ވަކި ސިޔާސީ ވިސްނުމަކަށް ނުބަލައި، ރަށުގެ ތަރައްޤީއަށާއި، އަތޮޅުގެ ކުރިއެރުމަށާއި، އަދި ރާއްޖޭގެ މުސްތަޤްބަލަށް، އެންމެން އެކީގައި ނުކުމެ މަސައްކަތްކުރަންވެއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހުނަރު ޕްރޮގްރާމްގެ ދަށުން، މޯލްޑިވްސް ޕޮލިޓެކްނީކުން ކުޅުދުއްފުށީގައި ހިންގަވާ އިލެކްޓްރީޝަން ކޯސް އިފްތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ހަވީރު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އޮތް ފުރުޞަތުތައް ބޭރު މީހުންނަށް ދިނުމުގެ ބަދަލުގައި، ދިވެހިންނަށް އެ ފުރުޞަތުތައް ފަހިކޮށްދެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި ހުނަރު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީވެސް، ދިވެހި ޒުވާނުންނަށް ވަޒީފާއެއް ކަށަވަރު ކޮށްދެއްވުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހުނަރު ޕްރޮގްރާމްގައި ހިމެނޭ ފަސްދޮޅަހަކަށް ދާއިރާއިން 8500 ދިވެހިން ތަމްރީން ފުރިހަމަކޮށް ނިމުމުން، ދިވެއްސަކަށް ވަޒީފާ ނުލިބި ބޭރުމީހަކަށް ލިބިގެން ނުވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މި މަޝްރޫޢު ކުރިއަށްދާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މުސްތަޤްބަލުގައި ކުޅުދުއްފުށި ސިޓީއަކަށް ހެއްދެވުމަށް ސަރުކާރުން ނިންމަވާފައިވާކަން ހާމަކުރައްވަމުން، އެކަމަށްޓަކައި ކުރައްވަން ހުރި މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ.

ކުޅުދުއްފުށީގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ބޯޓު ދަތުރުކުރާ މީހުން ތަމްރީންކުރާނެ ސްކޫލެއް ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ކުޅުދުއްފުށީގައި ޤާއިމުކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.