بســم اللّـه الرّحمـن الرّحيــم


މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ބާރީ އަދި ދައުލަތުގެ އެހެން ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ހޯރަފުށީ ކައުންސިލްގެ މެންބަރުންނާއި، އިދާރީ ދާއިރާގެ ވެރިންނާއި އަދި ވަކިން ޚާއްޞަކޮށް ހޯރަފުށީގެ އެންމެހާ ރައްޔިތުން.

السّـلام عليـكم

އަޅުގަނޑު ދައްކަންހުރި ހުރިހާ ވާހަކައެއްހެން މިހާރު ތިޔަބޭފުޅުންނަށް އެވަނީ ސާފުވެފައި. ސީދާ އެމަސައްކަތުގައި ޢަމަލީގޮތުން ހަވާލުވެވަޑައިގެން އުޅުއްވާ ބޭފުޅާގެ ފަރާތުން. އަޅުގަނޑު މިއަދު ނުހަނު ޝުކުރު ދަންނަވަން ބޭނުން، ޑޮކްޓަރ ބާރީއަށް ރާއްޖޭގެ އިސްލާމްދީނާ ގުޅޭ ކަންކަން މި ސަރުކާރަށް، އަޅުގަނޑުމެންނަށް ހިންގާ ދިނުމުގައި ޢަމަލީގޮތުންނާއި އަދި ލަފާދެއްވުމުގައި އެންމެހާ ގޮތްގޮތުން ބައިވެރިވެ އަދި އަޅުގަނޑުމެންނަށް މަގު ދައްކަވައި ދެއްވުމުގައި އެކުރައްވާ މަސައްކަތްތަކަށް އަޅުގަނޑު ނުހަނު އިޚްލާޞްތެރިކަމާއެކު ޑޮކްޓަރ ބާރީއަށް ޝުކުރު ދަންނަވަން.
އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވުމަށް އައިއިރު ވަރަށް ސާފުކޮށް އަޅުގަނޑު ބުނަމުން ގެންދިޔަ އެއް ވާހަކައަކީ، ދީނީ ކަންކަން އަޅުގަނޑުމެން ދޫކޮށްލާނީ ދީނީ ދަންނަ ބޭކަލުންގެ ހެޔޮލަފާ ނަސޭހަތުގެ މަތިން ކުރިއަށް ދިޔުމަށޭ. އެއީ، އަޅުގަނޑު މިދަންނަވަނީ ހަމައެކަނި މިސްކިތެއް ޢިމާރާތް ކުރުމުގެ ކަންތަކެއް ނޫން. އެހެންނަމަވެސް އެނގިވަޑައިގަންނަވާނެ، ދީނީ ޚިޔާލުތައް ތަފާތުވުމާއި އަދި ޒުވާނުން ދީނަށް ޝައުޤުވެރިވުމާއި އަދި އެހެންވެސް ހުރިހާ ރައްޔިތުންވެސް ދީނީ ކަންކަމުގައި ފަރުވާ ބެހެއްޓުމަށް ހިންގަންޖެހޭ މަސައްކަތްތަކަކީ، އެކަމުގެ ހުނަރު ލިބި އަދި ޒަމާނީ ހޭލުންތެރިކަމަށް ހޭލައި ތިބެ، މިހާރު ކުރެވެން އޮތް ކަމެއް. ޑޮކްޓަރ ބާރީގެ ހުނަރާއި ޢިލްމާއި އެކަމުގައި މަސައްކަތް ކުރާ މިންވަރަކީ، އަޅުގަނޑަށް ޔަޤީން، މިދިޔަ ދެއަހަރު ތެރޭގައި އެއްވެސް ދިވެއްސަކަށް އޮޅިފައި އޮންނާނެ ކަމެއް ނޫން.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވީއިރުގައި ދީނީ ޚިލާފު އުފެދުން އޮތީ ވަރަށްބޮޑު ދަރަޖައަކަށް. ރާއްޖޭގައި ޒުވާނުންނަށް ހަމައެއްގޮތަކަށްވެސް ކުރީއްސުރެ ފަށައިގެން އަޅުގަނޑުމެންގެ ކާބަފައިންސުރެ ފަށައިގެން ދީނީ ކަންކަން ދެކެމުން އައިގޮތް އެއީ، އެހެން ގޮތަކަށް ކަމަށް ދެކެވި އަދި ކިތަންމެ ކަމެއް ބަދަލުވާންވެއްޖެކަމަށް ދީނީ ނަޒަރިއްޔާތުން އެތައްއެތައް ވާހަކައެއް އަޅުގަނޑުމެންގެ ތެރޭގައި މިއަންނަނީ ދެކެވެމުން. އަޅުގަނޑަކީ، ދީނީ ދަންނަ ބޭކަލެއް