ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު، [މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ]ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ. މި އޮތޯރިޓީއަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިނގަމުންދާ ތަނެއްކަމަށްވަނީ ހަމަޖައްސަވާފައެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ މި އުފެއްދެވީ، ރާއްޖޭގެ ބިމާއި، ފަރާއި ފަޅު އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ދިރާސާކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ އެކި އިދާރާތަކުން ކުރަމުން ގެންދިއުމުގެ ސަބަބުން، ބޭނުންވާ ފަރާތްތަކަށް އެ މަޢުލޫމާތުތައް ލިބުމުގައި ދަތިތަކާ ކުރިމަތިވަމުންދާތީއެވެ. އަދި މިކަން ކުރުމަށް މިހާރު ބޭނުންކުރެވޭ ވަސީލަތްތައް އެއް މުއައްސަސާއެއްގެ ދަށަށް ބަދަލުކުރެއްވުމުން އެކަމުގެ ފައިދާ މިހާރަށްވުރެ ބޮޑަށް ރައްޔިތުންނާއި ސަރުކާރަށް ލިބިގެންދާނެތީއާއި، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި މިފަދަ މުއައްސާއެއް ޤާއިމު ކުރުމަށް ކަނޑައަޅުއްވާފައިވާތީއެވެ. އަދި ދައުލަތުގެ އެންމެހައި ބިންތައް، ރައްޔިތުންނާއި ދައުލަތަށް އެންމެ ފައިދާހުރި ގޮތެއްގައި ބެލެހެއްޓުން ހަރުދަނާކުރުމާއި، ރާއްޖޭގައި ކުރެވޭ ކެޑެސްޓްރަލް ސާރވޭކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމާއި، ނޭޝަނަލް ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމެއް ޤާއިމުކޮށް މަޢްލޫމާތު ބެލެހެއްޓުމާއި، ރާއްޖޭގެ ޗާޓު ކުރެހުމާއި، އެ ޗާޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުންފަދަ ގުޅުންހުރި މަސައްކަތްތައް ކުރާނެ ސަރުކާރުގެ ވަކި މުއައްސަސާއެއް ރާއްޖޭގައި ޤާއިމުކުރެއްވުމަކީ ބޭނުންތެރިކަމެއްކަމަށް ފެނިވަޑައިގަންނަވާތީއެވެ.