ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތިލަދުންމަތީ އުތުރުބުރިއާއި ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެންމެ ފަހުން އެމަނިކުފާނު ވަޑައިގަތީ، ތިލަދުންމަތީ އުތުރުބުރީ ނޮޅިވަރަންފަރަށެވެ. މިއަދު މެންދުރުފަހު އެރަށަށް ވަޑައިގެން، އެރަށު ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި، ނޮޅިވަރަންފަރުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އަދި ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކުގައި، ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލެއްވުން ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.