ނޫން. އެހެންވީމާ، އަޅުގަނޑެއް ނޭދެން އެ ބަޙުޘްގެ ތެރެއަށް އަޅުގަނޑު ވަންނާކަށް. އަޅުގަނޑު އެދެނީ، އަޅުގަނޑަށް ހެޔޮލަފާ ނަސޭހަތް ލިބުމަށް. އަޅުގަނޑު ދަންނަވާނީ އަޅުގަނޑަކަށް އެއަށްވުރެ ވަކި ރަނގަޅު އުސްތާޛެއް، ވަކި ރަނގަޅު ޢިލްމުވެރިއެއް، ޑޮކްޓަރ ބާރީއަށްވުރެ އަޅުގަނޑުމެންނަކަށެއް މިވަގުތަކު މިރާއްޖެއަކުން ނުހޯދޭނެޔޭ. ޑޮކްޓަރ ބާރީއަކީ، މިދެންނެވިހެން ހަމައެކަނި ދީނީ ޢިލްމު ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ނޫން. އޭގެ އިތުރުން، ޒަމާނީ ސައިންސާއި، ޒަމާނީ ފަލްސަފާއާއި، އަދި އެހެންވެސް އަޅުގަނޑުމެން ތަރައްޤީއަށް މިހިންގާ ކޮންމެ މަސައްކަތެއް. އަޅުގަނޑު މިދަންނަވާ ވާހަކައަކީ ހައުސިންގ މިނިސްޓްރީ ހިންގަވަން އަޅުގަނޑުމެން ހަވާލުކުރި ނަމަވެސް ހަމަ ހިންގަވާނެއޭ. ހަމަ އެ ހުނަރު ލިބި، ސިޔާސީ ގޮތުން ކުރައްވަންޖެހޭ ކަންތައްތައްވެސް ކުރައްވަމުން އަދި ހަމަ އެ ޞާލިޙް ދިރިއުޅުއްވުމުގައި ކުރިއަށްގެންދަވާނެއޭ. އެހެންވީމާ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް، އަޅުގަނޑުމެން އެންމެނަށް މިރާއްޖޭގައި މިދަންނަ ބޭކަލުންގެ ހެޔޮލަފާ ނަސޭހަތް ލިބި އެބޭކަލުންގެ އެހީތެރިކަމާއެކީގައި އަޅުގަނޑުމެންގެ ވެރިކަމުގެ ކަންކަން ހިންގޭކަން އެއީ. އެހެންވީމާ، އެކަމަށްޓަކައި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުމެން ދަންނަވަމުން އައި ވާހަކައެއް އެއީ، ޙަޤީޤަތުގައި ޢިމާރާތެއް އެޅުމަށް ކުރަންޖެހޭ މަސައްކަތުގެ ބޮޑު މަސައްކަތް، ގިނަ މަސައްކަތް ކުރަންޖެހެނީ ކަރުދާހުގައޭ. އަޅުގަނޑު އިހަކަށްދުވަހު ސްވިޓްޒަލަންޑަށް ގޮސް އެތަނުގެ ކައުންސިލަކާ ބައްދަލުކޮށް ބެލިއިރުގައި އެ ކައުންސިލުން މަގެއް އެޅުމަށްޓަކައި ފަސްޓަނުގެ ކަރުދާސް ބޭނުންކުރި. ކަރުދާހުން މަގު އެޅޭވަރަށް ކަރުދާސް ބޭނުންކުރި. އެހެންނަމަވެސް، އެކަރުދާސް އެވަރަށް ބޭނުންކުރީމާ، މަގު އެޅިފައި ހުންނަނީ ރަނގަޅަށް. އެކަން ހިނގަނީވެސް ތަރުތީބުން ބަރާބަރަށް. އަދި އެކަމުގައި އިސްރާފު މަދުވެ، އެންމެ އިޤްތިޞާދީ ގޮތަށް އެކަން ގެންގޮސް ނިންމޭ. މިހާރު އަޅުގަނޑުމެންނަށް ދިމާވާނެ އަނެއްކަމަކީ މިސްކިތް އަޅުގަނޑުމެން އަޅަން ފެށީމާ، ޙަޤީޤަތުގައި ހުރިހާ ބޭފުޅުންނަށް މިސްކިތުގެ ހުންނަ ވައްޓަފާޅިއާއި ފާޑު ފެންނަން ފަށާނީ. ދެން ކޮންމެވެސް އަރިއެއްގައި ހުރެގެން އަޅުގަނޑުމެންނަށް ބުނެވޭނީ މި ދިމާލުން އަސްލުގައި އަޅުގަނޑުމެންނަށް މިހެން ހަދާލެވިއްޖިއްޔާ މާރީތިވާނެޔޭ. ދެން އެހެންގޮސް އެގޮތްގޮތް ހެދުމަށް އަޅުގަނޑުމެން އެދޭނީ މިސްކިތަށް ބަދަލުތަކެއް ގެނައުމަށް އަޅުގަނޑުމެން އުޅޭނީ.

