بســم اللّـه الرّحمـن الرّحيــم

ވަޑައިގެން ތިއްބެވި ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރަށު ކައުންސިލްގެ ވެރިންނާއި، ޤައުމީ އިދާރާގެ ވެރިން. އަދި ވަކިން ޚާއްޞަކޮށް، މި ހުނަރު ޕްރޮގްރާމްގައި ބައިވެރިވެލައްވައި ތިޔަ ތިއްބެވި ބޭފުޅުން.

السّـلام عليـكم

މި ޕްރޮގްރާމް ހިނގާ ގޮތުން، އަޅުގަނޑުމެން މި ޕްރޮގްރާމަށް ފެށީ ތިޔަބޭފުޅުންނަށް މިހާރު ތިޔަ ދަސްވާން އުޅޭ ހުނަރާ އެއްވަރަށް ހުނަރެއް ލިބި ތިބެ، ރާއްޖޭގައި އެބަ މަސައްކަތް ކުރޭ ބާރަހާސް ބިދޭސީން. އަދި އެމީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން. އެހެންވީމާ، މި ޕްރޮގްރާމް ނިންމީމާ، ވަޒީފާއެއް ލިބޭނެ ކަމުގެ ވަރަށްބޮޑު ޔަޤީން ކަމެއް އެބައޮތް. އެއީ، އިތުރަށް އެ ބިދޭސީއަކަށް ވަޒީފާ ލިބޭނީ، މިހާރު މި ޕްރޮގްރާމްގައި ބައިވެރިވެ ތިބި ފަރާތްތައް، ބައިވެރިވެ ތިބި ކުދިންގެ ހުނަރުވެރި ކުދިން ނެތް ކަމަށްވަންޏާ.

އެހެންވީމާ، އެމްޕްލޯއިމަންޓް އެޕްރޫވަލެއް މިހާރު މި ވަރކް ޕަރމިކް ދިނުމުގެ ކުރީގައި މިދޫކުރާ އެމްޕްލޯއިމަންޓް އެޕްރޫވަލެއް ދޫކުރާނެ ޖޮބް ސެންޓަރެއް އަދި މީގެތެރެއަށް އަންނާނެ. މިހާރު މާލޭގައި އެ ޖޮބް ސެންޓަރ އުފެދި މިއުޅެނީ. ޖޮބް ސެންޓަރުން އެފަދަ ދިވެއްސަކު ނެތޭ ބުނީމަ، ދެން މިހާރަކު ނުބުނެވޭނެ، ވެލްޑް ކުރާ ކުއްޖަކު ނެތޭ، ނުވަތަ ފްރަންޓް އޮފީހު ކުއްޖަކު ނެތޭ، އަނެއް ކަމެއް ކުރާ ކުއްޖަކު ނެތެކޭއެއް ނުބުނެވޭނެ. އަޅުގަނޑުމެން އެކުދިންނަށް ކިޔަވައިދީފައި އެދި ސެޓްފިކެޓް ލިބިފައި އެކުދިން ތިބޭނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ފެންނަ ފެނުމުގައި، މިހާރު ވަޒީފާތައް ލިބޭނެ އެކުދިންނަށް އަޅުގަނޑަށް ފެންނަ ގޮތުގައި. މިޕްރޮގްރާމް ނިންމަވައިފިއްޔާ. ދެން ޕްރޮގްރާމް ހިނގަމުންދާއިރުގައި، އެލަވަންސެއް އެބަދޭ. އެލަވަންސެއްދޭ އެންމެބޮޑު އެއް ސަބަބަކީ، ހޯރަފުށްޓަކު ނުހިންގޭނެ ހުރިހާ ބާވަތެއްގެ ޕްރޮގްރާމެއް. އެކަމަކު އަޅުގަނޑުމެން ބޭނުން ހޯރަފުށީގައި މައިގަނޑު ބާވަތްތަކުގެ ޕްރޮގްރާމްތައް ހިންގަން. ދެން މީގެ މިސާލަކަށް ވެލްޑްކުރާ ކޯސް ނުވަތަ ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ ކޯހެއް. އެހެންވީމާ، ކޯހެއް ހިންގަން، ކޯސް ޕްރޮވައިޑަރުންނަށް ސަރުކާރުން އެބަދޭ އަށްހާހާއި، ދިހަހާހާއި، ބާރަހާހާ، އެކަހަލަ ކޮންމެވެސް ޢަދަދެއްގެ ރުފިޔާ، ކޮންމެ ކުއްޖަކަށް. އެއީ ކޯހުގެ އަގަށް. ދެން އޭގެއިތުރުން، ސަރުކާރުން އެބަ ހަމަ ދެން ކޮންމެ ކުއްޖަކަށް، ކިޔަވަމުންދާއިރުގައި ދެހާސް ރުފިޔާ. ދެން ނިމޭއިރުގައި މިދެކެނީ، ގާތްގަނޑަކަށް އަށްހާސް ރުފިޔާއާއި، ދިހަހާސް ރުފިޔާއާ ދެމެދުގެ ވަޒީފާއެއް ނުވަތަ އެކަހަލަ ވަޒީފާއެއް ހަމަޖެހިގެންދާނެ ކަމަށް.

