بســم اللّـه الرّحمـن الرّحيــم

ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ސްކިލްޑް ޓްރެއިނިންގ ޕްރޮގްރާމްގެ ހިންގުންތެރިންނާއި އަދި މިޕްރޮގްރާމް ހިންގައި ދިނުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރާ ވަރަށްގިނަ ފަރާތްތަކަކާ އަދި މިޕްރޮގްރާމްގައި ބައިވެރިވެލައްވާ އެންމެހާ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑުމެން ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް ޒުވާނުންނަށްވެސް އަދި ވަޒީފާގެ ބާޒާރުގައި ތިބި އެހެން މީހުންނާއި ވަޒީފާގެ ބާޒާރަށް ނުކުންނަ އެހެން ފަރާތްތަކަށް ހަނިވެފައި އޮތް މިންވަރަކީ، ރާއްޖޭގެ ތަރައްޤީއާއި އަދި އަޅުގަނޑުމެން ތަނަވަސް ދިރިއުޅުމެއް އުޅުމަށް އެޅިފައި އޮތް އެންމެބޮޑު ހުރަސް. އަޅުގަނޑުމެން އެދެނީ، އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ރަނގަޅު މަސައްކަތް ކުރެވިގެން ކޮންމެ ދުވަހަކުވެސް ރަނގަޅު، ވަރުގަދަ، ހަލާލު މަސައްކަތް ކުރެވި އެ މަސައްކަތަށް އުޖޫރައެއް ލިބި، ތިމަންނާއަކީ ތިމަންނާގެ އަމިއްލަ މަސައްކަތުން ތިމަންނާގެ ދެފައިމައްޗަށް ތެދުވެ ހުރި ދިވެއްސެކޭ ބުނާ ދިވެހި ރައްޔިތެއް އުފެއްދުން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ މިދެންނެވި ރައްޔިތުމީހާ ތައްޔާރު ކުރުމަށް. އެކަމަށްޓަކައި އަޅުގަނޑުމެން ކުރަންހުރި މަސައްކަތަކީ ކޮބައިކަން ފާހަގަ ޖަހައިގެން އަޅުގަނޑުމެން މިއުޅެނީކީއެއް އެނގިވަޑައިގަންނަވާނެ މިއަދަކު އެކަންޏެއް ނޫން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯގެ އެއް އަމާޒަކީ، ހުނަރުވެރި ދިވެހި ރައްޔިތުން އުފައްދައި، އެ ރައްޔިތުން ރާއްޖޭގެ ވަޒީފާގެ ފުރުސަތުތަކަށް ނެރުން.

މިއަދުވެސް ރާއްޖޭގެ ޙަޤީޤަތަކީ ފޯކްލިފްޓް ދުއްވާ 645 މީހުންނަށްވުރެ ގިނަ ބޭރު މީހުން އުޅޭކަން. އަދި ކޮންމެވެސް މިންވަރަކަށް ހުނަރަކާއެކުގައި މަސައްކަތްކުރާ ބާރަހާހަށްވުރެ ގިނަ ބޭރު މީހުން ރާއްޖޭގައި މަސައްކަތް ކުރަމުންދާކަން. އެ ބާރަހާސް މީހުންގެ ތެރެއިން އެވްރެޖް މުސާރައިގެ ގޮތުގައި ކޮންމެ މީހަކަށްވެސް އެބަދެވޭ ނުވަހާސް ދިހަހާސް ރުފިޔާއަށްވުރެ ބޮޑު މުސާރައެއް. ހަމަމިހެން މިކަން އޮތްއިރުގައި، ރާއްޖޭގެ ޒުވާނުންގެ ތެރެއިން އުމުރު ފުރައިގެ ވަޒީފާއަކަށް ނުކުމެވޭނެ އުމުރު ފުރައިގެ 30 ޕަސެންޓް ކުދިން މިތިބީ ވަޒީފާއެއް ނެތިފައި. ވަޒީފާއެއް ނެތިފައި ތިބި އެންމެ ބޮޑު އެއް ސަބަބެއް ކަމަށް ސަރުކާރަށްވެސް އަދި އެހެން މާހިރުންނަށްވެސް ފާހަގަވަނީ، ވަޒީފާއަށް ބޭނުންވާ ހުނަރު އެމީހުންގެ ކިބައިގައި ނެތްކަން. މިއަދުގެ ވަޒީފާތަކަށް އެބަ ބޭނުންވޭ ތަފާތު އެތައް ބާވަތެއްގެ ހުނަރު.

