"ފުވައްމުލަކުގެ ތަރައްޤީގައި ސާކުގެ ޙިއްޞާ" މި ނަމުގައި ފުވައްމުލަކުގެ ރައްޔިތުންނަށް މަޢްލޫމާތު ދެއްވުމުގެ ޚާއްޞަ ޖަލްސާއެއް ފުވައްމުލަކުގައި ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ. މި ޖަލްސާ އޮންނާނީ މިއަދު ހަވީރު 4.30 ގައި ފުވައްމުލަކު އަތޮޅު ތަޢްލީމީ މަރުކަޒުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ. އަދި "މުދަލާއި ޚިދްމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލް" މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވާނެއެވެ.

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ހިންގަވާ އެކިއެކި ތަރައްޤީގެ ޙަރަކާތްތަކާބެހޭގޮތުންނާއި، ސަރުކާރުން ފުވައްމުލަކުގައި ހިންގަވާ ބައެއް މަޝްރޫޢުތަކާބެހޭގޮތުން، ކަމާބެހޭ ވަޒީރުންނާއި، ކަމާބެހޭ ދާއިރާތަކުގެ ބޭފުޅުން މި ޖަލްސާގައި ރައްޔިތުންނަށް އިތުރު މަޢްލޫމާތު ދެއްވައި މަސައްކަތްތައް ކުރިއަށްދާގޮތް ރައްޔިތުންނާ ޙިއްޞާ ކުރައްވާނެއެވެ.