ދެން އަޅުގަނޑުމެންގެ މުޅި ޕްރޮގްރާމް ކާމިޔާބު ކުރެވޭނީ، ތިޔަބޭފުޅުންނަށް ވަޒީފާ ދެވުނީމަ. އޭރުންތާ ފްލެޓެއް ހޯދޭނީ. ފައިސާ ދެވޭނީ. އެހެންވީމާ، ވަޒީފާތަކެއް އެބަ އުފައްދަންޖެހޭ. އަދި އަޅުގަނޑުމެންނަށް އެބަ އިނގޭ، ވަޒީފާއާއި ހުނަރު ނެތިގެންކަން ވަރަށްގިނަ ޒުވާނުން ބާކީވެގެން މިދަނީ. އެހެންވީމާ، މިއީކީއެއް އަޅުގަނޑުމެންނަށް އަތް އުރާލައިގެން ތިބެވެން އޮތް ތަނެއް ނޫން. މިސާލަކަށް، މިއީ ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި ހޯރަފުށީގައި ހަމަ ތިބި ކުދިންގެ ޢަދަދު، އަޅުގަނޑު މިދެކެނީ، ވަޒީފާއެއް އަދާކުރަން ބޭނުންވާ، އެކަމަކު ވަޒީފާއެއް ނެތިފައި. އެހެންވީމާ، ހުނަރަކާ އެކީގައި ވަޒީފާއަކަށްދާން ބޭނުންވެފައި. ދެން މި ޕްރޮގްރާމްގައި ބައިވެރިވެގެން އުޅޭއިރުގައި، ބައިވެރިންގެ ފަރާތުން ބޭނުންވާ ކަންތައްތަކެއް ހުންނާނެ. އަޚްލާޤާއި، ގަޑިއަށް ފަރުވާތެރިކޮށްހިތުމާއި، ޢާންމުކޮށް އެތަނަށް އައުމާ، މިބާވަތުގެ އެތައް ކަމެއް. އެހެންވީމާ، އަޅުގަނޑު ޔަޤީން ކުރަން، އެކަންކަމުގައި ތިކުދިން އަހަންމިއްޔަތުކަން ބަހައްޓައިގެން، ފަރުވާތެރިކަމާ އެކީގައި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް.

ދެން އަދި އަންހެން ކުދިން ބައިވެރިވެފައި އޮތް ކަމަކީ ވަރަށްބޮޑު އުފަލެއް. އެހެންވީމާ، އަޅުގަނޑަށް ވަރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އެއީ އަޅުގަނޑުމެން ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން. އެހެންވީމާ، އަންހެނުން މަސައްކަތަށް ނެރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. ދެން އަޅުގަނޑަށް އިނގޭ، އެންމެ ގިނައިން އަންހެނުން މަސައްކަތަށް ނުކުތުމަށް ތައްޔާރަށް އޮންނާނޭ އެއްރަށްކަން ހޯރަފުށްޓަކީ. އެހެންވީމާ، އަޅުގަނޑު ތިކުދިންނަށް މިމަސައްކަތުގައި ހުނަރު ޕްރޮގްރާމްގައި ބައިވެރިވެވޭނެ ގޮތެއް އަދި އެ ހުނަރު ލިބޭނެ ގޮތެއް ހަދައިދިނުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ އެކަންވާނެ.

