بســم اللّـه الرّحمـن الرّحيــم


އަޅުގަނޑުމެންނަށް، ޑޮކްޓަރ އާމިނަތު ޖަމީލަށް ޙަޤީޤަތުގައި ސާފުވި އެއް ޓެކްނޯލޮޖީއަކީ، މަޢްލޫމާތަކީ ޖަޒީރާ ޤައުމެއްގައި ރައްޔިތުން ވަރަށްގިނަ ރަށްރަށަށް ބެހި، އަދި ގިނަ ރަށްރަށަކީ އެހާ އާބާދީ ބޮޑުނުވެ ހުންނަ ރަށްރަށުގައި ރަނގަޅު ޞިއްޙީ ޚިދްމަތެއް، މެދު އާމްދަނީގެ ޤައުމެއްގައި ދޭނީ ކިހިނެއްތޯ، އެ ސުވާލު އަޅުގަނޑުމެން ކުރަނީ އަޅުގަނޑުމެންގެ ޕާޓީގެ މެނިފެސްޓޯ އެކުލަވާލަމުން އައިއިރުގައި.

ރާއްޖޭގައި އާމްދަނީއަކީ މިވެނި ވަރެކޭ. ރާއްޖޭގެ ޞިއްޙީ ޚިދްމަތްތައް ބޭނުން ކުރެވޭ ދަރަޖައަކީ މިހިރީއޭ. ރައްޔިތުން ޞިއްޙަތަށް ބޭނުންވެފައިވާ ދަރަޖައާ މިންވަރުވެސް އަޅުގަނޑުމެންނަށް އޭރުވެސް އަދި މިހާރުވެސް ވަރަށް ސާފުކޮށް އެނގޭ. އަދި ވަކިން ޚާއްޞަކޮށް އަޅުގަނޑުމެންނަށް ލިބިފައޮތް އެންމެބޮޑު އެއް ނަސީބަކީ، 1970އިގެ އަހަރުތަކުއްސުރެ ފެށިގެން ރާއްޖޭގައި ޢާންމު ޞިއްޙަތާ އަޅާލެވެން ފެށުނީއްސުރެ ފަށައިގެން އެކަމުގައި ޢަމަލީގޮތުން ބައިވެރިވެ އަދި އެކަމުގެ ގިނަ ވިސްނުންތައް ނެރުއްވި ބޭފުޅަކު އެއީ، އަޅުގަނޑުމެންގެ ސަރުކާރުގައި ބައިވެރިވެވަޑައިގެންނެވިކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ނިޢުމަތެއް. އެއީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ނަސީބެއް.

އަޅުގަނޑުމެންނަށް ލިބުނު ލަފަޔަކީ، ޒަމާނީ ޓެކްނޯލޮޖީ އޭގައި ބޭނުން ކުރެވެން ހުރި އެންމެ މަތީ ދަރަޖައަކަށް ބޭނުންކުރުމަކީ މުހިންމު ކަމެކޭ. އެ ޓެކްނޯލޮޖީގެ ގޮތުގައި އަޅުގަނޑުމެންނަށް އެއިރުގެ ކުރީގައި އޮތީ ތިން ތަނެއްގައި ދިރާގުގެ ފަރާތުން މިބާވަތުގެ މަސައްކަތެއް ހިންގުމަށް ޕްރޮޖެކްޓެއް ނުވަތަ ސަރުކާރަށް އޮތީ ހުށަހެޅުމެއް ހުށަހަޅާފައި. ދެން އެއީ، އެކަން ހިންގޭނެ މިންވަރު ނޫންކަން އަޅުގަނޑުމެންނަށް އެނގުނު. އެހެންވީމާ، ސަރުކާރުން ނިންމީ 36 ރަށެއްގައި މިމަސައްކަތް ފަށަން. މިމަސައްކަތް ފެށިފައި މިވަނީ އަބޫދާބީ ފަންޑުގެ ވަރަށްބޮޑު އެހީތެރިކަމަކައިގެން. އަޅުގަނޑުމެން އަބޫދާބީއަށް އާމިނަތު ޖަމީލާ އެކުގައި ދަތުރެއްކުރީ މިވާހަކަ ދެއްކުމަށް. ދެން އޭރުއްސުރެ ފަށައގެން އަބޫދާބީ ފަންޑުގެ ބޭފުޅުންނާއެކުގައި ވަރަށްގިނަގުނަ މަސައްކަތް ކޮށްގެން ޙަޤީޤަތަކަށް މިހާރު ހެދިފައި މިވަނީ.