ދެން އަޅުގަނޑު ހަމަ މިކަމުގައި ދަންނަވާނީ އެބަދަލުތަކާ އެކުގައި ރައްޔިތުންގެ އިޙްސާސްތަކާ އެކުގައި މަސައްކަތް ކުރުމުގެ މާހިރަކީވެސް ހަމަ ޑޮކްޓަރ ބާރީއޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން އެދޭ ކަހަލަ މިސްކިތެއް އަޅުގަނޑުމެންނަށް ހޯދާދެވޭތޯ ބަލާނަން. އެކަމު އަބަދުވެސް ޤަބޫލުފުޅު ކުރައްވަންޖެހޭނެ، ހިތް އެދޭ މިންވަރަށް ލިބޭ މިންވަރުގައި ފަރަޤެއް ހުންނާނެކަމަށް. އަޅުގަނޑުމެން އެންމެންވެސް ހަމަ އެދެނީ ދެ ދުނިޔެއަށް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ލިބޭ މިންވަރަކީ އަދި ކޮންމެހެނަކުން އަޅުގަނޑުމެން އެދުނު މިންވަރެއް ނޫން. އަޅުގަނޑުގެ ހުރިހާވެސް އުންމީދަކީ، ހުރިހާވެސް ބޭނުމަކީ އަޅުގަނޑުމެންނަށް މި މިސްކިތުގެ ޚިދްމަތް، ބޭނުން، މިއަންނަ ރޯދަމަހަށް އަޅުގަނޑުމެންނަށް ކުރެވޭނެގޮތްވުން. މިހާރު އަޅުގަނޑުމެންނަށް މަސައްކަތް ފެށިފައި މިއޮތީ ދުރާލާ އެގޮތަށް ރޭވޭނެގޮތަށް. އެހެންނަމަވެސް އެއީ، އަދި ހަމަ ވަރަށް ބޮޑަށް މަސައްކަތް ކޮށްގެން އަޅުގަނޑުމެންނަށް ވާނެ ކަމެއްގެ ގޮތުގައި މިދެކެވެނީ.

އަޅުގަނޑުގެ އަނެއް އެދުމަކީ މިސްކިތާއެކުގައި ހޯރަފުށީ ރައްޔިތުންނަށް ދީނީ ގޮތުންވެސް ހޭލުންތެރިކަމެއް ލިބުން. އަދި ދީނީގޮތުން ކުރިއަރާ ދިޔުމަށާއި ޞާލިޙު ޢަމަލުތަކަށް އާދަވުމަށް އަޅުގަނޑުމެންގެ ހިތްތަކުގައި އެ ރަނގަޅު ހެޔޮ ގޮތް ލެއްވުމަށް މާތްރަސްކަލާނގެ ކިބައިން އަޅުގަނޑު ދުޢާ ކުރާ ހާލު، އަޅުގަނޑުގެ އަބަދުވެސް އެދުމަކީ އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން. ވަރަށްބޮޑަށް ޝުކުރިއްޔާ.

والحَمْـدُ لِلّـهِ. والســّلام عليــكم.