ސަރުކާރުން މިއަދު މިފަށާ ޕްރޮގްރާމްގައި މިވަނީ 57 ވައްތަރެއްގެ ހުނަރު ދަސްކޮށްދިނުން. ސަރކާރުގެ އަމާޒަކީ، 8500 ދިވެހިން މިދެންނެވި 57 ވައްތަރުގެ ހުނަރުން ހުނަރުވެރިކުރުން. އެހެން ކުރުމަށްފަހުގައި، މިހާރު އެ ވަޒީފާތައް އަދާކުރަމުންގެންދާ ބޭރު ފަރާތްތަކުގެ ބަދަލުގައި، ހުނަރުވެރި ދިވެހިން އެ ވަޒީފާތަކަށް ބަދަލުކުރުން. އަޅުގަނޑުމެން އަމާޒު މި ކުރަނީ، މިޕްރޮގްރާމްގެ ތެރެއިން މި މަސައްކަތް ފުރިހަމައަށް ހިނގާދާނެކަމަށް. މުޅި ޖުމްލަ 8500 ފަރާތަށް މިހިންގޭ 57 ބާވަތުގެ ކޯސް މިއިން ކޮންމެ ކޯހަކަށް އެބަދޭ ކޮންމެ ކުއްޖަކަށް ދިހަހާސް ރުފިޔާއާއި ފަނަރަހާސް ރުފިޔާއާ ދެމެދު ކޯހުގެ ޚަރަދަށް. އަދި ކިޔަވާ މުއްދަތުގައި ކޮންމެ މަހަކު ދެހާސްރުފިޔާގެ އެލަވަންސެއް އެބަދެވޭ.

ސަރުކާރުން މިކަމަށް ޚަރަދު މިކުރަނީ ވަރަށްބޮޑު އުންމީދަކާއެކުގައި. މުޅި ރާއްޖެ ބަދަލުވާން އޮތީ، ރާއްޖޭގެ ޒުވާނުންނާއި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ތިބި މީހުންނަށް ހުނަރެއް ލިބި، އެމީހުން ނުކުމެ މަސައްކަތް ކޮށްގެން ރާއްޖެ ބަދަލު ކުރީމާ، ރާއްޖެ ތަރައްޤީ ކުރީމާ. އެ ތަރައްޤީއަށް އަޅުގަނޑުމެން މި މަސައްކަތް މިކުރަނީ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި މި މަސައްކަތް އިރާދަކުރެއްވިއްޔާ ހިނގަމުންދާނެ. ހިނގަމުންދާއިރުގައި 8500 އަށްވުރެ ގިނައިން ޒުވާނުން އެކިއެކި ބާވަތްތަކުގެ ހުނަރު ދަސްކުރަމުންދާނެ.

އަޅުގަނޑު، މިޕްރޮގްރާމްގައި ބައިވެރިވެލައްވާ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކުގައި ދަންނަވަން، އަދި އެދެން އޮތް ވާހަކައަކީ ފަރުވާ ބަހައްޓަވަންޖެހޭނެއޭ މަސައްކަތަށް ނުވަތަ ތަމްރީނަށް ނުކުންނަވަން ޖެހޭނެއޭ. ހާޒިރީއާއި އަދި އެލަވަންސާ އަދި އޭގެ އިތުރުން ކޯހުގައި ދެމިހުރުމާ ގުޅުން އޮންނާނެއޭ. ސަރުކާރުން ދިހަހާސްރުފިޔާ ޚަރަދުކޮށްފައި ކޯހެއް ހިންގުމަށް ބަޔަކާ ކޮންޓްރެކްޓް ކުރެވިފައިވާއިރު އަދި އިތުރަށް ދެހާސްރުފިޔާ އެ ކުއްޖަކަށް ޚަރަދު ކުރަމުންދާއިރުގައި އެކުއްޖެއްގެ ޒިންމާދާރުކަމާއި މަސްއޫލިއްޔަތުކަން ސަރުކާރަށްވެސް އަދި ޢާންމުންނަށްވެސް ފެންނަންޖެހޭނެ. މި ރާއްޖޭގައި މި ފުރުސަތު ބޭނުންވާ ކުދިންގެ އަދަދު މަދެއް ނޫން. ފުރުސަތުތައް ހުޅުވާލެވުނީމާ ފޯމު ފުރައި އަދި ފޯމު ނެގި އަދަދު އެދަނީ މިހާރުވެސް ތިންހަތަރުހާހުން މައްޗަށް. އަދިވެސް އިތުރު ކުދިން މިޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވޭ.