މިކަން ފަށައިގަންނަ އިރުގައި ވަރަށްބޮޑަށް އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ، އަނެއް ކޮޅުގައި އެބަ މި ސްރީން ހަމަ ބަލަހައްޓައިގެން، ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރުގެ ޑޮކްޓަރެއް ހުންނަންޖެހޭކަން. ކުޅުދުއްފުށީ ހޮސްޕިޓަލް ޖަރުމަން ކުންފުންޏަކާ ސަރުކާރުން މާދަމާ، މިހަވާލުކުރަނީ ހިންގުމަށް. އެ ހިންގާއިރުގައި އެ ހޮސްޕިޓާ ޖަރުމަން ކުންފުނިން ހިންގަން އެއްބަސްވެފައި އޮތީ، ދުނިޔޭގައި ހަމަ އެހެން ހޮސްޕިޓާތައްވެސް ހިންގާ ފެންވަރަށް. ކެންސަރުގެ ފަރުވާވެސް ދެވޭނެ. ބައިޕާސްގެ އޮޕަރޭޝަންތައްވެސް ކުރެވޭނެ. އެހެންގޮސް މިސަރަޙައްދުގައި ހުރި ކޮންމެ ހޮސްޕިޓަލަކުންކުރެވޭ ކޮންމެ ކަމެއް ކުރެވޭވަރު ހޮސްޕިޓަލެއް އެހޮސްޕިޓަލަކީ. އޭގެއިތުރުން، ހުންނާނީ އައި.ޖީ.އެމް.އެޗް. ހޮސްޕިޓަލާއި، އައްޑުއަތޮޅު ހިތަދޫ ހޮސްޕިޓާ، މިރާއްޖޭގައި ބޮޑު ތިން ހޮސްޕިޓަލެއްގެ ގޮތުގައި. އޭގެ އިތުރުން، އަދި އެބަހުރި ކުދި ހޮސްޕިޓާ ތަކެއް. ހޯރަފުށީ ހޮސްޕިޓަލަކީ އެގޮތަށް ސަރުކާރުން ފާހަގަކޮށްފައި ހުރި ތަނެއް. ދެންމެ، ހޮސްޕިޓަލުގެ ޖާގައިގެ ވާހަކައާއި، ހެލްތް ސެންޓަރުގެ ޖާގައިގެ ވާހަކައާއި، ދަތީގެ ވާހަކަ ފާހަގަކުރައްވައިފި. އަޅުގަނޑުމެންނަށް އެނގޭ އެކަން.

ފުރަތަމަ އަޅުގަނޑުމެންނަށް ހެލްތްގެ ނިޒާމު އެކުލަވާލެވިފައި އޮތް އިރުގައި އެކުލަވާލެވިފައި މިއޮތީ، މި ސަރަޙައްދުގައި ކުޅުދުއްފުށީގެ އިތުރުން، އުނގޫފާރުގައި ހުންނަ ހޮސްޕިޓާ އެއީ، ސަރަޙައްދީ ހޮސްޕިޓާ ގޮތުގައި ނިންމިގެން. ދެން ސަރަޙައްދީ ހޮސްޕިޓަލަށް ހުރިހާ ފަރާތްތަކަކުންވެސް ޞިއްޙީ ޚިދްމަތްތަކަށް ދިޔުން. އަދި ރަށު ހެލްތް ސެންޓަރުތަކުން ސަރަޙައްދީ ހޮސްޕިޓާތަކަށް އެ އޮންނަ ގުޅުމެއް ގުޅުން. މާބޮޑު ބަދަލެއް ނޫން އަޅުގަނޑުމެން މިގެންނަނީ. ކުޅުދުއްފުށީ ހޮސްޕިޓާ ބޮޑު ކުރުމާއި އަދި ހޯރަފުށީ ހެލްތް ސެންޓަރުވެސް މިއަށްވުރެ ބޮޑު ކުރުން ހޮސްޕިޓަލެއްގެ ދަރަޖައަށް އެތަންވެސް ގެނައުން. އެހެންނަމަވެސް، އަދިވެސް ހޯރަފުށީ ރައްޔިތުންނަށް ބޭސްފަރުވާއަށް، ކައިރީގައި ހުރި ބޮޑެތި ހޮސްޕިޓާތަކަށް ދާންޖެހޭނެ. އަބަދުވެސް ދާންޖެހޭނެ ކަމަށް ދެކިލައްވަންޖެހޭނެ. ރަށެއްގައި ބަލިވެ އުޅެނީ މަދު ބައެއް އިނގޭތޯ. އެހެންނަމަވެސް، ބަލިވީމާ އޭގެ ސަބަބުން، ދެން އެ ޢާއިލާގެ އެންމެންވެސް ނިކަމެތިކަމުގެ ތެރެއަށް ވެއްޓިގެންދާކަހަލަ އުޞޫލަކަށް ކަންކަން ކުރީގައި އޮތީ. އަދި އަޅުގަނޑުމެންނަށް ފެންނަމުން އަންނަނީވެސް. އާއިލާގެ މީހަކު ބަލިވީމާ އޭނާއަށް ކުރަންޖެހޭ ޚަރަދުގެ ސަބަބުން، ގާތް ތިމާގެ އެންމެންގެ އަތުގައި ހުރި ހުރިހާ ފައިސާއެއްވެސް އެބަ ހުސްކުރާންޖެހޭ.

