އަންނަ އަހަރުގެ ބަޖެޓުގެ ވަރަށްބޮޑު ނިސްބަތެއް، ޞިއްޙަތާއި ތަޢްލީމީ ދާއިރާގެ ތަރައްޤީއާއި ކުރިއެރުމަށް ސަރުކާރުން ޚަރަދު ކުރެއްވުމަށް މިހާރުވެސް ކަނޑައަޅުއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، އަންނަ އަހަރުގެ ބަޖެޓު އެކުލަވާލެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ދައުލަތަށް އެކިގޮތްގޮތުން އިތުރުވެ ބޮޑުވެގެންދާ ތަނަވަސްކަން ރައްޔިތުންނަށް އިޢާދަކުރުމާއި، ޚަރަދުތައް ކުޑަކުރުމާއި، ދައުލަތުގެ ދަރަނި ކުޑަކުރުމާއި، ރައްޔިތުންނަށް އިޖްތިމާޢީ ޙިމާޔަތާއި ޚިދްމަތްތައް ފޯރުވައިދިނުން، ވަރަށްމަތީ ދަރަޖައެއްގައި ބަޖެޓްގައި ހިމެނިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ބަޖެޓުގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ބަޖެޓާމެދު ވަޒީރުންނާއި ސަރުކާރުގެ އޮފީސްތަކުގެ ވެރިންގެ ބައްދަލުވުންތަކުގައި މަޝްވަރާ ކުރައްވައި، މިއަހަރު ޖީ.ޑީ.ޕީ.ގެ ނުވަތަ ޤައުމީ އުފެއްދުންތެރިކަމުގެ ގޮތުން ބަޖެޓްގެ ޑެފިސިޓް އަންދާޒާ ކުރައްވާފައި ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ ޚަރަދުތައް އެކަށީގެންވާ ދަރަޖައަކަށް ވަރަށްގިނަ ދިމަދިމާއިން ކުޑަކުރެވިފައިވާކަން އެ އަންދާޒާއިން އެނގޭކަމާއި، ވަޢުދުތައް ފުއްދަވައި ދެއްވުމަށާއި، ރައްޔިތުން އިސްކަންދޭ ޚިދްމަތްތައް ރައްޔިތުންނަށް ފޯރުވައިދީ، އެކަންކަން ހިންގުމަށްޓަކައި ބަޖެޓް ބައްޓަން ކުރެއްވުމުގެ މަސައްކަތް ސަރުކާރުގެ މައިގަނޑު 32 ޕްރޮގްރާމެއްގެ ތެރެއިން ފެށިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. "ސަރުކާރުގެ ބަޖެޓް މިހާރު މިވަނީ ސީދާ އެކަންކަން އެއީ، އަމާޒުތައް ކަމުގައި ޙާޞިލްވަމުންދާނެ މޭރުމަކަށް ބައްޓަން ކުރެވިފައި. އެހެންކަމުން، ތަފާތު ވުޒާރާތަކާއި އޮފީސްތަކަށް ބަޖެޓް ހެދުމުގެ ބަދަލުގައި، ބަޖެޓް މިހާރު އެކުލެވިގެންދާނީ އޮފީސްތައް ތަމްސީލުވާނޭ މޭރުމުން. ނަމަވެސް، ސީދާ ރައްޔިތުންނަށް އަމާޒުކުރެވޭ، އެ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޖީ.ޑީ.ޕީ.ގެ ނިސްބަތުން ބަޖެޓް ޑެފިސިޓްގެ ގޮތުގައި މީގެކުރީގައި މިއަހަރަށް ފާހަގަކުރީ 11 ޕަސެންޓް ކަމަށާއި، އެ ނިސްބަތް، އެއަށްވުރެ ތިން ހަތަރު ދަރަޖައަށް ކުޑަކުރެވިފައިވާކަން މިހާރުވަނީ ފާހަގަކުރެވިފައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އުންމީދަކީ، އަހަރު ނިމެންވާއިރަށް ބަޖެޓްގެ ޑެފިސިޓް އެއީ ދެއަކުރުން ބަޔާންކުރަންޖެހޭ ޢަދަދެއްގެ ބަދަލުގައި، އެއް އަކުރުގެ ޢަދަދަކަށް، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ގެންނެވުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ނިމިދިޔަ ހަފްތާގައި މުދަލާއި ޚިދްމަތުން ޖީ.އެސް.