"އެނަރޖީ ފޯ އޯލް-ފައިނޭންސިންގ އެކްސެސް ފޯ ދަ ޕުއަރ"ގެ ނަމުގައި ނޯވޭގެ އޮސްލޯގައި މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސްގައި، "އެނަރޖީ + ޕާޓްނަރޝިޕް" ޑިކްލަރޭޝަންގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިކަމާ ބެހޭގޮތުން ހުށަހަޅުއްވާފައިވާ ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
މިއަދުގެ ބައްދަލުވުމުގައި، އެނަރޖީ + ޕާޓްނަރޝިޕްގައި ބައިވެރިވުމުން، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދޭ ހަކަތައިގެ ޚިދްމަތްތައް ލިބެންހުރި މިންވަރު އިތުރުކުރުމަށާއި، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ޢަދަދު މަދުކުރުމަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ރާއްޖެއިން އެހީތެރިކަން ފޯރުކޮށްދެވޭނެކަން މެންބަރުން ފާހަގަކުރެއްވިއެވެ. އަދި އެނަރޖީ ޕާޓްނަރޝިޕްގެ ދަށުން، ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށާއި، އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ލިބެންހުރި މިންވަރު އިތުރުކުރުމަށް ކުރިއަށް ގެންދާ ޙަރަކާތްތައް، އިތުރަށް ތަރައްޤީ ކުރުމުގެ މައްޗަށްވެސް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވިއެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއިން ހުށަހެޅުއްވި "ސްޕޯޓްސް ފޯ އޯލް-ސޮލިއުޝަންސް ފޯރ މާލެ (އެންޑް ބިޔޯންޑް)" މި ޝިޢާރުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ނޭޝަނަލް ސްޕޯޓްސް ޕާކްގެ ގޮތުގައި ތަރައްޤީ ކުރުމަށް ކަނޑައަޅުއްވާފައިވާ ސަރަޙައްދުތައް ތަރައްޤީ ކުރުމަށް ކުރަންޖެހޭނެ މަސައްކަތްތަކުގެ މައްޗަށްވެސް މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ. އަދި މިމަޝްރޫޢާބެހޭ މަޢްލޫމާތު، މާލޭސިޓީ ކައުންސިލަށް ދެއްވަމުން ގެންދެވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.