ދެން އަޅުގަނޑުމެންގެ ބޭނުމަކީ، ތިންމަހާއި ހަމަހާ ދެމެދުގެ ކޯހެއް، އެއީ ވެލްޑް ކުރަންވިޔަސްވެސް ނުވަތަ ފްރަންޓް އޮފީހަށްވިޔަސްވެސް، ޑައިވަރަކަށްވާންވިޔަސްވެސް، ވަޑިއަކަށްވާންވިޔަސް، ރާނާ މީހަކަށްވާންވިޔަސް، އެ ހުނަރާ އެކީގައި، އެ ޢިލްމާ އެކީގައި ތިޔަބޭފުޅުން ނުކުންނާނީ. ދެން ކޯސް ޕްރޮވައިޑަރުން، ކޯސް ސަރުކާރަށް ޕްރޮވައިޑް ކޮށްދޭނެ ކަމަށް އެއްބަސްވެފައި، ވަރަށްބޮޑަށް މިހުރީ. މިދަންނަވާހެން އޭގެ ޕްރެކްޓިކަލްއާއި އެހުރިހާ ބައެއްވެސް، އެކޯސް ޕްރޮވައިޑަރުން ކުރިއަށް ގެންދާ ގޮތަށް. އަދި ހެވީ ވެލްޑް ކުރުމާއި ނުވަތަ ހެވީ ބޮޑު ލޮރީއެއް ދުއްވަން، އެހެންނޫނީ ކްރޭނެއް ދުއްވަން، ފޯކް ލިފްޓެއް ދުއްވަން. ފޯކް ލިފްޓް ދުއްވާވެސް އެނގިލައްވާތޯ އެބަތިބި ބޭރުން އައިސް ހަސަތޭކަ އެތައް މީހުން. ފޯކް ލިފްޓެއް ދުއްވީމާވެސް، އިހަކަށް ދުވަހަކު އަޅުގަނޑަށް އެނގުނީ ދިހަހާސް ރުފިޔާ ލިބޭކަން. ދެން ބުރަ މަސައްކަތެއް ފޯކް ލިފްޓެއް ދުއްވުމަކީ. އެއީ އެކަމަކު ފޯކް ލިފްޓެއްވެސް ދުއްވަން މީހަކު ވަޒީފާއެއް ދޭނީ، ހަމައެކަނި އެއްޗެއް ދުއްވަން އެނގިގެނެއް ނޫން. އަދި އެއާ ގުޅޭ އެތައް ކަމެއް އެނގިގެން. މުދަލުގެ، މި ކާގޯއާ ގުޅޭވެސް ކިތަންމެ މަޢްލޫމާތެއް، ކިތަންމެ ހުނަރެއް ލިބިގެން. އެހެންވީމާ، އަޅުގަނޑުމެންނަށް ކުރެވެންހުރި މަސައްކަތްވެސް ވަރަށްގިނަ. ކުރާންހުރި މަސައްކަތްވެސް ހަމަ އެހާ ގިނަ. ދެން އަޅުގަނޑުމެން މިދެކެނީ، މިމަސައްކަތުގެ ތެރެއިން ތިކުދިންނަށާއި ރާއްޖެއަށް ފައިދާވެގެން އަންނާނެ ކަމަށް.

އަޅުގަނޑު ވަރަށް ބޮޑަށް ދެކެން. އަޅުގަނޑު ކައިރީގައި ވަރަށްގިނަ މީހުން އަބަދުވެސް އެދެމުން އަންނަ ކަމެއް. މިވެނި ތަނެއްގައި، މިވެނި ރަށު އޮފީހެއްގެ ވަޒީފާއެއް، ކައުންސިލްގެ ވަޒީފާއެއް، ޤައުމީ އިދާރާގެ ވަޒީފާއެއް، އަނެއް ތަނެއްގެ އަނެއް ތަނެއްގެ ވަޒީފާއެއް. ދެން އަޅުގަނޑުމެންނަށް އަބަދުވެސް އެއީ އެކެއް، ދޭއް، ތިނަކުން ހަމަޖައްސައިގެން ވާންއޮތް ކަމެއް ނޫންކަން. އަށްހާހެއްހާ ވަޒީފާ އުފައްދައިގެންކަން މިކަންވާނީ. ދެން އެހެން ނަމަވެސް، މިއީ ކުޑަ މަސައްކަތެއް ނޫން. ކުޑަ ޚަރަދެއްވެސް ނޫން. އަޅުގަނޑު ހާޝިމަށްވެސް އަދި އަޅުގަނޑުމެން އޮފީހު ހުރިހާ ބޭފުޅުންނަށްވެސް އަދި މި ޕްރޮގްރާމް ހިންގުމުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެބޭފުޅުން ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވަމުން އެގެންދަވަނީ. ދެން އަޅުގަނޑު ބައެއްފަހަރު ހިތަށްއަރާ، ކީއްވެބާއޭ އަޅުގަނޑާ އެކީގައި މަސައްކަތް ކުރަނީވެސް ހާޝިމްވެސް. އެހާގިނަ އެއްޗެހި އެބަކިޔޭ އަޅުގަނޑަށް މިކަމުގެ ތެރޭގައި. އެހެން ނަމަވެސް، ވަރަށް ބޮޑަށް ޝުކުރުވެރިވަން ހުރިހާ ބޭފުޅުންނަށް. ދެން އަޅުގަނޑުމެން މި އުންމީދު މިކުރަނީ، އަވަހަށް ތިޔަބޭފުޅުންނަށް ކިޔެވުންތައް ފަށައިގަނެވި، މިމަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް.
ޝުކުރިއްޔާ!

والحَمْـدُ لِلّـهِ. والســّلام عليــكم.