އަޅުގަނޑުމެން އެމަންޒަރު ދެކި ފާހަގަކުރީ، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ހެލްތް އިންޝުއަރެންސްގެ އުޞޫލުން ހުރިހާ ރައްޔިތުންނަށް އެ އިންޝުއަރެންސް ދިނުމަށް. އެގޮތުން ފުރަތަމަ، މިދިޔަ ދެއަހަރު އަޖުމަ ބެލުމުގެ ގޮތުން ގާތްގަނޑަކަށް އަޅުގަނޑުމެންނަށް މަދަނައިގެ މަސައްކަތް ހިންގިފައި މިއޮތީ. އެހެންވީމާ، މިހާރު މަދަނައިގެ މަސައްކަތް ދޮޅުއަހަރު ދުވަހު ހިންގުމަށްފަހުގައި އަޅުގަނޑުމެންނަށް އެމަސައްކަތް ފަށައިދިން، އަނެއްކާވެސް ހަމަ ދިވެހި ކުއްޖެއް އިނގޭތޯ ވާރލްޑް ބޭންކުގެ ސްޓާފެއް އެކަމަކު. އަޅުގަނޑުމެންނަށް އެބޭފުޅާ މިހާރު ހެލްތް އިންޝުއަރެންސް ސްކީމްގެ މިދެއަހަރުގެ ފަހުން ހަދަންޖެހޭ އެސެސްމަންޓް ހެދި އަދި ވާރލްޑް ބޭންކާއެކީވެސް އެމަސައްކަތް ކުރެވި، މިހާރު މިއޮތީ މުޅި މަދަނައިން ޔުނިވަރސަލް ހެލްތް ކަވަރޭޖް ނުވަތަ ހުރިހާ ރައްޔިތުންނަށް އޭގެ ކަވަރޭޖް ދެވޭ ކަހަލަ ނިޒާމަކަށް ބަދަލު ކުރެވޭ ގޮތް ވެފައި. އެކަން ބަދަލުކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކެއްވެސް އެބަހުރި. އެ ބިލު މިހާރު މިވަނީ ކޮމިޓީގެ މަރުޙަލާ ނިމި ވޯޓާ ހަމައަށް އަންނަންވެފައި. އަޅުގަނޑަށް ޔަޤީން ތިޔަހުރިހާ ރައްޔިތުންގެ މެންބަރުން ތިބޭފުޅުންނަށް އެބިލައިގެންވެސް، އެހެން ބިލްތަކައިގެން އެ އުޅެދެއްވާގޮތަށް އުޅެދެއްވާނެކަން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިބޭފުޅުން އިންތިޚާބުވުމުގެ ކުރީގައި ޕޯސްޓަރެއްގައި ޖައްސާފައި ހުރި އަނެއް ދިވެހިރާއްޖޭގެ ޤާނޫނީ ޙިއްޞާ އަދާކުރުމަށޭ ތިމަންނާމެން މިއުޅެނީ. އެހެންވީމާ، އަނެއް ދިވެހިރާއްޖޭގެ ޤާނޫނީ ޙިއްޞާ އެކުލެވިގެން މިވަނީ ޓެކްސްގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާ އަދި ޤާނޫނީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް. އެބަދަލުތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ގެންނަންޖެހޭ އެހެން ބަދަލުތައް މިގެނެވެނީ.