ޓީ ނެގުމުގެ އިންތިޒާމްތައް، އޮމާންކަމާއެކު ހިނގާން ފަށާފައިވާކަން ފާހަގަކުރައްވަމުން، މި ޓެކްސްއިން އިތުރުކޮށްދޭނީ، ދައުލަތުގެ ތަނަވަސްކަން ކަމަށާއި، މި ތަނަވަސްކަން އިޢާދަވެގެންދާނީ އަނބުރާ ރައްޔިތުންނަށް ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، އާމްދަނީ ނިސްބަތުން މަދުން ލިބޭ ދިވެހިންނަށް ދައުލަތުން ފޯރުކޮށްދޭ ޙިމާޔަތާއި، އެހީތެރިކަމާއި، ޞިއްޙީ ފަރުވާއާއި، ރައްކާތެރިކަމާއި، ޚިދްމަތްތަކާއި، ރައްޔިތުންނަށް ކޮންމެހެން ބޭނުންތެރި ތަރައްޤީގެ އެކި މަސައްކަތްތަކަށް ހޭދަކުރެވޭނީވެސް، ދައުލަތުގެ މިދެންނެވި ތަނަވަސްކަމުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި އަހަރުގެ ކާބޯތަކެތީގެ ދުވަހާއެކު، މަސްވެރިންގެ ދުވަސްވެސް ފާހަގަކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވުމާއެކު، އެކަމުގެ މައްޗަށް މިއަދުގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހު، މިރަސްމިއްޔާތު ނ. އަތޮޅު ކެނދިކުޅުދޫގައި ބޭއްވުމަށް ހަމަޖެހި، އެރަސްމިއްޔާތާ ގުޅިގެން އެރަށުގައި ވަރަށް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، އަކްއަރކަލްޗަރ ނުވަތަ ފަޅުތެރޭގައި އުފެއްދޭ ކަނޑުގެ ބާވަތްތަކުގެ ރޯދި ނުވަތަ ފައިދާ ހޯދޭނެ ގޮތްތައް ދެނެގަތުމާބެހޭ ޕްރޮގްރާމެއް އެރަށުގައި ހިންގުމަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިހާތަނަށް އެފަދަ މަސައްކަތުން ލިބޭ ފައިސާ އަދި ނުވަތަ ލިބޭ އާމްދަނީ މަދުކަމުގައި ވިޔަސްވެސް، މި އާމްދަނީއަކީ އެތައް ގުނައަކުން ބޮޑުކުރެވެން އޮތް އާމްދަނީއެއްކަން މިހާރު އެނގޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް، ހުއިފިލަނޑާ އާލާކޮށް، އެ ހުއިފިލަނޑާ ނަގައި، އެ ހުއިފިލަނޑާ އެކްސްޕޯޓް ކުރުމުގެ މަސައްކަތަކީ، މި ރާއްޖޭގައި ވަރަށް ފުޅާކޮށް ކުރެވޭނެ މަސައްކަތެއްކަން މިއަހަރުގެ ކާބޯތަކެއްޗާއި މަސްވެރިންގެ ދުވަހުން ފާހަގަވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ޚިޠާބު ކުރިއަށް ގެންދަވަމުން، ކެނދިކުޅުދޫގެ ކުޅި ނުވަތަ އަދި ހަމަ އެއަތޮޅުގެ އެތައް ތަނަކަށް މީގެ ދެއަހަރު ކުރީގައި ހުއިފިލަނޑާގެ ފަނި ތަޢާރުފް ކުރެވިފައވާކަން ބަޔާންކުރައްވަމުން، އެރަށުގެ ރައްޔިތުންނަށް އެތައް ފައިދާއެއް ލިބޭނެ ގޮތަށް، އެތައް ހާސް ހުއިފިލަނޑާއެއް އެރަށުން ނެގިގެންދާތަން މި އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހު އިރާދަކުރެއްވިއްޔާ ފެނިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެތަކެތި އެކްސްޕޯޓް ކުރުމުން، އެލިބޭ ނަފާއާއި، ރާއްޖެއަށް އެ ލިބޭ ތަރައްޤީގެ ފަހިކަން އިރާދަކުރެއްވިއްޔާ ފެނިގެންދާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.

އަކްއަރކަލްޗަރ ނުވަތަ ހުއިފިލަނޑާގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ދައްކާލުމުގެ އިތުރުން، ކެނދިކުޅުދޫގައި އެދުވަހު މަގުމަތީ ބާޒާރެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ބާޒާރު ޚާއްޞަ ކުރެވިފައި އޮންނާނީ، ކާބޯތަކެއްޗާއި މަސްވެރިކަމުގެ ބާވަތްތަކުގެ މައްޗަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އޮކްޓޯބަރ 16 ވަނަ ދުވަހު ކެނދިކުޅުދޫގައި މި އޮންނަ ރަސްމިއްޔާތުގައި، ވީހާވެސް ގިނަ ރަށްރަށުންނާއި، ވީހާވެސް ގިނަ ކުންފުނިތަކުން ބައިވެރިވުމަކީ، ސަރުކާރުގެ އެދިވަޑައިގަތުމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.