުގައި މަސައްކަތް ކޮށްފިނަމަ، މިއުންމީދުތައް ޙާޞިލުނުވެ ނުދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ އާމްދަނީގެ ބޮޑު ބައެއް، މީގެކުރިން އިމްޕޯޓް ޑިއުޓީއަށް ބަރޯސާވެފައި އޮތް މިންވަރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލައްވަމުން، ސަރުކާރުން މިހާރު މިކަން ބަދަލުކުރައްވަމުން ގެންދަވާ ކަމަށާއި، ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް ހޯއްދަވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. މިފަދަ ބަދަލުތަކަކީ، ސިޔާސީ ގޮތުން ގެންނަން ފަސޭހަ ބަދަލުތަކަކަށް ނުވިކަމުގައިވިޔަސް، އިޤްތިޞާދީ ތަރައްޤީއަށް ގެންނަންޖެހޭ ކޮންމެ ބަދަލެއް ގެނައުމުގައި ފަސްނުޖެހުމަށް ސާކްގެ އެހެން ޤައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރު ސާކް ސަމިޓުގެ ޝިޢާރު ކަމަށްވާ "ބިލްޑިންގ ބްރިޖަސް" އާ އެއްގޮތަށް، އެކި ޤައުމުތަކުގެ މެދުގައިވާ ދޭދޭ ގުޅުންތައް، އިތުރަށް ހަރުދަނާވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.