އަޅުގަނޑުމެންނަށް ހެލްތްގެ ޞިއްޙީ ކަންކަމަށް މިބަދަލު އެބަގެނެވޭ. އިރާދަކުރެއްވިއްޔާ އެ ކުރަންޖެހޭ ތަރައްޤީތައް އަޅުގަނޑުމެން ކުރަންޖެހޭނެ އަދި ކުރުމަކީވެސް އެހާ ބޭނުންތެރިކަމެއް. އެހާ މުހިންމު ކަމެއް. މިވަގުތު އަޅުގަނޑުމެންނަށް ވަރަށްގިނަ ފަރާތްތަކެއްގެ ޝަކުވާ، ޞިއްޙީ ކަންކަމާ ގުޅޭގޮތުން ލިބޭ. އޭގައި ރައްޔިތުން އެދޭ މިންވަރަށް ޚިދްމަތް ނުދެވޭކަން އެއީ، ހަމަ އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާ ކަމެއް. އަދި ފާހަގަވާ ކަމެއް. އެހެންނަމަވެސް، އަދި އޭގެ އިތުރުން، މިއަދު ތިޔަބޭފުޅުން ބައްލަވާލެއްވިޔަސްވެސް މިހާރު ހޯރަފުށީ ހެލްތް ސެންޓަރަށް މީހުން އަންނަ އަދަދު އިތުރުވާނެ ކުރިއަށްވުރެ. މާބޮޑުތަނުން އިތުރުވާނެ. އަދި 260 މީހުން މިރަށުގައި، މިސާލަކަށް އެބަތިބި 60 އަހަރުންމަތީގެ. އެއިން ކޮންމެ މީހަކަށްވެސް އޮންނާނީ، ހެލްތް ކަވަރޭޖްވެސް ހަމަ އެކީ އެކައްޗަކަށް ލިބިފައި. އަޅުގަނޑަށް ބައެއް ފަހަރަށް މާލޭގައި ވަރަށް އުފަލުން ދޮށީ ޢުމުރުގެ މީހުން ހޮސްޕިޓަލުގައި އިށީނދެލައިގެން އެބަތިބޭ. އިހަކަށްދުވަހު އަޅުގަނޑު ރައްޓެއްސެއް ގެއެއްގައި ދޮށީ ޢުމުރެއްގެ މީހަކު ކައިރީގައި އަހާލީމާ ބުނުއްވީ، މިހާރު ރައީސް މިތަން މާފަސޭހައޭ އިށީނދެލައިގެން އިންނަން ގެއަށްވުރެ. ހަމަ އަޅުގަނޑުމެންނަށް ވީހާވެސް ގިނަ ބަޔަކު ހޮސްޕިޓަލަށް ގެނައުމަކީވެސް ބޭނުންތެރިކަމެއް. ހޮސްޕިޓާ ރަނގަޅަށް އިންތިޒާމު ކޮށްގެން އެ ހުރިހާ އެންމެންނާއެކީގައި ހިންގުމަކީވެސް ބޭނުންތެރިކަމެއް.

އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރިން، 14000 މީހުން ކޮންމެ މަހަކު ހޮސްޕިޓަލަށް އިތުރުވާނެޔޭ. އެއީ، 65 އަހަރުންމަތީގެ ހުރިހާ އެންމެން އަބަދު ހޮސްޕިޓަލަށްދާނެ ކަމަށް އަޅުގަނޑުމެން ދެކެންޖެހޭނެ. އެއީ 65 އަހަރާ ހަމައަށް އާދެވުނުއިރުގައި ރަނގަޅު ޞިއްޙީ އާދަތަކެއްގެ ތެރެއަކުންނެއް ނޫން އާދެވުނީކީއެއް. އެހެންވީމާ، ދިމާވާ ބަލިތަކާއި ކަންކަންވެސް ތަކުލީފުތައްވެސް ގިނަވެގެންދާނެ. އަޅުގަނޑުމެންނަށް އެކަންކަންވެސް ފާހަގަވޭ. އެހުރިހާ ދަތިތަކެއްގެ ތެރެއިންވެސް މިޚިދްމަތް ރަނގަޅު ކުރުމަށް އަބަދުވެސް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ އަމާޒު.

