ހިރިޔާ ސްކޫލްގެ ހަތަރު ދަރިވަރަކާއި، އެ ސްކޫލްގެ ޕްރިންސިޕަލް މިދިޔަ ހުކުރު ދުވަހު މާލެއަތޮޅު ހުރާގައި ގެނބިގެން ނިޔާވި ޙާދިޘާއާ ގުޅިގެން، ކުރިއަށް އޮތް ތާނގައި މިފަދަ ޙާދިޘާތައް މެދުވެރިވިޔަ ނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. މިގޮތުން، އެކިއެކި ޙާދިޘާތައް ހިނގުމުން، އަޅަންޖެހޭ ފިޔަވަޅުތައް، ކަމާބެހޭ ހުރިހާ ދާއިރާތައް ގުޅިގެން، އަވަހަށް ވަގުތުން އެޅުމާއި އަދި މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ޙާލަތުތަކުގައި އެކަމަށް ތައްޔާރުވެ، އަވަސް ފަރުވާދެވޭނެ ރަނގަޅު ނިޒާމެއް ޤާއިމް ކުރުމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމުގެ މުހިންމު ކަމުގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ.

މިކަމާ ގުޅޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހު، އިމަރޖެންސީ ޙާލަތްތަކުގައި އަޅާނެ ފިޔަވަޅުތަކާއި، ކަންކުރާނެގޮތާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، އެ ފިޔަވަޅުތައް ކަނޑައެޅުއްވުމަށް ވަޒީރުންގެ ކޮމިޓީއެއް ހޮއްވެވިއެވެ. މިކޮމިޓީގެ ޗެއަރމަނަކަށް ހަމަޖެއްސެވީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޠަލްޙަތު އިބްރާހީމް ކަލޭފާނެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މުޙަންމަދު ޢާދިލް ސަލީމާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޝިފާ މުޙަންމަދާއި، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މާނަވީ ޘަޤާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ނިންމެވިއެވެ. މިކަން މިގޮތަށް ނިންމެވީ، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިކަމާ ގުޅޭގޮތުން މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މި މުޢާހަދާގައި ރާއްޖެ ބައިވެރިވުމަކީ، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއެކު ގުޅުން ބަދަހިކުރުމާއެކު، ރާއްޖެއަށް ޔުނެސްކޯފަދަ ޖަމާޢަތްތަކުގެ ފަންނީ އެހީއާއި، ޘަޤާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީ ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެއިން އ.ދ.ގެ މުޢާހަދާތަކަށް އިޙްތިރާމް ކުރުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުން ލިބޭނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.