ސަރުކާރުން ޓެކްސްގެ ގޮތުގައި ހޯދާ އާމްދަނީ ޚަރަދު ކުރަން ބޭނުންވަނީ ތަރައްޤީއަށްޓަކައި. ތަރައްޤީއަކީ އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން މި އަންނަހެން އިންސާނާއަށް ތިމާއަށްވާގޮތެއް. ތިމާ މިތަރައްޤީވަނީ. އަޅުގަނޑުމެން ބޭނުންވަނީ ފޯކްލިފްޓް ދުއްވާންވެސް އެނގޭނޭ ދިވެހިން އެ ބޭނުންވާ މިންވަރަށް ތިބުން. އަޅުގަނޑު މިދެންނެވި ބާރަހާސް ވަޒީފާ މިއަދު އޮތްއިރުގައި އެނގިވަޑައިގަންނަވާނެ މިއަހަރުގެވެސް ޓުއަރިޒަމް ކުރިއެރުން ގްރޯތް އެބަހުރި ވިހި ޕަސެންޓް. މިއަހަރުގެ ތެރޭގައި އިތުރު ރިޒޯޓްތައް ހުޅުވިގެންދާނެ. ހަމައެއާއެކުގައި ޢާންމު ވިޔަފާރިއާއި ކޮންސްޓްރަކްޝަނާއި އަދި ރިޒޯޓްތަކުގެ މަސައްކަތްވެސް އިތުރުވެގެންދާނެ. މި ބާރަހާސް އެކަންޏެއްނޫން އަދި އެއަދަދު ދަނީ އިތުރުވަމުން. އަޅުގަނޑުމެންނަށް 8500 ދަރިވަރުން ނެރެވުނަސްވެސް އެއީ، އަޅުގަނޑު ދަންނަވާނީ ހަމަ ހުވަނދަކަށްވެސް ނުވާނެއޭ. ފުރުސަތު އެބައޮތޭ، ޖާގަ އެބައޮތޭ، އަޅުގަނޑުމެންނަށް މިމަސައްކަތުގައި ކާމިޔާބު ކުރެވެން އެބައޮތޭ. އަޅުގަނޑުމެންގެ ޒުވާނުންނަށް ރަނގަޅު އާމްދަނީއެއް ލިބި، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަމެއް ހޯދި، ޑްރަގްގެ ޝިކާރައަކަށް އެމީހުން ނުވެ، އެއްތަނުން އަނެއްތަނަށް ފަސޭހައިން ދަތުރުފަތުރުކުރެވި، ބޭސްސިޓީއަށް ސަލާންނުޖަހާ، ތާހިރު ތަނަވަސް ދިރިއުޅުމެއް އުޅެވޭނެ މަގު ހޯދައިދިނުމަކީ އަބަދުވެސް އަޅުގަނޑުމެންގެ އަމާޒު. އިރާދަކުރެއްވިއްޔާ އެއީ، އަޅުގަނޑުމެން ކޮށްދޭނެ ކަމަކީ.

އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް މިއަދު މިތަނަށް ވަޑައިގެންދެއްވީތީއާއި އަދި މިޙަފްލާގައި ބައިވެރިވެވަޑައިގެންދެއްވީތީވެ ނުހަނު ޝުކުރު ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.