ދެން ޓެލެމެޑިސިންގގެ މިއަދު މިހުޅުވެނީ. ހުޅުވުނީމާ އޭގެ މާނައަކީ، ހޯރަފުށީގައި ހުރެގެން ހަމަ އެންމެ ރަނގަޅު ޑޮކްޓަރުންނަށް ދެއްކޭނެ ގޮތެއް މިހަމަޖެހެނީ. ޑޮކްޓަރަށް ދައްކާކަށް ތަނަކަށް ދާކަށް ނުޖެހޭނެ. ދައްކާ ނިމިގެން ދެން ސަރޖަރީއަކަށް، އޮޕަރޭޝަނަކަށް އަދި އެހެން ޑޮކްޓަރު ދޭ ކަމެއް ކުރުމަށް ދެން ދާ ތަނަކަށް ދާންޖެހޭނީ. ޑޮކްޓަރަށް ދެއްކުމަށްޓަކައި ވެގެން އުޅޭގޮތް އޮޅުންފިލުއްވުމަށްޓަކައި ދާކަށެއް ނުޖެހޭނެ. ވެގެން އުޅޭ ގޮތް އެނގުނީމާ، އެފަރުވާއަށް ދެން ސީދާ ދާންޖެހޭ ތަނަކަށް މިދާން މިޖެހެނީ. ދެން، މާބަނޑު އަންހެނުންނަށް މިނިޒާމުގެ ބޭނުން ކުރެވޭނެ. އެހެންވީމާ، ހަމަ ޑޮކްޓަރުންނަށް ދެއްކޭނެ ގޮތްތައް ހޯދޭނެ.

އަޅުގަނޑުގެ ބޭނުމަކީ، އަޅުގަނޑުގެ އުންމީދަކީ ހުރިހާ ރައްޔިތުންވެސް މި ޚިދްމަތް ރަނގަޅަށް ބޭނުންކުރުން. އަދި މިޚިދްމަތްދޭ ފަރާތުން ހެލްތް ކޯޕަރޭޝަނުންނާއި ހެލްތް ސެންޓަރުން، ރަނގަޅަށް ރައްޔިތުންނަށް މިކަމުގައި ޚިދްމަތް ދިނުން. މިހާރު ހޯރަފުށީގައި މިކަމަށް ކުއްޖަކު ތައްޔާރުވެފައި ނެތްކަން އެއީ، ދެރައެއް. މިކަން ފެށުމުގެ ކުރީގައި އަޅުގަނޑު ގައިމުވެސް ހަމަ ދެންނެވިން، ދެއަހަރުވަންދެން އިހަށް އެމީހުންނަށް ތިޔަ މެޝިން ކިޔައިދޭށޭ. މެޝިން ގަތުމުގެ ކުރީގައި. ދެއަހަރުމިވީ، އަޅުގަނޑު ހަނދާންވާ ގޮތުގައި 68 ކުދިންނަށް ކިޔަވާ ދިނުމަށް އަޅުގަނޑުމެން ކުރަން އޮތް ޚަރަދުގެ އެއްބައި، އެ ޚަރަދު ކުރީ. ދެން އޭރުގައިވެސް ބައެއް ބޭފުޅުން އުޅުނު މި ޢިމާރާތަށް ޚަރަދު ކުރަން އިނގޭތޯ. ޢިމާރާތަށް ކުރަންޖެހޭ ޚަރަދު ބޭނުން. އެކަމަކު އަޅުގަނޑު ހިތަށްއެރީ އަޅުގަނޑުމެން މެޝިން ގެނެސްފައި ބައިވަރު މެޝިންތަކެއް މިގެންނަނީ އެ ޓެކްނޯލޮޖީއާއި އެއެއްޗެހި ބެހެއްޓޭނެ ގޮތަކާއި އެ ބޭނުން ކުރެވޭނެ ކުދިން ތައްޔާރުވެފައި ތިބެންޖެހޭ. އެހެންވީމާ، ދެންމެ ފާހަގަކުރިހެން، ހޯރަފުށިން އެކަމަށް ކުއްޖެއް އަވަހަށް ތައްޔާރުކުރުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެއް.

އަޅުގަނޑު މިކަމުގައި ހެލްތް ކޯޕަރޭޝަނަށާއި އަދި ޤައުމީ އިދާރާއަށާއި، ޙުނައިފަށާއި، ޑޮކްޓަރ އާމިނަތު ޖަމީލަށް އަދި މިމަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

والحَمْـدُ لِلّـهِ.