ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެމަގާމަކަށް ދެބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން ޢައްޔަން ކުރެއްވީ، އަންޑަރ ސެކްރެޓެރީ ކަމުގެ މަގާމަށް އައްޑުއަތޮޅު ހުޅުދޫ ޓްރައިސްޓާރ އާމިނަތު ޝައުނާއާއި، އެސިސްޓެންޓް ޓު ދަ ޗީފް އޮފް ސްޓާފްގެ މަގާމަށް މައްޗަންގޮޅި ވިލާރޮދި ޢާއިޝަތު ޝާހީނެވެ. އާމިނަތު ޝައުނާ މިހާތަނަށް ހުންނެވީ، އެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަގާމުގައެވެ. ޢާއިޝަތު ޝާހީން ހުންނެވީ، އެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.

މީގެ އިތުރުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ނައިލޯނުގޭ މުޙަންމަދު ހާޝިމްވެސް ޢައްޔަން ކުރެއްވިއެވެ. މުޙަންމަދު ހާޝިމް މިހާތަނަށް ހުންނެވީ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ޑެޕިޔުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައެވެ.

މި ތިން ބޭފުޅުންވެސް މި މަގާމުތަކަށް ޢައްޔަން ކުރެއްވީ، މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.