ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުގެ ރައީސް ޕީޓަރ އެފް ޑޯމަންއާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ތަޢްލީމީ އެކިއެކި ޕްރޮގްރާމްތަކާއި، މަތީ ތަޢުލީމުގެ ދާއިރާއިން ރާއްޖެއާއި އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތާ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ތަޢާރަފުކުރެވިފައިވާ އައު ޑިމޮކްރަސީ ހަރުދަނާކޮށް، ލިބަރަލް ޑިމޮކްރެޓިކް ތިމާވެށްޓެއް ބިނާކުރުމަށްޓަކައި މަތީ ތަޢުލީމުގެ މުހިންމުކަމާއި، ލިބަރަލް އާޓްސް، ފިލޯސޮފީ އަދި ހިއުމެނިޓީސްފަދަ މާއްދާތައް ތަޢުލީމީ މުޤައްރަރުގައި ހިމެނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ވިސްނުންފުޅު ހުރީ އެދާއިރާތަކުން ރާއްޖެ ކުރިއަށް ގެންދިޔުމަށް އިސްކަންދެއްވުމަށްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުގެ ރައީސް ޕީޓަރ. އެފް. ޑޯމަން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މަތީ ތަޢްލީމުގެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި، އެ ޔުނިވަރސިޓީގެ ފަރާތުން އެހީވެދެއްވަން ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތާ ދެމެދު، ފެކަލްޓީ ސްޓާފުންނާއި ދަރިވަރުން ބަދަލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ދެ ޔުނިވަރސިޓީ ގުޅިގެން މަތީ ތަޢްލީމުގެ ޕްރޮގްރާމްތައް ހިންގުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުގެ ނައިބު ރައީސް ޑރ. ރިޗަރޑް ބްރައު އާއި، ވަރލްޑްވައިޑް އެލުމްނައި އެސޯސިއޭޝަން އޮފް އޭ.ޔޫ.ބީ.ގެ ރައީސާ ޒާހިޔާ ޒަރީރާއި އަދި އެ ޖަމްޢިއްޔާގެ ނައިބު ރައީސާ ޢާއިޝަތު މުޙަންމަދުދީދީ ބައިވެރިވވަޑައިގެންނެވިއެވެ.